(19 ޑިސެމްބަރުގެ އަދަދާ ގުޅޭ)
سعد ވިދާޅުވިއެވެ. "ކޮންމެއަކަސް މިވަގުތު އަޅުގަނޑުމެން މިގޭގައި ތިބުމެއް ރަނގަޅެއް ނޫން. އަޅުގަނޑުމެން އިޝްބީލިއްޔާއަށް މިއައީ ވަރަށްބޮޑު މަޤުޞަދެއްގައި ކަލާ އިހަށް އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާ!"
إدريـس ހިސާބަކަށް މާޔޫސްވެވަޑައިގެން ގޮނޑީގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ރަނގަޅަށް ދަންނަން. ކަލާއަކީ ވަރަށް ގޮތުގައި ހިފަހައްޓަވާ ބޭފުޅެއް. އެންމެ ރަނގަޅު. ތިޔަ ދައްކަވާން އުޅުއްވާ ވާހަކަފުޅެއް ދައްކަވަބައްލަވާ!"
سعد ވިދާޅުވިއެވެ. "ކަލާއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން إبـن عمّــار ކެހިދެއްވީ ހަމައެކަނި معـتـمـد އަކަށެއް ނޫން. އަންދަލުސުގެ އެކިރަށްރަށުން އަމިއްލަގޮތުން އައި މުޖާހިދުން އެނބުރި އެދިޔައީ އަންދަލުސުގެ މުސްލިމުންގެ މިނިވަންކަމުގެ ދުވަސްތައް ގުނި ނިމިއްޖެކަމުގެ ހިތި އިޙުސާސާއެކު. މުސްލިމުންނާއި އަލްފާންސޫއާ ދެމެދު ހަނގުރާމަ ފެށުނުނަމަ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މީގެ ދިހަގުނަ އިތުރަށް މުޖާހިދުން އަމިއްލަގޮތުން ހަނގުރާމައިގައި ބައިވެރިވާނެ. އަންދަލުސުގެ އާއްމު މުސްލިމުން ހުރިހައި މުސްލިމް ރަސްރަސްކަލުންނަށް معـتـمـد އާ ބައިވެރިވެވަޑައިގަންނަވަން މަޖުބޫރު ކުރުވާނެ. އަޅުގަނޑު ބޭނުންވަނީ معـتـمـد އާ ބައްދަލުކުރާން. އަޅުގަނޑު އޭނާގެ އަރިހުގައި ދަންނަވަން ބޭނުން. إبـن عمّــار ރިޝްވަތު ދެއްވައިގެން ފޮނުއްވައިލެއްވި ދުޝްމިނުން މާބޮޑަށް ތައްޔާރުވެގެން އަލުން އަންނާނެ ވާހަކަ. އިޝްބީލިއްޔާގެ މީހުން ދެވަނަފަހަރަށްވެސް އެގޮތަށް ޢަމަލުކޮށްފިނަމަ އަލްފާންސޫ އިހުނަށްވުރެވެސް ބޮޑު އަދަދަކަށް މާގިނަ ރިޝްވަތަށް އެދޭނެ. އެގޮތުން އިޝްބީލިއްޔާގެ މިނިވަންކަމުގެ ކޮންމެ ނޭވާއަކަށް އަލްފާންސޫއަށް އަގުދެއްވަން معـتـمـد އަށް ޖެހިވަޑައިގަންނަވާނެ. އިޝްބީލިއްޔާގެ ޚަޒާނާގައި އެންމެ ބައިލާރިވެސް ނެތިހުސްވަންދެން އެ ސިލްސިލާ ކުރިޔަށްދާނެ. މިހާރުވެސް ކަންހުރިގޮތަކީ إبـن عمّــار އެންމެ މޮޅު އަހުގެ ފަސްސަތޭކަ އަސް އަލްފާންސޫއަށް ދެއްވި. އަލްފާންސޫގެ ސިފައިން ދެންފަހަރަކުން އަންނާނީ އެ އަސްތަކަށް ސަވާރުވެގެން. ކުރިޔަށް އޮތްތާނގައި އޭނާ ދުޝްމިނުންނަށް ސިފައިންވެސް ވިއްކަވާނެކަން ކަށަވަރު. އިޝްބީލިއްޔާ މީހުންގެ އަތުގައި އެއްވެސް އެއްޗެއްނެތި ހުސްވުމުން އަލްފާންސޫ ހަނގުރާމަޔަކާ ނުލައި އިޝްބީލިއްޔާ ހިއްޕަވާނެ. އޭރަކު އިޝްބީލިއްޔާގެ މީހުންގެ ގަޔަކު ހަނގުރާމަކުރުން އެއްކިބާގައި އޮއްވައި ކޮޅަށްތިބޭހައި ހަކަތައެއްވެސް ނުހުންނާނެ. އަންދަލުސުގެ އެހެނިހެން ދައުލަތްތަކުގެ މުސްލިމުންވެސް ކުރީގެ ތަޖުރިބާތަކަށް ބަލައިފައި އިޝްބީލިއްޔާ މީހުންނަކާ ބައިވެރިއެއްނުވާނެ. އަޅުގަނޑަށް ހީވަނީ އެހައިތަނަށްދާއިރު إبـن عمّــار ކަހަލަ ސިޔާސީ ބޭފުޅުންވެސް معـتـمـد ގެ ވެރިކަމުގެ ވެއްޓެމުންދާ ފާރުތައް ނެގެހެއްޓެވޭތޯ ބެއްލެވުމަށްވުރެ ރަނގަޅު ކަމުގައި ދެކެވަޑައިގަންނަވަނީ އަލްފާންސޫއަށް ސަނާ ވިދާޅުވެ ޅެން ހެއްދެވުންހެން. معـتـمـد ގެ އަރިހުގައި ކަންއޮތްގޮތް ދެންނެވުމަކީ އަޅުގަނޑުގެ އެންމެއިސް ވާޖިބުކަމުގައި އަޅުގަނޑު ދެކެން. އެހެންނޫނީ ކަލާއަށްވެސް އެނގިވަޑައިގަންނަވާނެ އިޝްބީލިއްޔާގެ ހަލާކަކީ އަންދަލުސުގެ ހުރިހައި މުސްލިމުންގެ ހަލާކުގެ މުޤައްދިމާ ކަމުގައި ނޫނީ ނުވާނެ."
إدريـس ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭކަމަކީ ކަލާގެ އިސްތަށިފުޅަށް ތިޔަ ވަނީ މޮޔަކަން ސަވާރުވެފައިކަން. އަންދަލުސު ހަލާކުން ސަލާމަތްކުރައްވަން އުޅުއްވަމުންގޮސް ޚުދު ކަލާ މުސީބާތެއްގައި ހައްޔަރުވެވަޑައިގަންނަވާނެ. ކަލާއަށް އެނގިވަޑައިގެންފައި އޮތްކަމެއް ނޭނގެ. إبـن عمّــار ގެ ކާމިޔާބީއާމެދު معـتـمـد ބައްލަވަނީ އޭނާގެ ޙަޔާތްޕުޅުގެ އެންމެބޮޑު ފަތަޙަކަމުގައި އަލްފާންސޫ އެނބުރިވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަންނަވާއިރަށް معـتـمـد ފަތަޙައިގެ އުފާވެރި މުނާސަބާ ފާހަގަކުރުން ބާއްވަން އަމުރު ކުރައްވައިފި. މާދަމާ إبـن عمّــار މިރަށަށް ވަޑައިގަތުމުން ހުރިހައި ވަޒީރުންނާއި، އަމީރުންނާއި ކުރިޔަށް ތިއްބެވި ހުރިހާ ދަރަޖަވެރީން ރަށްބޭރަށް ނުކުމެވަޑައިގެން އޭނާއާ ބައްދަލުކުރައްވާނެ. އެހައިތަނުން އުފާފާޅުކުރުމުގެ ޙަފްލާތައް ފެށޭނެ. އެކަން ނިމޭނެ ދުވަހެއްވެސް ނޭނގެ. އެންމެފުރަތަމަ ކަމަކީ ކަލާއަށް معـتـمـد އާ ހަމަޔަކަށް ވަޑައެއްވެސް ނުގެންނެވޭނެއެވެ. ކަލާއަށް އެހިސާބަށް ވަޑައިގެންނެވުނުކަމުގައިވިޔަސް إبـن عمّــار އާ ދެކޮޅަށް ކަލާގެ ޝަކުވާ އަޑުއެއްސެވުމުގެ ބަދަލުގައި ކަލާ ދަރުބާރުން ބޭރުކޮށްލެވޭނެ. ފަހަރެއްގައި އެ އަދަބަކީ ފުދޭވަރުގެ އަދަބެއް ކަމުގައި معـتـمـد ދެކެވަޑައިގެންފާނެ. ނަމަވެސް އެހައިތަނުން ފެށިގެން އިޝްބީލިއްޔާގެ ކޮންމެ ފާރެއްގެ ބިއްދޮށުން ކަލާއަށް ދުޝްމިނަކު ފެނިވަޑައިގަންނަވާނެ. ކަލާއަށް ސަލާމަތުން މިރަށުން ފުރައިވަޑައިގެންނެވިއްޖެނަމަ އެކަންވާނީ މުޢުޖިޒާއަކަށް."
سعد ހިސާބަކަށް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "إدريـس އަޅުގަނޑުގެ މުހިންމަތު ނާކާމިޔާބު ވެއްޖެނަމަ އަޅުގަނޑަށް އަޅުގަނޑުގެ ދިރިއުޅުމުން އަތްދޮވެލާންޖެހުމަކީ އެކަށީގެންނުވާ ކަމެއްނޫން. ނަމަވެސް އަޅުގަނޑުގެ ދުލުން ބޭރުވާ ޙައްޤު ބަހަކުން معـتـمـد ރަނގަޅު މަގަށް އެނބުރިވަޑައިގެން އަޅުގަނޑުގެ ޤައުމު ހަލާކުން ސަލާމަތްވުމަކީވެސް އެކަށީގެންވާ ކަމެއް."
إدريـس ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭ ކަލާ معـتـمـد އާ ބައްދަލުކުރައްވަން ގަސްދު ކުރައްވައިފިނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އެކަމެއް ނުހުއްޓުވޭނެކަން."
"ކަލާ އަޅުގަނޑުގެ ކާމިޔާބީއަށް އެދިވަޑައިގެން ދުޢާކުރައްވާ. معـتـمـد އާ ބައްދަލުކޮށްގެން ރަނގަޅު ނަތީޖާއެއް ނުކުމެއްޖެނަމަ އަޅުގަނޑު أحمد އާއި حسن އާ ދެބޭން ގޮވައިގެން ސީދާ އަންނާނީ މިގެއަށް. ކަލާއަށް އުނދަގޫފުޅަކަށް ނުވާހައި ހިނދަކު މިގެއަކުން ނުދާނަން. ނަމަވެސް މިވަގުތު އެއްވެސް މީހަކަށް އަޅުގަނޑުމެންގެ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މަޢުލޫމާތު އެނގޭކަށެއް އަޅުގަނޑު ބޭނުމެއް ނޫން."
إدريـس ވިދާޅުވިއެވެ. "ކަލާ މިގޭގައި ހުންނެވުމުން އަޅުގަނޑުގެ ވަޒީފާއަށް ނުރައްކަލެއް އަތުވެދާނެކަމަށް ހީފުޅުވަނީތޯ؟ މިރަށުގައި އަޅުގަނޑު މިހުންނަނީ ލޭގެ ކޯވަރުތަކެއް ދިރުވައިލައިގެންކަން ކަލާއަށް އެނގިވަޑައިގަންނަވާނަމަ ވަރަށް ރަނގަޅު. ميـمــونـة އާމެދު ނުވިސްނާނަމަ އަޅުގަނޑު މިރަށް ދޫކޮށްލައިފައި ދާނެތާ ކިތަންމެ ދުވަހެއް."
"إدريـس އަޅުގަނޑުމެން ދެމީހުންގެ ރަޙުމަތްތެރިކަމަކީ ރަސްމީކަމެއް ނޫން. އަޅުގަނޑުމެން ދެމީހުން އެއަށްވުރާ މާގާތް. އަޅުގަނޑު ކޮންމެތާކު ހުއްޓަކަސް އެކަމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންނަށް ހެނދުނާއި ހަވީރު އެކަކު އަނެކަކާ ބައްދަލުކުރެވިދާނެ."
إدريـس ވިދާޅުވިއެވެ. "ކުރީންވެސް އަޅުގަނޑު ދެންނެވިހެން މިދުވަސްވަރު معـتـمـد އާ ބައްދަލުކުރެއްވުންވާނީ ވަރަށް އުނދަގޫ ކަމަކަށް. ޝާހީ ގަނޑުވަރުގެ ޑިރެކްޓަރަކީ އަޅުގަނޑު ދަންނަ ބޭފުޅެއް. އެކަމަކު އޭނާ މިހާރު އުޅުއްވާނީ އުފާފާޅުކުރުމުގެ ޙަފްލާ ތައްޔާރުކުރައްވަން."
سعد ވިދާޅުވިއެވެ. "ކަލާ އެކަމާ ފިކުރުފުޅު ނުކުރައްވާ! އަޅުގަނޑު ކޮންމެވެސް ގޮތަކުން އޭނާގެ އަރިހަށް ހިނގައިދާނަން. ދެން އަޅުގަނޑު ދިއުމުގެ އަމުރު ދެއްވާ!"
إدريـس ވިދާޅުވިއެވެ. "ނޫން. މެހުމާންސަރާއާ ހަމައަށް އަޅުގަނޑު ކަލާގެ އަރިހުގައި ދާނަން. އިހަށް މަޑުކުރައްވާ!"
"ميـمــونـة! ميـمــونـة! إدريـس މެދުގޯތި ހުރަސްކުރައްވަމުން ميـمــونـة އަށް ވިދާޅުވިއެވެ.
"ބޭބެ ކީއްތޯވީ؟" ميـمــونـة ބަދިގެއިން ބޭރަށް ނުކުމެވަޑައިގެން ވިދާޅުވިއެވެ.
"ކޮއްކޮ ބަދިގޭގައި ކީއްތޯ ތިކުރައްވަނީ؟"
"ބޭބެ! ފަރީއްކޮޅު ތައްޔާރުކުރަނީ!"
"ކޮއްކޮ ތިޔަ އުނދަގޫ އުފުއްލެވީ ކަމަކާނުލައި. سعد ފަރީއެއް ނުކުޅުއްވާނެ. އޭނާ މިހާރު
އެ ވަޑައިގަންނަވަނީ."
ميـمــونـة ދިޔައީ ސިހިވަޑައިގެންނެވެ. އޭނާގެ ހިތްޕުޅު ބަރުދާސް ނުކުރެއްވޭފަދަ ބަރެއްގެ ސަބަބުން ފިސްވަމުންދަނީއެވެ. "އޭނާ ވަޑައިގަންނަވަނީތޯ؟" ميـمــونـة ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.
"އާދެ!" إدريـس އެހެން ވިދާޅުވެފައި ވަޑައިގެންނެވީ ކުރިޔަށެވެ. މިހާރު ބަދިގޭގެ ދޮރުން އަންނަ އަލިކަން إدريـس ގެ މޫނުފުޅަށް ވަނީ އެޅިފައެވެ. إدريـس ގެ މޫނުފުޅުމަތީގައިވާ ހިނިތުންވެވަޑައިގަތުން ފެނިވަޑައިގެންފައި ميـمــونـة ގެ ދުނިޔެ އަނެއްކާވެސް އުންމީދުގެ އަލިކަމުން ވިދައި ބަބުޅާން ފަށައިފިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅުއްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ހީކުރީ ޙަޤީޤަތުގައިވެސް އޭނާ ވަޑައިގަންނަވަނީ ކަމަށް!"
"ބޭބެ ސަމާސާއެއް ނުކުރަން ميـمــونـة! މެހުމާނުސަރާގައި އޭނާގެ ރަޙުމަތްތެރި ބަޔަކު އެބަތިބި އޭނާ ބޭނުންފުޅުވަނީ އެމީހުނާއެކު އެތާ ހުންނަވަން سعد ގެ ކޮއްކޮމެންވެސް ވަޑައިގެންނެވި."
"ބޭބޭ އޭނާ.....!" ميـمــونـة ގެ އަޑުފުޅު ބެދިއްޖެއެވެ. އޭނާ އަނެއްފަރާތުން މޫނުފުޅު އަނބުރައިލައްވައިފިއެވެ.
إدريـس ވިދާޅުވިއެވެ. "މޮޔަކުއްޖާ! ކޮއްކޮ ހީކުރީ ބޭބެ އޭނާ ވަޑައިގަތަނުދޭން ނުއުޅޭކަމަށްތޯ؟ މައްސަލައަކީ އޭނާ ވަޑައިގަތީ ވަރަށް މުހިންމު ކަމަކު. އެކަން ނިމިވަޑައިގަތީމާ އޭނާ އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންފާނެ. ބޭބެ މިހާރު މިދަނީ އޭނާ މެހުމާންސަރާއަށް ގެންގޮސްދޭން."
ميـمــونـة ހިސާބަކަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ސުވާލު ކުރެއްވިއެވެ. "ބޭބެ އޭނާގެ ގޭގެ ޚަބަރު އެއްސެވީމުތޯ؟"
"އާދެ. އެ އެންމެ ބޭފުޅުންވެސް ތިއްބެވީ ހެޔޮހާލުކޮޅުގައި."
* * * * * * * * * * *
إبـن عمّــار ވަރުގަދަ ޖުލޫސަކާއެކު ރަށަށް އަރައިވަޑައިގެންފިއެވެ. އިޝްބީލިއްޔާގެ އާއްމުންނާއި ޚާއްޞުން މަގުގެ ދެފަރާތުގައި ހަށަންބަނދެގެން ތިއްބެވެ. ވޭތުވެދިޔަ ދެތިންދުވަހަކު ސަރުކާރުގެ ކޮލިކަލޭގެ މަސައްކަތަކީ އިޝްބީލިއްޔާގެ އާއްމު ރައްޔިތުންނަށް ޤައުމުގެ އެންމެބޮޑު މުޙުސިނަކީ إبـن عمّــار ކަން ހާމަކޮށްދިނުމެވެ. އޭނާގެ އެންމެފަހުގެ މަސައްކަތްޕުޅަކީވެސް އިޝްބީލިއްޔާގެ އާއްމުންގެ އެންމެމަތީ ދަރަޖައިގެ އިނާމު ޙައްޤު މަސައްކަތްޕުޅެއްކަން އަންގައިދިނުމެވެ. އެހެންކަމުން އާއްމުން ޝުކުރުވެރިވުމާއި އިޙުސާންތެރިކަން ގަބޫލުކުރުމުގެ ޖަޒުބާތާއެކު އޭނާއާ ދިމާއަށް މާމެލާމެލީގެ ވާރޭ ވެއްސަމުން ގެންދިޔައެވެ. ޖުލޫސް ހުއްޓުނީ ޝާހީ ގަނޑުވަރުގެ ދޮރުކޮޅުމައްޗަށެވެ. އޭރު سـلطـان معـتـمـد އާއި މަލަކާ ރަމީކިއްޔާއާއި ޝާހީ އާއިލާގެ މެމްބަރުން އޭނާގެ އިސްތިޤުބާލުގައި ތިއްބެވިއެވެ. އެބޭފުޅުން ތިއްބެވީ އެންމެ އަގުބޮޑު ދޫލަތަކުން ޒީނަތްތެރިކޮށްފައިވާ މަންސައެއްގައެވެ. އެ މަންސައިން ފެށިގެން އެތައް ހިސާބަކަށްވެސް އޮތީ ދޫލައަޅައި ޒީނަތްތެރިކޮށްފައެވެ.
إبـن عمّــار އަސްމަތީން ފައިބައިވަޑައިގަތުމަށްފަހު މަންސައިގެ ސިޑީގެ މެދަކާ ހަމައަށް އަރައިވަޑައިގަތުމަށްފަހު ގުދުވެވަޑައިގެންފައި معـتـمـد އަށާއި ރަމީކިއްޔާއަށް ސަލާންކުރެއްވިއެވެ. އެދެކަނބަލުން ކުރިޔަށް ވަޑައިގެން
إبـن عمّــار ގެ ކަރުފުޅުގައި ޖަވާހިރުގެ ދެހާރުކޮޅު އަޅުއްވައިދެއްވިއެވެ. ދެކަނބަލުން ދެހާރުކޮޅެވެ. އެއަށްފަހު معـتـمـد އާއި ރަމީކިއްޔާގެ މަގުދެއްކެވުމާއެކު إبـن عمّــار އާއި ދައުލަތުގެ އެންމެ ކުރިޔަށް ތިއްބެވި އަމީރުން ވެދެވަޑައިގެންނެވީ ޝާހީ ކިއްލާއަށެވެ.
سعد އާއި އޭނާގެ އެކުވެރީން މީހުންގަނޑުގެ ތެރޭގައި އެމަންޒަރު ބައްލަވާން ތިއްބެވިއެވެ. إليــاس سعد ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "سعد! ކަލާ މިބައިމީހުންނަށް ވިސްނައިދެއްވާނެ އެއްޗެއް އަޅުގަނޑުގެ ސިކުނޑިއަކަށް ނާދޭ. އަޅުގަނޑަށް ހީވާގޮތުގައި އެތައްދުވަހެއް ފާއިތުވާއިރުވެސް ކަލާއަކަށް معـتـمـد ގެ ފައިންޕުޅު ފެނިވަޑައެއް ނުގަންނަވާނެ."
سعد ވިދާޅުވިއެވެ. "އަޅުގަނޑު ކޮންމެހެންވެސް އޭނާއާ ބައްދަލުކުރާނަން. މިއަދު ފާޅުކުރެވެމުންމިދާ މޮޔަކަމުގެ މުޒާހަރާ ފެނުމުން އަޅުގަނޑުގެ ޢަޒުމު އިހުނަށްވުރެވެސް ވަރުގަދަވެއްޖެ."
سعد މަޣުރިބުނަމާދު ކުރައްވައިގެން އޭނާގެ އެކުވެރީން މެހުމާންސަރާގައި ބައިތިއްބަވައިފައި ވަޑައިގަތީ إدريـس ގެ ގެއަށެވެ. އޭނާ ވަޑައިގަތީ أحمد އާއި حسن އާ ދެބޭފުޅުންވެސް ގޮވައިގެންނެވެ. އެބޭފުޅުން ވަޑައިގެންނެވިއިރު إدريـس ގެއަކު ނުއުޅުއްވައެވެ. އެހެންކަމުން سعد އެނބުރިވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް إدريـس ގެ މުސްކުޅި ނޯކަރަކު ދެންނެވިއެވެ. "މިހާރު އޭނާ ވަޑައިގަންނަވާނެ. އޭނާ ބޭރަށް ވަޑައިގަތީ ކަލާއާ ބެހޭގޮތުން އަޅުގަނުޑުމެންގެ ގާތުގައި ވަރަށްބޮޑަށް ވާހަކަ ދައްކަވައިފައި. ކަލާ އޭނާއަށް އިރުކޮޅަކު އިންތިޒާރު ކުރައްވާ!"
ނޯކަރުން މާބޮޑަށް ބާރުއެޅުމުން سعد އާއި އޭނާގެ ކޮއްކޮމެން މަރިޔާދުގޭގައި މަޑުކޮށްލައްވައިފިއެވެ. މާގިނައިރެއްނުވެ إدريـس ވެސް ވަޑައިގެންފިއެވެ. ރޭގަނޑުގެ ފަރީއްކޮޅަށްފަހު އެބޭފުޅުން ވަރަށްގިނައިރު ވަންދެން ވާހަކަ ދައްކަވާން ތިއްބެވިއެވެ. އެންމެފަހުން سعد ވިދާޅުވިއެވެ. "މިހާރު މާބޮޑަށް ލަސްވެއްޖެ. ދެން ރަނގަޅުވާނީ އަޅުގަނޑުމެން މެހުމާންސަރާއަށް ދިއުން." إدريـس ޖަވާބު ދެއްވިއެވެ. "މިހާދަންވަރު އެތަނަށް ވަޑައިގެން ކީއްތޯ ކުރައްވަނީ؟ މިރޭ ދެން މިގޭގައި އަވަހާރަފުޅު ލައްޕަވަންވީ ނޫންތޯ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު