ފީފާއިން ސްވިޒަލޭންޑުގެ ޒިއުރިކްގައި ހެދި ދާރުލްއާސާރެއްގެ މައްސަލައިގައި އެ ޖަމިއްޔާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ މައްޗަށް ފީފާ އިން ދައުވާ އުފުލައިފިއެވެ.

ބްލެޓާގެ ވެރިކަމުގައި ފީފާއިން ހެދި ދާރުލްއާސާރަށް ހަރަދުތައް ކުރުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް އެކަންކަން ބެލި މިނިވަން ފާމްތަކުން ބުނެފައިވެއެވެ. އެގޮތުން އެތަނަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ފައިސާ ހޭދަކުރުމުގެ އިތުރުން ތަން ހަދަން ހަރުދުވާނެ ކަމަށް ބެލެވޭ ފައިސާ އަންދާޒާ ކުރުމުގައި މަކަރުތަކެއް ހަދާފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ފީފާގެ މައި އިދާރާއިން ނެރުނު ރިޕޯޓުތައް ބުނެފައިވާ ގޮތުން ބްލެޓާގެ ވެރިކަމުގައި 500 މިލިއަން ސްވިސް ފްރާންސްގެ އަދަދެއް އެ އިދާރާގެ ބެލުމުގެ ދަށުގައި ނެތް އިމާރާތެއް މަރާމާތުކުރަން ހަރަދު ކޮށްފައިވެއެވެ. އޭގެ އިތުރުން ދާރުލްއާސާރު ވަކި ބަޔަކަށް މަންފާ ކުރާނެ ގޮތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިންކަން ވެސް އެނގިފައިވެއެވެ.

ފީފާގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް އަލަސްޑަޔާ ބެލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާރުލްއާސާރުގެ ކަންކަން ބަލާފައިވަނީ އެކްޓާނަލް މިނިވަން އޮޑިޓް ފާމަކުން ކަމަށާއި ބްލެޓާގެ ފަރާތުން ބޮޑެތި ކުށްތައް ފެނިފައިވާ ކަމަށެވެ. ހާއްސަކޮށް ފައިސާގެ ކަންކަމުގައި ޒާތީ މަންފާއަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި ބޮޑެތި އަދަދުން ފައިސާގެ ކަންކަމުގައި އިހުމާލުވެފައިވާކަން ޔަގީންވެފައިވާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.

ބްލެޓާ މަރާމާތު ކުރި ދާރުލްއާސާރުގެ މަސައްކަތަކީ އޭނާ ފީފާގެ ރައީސްކަމާ ހަވާލުވުމުގެ ދެ އަހަރު ކުރިން 2013 ގައި ފެށި މަސައްކަތެކެވެ. އޭގެ ފަހުން 17 އަހަރު ދުވަސް ވަންދެން ބްލެޓާ ފީފާގެ ރައީސް ކަމުގައި ހުރި އިރު، މިވަގުތު އޭނާ ހުރީ ހަ އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑްކޮށްފައެވެ.

އިންތިހާއަށް ކޮރަޕްޝަން ބޮޑު ފަރާތެއްގެ ގޮތުގައި ބްލެޓާ ފާހަގަކޮށްލެވިފައިވާ އިރު، އެފަދަ އެތައް މައްސަލައެއްގައި ޕްރެޝަރު ބޮޑުވެ، ބްލެޓަ ފީފާއިން އިސްތިއުފާ ދިނީ 2015 ވަނަ އަހަރުއެވެ. އުމުރުން 84 އަހަރުގެ ބްލެޓާ ވަނީ އޭނާގެ ހިޔާނާތުގެ މައްސަލަތައް ދޮގުކޮށްފައެވެ.