ކައުންސިލުތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލުތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލަކީ، މިމަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައި މިއަދުން ފެށިގެން އަމަލު ކުރަން ފަށާ އެ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލުތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދަން ވާނީ އެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ކަމުގައިވެސް ވަނީ ބަޔާންކޮށްފަ އެވެ.
އޭގެ އިތުރުން، އެ އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު އެ މާއްދާތަކާ ތައާރުޒުވާ ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގެ ތެރެއިން އެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާއި ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް ވެސް ބަޔަނާކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު