އިނގިރޭސި ލީގު ކަޕްގައި ރޭ އާސެނަލް އިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެޓީމު މުބާރާތުން ކަޓައިފި އެވެ.
އެންމެފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު އާސެނަލް މުބާރާތުން ކަޓާފައިވާއިރު، އެޓީމަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިވެފަ އެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުން ވެސް އާސެނަލްއަށް މޮޅެއް ނުހޯދި އޮތްއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގަ އެވެ. އެއީ 1980ގެ އަހަރުތަކުގައި އާސެނަލް އޮތް ހާލަތަށްވުރެ ވެސް ދަށް ހާލަތެކެވެ.
މި ސީޒަންގައި ގޯލް ޖެހުމަށް އުނދަގޫތަކަކާ ކުރިމަތިވެފައި އޮތް ސިޓީއަށް ރޭ މެޗުގައި ލީޑު ނަގަން މާގިނައިރެއް ނުނަގަ އެވެ. ދެ މިނެޓެއްހާއިރު ތެރޭގައި ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖެސޫސް ޖެހި ގޯލާއެކު ސިޓީން ލީޑު ނެގި އިރު، އެ ހިސާބުން އާސެނަލް އިން ވަރަށް ބޮޑަށް މަސައްކަތްކޮށް، ތެޅިގަތެވެ.
ކޯޗު މިކޭލް އާޓެޓާ ވެސް ވަރަށް ބޮޑަށް ކުޅުންތެރިންނަށް ޕްރެޝަރު ކުރިތަން ފެނިގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން އާސެނަލްގެ ފުރަތަމަ ހަމަލާއާއެކު ނަތީޖާ ހަމަހަމަ ކުރި އެވެ. އުމުރުން 19 އަހަރުގެ ޒުވާން ފޯވަޑް ގެބްރިއަލް މާޓިނޭލީ ނަގައިދިން ހިތްގައިމު ހުރަހަކުން ނަތީޖާ ހަމަހަމަ ކުރީ އެލެކްސެންޑްރާ ލަކަޒެޓެވެ.
އާސެނަލްއިން ފުރަތަމަ ހާފްގައި ހިފަހައްޓާލި ނަމަވެސް ސިޓީން ވަނީ ދެވަނަ ހާފުގެ ފަސް މިނެޓް ތެރޭގައި ދެ ގޯލް ޖަހައިފަ އެވެ. ރިޔާދު މަހަރޭޒްގެ ހިލޭ ޖެހުމެއްގެ އިތުރުން ފިލް ފޮޑަންގެ ހިތްގައިމު ގޯލާއެކު ސިޓީން ދެ ގޯލްގެ ލީޑެއް ނަގާފައިވާއިރު، އެޓީމުގެ ހަތަރު ވަނަ ގޯލް ޖެހީ އެމްރިކް ލަޕޯޓެވެ.
ސިޓީން ލީގު ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، އެޓީމުން ދެން ލީގުގައި ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ. އާސެނަލް އިން އަންނަ ހަފްތާ ލީގުގައި ކުޅޭނީ ލަންޑަން ރައިވަލް ޗެލްސީއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު