ބެޑްމިންޓަން

ބެޑްމިންޓަންގެ ހަރަކާތްތައް އަލުން ފެށިއްޖެ، އަޖުފާން އެކަޑެމީއާއި އިންޑޯއަށް ރަނގަޅު ފެށުމެއް

ކޮވިޑް 19ގެ ހާލަތާ ގުޅިގެން އެތައް ދުވަހެއް ވަންދެން މަޑު ޖައްސާލާފައި އޮތް ބެޑްމިންޓަންގެ ހަރަކާތްތައް އިއްޔެ އަލުން ފަށައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިކްސް ޓީމު ޗެމްޕިއަންޝިޕަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދަން ދީފައިވާ ހުއްދައިގެ ދަށުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި އަށް ޓީމު ވާދަކުރެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި އޮތީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)، ސައިރިކްސް ރެކްރިއޭޝަން ކްލަބް، ކްލަބު ސްޓެޓިކް އަދި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީއެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް، ކްލަބު ސްކޯ ސްޕޯޓްސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ދަ ގޯޅި ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗެއް ކުޅޭނެއެވެ. ކޮންމެ މެޗެއްގައި އަށް ގޭމް ހިމެނޭނެއެވެ. އެއީ ތިން ފިރިހެން ޑަބަލްސް، ދެ މިކްސް ޑަބަލްސް އަދި ދެ އަންހެން ޑަބަލްސް މެޗެވެ.

ކޮންމެ މެޗެއްގައި ހަތް ގޭމްސް ހިމެނޭހެން ކުރިއަށްދާ އިރު، އިއްޔެ ކުޅުނު ފުރަތަމަ މެޗަކީ ފިރިހެން ޑަބަލްސްގެ މެޗެކެވެ. އައިބާގެ ކޯޗު، މުހައްމަދު އަޖުފާނާއި އިޔާން އަބްދުލް އަލީމް (ޗިކީ)ގެ ޕެއާއިން ސައިރިކްސްގެ މުހައްމަދު ރަމީޒާއި ހަމްޒާ މުހައްމަދުގެ ޕެއާ ބަލިކުރީ 15/05 އަދި 15/05 އިންނެވެ.

ފުރަތަމަ އަންހެން ޑަބަލްސްގައި އައިބާގެ އައިޝަތު އަފްނާން ރަޝީދާއި މަރިޔަމް ޝާހިދާގެ ޕެއާ ވަނީ ސައިރިކްސްގެ އާސިމާ އަބްދުލް ގާދިރާއި އައިމިނަތު މަޒްހާގެ ޕެއާ 15/07، 15/10 އިން ބަލިކޮށްފައެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގެ މިކްސް ޑަބަލްސްގެ މެޗުގައި އައިބާގެ އަޖުފާނާއި ހަޝްމާ މުހައްމަދުގެ ޕެއާ 15/11 އިން ފުރަތަމަ ސެޓު ގެންދިޔަ އިރު، ގޭމް ފޯރިގަދަ ވެގެން ދިޔައީ މައްސޫދު މުހައްމަދާއި މާރިޔާ އަބްދުﷲ ދެވަނަ ސެޓު 11/15 އިން ގެންދިއުމުންނެވެ. މެޗުން އަޖުފާނާއި ހަޝްމާ މޮޅުވީ 11/06 އިން ފަހު ސެޓު ގެންގޮސްގެންނެވެ.

ދެވަނަ ފިރިހެން ޑަބަލްސްގައި އައިބާގެ ޔޫސުފް ނިޔާޒާއި ސުތަރަޝާން ރަވީންދްރަންގެ ޕެއާ ވަނީ ސައިރިކްސްގެ އިބްރާހިމް އާސިފާއި މުހައްމަދު ރަފާހް 15/13، 15/08 އިން ބަލިކޮށްފައެވެ. ދެވަނަ އަންހެން ޑަބަލްސްގައި އައިބާގެ މާޝާ ރަޝީދާއި ބްރިލް އޭން ރެޔޭސް ވަނީ 15/07، 15/06 އިން ސައިރިކްސްގެ މާރިޔާ އާއި މަޒްހާގެ ޕެއާ ބަލިކޮށްފައެވެ. ދެވަނަ މިކްސް ޑަބަލްސްގައި އަފްނާނާއި މުހައްމަދު ޝަމީމްގެ ޕެއާ ވަނީ 15/06، 15/04 އިން އާސިމާ އާއި ރަފާހްގެ ޕެއާގެ މައްޗަށް ކުރި ހޯދައިފައެވެ. ފަހު ފިރިހެން ޑަބަލްސްގައި އައިބާގެ އަބްދުﷲ ފިޔާޒާއި އަހުމަދު ނަދީމް ވަނީ ސައިރިކްސްގެ އަންވަރު އިބްރާހީމާއި އިބްރާހިމް ނައީމް އަތުން 15/05 އާއި 15/10 އިން މޮޅުވެފައެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ މޫސާ މަންސޫރާއި އަހުމަދު އައިމަންގެ ޕެއާ އަތުން އިންޑޯގެ މުހައްމަދު އާކިފް އާއި ހަސަން ފާކިރްގެ ޕެއާ މޮޅުވީ 15/09، 15/10 އިންނެވެ. ފުރަތަމަ އަންހެން ސިންގަލްސް އިން އިންޑޯގެ ނާޒިމާ މުހައްމަދާއި އައިމިނަތު ނަސީމާ 15/08، 15/13 އިން މޮޅުވީ ސްޓެޓިކްގެ ލީނާ އަހުމަދާއި ފާތިމަތު މަލީހާ ޖަމާލްއާ ވާދަކޮށެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި އިންޑޯގެ އައްފާން އަލީ އާއި ނާޒިމާގެ ޕެއާ ވަނީ ސްޓެޓިކްގެ އައިޝަތު ޝަރީފާއި ހަސަން ނައީމްގެ ޕެއާ އަތުން 15/11، 15/08 އިން މޮޅުވެފައެވެ.

ދެވަނަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ އާސިފް އާދަމް މަނިކާއި އަބްދުﷲ ޒުހުރީގެ ޕެއާގެ މައްޗަށް އިންޑޯގެ ރިޝްވާން ޝިޔާމާއި ޝިފާއު އަބްދުﷲގެ ޕެއާ ކުރި ހޯދީ 15/14، 15/14 އިންނެވެ. ދެވަނަ އަންހެން ޑަބަލްސް މެޗު ދިޔައީ ފޯރިގަދަކޮށެވެ. ސްޓެޓިކްގެ އައިޝަތު ޝަރީފާއި ޝަފާތު އަހުމަދު ޒާހިރުގެ ޕެއާ ވަނީ އިންޑޯގެ މަރިޔަމް ޝަފާހަތާއި ފާތިމަތު އިމްތިޝާލްގެ ޕެއާ އަތުން މޮޅުވެފައެވެ. ތިން ސެޓަށް ދިޔަ މި މެޗުގެ ސްކޯތައް ދިޔައީ 15/14، 09/15 އަދި 11/04 އިންނެވެ. ދެވަނަ މިކްސް ޑަބަލްސްގައި ސްޓެޓިކްގެ ޒުހުރީ އާއި ޝަފާތުގެ ޕެއާ އަތުން އާކިފް އާއި ނަސީމާގެ ޕެއާ ވަނީ 14/15، 09/15 އިން މޮޅުވެފައެވެ. ފިރިހެން ޑަބަލްސް ފަހު މެޗުން އިންޑޯގެ ރިޝްވާނާއި ފާކިރްގެ ޕެއާ ވަނީ 15/10، 15/09 އިން ސްޓެޓިކްގެ އާސިފާއި މޫސާ މަންސޫރުގެ ޕެއާ ބަލިކޮށްފައެވެ.

މުބާރާތުގެ ދެ މެޗު މިއަދު ކުޅޭނެއެވެ. އެއީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބު ސްކޯ ސްޕޯޓްސް ކުޅޭނީ ގޯޅި ސްޕޯޓްސް ކްލަބާއެވެ. މިރޭ ރިވައިވަލް ސްޕޯޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާއެވެ.