ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލަކީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ކެޕިޓަލް މާކެޓް ފުޅާކުރުމަށްޓަކައި، މާކެޓަށް ގެނެވޭ އިތުރު ވަސީލަތްތަކާއި ޕްރޮޑަކްޓްތައް ދިރާސާކޮށް، އެފަދަ އާ ވަސީލަތްތަކަކީ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ކަމެއްކަމުގައި ފެންނަ ހާލަތުގައި އެފަދަ ކަންކަން މާކެޓަށް ތައާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި ދިރާސާތައްކޮށް، އަދި އެ ކަންކަމާ މެދު އާންމުން އަހުލުވެރިކުރުވުން ވެސް އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި ހިމެނާފައިވާ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް ވަނީ މުހިންމު އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ އިތުރުން، ހިއްސާގެ ބާޒާރެއް ގާއިމުކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ގާނޫނީ ގޮތުން ހުއްދަކުރާ ގޮތް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ގާނޫނުގައި ސްޓޮކް އެކްސްޗޭންޖް ގާއިމުކޮށް ހިންގަންވާނީ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ސީއެމްޑީއޭ އިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.