މަނީ ލޯންޑަރިންގެ މައްސަލައަކީ ވަކިބައެއްގެ ސިޔާސީ މަންފާއަކަށްޓަކައި އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ކަމަށާއި އެ ތުހުމަތުތަކަށް ސާބިތުކަމާއެކު ކުރިމަތިލާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.
އޮކްޓޯބަރު 15، 2019 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު "ވަން" އަށް ވިދާޅުވީ، ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ތެރެއިން ފާހަގަވި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ މައްސަލަ އޭސީސީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާތީ، މައްސަލައިގެ ތަހުގީގު ފަށައިފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޝަޒައިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން ސިޔާސީ ތުހުމަތެއް ގޮތަށް މަނީ ލޯންޑަރިންގެ ތުހުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އާއިލީ ވިޔަފާރި ދެމިއޮންނަތާ ގަރުނެއް ވެއްޖެ. ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރު ކަތިލަން ކުރެވުނު ތުހުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން،" ޝަޒައިލް ވިދާޅުވިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު ވިދާޅުވީ ޝަޒައިލްގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވި އިތުރު ތިން މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ.
އެއީ އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކުކުރެވޭ ފައިސާތަކެއް ވަދެފައިވާ ބެލެވޭ މައްސަލައަކާއި މުވައްޒަފެއް ވަޒީފާއަށް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަދި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތެވެ.