ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން އާ އެޑިއުކޭޝަން ފައިނޭންސިން ފެސިލިޓީއެއް މިއަދު ތައާރަފް ކޮށްފި އެވެ.

ބީއެމްއެލުން ބުނީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީއަކީ ސެޓްފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމައަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ.

އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ކޮށްދޭނެ އެވެ. އަދި ފައިސާ ދައްކައި ހަލާސް ކުރުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައަޅާފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ.

ބީއެމްއެލުން ބުނީ، މި ފައިނޭންސިން އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލް ކުރުމަށް ފަހުގައި ކަމަށާއި ތައުލީމް ހާސިލް ކުރުމަށް ޖުމްލަ ހިނގާނެ ހަރަދުގެ 25 ޕަސެންޓް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލައަށް ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސް ކޮށްދޭ އަދަދުގެ 150 ޕަސެންޓަށްވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މި ތައާރަފް ކުރި އެޑިއުކޭޝަން ފައިނޭންސިންއަކީ އިސްލާމިކް ފައިނޭންސިން ފެސލިޓީއެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލް ކުރުމުގެ އުއްމީދު ކުރަމުން އަންނަ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ. ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިން އާގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.