އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ސަރުކާރުގެ އިގުތިސޯދީ ރިކަވަރީ ޕެކޭޖުގެ ދަށުން "ކޮވިޑް ވިޔަފާރި އެހީ"ގެ ނަމުގައި ދޫކުރާ ލޯނުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެސްޑީއެފްސީން ބުނީ ކޮވިޑް ވިޔަފާރި އެހީގެ ލޯނު މިއަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެސްޑީއެފްސީން ބުނީ ކޮވިޑް ވިޔަފާރި އެހީ އިން 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނު އެހީ ދޫކޮށްފައިވާ ކަމަށެވެ. އަދި މި ލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގުފަހިވެގެންދިޔަ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުންޏެވެ.
އެސްޑީއެފްސީން ބުނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ތެރޭ 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝިއަލް ވިޔަފާރިތަކަށް ކަމަށެވެ. އަދި މިއަދާ ހަމައަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގައި ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެން ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު