(ފަންސާސް ހަތްވަނަ ބައި)
"ލައްބަ.... އަޅުގަނޑު މި އަންނަނީ އިނގޭތޯ..." ނަރުސްކުއްޖާ އެހެން ބުނެލީ މާ ބޮޑު ވިސްނުމެއްނެތިއެވެ. އެކުއްޖާ އެހެން ކަމަކާއި މެދު ކަންބޮޑުވެފައިވުމުންނެވެ. އެކަން ޔުނާއަށް އެނގުނެއްކަމަކު އޭނަ ނަރުސްކުއްޖާގެ ބަސް ޤަބޫލުކުރަން ބޭނުންވިއެވެ. ޒިހާން އެއްވެސް ނުރައްކަލެއްގެ ތެރޭގައި ނުވާ ކަމަށް ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ހިތް ބުނަމުން ދިޔައީ އޭގެ އިދިކޮޅަށެވެ. ކޮންމެވެސް ނުބައެއް ވާން އުޅޭ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ކަންބޮޑުވުމެއްގެ ތެރެއަށް ޔުނާ ގެނބެން އުޅެނިކޮށް އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނަށް މެސެޖެއް އައެވެ.
**
ޒިހާންމެން ތިބި ކޯސްޓް ގާޑުގެ އުޅަނދުގައި ތިބި ސިފައިން ކުއްލި ގޮތަކަށް ސަމާލުވެލީ މާލޭ ކަނޑުން ނިކުމެވުނު ވަގުތު އުޅަނދާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ބޯޓުގެ ތެރެއިން މީހުންގެ ހަޅޭކުގެ އަޑު އިވެން ފެށުމުންނެވެ. އިސާހިތަކު ކޯސްޓް ގާޑުގެ ސްޕީޑް މަތިކޮށްލެވުނު ވަގުތު ސިފައިން އެމީހުންގެ ހަތިޔާރުތަކާއެކީ އުޅަނދުގެ ޑެކްމަތީގައި ރޭވިގަތީ އެ ހަތިޔާރުތައް ބޯޓާއި ދިމާލަށް އަމާޒުކުރަމުންނެވެ. ހަމަ އެ ހިނދު ހުރިހާ ޙަރަކާތްތަކަށް ވަގުތުން ވަގުތަށް ނިމުމެއް ގެނައުމަށް އެނގިގެން ދިޔައީ އެ ބޯޓަށް އިވޭ ވަރަށެވެ. އަނިޔާއެއް ލިބެން ބޭނުން ނުވާނަމަ އެންމެން ތިރިވުމަށާއި، ހަތިޔާރުތައް ތިބި ބައެއް ނަމަ ހަތިޔާރުތައް ބަހައްޓައި ދެއަތް ބޮލުގައި ޖެއްސުމަށް ކޯސްޓް ގާޑްގެ ކެޕްޓަން އިތުރަށް އެންގިއެވެ. އެންގުން އިވިގެން ދިޔުމާއެކު ބޯޓު ތެރޭގައި ބިރުން ތިބި ޢާއްމުން ވަގުތުން ތިރިވެލިއެވެ. އެހެނަސް ހަތިޔާރުތައް ހިފައިގެން މޫނު ނިވާކޮށްގެން ތިބި މީހުން އޭގެ ތެރެއިން އެންމެ ބިޔަކޮށް ހުރި ފިރިހެން މީހާގެ އަމުރަށް އެންމެންގެ އަތުގައި ހުރި ދިގު ބަޑިތަކާއެކީ ބޯޓުގެ ޑެކްމައްޗަށް އަންނަން ފެށިއެވެ. ކޯ-ކެޕްޓަންގެ ގޮތުގައި ކެޕްޓަން ކައިރީގައި އިން ޒިހާން ވެސް އެ މަންޒަރު ފެނި ވަގުތުން ތެދުވެލަމުން ނިކުންނަން ދާންފެށީ އޭނަ ބޭރުގައި ހުރުން މުހިއްމުހެން ހީވުމުންނެވެ. ޒިހާން ޑެކަށް ދިޔުމުގެ ކުރިން ދިގު ބަޑިއެއް ނަގައި ތައްޔާރު ވެލައިގެން ޑެކް މައްޗަށް ނިކުމެ ދެން ތިބި ސިފައިން ފަދައިން ބަޑި ދިއްކޮށްލަމުން ތަންކޮޅެއް ފަހަތުގައި ޖާގަ އޮތް ހިސާބެއްގައި މަޑުކޮށްލިއެވެ.
ޒިހާން އެތާ މަޑުކޮށްލިތާ ސިކުންތުކޮޅެއްގެ ތެރޭ ބަޑީގެ ޙަމަލާތައް ބަދަލުވާން ފެށި އަޑު މުޅި ޞަރަޙައްދުގައި ގުގުމަން ފެށިއެވެ. ބޯޓުގެ ޑެކްމަތީގައި ތިބި ފިރިހެނުން ބަޑިޖަހަން ފެށުމުން ސިފައިން ވެސް އެ ޙަމަލާތައް ފޮނުވަން ފެށީއެވެ. ދާދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓު މަތީގައި ތިބި މީހުންގެ ގަޔަށް ވަޒަން އަރައި އެމީހުން ބޯޓުގެ ތެރެއަށް ވެއްޓެން ފެށިއެވެ. ސިފައިންގެ ބައެއް މީހުންގެ ގަޔަށް ވެސް ވަޒަން އެރިއެއްކަމަކު ބުލެޓް ޕްރޫފް ވެސްޓްތައް ލައިގެން ތިބީތީ މާ ބޮޑު އަސަރެއް ނުކުރިއެވެ. ދުޝްމިނުންގެ މީހުން އެފަދަ ތައްޔާރީއެއް ނުވީ އެމީހުންގެ ޙަރަކާތްތައް މިތަނުން ސިފައިންނަށް ނުފެންނާނެކަމަށް އެމީހުންނަށް ހީކުރެވިފައިވާތީ ކަމަށް ލަފާކުރެވުނެވެ.
ހުއްޓުމެއްނެތް ބަޑީގެ ޙަމަލާތަކަށްފަހު މުޅި މާހައުލު ހިމޭންވެގެން ދިޔައީ ބޯޓުގެ ޑެކްމައްޗަށް ނިކުތް އެންމެންހެން ކޮންމެވެސް އެއްގޮތަކުން އަނިޔާއެއްވެ ބޯޓުގެ ތެރެއަށް ވެއްޓިގެން ދިޔުމުންނެވެ. ހުރިހާ ކަމެއް ނިމުނީހެން ހީވިއެއްކަމަކު ސިފައިން ދެންވެސް ތިބީ ބަޑިތައް ދިއްކޮށްގެނެވެ. އެހެން ތިއްބާ އަނެއްކާވެސް ހަތިޔާރެއް ހިފައިގެން މޫނު ނިވާކޮށްގެން ބިޔަކޮށް ހުރި ފިރިހެނަކު ލަސް ހިނގުމެއްގައި ޑެކްމައްޗަށް ނިކުތެވެ. އެމީހާ ފެނުމުން އަނެއްކާވެސް ކޯސްޓް ގާޑްގެ ކެޕްޓަން ބަލި ޤަބޫލުކުރުމަށް އެންގިއެވެ. އެ ފިރިހެން މީހާ ބަޑި ތިރިކޮށް އިސްޖަހައިގެން ހިނގާފައި ދިޔަ ގޮތުން އޭނަ ފަސޭހައިން ބަލި ޤަބޫލުކޮށްލާނެހެން ބަލާ މީހަކަށް ހީވެދާނެއެވެ. މޫނު ނިވާކުރެވިފައިވުމުން އެމީހެއްގެ މޫނު ސާފު ނުވިއެއްކަމަކު އެ ހަށިގަނޑުގެ ބައްޓަމުން އެއީ ކާކުކަން ޒިހާނަށް ޔަޤީނާއި ގާތްވިއެވެ. އެ ހިނދުކޮޅުގައި މެއަށް ފިނިވިއެއްކަމަކު ޒިހާން އޭނަގެ ބަޑިއާއި އެކީ ލަސް ފިޔަވަޅުތަކެއްގައި ދާން ފެށީ ކުރިއަށެވެ.
**
"އަޅުގަނޑު މި ދެއްކި ހުރިހާ ވާހަކަތަކަކީ ވެސް ޙަޤީޤަތް. ދެންމެ އަޅުގަނޑު ސްކްރީންގައި މި އަޅުވައިލި ފޮޓޯތަކުން ތިބޭފުޅުންނަށް އެކަން ޔަޤީންވާނެ ކަމަށް އުއްމީދުކުރަން. ދިވެހި ސިފައިންނާއި ހަނގުރާމަ ކުރުމަށް ޤަވާޢިދާއި ޚިލާފަށް ރާއްޖެއަށް ހަތިޔާރުތައް އެތެރެ ކުރުމުގައި އިސްކޮށް ހުރީ އަޅުގަނޑުގެ ބައްޕަ، އަޙްމަދު ލަބީބް. މީގެ އިތުރުން އަޅުގަނޑާއި ދެބެއިންގެ ދެދަރި އަލީ ޔޫސުފްވެސް މިކަމުގައި ޝާމިލްވޭ. ޔޫސުފް ވަނީ ޕެރެމައުންޓް ހޮޓެލްގެ ސީއީއޯއަށް އެންގުމެއްނެތި އެތަނުގެ ރައުސްމާލުވެސް މި ޖަރީމާ ހިންގުމަށް ބޭނުންކޮށްފަކަން ފާހަގަކޮށްލަން. މިކަން ކޮށްގެން އެ ހޮޓެލްގެ ސީއީއޯ މިކަމުގައި ބައްދަން އެމީހުން ތިބީ ރާވައިގެން. މީގެ އެއް ސަބަބަކީ އަޅުގަނޑު ކުރިން ދެންނެވި ޒުވާނާ ކަމަށްވާ ޒުބީން. ޒުބީނަކީ ބޯޓު ދަތުރުގަ މަސައްކަތް ކުރަމުން ގޮސް ބޭރު ޤައުމަކަށް ބަދަލުވެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށްގެން މުއްސަނދިވި ޒުވާނެއް. ލަބީބް ޒުބީނާއި ދިމާވީ ވެސް ޒުބީނާއި ހަމީދު ރާއްޖޭގައި ތިބެގެން ހިންގަމުން ދިޔަ އެފަދަ ޖަރީމާއެއްގެ ތެރެއިން ކަމަށް ވެސް ދަންނަވަން. ކުރިން ވެސް ލަބީބް ހަމީދާއި އެކީ ރާއްޖޭގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފަ ވުމާއެކު ޒުބީން ހަމީދަށް ވުރެ ލާރީގެ ގޮތުން ތަނަވަސްވުމުން އެ ދެމީހުންނާއެކީ ލަބީބް ވަނީ މި ދުވަހަށް ރޭވުންތަކެއް ރާވާފައި. މިކަން ހާމަވާ ރެކޯޑިންގްތައް ވެސް އަޅުގަނޑުގެ އަތުގަ އެބަހުރި....."
ޖިނާހު ކެމެރާތަކުގެ ކުރިމަތީގައި މި ވާހަކަތައް ދައްކަމުން ދިޔައިރު އޭނަގެ ކެމްޕެއިން އޮފީހުގެ ކުރިމަތީގައި އަޑު ހަރުވެފައިވިއެވެ. އަޑުހަރު ކުރަމުން ދިޔައީ ޢާއްމު ރައްޔިތުންނެއް ނޫނެވެ. ޖިނާހު ހުއްޓުވުމަށްޓަކައި އެ ކޮންފަރެންސް ފެށުނު ފަހުން ލަބީބް ފޮނުވި މާރާމާރީ ހިންގާ ޒުވާނުންކޮޅެކެވެ. އެހެނަސް ޖިނާހު އޭނަގެ ބައްޕަގެ ގޮތް ދަނެގެން ކުރީއްސުރެ ވެސް ފުލުހުންނަށް ގުޅާފައިވާތީ ފުލުހުންވަނީ އެމީހުންގެ ޙަރަކާތްތައް ކޮންޓްރޯލްކޮށް ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ. ޖިނާހު ކޮންފަރެންސް ގައި އިންއިރު ވެސް މޭޒުމަތީގައި އޮތް ޖިނާހުގެ ފޯނަށް ލަބީބް ގުޅަމުން ދިޔައެއްކަމަކު ޖިނާހު އޭތި ނަގާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
"ބައެއް މީހުން ހިތްޕުޅުގަ ސުވާލު އުފެދިދާނެ ކީއްވެތޯ އަޅުގަނޑުގެ ބައްޕަގެ ހުރިހާ ކުށެއް މި ފާހަގަ ކުރަނީ. ބައްޕަގެ ސަބަބުންނޭ މިއަދު އަހަރެން މަޖިލީހުގެ މަޤާމަށް ހޮވިފައި ވަނީވެސް. އެކަމަކު މިއަދު އަޅުގަނޑަށް އެ މަޤާމް މުހިއްމެއް ނޫން. އަޅުގަނޑު ބައްޕަގެ ރޭވުންތަކުގަ ޢަމަލީ ގޮތުން ބައިވެރި ނުވިޔަސް މި ހުރިހާ ކަންތައް މިހާ ދުވަސްވަންދެން ފޮރުވައިގެން އުޅުނިން. މި ކުށުގެ ނަތީޖާއެއްގެ ގޮތުން މަޤާމް ގެއްލުނަސް ހިތާމައެއް ނުކުރާނަން. އެއީ މި މަޤާމް ލިބުމުގެ ކުރިން އަޅުގަނޑުގެ މަންމަ ދެންނެވި ވާހަކައެއް ހަނދާން ހުންނާތީ. މަޤާމަށްވުރެ މުހިއްމީ ތެދުވެރިކަމޭ. ތިމާގެ މީހަކުވެސް ގޯހެއް ހެދިއްޔާ އެ ވާހަކަވެސް ބުނަން ވާނެއޭ. އަދި އަޅުގަނޑުގެ 9 އަހަރުގެ ކޮއްކޮވެސް ބުނެ އުޅުނު ބޭބެ މަޖިލިސް މެންބަރަކަށް ވީ ދުވަހަކުން އެހެން މީހުންހެން ދޮގު ނަހަދަންޏާ ބޭބެ ވަރަށް ކޫލްވާނެއޭ. ހެހެ....." ޖިނާހު ވާހަކަ ދެއްކުމަށްފަހު ހީލިއިރު އެ މޫނުމަތީގައި ހިތާމަވެރިކަމެއްވިކަން ފަރުވާތެރިކަމާއެކީ ބަލަން ތިބި ބަޔަކަށް އެނގޭނެއެވެ. އެހެނަސް އެ ވަގުތާއި ޖެހެންދެން ވެސް ޓީވީއަށް ފަސްދީގެން ހުރި ލޫލޫއަށް ޖިނާހު ނުފެނުނެއްކަމަކު އެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބޭބެއަށް ކިތަންމެ ނަފްރަތުކުރަން އުޅުނެއްކަމަކު މިހާ ދުވަސް ވީއިރުވެސް ބޭބެ އޭނަ މަތިން ހަނދާން ހުރީތީ ހިތަށް އަސަރުކުރިއެވެ. އަދި މިހުރިހާ ދުވަހު އޭނައަށް ހީވީ ކުށްހީއެއް ކަމަށް ހީކުރެވެން ފެށީ އެވަގުތުކޮޅުގައެވެ.
**
ބޯޓުގެ ޑެކްމަތީގައި އިސްއުފުލައިލުމެއްނެތި ހުރި ހަމީދަށް ވެސް ކުރެވެމުން ދިޔައީ ކުށްހީއެކެވެ. ހަމީދު ނިންމައިގެން ހުރި އޭނަ ބަލި ޤަބޫލުކުރީ ކަމަށް ކުރިމަތީގައި ތިބި މީހުން ލައްވާ ހީކުރުވުމަށްފަހު ކުއްލި ގޮތަކަށް ޙަމަލާތައް ފޮނުވަން ފެށުމުން އަދިވެސް އޭނަ މޮޅުވާނެ ކަމަށެވެ. އެހެނަސް އޭނަ އެ ފަދައިން ކުއްލި ގޮތަކަށް ބަޑި އަމާޒުކޮށްލި ހިނދު ކުރިމަތިން ފެނުނު މަންޒަރުން އޭނަގެ އަތް ތުރުތުރު އެޅިއެވެ. ކޯސްޓް ގާޑްގެ ޑެކްގެ އެންމެ ކުރީގައި އެވަގުތު އޭނައާއި ދިމާލަށް ބަޑި އަމާޒުކޮށްގެން ހުރީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ. ދުރުން ފެނުނެއްކަމަކު ހަމީދަށް އެ ސޫރަ ނުއޮޅެއެވެ. އެއީ ޒިހާންކަން އެނގުމުން ހަމީދަށް އޭނަގެ ހަތިޔާރު ދިއްކޮށްލެވުނު ގޮތަށް ހުރެވުނީއެވެ. އޭނަގެ އަތުން ވަރު ދޫވަމުން ދިޔަހެން ހީވި ވަގުތު އެ ދިގު ބަޑީގައި އިހުނަށްވުރެ ބާރަށް ހިފަހައްޓައިލެވުނެވެ.
ޚުދު ޒިހާނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ދުޝްމިނުންގެ މީހާ ސީދާ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ބަޑި ދިއްކޮށްލުމުން ޒިހާނަށް ޓްރިގަރުގައި އިނގިލި އަޅައިލެވުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ހިތުގެ ތެޅުން އަވަސްވެ މުޅި ހަށިގަނޑުން ވަރުދޫވާން އުޅުނުހެން ހީވީ އެއީ ކާކުކަން އެނގުމުންނެވެ. އިސާހިތަކު ކުޑައިރު އޭނަ ތަޙައްމަލު ކުރި އަނިޔާތައް އެއްފަހަރާ އޭނަގެ ލޯ ކުރިމަތިން ސިފަވާން ފެށުމުން ޒިހާން އާދައިގެ މަތިން އެ ހުރިތަނަށް ތިރިވާން ބޭނުންވިއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެދުވަހު އޭނައަށް ލިބިފައިވީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ޔުނާ ފަހަކަށް އައިސް ތަކުރާރުކޮށް ބުނަމުންދާ ބަސްތަކެވެ.
"ބިރުގަންނަ ފަދަ ޙާލަތެއްގަ ބަލިކަށިވާން އުޅޭ ވަގުތު ކުޑައިރުކޮޅަކަށް ހިތްވަރު ކޮށްލުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. ހިތްވަރުކުރަން ނިންމާ އެ ވަގުތުކޮޅަކީ އެ ބިރުވެރިކަން އެއްކޮށް ނެތިކޮށްލާނެފަދަ ވަގުތުކޮޅަކަށް ވެސް ވެދާނެ...."
ޔުނާގެ އެ ބަސްތައް ހަނދާންވަމުން ދިޔަދިޔަހެން ޒިހާން އެ ހުރިގޮތަށް ހުންނަން އިތުރު ހިތްވަރެއްލިއެވެ. އިހުނަށްވުރެ ގަދައަށް ދާހިއްލައި އަތުގައި މަޑު ތުރުތުރެއްވެސް އުފެދިގެން ދިޔައެއްކަމަކު ޒިހާން އޭނަ ހުރި ގޮތް ދޫކޮށްލާފަދަ ޚިޔާލެއް ނުކުރެއެވެ. އޭނަގެ ނޭވާ ކުރުވާން ފަށައި ދެން ނުހުރެވޭނެހެން ހީވާން ފެށި ވަގުތު ޒިހާނަށް ފެނިގެން ދިޔައީ ޤަބޫލުކުރަން ވެސް ދަތިވި މަންޒަރެކެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ހަމީދު ލަސްލަހުން އޭނަގެ ބަޑި ތިރި ކުރަމުން އޭތި ތިރީގައި ބޭއްވިއެވެ. އެއަށްފަހު އޭނަގެ މޫނުގައި ހުރި މާސްކް ވެސް ނަގައި އެއްފަރާތަކަށް ދޫކޮށްލަމުން ކަކޫމައްޗަށް ތިރިވެ އޭނަގެ ދެއަތް ގެންގޮސް ބޮލުގެ ފުއްކިބައިގައި ޖެއްސީ ބަލި ޤަބޫލުކުރި ކަމުގެ ޢިޝާރާތެއްގެ ގޮތުންނެވެ.
އެ މަންޒަރު ފެނިފައި ޒިހާނަށް ކުރެވިގެން ދިޔައީ އާދަޔާ ޚިލާފު އިޙްސާސްތަކެވެ. އެތައް އަހަރެއް ވަންދެން އޭނަގެ ހިތުގެ ފުންމިނުގައި ވި ބިރުވެރިކަމުގެ މައްޗަށް އޭނައަށް ބާރު ފޯރުވިއްޖެކަމަށް ޤަބޫލުކުރެވުނެވެ. އިސާހިތަކު އޭނަގެ ހިތުތެރޭގައިވި ބިރުވެރިކަން ލަސްލަހުން ފޭދިގެން ގޮސް އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް ލިބުމުން ދެންވެސް ހުރިގޮތަށް ހުރެ ހިނިތުންވެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
އިރުކޮޅެއްގެ ތެރޭގައި ކޯސްޓް ގާޑްގެ ލޯންޗްތަކެއް އައިސް ދުޝްމިނުން ތިބި ބޯޓު ވަށައިލި ހިނދު ހަމީދުގެ މޫނުމަތީގައި ވެސްވީ ލުއި ހިނިތުންވުމެކެވެ. އޭނަ ހިތުން އިރުކޮޅެއް ވަންދެން ޒިހާނާއި ދިމާލަށް ބަޑި ދިއްކޮށްގެން ހުރީ އޭނައަކީ ކާކުކަން އެނގި ޒިހާން ބަލިކަށި ވާނެ ކަމަށް ހީކުރަމުންނެވެ. ޒިހާންގެ މޫނުމަތިން އެ އަސަރުތައް ވެސް ހަމީދަށް ފާހަގަވިއެވެ. އެހެނަސް ޒިހާން ބަލި ޤަބޫލުކުރުމެއްނެތި އެ ހުރިގޮތަށް ހުރުމުން ހަމީދަށް ޒިހާނާއިމެދު ފަޚުރުވެރިވެވުނެވެ. އޭނަ އެހެން ނޫނަސް ޒިހާނާއި ދިމާލަށް ބަޑި ދިއްކޮށްގެން ހުރީ ހިތާއި ދެކޮޅަށް ކަމާއި، އޭނަގެ އަތުން ޒިހާނަށް ގޮތެއްވެއްޖެނަމަ ކުރެވޭނެ އިޙްސާސް އެނގިފައިވާތީ ހަމީދު ހަތިޔާރު ބެހެއްޓީއެވެ. އޭނަ ބަލި ޤަބޫލުކުރި ވަގުތު ޒިހާންގެ ހިނިތުންވުން ފެނިފައި އޭނަގެ ހިތަށް ވެސް އުފަލެއް ލިބުނެވެ.
**
ފޯނަށް އައި މެސެޖު ފެނުމާއެކު ޔުނާ އަތާއި ގުޅާލެވިފައިވި އައިވީ އަމިއްލައަށް ނައްޓައިލުމަށްފަހު ބުރުގާ އަޅައިގެން ނިކުންނަން ދިޔައީ އަވަސް ޙަރަކާތްތަކެއްގައެވެ. ކިތަންމެ އަވަހަށް ހިނގަން މަސައްކަތް ކުރިއެއްކަމަކު ކޮރު ޖަހަމުން ކުރިއަށް ދެވުނީ ބަނޑުގައި އުފެދިފައިވި ރިހުމެއްގެ ސަބަބުންނެވެ. އަމިއްލަ ޙާލަތާއިމެދު ވިސްނައި އެ ވާހަކަ ޑޮކްޓަރަކާއި ހަމައަށް ވީހާވެސް އަވަހަށް ގެންދަން ޖެހޭކަން އެނގުނެއްކަމަކު ލިފްޓަށް އަރައި އެންމެ މަތީ ފަންގިފިލާއަށް ދިޔުމަށް ފިތަކަށް އޮބައިލެވުނީ ފޯނަށް އައި މެސެޖުގެ ބިރުވެރިކަމުންނެވެ.
"މިއަދު މި ހިނގާ ހަނގުރާމައިގެ ތެރެއިން ކަލޭގެ ފިރިމީހާ ޒިހާންގެ މަރުވެފައިވާ ހަށިގަނޑު ދެކެން ބޭނުން ނޫނިއްޔާ މި ވަގުތުން ވަގުތަށް ހޮސްޕިޓަލުގެ ޓެރެސްއަށް އާދޭ."
މެސެޖުގައި ހުރި ބަސްތައް ތަކުރާރުކޮށް ސިކުނޑީގައި ދައުރުވަމުން ދިޔަދިޔަހެން ވެސް ޔުނާގެ ބިރުވެރިކަން ދެގުނަވެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މެސެޖު ފެނުމާއެކު ވެގެން ދިޔަ ހާސްކަމެއްގެ ބޮޑުކަމުން ނޭނގޭ ނަންބަރަކުން ގުޅިޔަސް ފޯނު ނުނަގަން ޒިހާން ބުނި ބަސްތައް ޔުނާގެ ހަނދާނުގައެއް ނެތެވެ.
ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމާއެކު އިތުރު ދެ ސިޑި ބަރި ގިރާ ކުރުމަށްފަހު ޔުނާ ޓެރެސްއާއި ހަމައަށް ދިޔައެވެ. އެހިނދު ބަނޑުގައި އުފެދިފައިވި ރިހުން އިހުނަށްވުރެ އެތައް ގުނައެއް ގަދަވެފައިވުމުން ދެފައިން ވާގި ދޫވާން އުޅޭހެން ވެސް ޔުނާއަށް ހީވަމުން ދިޔައެވެ. އެހެނަސް ޓެރެސްގެ މެދަށް ގޮސް ވަށައި ހޯދަމުން ދަނިކޮށް ފިރިހެނެއްގެ ހުނުމުގެ އަޑު އިވެން ފެށިއެވެ.
"ހެހެހެހެ...... ތި އައީދޯ؟ އަހަރެން ހީކުރި ވަރަށްވުރެ ފަސޭހައިން ތިއައީ. ވާނީވެސް އެހެންތާދޯ؟ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަ މަރުވާން އެއްވެސް މަންމައަކު ބޭނުން ނުވާނެތާ...." ޒުވާނާގެ އަޑަށް ޔުނާ ފަސްއެނބުރި ބަލައިލިއެވެ. އެހިނދު އެތާހުރީ ނުލަފާ ހިނިތުންވުމެއްގައި ހުރި ޒުބީން ނޫން ދެވަނަ މީހެއް ނޫނެވެ.
"ތިއީ ކާކު؟ ކޮބާ ޒިހާން؟" ޔުނާ އެ ސުވާލުތައް ކޮށްލިއިރު އަޑު ތުރުތުރު އެޅިއެވެ. އެއާއެކު ޒުބީން ޗޮއްކަނޑަން ފެށިއެވެ.
"ޒިހާންގެ ވާހަކަ ބާއްވަމާދޯ؟ މިތަނަށް މި އައީ ވަރަށް މުހިއްމު ކަމަކުއޭ.... ލަފާ ކުރެވޭ ގޮތުގަ ޔުނާ ދެން ދުނިޔޭގަ ނުހުންނާނެ މަދު މިނެޓަށް ވަންދެން ނޫނީ. އެކަމަކު އަހަރެން އަމިއްލަ އަތުން އެކަން ނުކޮށް ހަމަ ހިތްހަމަނުޖެހޭނެތީ...." ޒުބީން ނުހަނު ހަމަޖެހިގެން ހުރެ އެހެން ބުނުމަށްފަހު އޭނަ ލައިގެން ހުރި ޖެކެޓްގެ ތެރެއިން ފިސްތޯލެއް ނަގައި ޔުނާއާއި ދިމާލަށް ދިއްކޮށްލިއެވެ.
**
ކޯސްޓް ގާޑްގެ ލޯންޗުތައް އައިތާ މާ ގިނައިރެއް ނުވެ ސިފައިންގެ މީހުން ބޯޓަށް އަރައި ޢާއްމުންގެ ޙާލަތު ބެލިއެވެ. ދުޝްމިނުން ބޯޓުގެ ޑެކްމައްޗަށް ދިޔަ ވަގުތު ބޯޓުގެ ފަޅުވެރިޔާގެ އެދުމަށް އެންމެން ދިޔައީ ބޯޓުގެ އަޑީ ބަޔަށެވެ. އެހެންކަމުން ޢާއްމުންގެ މީހުންނަށް އަނިޔާތައް ވެފައި ހުރީ ސިފައިންނަށް އާދެވުމުގެ ކުރިން ހިންގުނު މާރާމާރީގެ ތެރެއިންނެވެ. ބޯޓުގައި ތިބި މީހުންގެ ތެރެއިން އަވަސް ފަރުވާއަށް ބޭނުންވާ އެންމެން ކޯސްޓް ގާޑްގެ ލޯންޗުތަކަށާއި އެވަގުތު އެތަނަށް އައިސްފައި އޮތް ސީ އެމްބިއުލާންސްއަށް ވެސް އެރުވުނެވެ. އެހެނަސް ޢާއްމުންގެ ތެރެއިން ފިޓް ޖެހިގެން ވަރަށް ޙާލަތު ގޯސްވެފައިވި 4 އަހަރުގެ އަންހެން ކުއްޖަކު ލޯންޗުން ގެންދިޔުމުން ވެސް ލަސްވެދާނެތީ ސިފައިންގެ ހެލިކޮޕްޓަރަށް ގުޅައިލެވުނެވެ. އެ ހެލިކޮޕްޓަރު އެ ވަގުތު ވެސް އުތުރުގައި ޙާލު ދެރަވީ މީހަކު ގޮވައިގެން މާލެއާއި ދިމާލަށް އަންނަމުން ދިޔައީތީ މާ ގިނައިރެއް ނުވެ އެ ހެލިކޮޕްޓަރު އޮތީ ބޯޓުގެ މަތީގައި މަޑުކޮށްލައިގެންނެވެ.
އެ ކުޑަ އަންހެން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް އިސްނެގީ ޒިހާނެވެ. އޭނަ އެހެން ނޫނަސް ޔުނާއާއިމެދު ކަންބޮޑުވަމުން ދިޔައީތީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާން ބޭނުންވުމުންނެވެ. އެ ކުޑަ އަންހެން ކުއްޖާ ފެނުމުން ވެސް ޒިހާންގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. ހޭނެތިފައި އޮތް އެ އަންހެން ކުއްޖާ ޒިހާން ލޯތްބާއެކީ އުރައިލީ އެ ކުއްޖާގެ މަންމައާއި ބައްޕައަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގެ ތަސައްލީ ދެމުންނެވެ. ޒިހާން އެކުއްޖާ ހެލިކޮޕްޓަރަށް އެރުވީ ހެލިކޮޕްޓަރުން ވައްޓައިލި ވާގަނޑެއްގައި ހިފައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެ ވާގަނޑު ލަސްލަހުން ދަމައިލެވުމުން ޒިހާނަށް ހުރެވުނީ އެ ކުއްޖާއާއެކީ ހެލިކޮޕްޓަރުގެ ތެރޭގައެވެ.
**
"ތިއީދޯ އަހަރެންގެ.... ދޮންބެ މަރާލި މީހަކީ؟" ޔުނާއަށް އެ ސުވާލުވެސް ކޮށްލެވުނީ ރޫރޫއަޅާ އަޑަކުންނެވެ. އެ ސުވާލު ނިމުނުއިރު ޔުނާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
"ހުމް..... އަނެއްހެން ބުނަންޏާ އަހަރެން މިއީ ޔުނާގެ ކޮއްކޮއެއް. ޔުނާއާއި ޔުނާގެ ދޮންބެ ހަނދާން ނައްތައިލި ކޮއްކޮ.... އެކަމަކު މަށަށް ވަރިހަމަ ތި ދެމީހުން މަ ޢާއިލާއެއްގެ ގޮތުގަ ދުވަހަކު ޤަބޫލުނުކުރިޔަސް. މަގޭ ޢާއިލާ މަށަށް ގެއްލިގެން ދިޔައީ ކަލޭމެންނާ ހެދި!" ޒުބީން ދެންވެސް ވާހަކަ ދެއްކީ ފިސްތޯލު ދިއްކޮށްގެން ހުރެއެވެ.
ނުތަނަވަސްކަމާއެކީ ހިތް ތެޅެމުން ދިޔަ އެ ވަގުތުވެސް ޔުނާއަށް އެއީ ކާކުކަން އެ ވަގުތު ނަގައިގަނެވުނެވެ. ދޮންބެ ވީޑިޔޯތަކުގައި ދެއްކި ވާހަކަ ވެސް ހަނދާންވެގެން ދިޔުމުންނެވެ.
"ތިއީ ބައްޕަގެ....." ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
"ހުމް.... އަހަރުމެންގެ ހުރީ އެއް ބައްޕައެއް. އެކަމަކު ކަލޭމެންގެ ދަހިވެތިކަމުގެ ސަބަބުން އެ ބައްޕަގެ މުދަލުން އަހަރުމެންނަށް ނުލިބުނީ.... އޭގެ ބަދަލު އަހަރެން ހިފީ ކަލޭގެ ދޮންބެ މަރާލައިގެން.... އެއަށްފަހު ދުރުގައި ހުރެގެން ވެސް ކަލޭ މަރައިލަން ހާދަ މަސައްކަތެއް ކުރީމޭ. ޔޮޓްގައި ހުއްޓާ މީހަކު ލައްވާ ކަނޑަށް ވެއްޓުމާއި، އެޕާޓްމެންޓްގަ ރޯވުމާއި، ކަލޭގެ ދޮންބެ ގޮތަށް ސިނަމާލެ ބްރިޖް މަތިން އެކްސިޑެންޓް ކުރުވަން އުޅުމާ..... އެ ހުރިހާ ކަމެއް ފޭލްވީ އެ ޒިހާނަކާހެދި. އެކަމަކު އެކަންތަކުގެ ތެރެއިން ވެސް ކަލޭ ދަތި ހާލުގަ ބިރުވެރިކަމުގެ ތެރޭގަ އުޅުނުތަން ފެނުނީމަ އުފަލެއް ލިބުނު..... އެކަމަކު ދެނެއް ނޫން. ކަލޭ މަރާލައިގެން މި ކުޅިގަނޑު އެއްކޮށް ނިންމާލާން އަހަރެން ބޭނުމީ....." ޒުބީން އަލިފާން ކަނި ބުރާހެން ހީވާ ލޮލާއެކީ ޔުނާއާއި ދިމާލަށް ދިގު ފިޔަވަޅުތަކެއް އަޅަން ފެށުމުން ޔުނާއަށް ފަހަތަށް ފިޔަވަޅު އެޅެން ފެށީ ބިރުވެރިކަމާއި އެކީގައެވެ.
**
ހެލިކޮޕްޓަރުގައި އިން ޒިހާން ހާސްކަމެއްގެ ތެރޭގައިވީ އޭނަ ތަކުރާރުކޮށް ޔުނާގެ ފޯނަށް ގުޅަމުން ދިޔައިރު ވެސް ޖަވާބެއް ނުލިބޭތީވެއެވެ. އެ ނުތަނަވަސްކަން ދެގުނަވެގެން ދިޔައީ ހޮސްޕިޓަލްގެ ރިސެޕްޝަނަށް ގުޅައި ޔުނާގެ ޚަބަރު އެހުމުން އެ ވޯޑުގައި އެއްވެސް މީހެއް ނެތް ވާހަކަ އިވުނެވެ. ޒިހާން އެ ކޯލު ކަނޑައިލި ވަގުތަކީ ހެލިކޮޕްޓަރު މާލެއާއި ހަމަވީ ވަގުތެވެ. ހެލިކޮޕްޓަރު ކުރިއަށް ދިޔަދިޔަހެން މާލޭގެ މަލަމަތިން ޔުނާ އޮތް ހޮސްޕިޓަލުގެ ޓެރެސް ފެނުނު ވަގުތު ޒިހާނަށް ކަމެއް ފާހަގަވިތަނާހެން އޭނަގެ ލޯ ބޮޑުވިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ