(ފަންސާސް ހަވަނަ ބައި)
އެހެނަސް ޒުބީނަށް ފަސްދީފައި އޭނަގެ ކޮޓަރިއަށް ގޮސް ވަން ޖިނާހަށް ނޭނގުނު ކަމަކީ އޭނަ ދެއްކި ވާހަކަތަކުން ޒުބީންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިކަމެވެ. ޝުކުރުވެރިކަމުން މަޙްރޫމްވެފައިވާ އޭނަގެ ހިތް ދެންވެސް އޭނައަށްޓަކައި އަލި އަޅުވަމުން ދިޔައީ ޔަޒްދާންގެ ނުބައިކަމެވެ. ޔަޒްދާން އެކި މީހުންނަށް އެފަދަ ވާހަކަތައް އިއްވާފައިވާނީ އޭނަ ބިރުދެއްކި ފަހުން ކަމަށް ނިންމުނެވެ. އެކަން ޔަޒްދާން ކޮށްފައިވާނީ އެންމެންގެ ޙަމްދަރުދީ ޔަޒްދާނަށް އަމާޒު ކުރުވުމުގެ ނިޔަތުގައި ކަމަށް ޒުބީންގެ ހިތް ޔަޤީންކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔަޒްދާނާއި ބަދަލު ހިފުމުގެ ގޮތުން ޔުނާއަށް އެންމެ ބޮޑު އަނިޔާއެއް ދެވޭނެ ގޮތަކާއިމެދު ޒުބީން ވިސްނަން ފެށީ އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. އިރުކޮޅަކަށް ހުރުމަށްފަހު އެ ވަގުތުން ވަގުތަށް ވެސް ގެއިން ނިކުންނަން ދާން ހިނގައިގަތީ އޭނަގެ މޮޅު ސިކުނޑި ރޭވި އަވަސް ރޭވުމުގައި ކުލަ ޖެއްސުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
**
ޖިނާހުގެ ކޯލަށްފަހު ޒިހާން އަނެއްކާވެސް ޔުނާ އޮތް ވޯޑަށް ވަނެވެ. އަލި ބޮކި ނިއްވައި ފަނޑު އަލީގެ ބޮތްކެއް ދިއްލައިލުމަށްފަހު ޒިހާން ވަދެގެން ދިޔަތާ މާ ގިނައިރެއްނުވެ ޔުނާ ހޭއެރިއެވެ. ހޭލުމާއެކު ޒިހާން ފެނުމުން ޔުނާ ވަގުތުން ތެދުވެ އަހަން ފެށީ ޒިހާން ރަނގަޅުތޯއެވެ. ޔުނާ ގާތުގައި އިށީނދެގެން އިނދެ ވާހަކަ ދެއްކުމުން ޔުނާއަށް އެހާ ބޮޑު ޝޮކެއް ލިބުނު ސަބަބު ޒިހާނަށް އެނގުނެވެ. އެންމެ ފަހުން ޔުނާއަށް އެފަދައިން ބަޑިއެއްގެ އަޑު އިވުނު ދުވަހު ޒިހާންގެ ގަޔަށް ވަޒަން އަރާފައިވުމުން މިރޭވެސް އެ އަޑު އިވިފައި ހަމަ އެފަދައިން ވެދާނެހެން ޔުނާއަށް ހީވީއެވެ.
ޔުނާ އެ ވާހަކަތައް ކިޔައިދިންއިރު ޔުނާގެ ލޮލުން ކަރުނަ ވެސް ހިލުނެވެ. ޒިހާން އެ މޫނުގައި ހިފަހައްޓައި އޭނައަށް އެއްވެސް ކަމެއް ނުވާކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދިނެވެ. އަދި އެންމެ ފަހުން އެނދަށް ރަނގަޅަށް އަރައި ޔުނާގެ ގާތުގައި އެނދުގައި އޮށޯތީ އިތުރަށް ޔުނާގެ ހިތްހަމަޖައްސާލަ ދިނުމަށެވެ. އެހެން އޮވެވެސް ޔުނާއަށް ނިދެންދެން ނުފިލާ ހިނިތުންވުމަކާއެކީ ޔުނާއަށް ހިތްވަރު ލިބޭ ފަދަ އެތައް ވާހަކައެއް ދެއްކިއެވެ. ތިމަންނަ ޔުނާގެ ކައިރީގައި މިއޮތީ ނޫންތޯ ބުނަމުންނެވެ. ކަންތަކާއިމެދު މާ ބޮޑަށް ފިކުރު ނުކުރުމަށް ނަޞޭޙަތް ދެމުންނެވެ. ޔުނާ ފިކުރު ކުރުމުން އޭގެ އަސަރު ދަރިފުޅަށް ވެސް ކުރާނެކަން ހަނދާންކޮށްދެމުންނެވެ.
ދަރިފުޅުގެ ނަން ގަނެވުމާއެކު ޔުނާ އެހާ ހިސާބުން އަމިއްލައަށް ވެސް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ޒިހާންގެ އަތުތެރޭގައި ކުރުގެޅިލަމުން ދެލޯ މަރައިލީ ޒިހާން ބުނިހެން އޭނަގެ ފިކުރުތަކާއި ދުރުވުމަށެވެ. އެރޭ އިވިގެން ދިޔަ ބަޑީގެ އަޑާއިމެދު ވެސް ސުވާލުކުރަން ޔުނާ ބޭނުންވިއެއްކަމަކު އެ ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރީ ދަރިފުޅަށްޓަކައި އަވަހަށް ދުޅަހެޔޮ ވުމަށެވެ. އެ ނިޔަތުގައި ޔުނާ ދެލޯ މަރައިލިތާ މާ ގިނައިރެއްނުވެ ޔުނާއަށް ނިދުނެވެ. ޔުނާ ނިދުމުން މޮނީޓަރަށް ބަލައިލިއިރު ޕްރެޝަރު ފުދޭވަރަކަށް ރަނގަޅު ހިސާބެއްގައި ހުރިތަން ފެނިފައި ޒިހާނަށް ހަމަޖެހުމެއް ލިބުނެވެ. އެ ހަމަޖެހުމާއެކީ ޒިހާންގެ ވެސް ދެލޯ މެރި ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ވެފައިވި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.
ޔުނާގެ ކުރިމަތީގައި ފޮރުވިއެއްކަމަކު އެ ނިދުނު ވަގުތުގައާއި ނިދީގެ ތެރެއިން ވެސް ޒިހާނަށް އޮވެވުނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެ ރޭ އެ ޕާޓީގެ ތެރެއިން އިވުނު ބަޑީގެ އަޑަކީ މި ހުރިހާ ދުވަހު ސިފައިން އެކަމަށްޓަކައި ތައްޔާރުވި ޙަމަލާތަކުގެ ފެށުންކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައެވެ. ފަތިސް ނަމާދު ވަގުތު ޒިހާނަށް ހޭލެވުނީ ވެސް އެ ޒާތެއްގެ ހުވަފެނެއްގައި ވަނިކޮށް ޔުނާ ގޮވުމުންނެވެ.
ޒިހާން ނިދީގައި ތެޅެމުން ދިޔަ ސަބަބާއިމެދު ޔުނާ ސުވާލުކުރުމުން ޒިހާން ޖަވާބެއް ނުދިނެވެ. ދެމީހުން އެކީގައި ފަތިސް ނަމާދު ކުރުމަށްފަހު ހުރިހާ ކަމެއް ރަނގަޅުތޯ ޔުނާ އެހުމުން ވެސް ޒިހާން ހިނިތުންވުމަކާއެކީ އާނއެކޭ ބުންޏެވެ. ވިލިނގިލީގައި ދިމާވި ޙާދިސާއަށް ފަހު އިތުރު ކަމެއްވީތޯ އެހުމުން ވެސް ޒިހާން އަވަސްއަވަހަށް ޔުނާ ގާތު ބުނެލީ އެކަންތަކާއިމެދު ނުވިސްނުމަށެވެ. ޒިހާން އޭނަގެ ނުތަނަވަސްކަން ފޮރުވައިލި ގޮތް މޮޅުވުމުން ޔުނާއަށް ހިލަމެއް ވެސް ނުވިއެވެ. ސައިބޯންވީ ނޫންތޯ ބުނެ ޒިހާން އެ ވާހަކަ މުޅިން އަނބުރައިލި ގޮތުންވެސް މެއެވެ.
ކުޑަ ގޮތަކަށް ހެނދުނުގެ ސައި ބުއިމަށްފަހު ޒިހާންގެ އެދުމުގެ މަތިން އަނެއްކާވެސް ޔުނާ ނިދަން އޮށޯތެވެ. ޔުނާއަށް އަނެއްކާވެސް ނިދާލެވުމުން ޒިހާން ކެތްމަދުވެފައިވާ ހިތަކާއެކީ ވޯޑުން ބޭރަށް ގޮސް ފޯނު ނަގައި އޭނައާއެކީ މަސައްކަތް ކުރާ ކުއްޖަކަށް ގުޅައިލަން ޚިޔާލުކުރިއެވެ. އެހެނަސް ނަންބަރަކަށް ފިތާލެވުމުގެ ކުރިން ޝިއުސް އޭނައަށް ގުޅަން ފެށުމުން ކޯލް ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސައިލެވުނެވެ.
"ސަލާމް.... ކިހިނެއްތަ ހުރިހާ ކަމެއް ޝިއުސް؟" ޒިހާނަށް އަވަސްއަވަހަށް އަހައިލެވުނެވެ.
"ޒިހާން..... ވައިފް ރަނގަޅުތަ މިހާރު؟ ވަރަށް މަސައްކަތް ކުރިން ޒިހާނަށް މި ޙާލަތުގަ ނުގުޅައިވޭތޯ އެކަމަކު އުތުރުގެ ރަށްތަކުގެ ކަނޑުމަތިން އެމީހުން ދާދި ދެންމެއަކު ޙަމަލާތައް ދޭން ފަށައިފި. އަހަރުމެން ސެޓްލްވެގެން ތިބި ތަން ނޫން އެހެން ތަނަކުންނޯ އެމީހުން ޙަމަލާތައް ދޭން ފެށީވެސް. މިއަދުގެ ވަގުތެއްގަ މާލެ ތެރެއިން ވެސް ޙަމަލާތައް އަންނާނެކަމަށް ލަފާ ކުރެވޭ. ޔޫ ނީޑް ޓު ބީ ހިއާރ ޒިހާން....." ޝިއުސް ދެއްކި ވާހަކަތަކުން ޒިހާންގެ ހުރިހާ ޙިއްސެއް ހޭލިއެވެ. އޭނަ ވަގުތުން މި އަންނަނީ ކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.
ފޯނު ކަނޑައިލި ތަނާހެން އޭނަގެ ފޯނަށް ޖިނާހުގެ ފަރާތުން މެސެޖުތަކެއް އައެވެ. އެ ދިގު މެސެޖުތަކުގައި ޖިނާހު ވަނީ އޭނައަށް އެނގިފައިވާ ގޮތުގައި އެ ހަމަލާތަކަކީ އޭނަގެ ބައްޕައާއި ބައްޕަގެ ބައިވެރިން ރާވާފައިވާ ރޭވުންތައްކަމަށް ބުނެފައެވެ. މީގެ އިތުރުން ޖިނާހު އެ ރޭވުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އެދުވަހަށް ރާވާފައިވާ ކަންތައްތަކެވެ. އެ ހުރިހާ ވާހަކައަކަށްފަހު ޒުބީންގެ ވާހަކަވެސް ޖިނާހު ކިޔައިދީފައިވެއެވެ. ޔަޒްދާންގެ ޙަޤީޤަތް ޒުބީނަށް ކިޔައިދީފައިވާ ވާހަކައާއި، އެއިން ޒުބީނަށް ބަދަލެއް އައިހެން ހީވިޔަސް އަދިވެސް އޭނައަށް ބަރޯސާ ނުކުރެވޭ ވާހަކައެވެ.
މެސެޖުތައް ކިޔައި ނިންމުމަށްފަހު ޒިހާނަށް ކުއްލި ގޮތަކަށް ފަސްއެނބުރި ވޯޑުގެ ދޮރާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. ޔުނާއާއިމެދު ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ އެ ދޮރު ހުޅުވައިލަމުން ވޯޑުގެ ތެރެއަށް ވަދެގެން ދެވުނެވެ. ލޯ މެރިފައި އޮތް ޔުނާ ފެނިފައި ޒިހާން ޔުނާ ދޫކޮށްފައި ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެހެނަސް އެހެން ގޮތެއް ނެތްކަން ދަނެގެން ޒިހާން ދުރުގައި ބޭއްވިފައި އޮތް ޔުނާގެ އަތްދަބަހުގެ ތެރެއިން ނޯޓް ފޮތަކާއި ގަލަމެއް ނެގިއެވެ. އެއަށްފަހު އެ ފޮތުގެ ގަނޑެއްގައި މެސެޖެއް ލިޔުމަށްފަހު ގަނޑު ފޮތާއި ވަކި ކޮށްލަމުން ގޮސް އެ ގަނޑު ޔުނާ އޮށޯވެ އޮތް ބާލީހުގެ ކައިރީގައި ބޭއްވިއެވެ. އަދި ފަހު ފަހަރަށް ޔުނާގެ ނިތަށް ބޮސްދިނީ އޭނަ ނުހަނު އަވަހަށް އަންނާނެ ކަމަށް ހިތާހިތުން ވަޢުދުވަމުންނެވެ.
ޔުނާގެ ރައްކާތެރިކަމަށްޓަކައި ޒިހާން އެޅި ހަމައެކަނި ފިޔަވަޅަކީ އެ ނޯޓުކޮޅެއް ނޫނެވެ. ވޯޑުން ނިކުމެގެން ދިޔަ މަގުމަތީގައި އެ ދުވަހަށް ޔުނާގެ ކަންތައް ބަލަން ހަމަޖެހިފައިވާ ނަރުސް ކުއްޖާއާއި ދިމާވުމުން ޒިހާން އެ ކުއްޖާއާއި ވެސް ވާހަކަ ދެއްކިއެވެ.
"އަޅުގަނޑު މިދަނީ ޑިއުޓީއަށް.... އެހެންވީމަ އަޅުގަނޑުގެ އަންހެނުން ރަނގަޅަށް ބަލައިދެއްޗޭ. މިކޮޅުގަ ނުއުޅޭނެ އަޅުގަނޑުގެ އަންހެނުންނާއި ބައްދަލުކުރަން އަންނާނެ ތިމާގެ ބަޔަކު. އެހެންވީމަ އެއްވެސް މީހަކު އަޔަސް ވޯޑަށް ވަނުމުގެ އިޒުނަ ނުދިނުން އެދެން. އަދި އަންހެނުން އެދުނަސް ޓީވީ ނުހުޅުވުން އެދެން. ހައިޕާރޓެންޝަންގެ ކޭސްއެއްގަ ގެނެވުނީމަ މިއަދު ޓީވީއިން ފެންނާނެ ޚަބަރުތަކުން އަންހެނުންގެ ޙާލަތު ގޯސްވެދާނެތީ...." ޒިހާން ބުންޏެވެ.
ނަރުސްކުއްޖާ ހިނިތުންވުމަކާއެކީ ޒިހާންގެ ހުރިހާ އެދުންތަކަށް އެއްބަސްވުމުން ޒިހާން އަވަސް ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތީ ތަސައްލީއެއް ލިބިފައިވާ ހިތަކާއި އެކީގައެވެ. އޭނައަށް ނޭނގުނުކަމަކީ ޔުނާއަށް މިފަހަރު ޙަމަލާއެއް ލިބެން އުޅެނީ އޭނަ ހީވެސް ނުކުރާ ފަދައަކުން ކަމެވެ.
**
ވިލިނގިލީގައި އިވުނު ބަޑީގެ އަޑާއިއެކީ މުޅި ޤައުމަށް ކުއްލި ޙާލަތު އިޢުލާން ކުރެވިގެން ގޮސްފައިވެއެވެ. ޤައުމަށް ޢުދުވާނީ ޙަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމުގައި ތިއްބާ މިއަދު ފަތިހު އުތުރުގެ ކަނޑުމަތިން ލަންކާގެ ބައެއްގެ ފަރާތުން ދިވެހި ސިފައިންނަށް ޙަމަލާތައް ލިބެން ފެށުމުން އެ ބިރުވެރިކަން ދެގުނަ ވެގެން ދިޔައެވެ. އެ ޙަމަލާތަކުގެ ތެރެއިން ސިފައިންގެ އިތުރުން ޙަމަލާތައް ދެވެން ފެށި ޞަރަޙައްދުގައި ހުރި ރަށްތަކުގެ ޢާއްމުން ވެސް ޒަޚަމްވެގެން ދިޔައެވެ. ދޮޅު ގަޑިއިރެއް ވަންދެން ދިގު ދެމިގެން ދިޔަ އެ ހަނގުރާމަ ނިމުމަކަށް އައީ ދިވެހި ސިފައިންގެ ކަނޑުމަތީ އުޅަނދުތައް އައިސް ލަންކާގެ އެ ބޯޓު ވަށައިލުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެދުވަހުގެ ހެނދުނު އަލިވިލުނީ ލަންކާގެ ލަޝްކަރެއްގެ މައްޗަށް ދިވެހި ސިފައިން އަތްގަދަ ކުރި ކަމުގެ އުފާވެރި ޚަބަރުންނެވެ.
އެދުވަހު ހެނދުނު 9 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޖިނާހު އޭނަގެ ތަނަވަސް ކޮޓަރީގެ ރީތިވާ މޭޒު ކައިރީގައި ހުރިއިރު ވެސް ކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވި ޓީވީއިން އިވެމުން ދިޔައީ އެ ޚަބަރެވެ. ކަޅުކުލައިގެ ގަމީހަކާއި ކޯޓެއް ލައިގެން ހުރެ އަތުކުރީގައި ގަޑި އަޅުވަމުން ދިޔައިރު ޖިނާހުގެ މޫނުމަތީގައިވީ ސީރިއަސްކަމެވެ. ގަޑި އަޅުވައި ނިމުނު ވަގުތު ޖިނާހުގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ އެ ކޮޓަރީގެ ދޮރު ހުޅުވައިލި މީހަކު މޫނުބަލާ ލޯގަނޑުން ފެނުމުންނެވެ. އެއީ ހިނިތުންވުމެއްގައި ހުރި ލަބީބް ނޫން ދެވަނަ މީހެއް ނޫނެވެ.
"ދިވެހި ސިފައިންނަށް ނަޞްރު ލިބުނީއޯ.... މި މީހުންނަކަށް ނޭނގޭ މިއީ އަދި ކިރިޔާ ފެށުންކަމެއް. ހެހެ...." ލަބީބް ކޮޓަރީގެ ތެރެއަށް ވަންނަމުން އެހެން ބުނެ ހީލީ ނުލަފާ ހީލުމަކުންނެވެ. އެއިން ޖިނާހުގެ ނުރުހުންތެރިކަން ދެގުނަވިއެއްކަމަކު ޖިނާހު އެކަން މޫނުމަތިން ނުދެއްކި ތާނގައި އެއްޗެކޭ ވެސް ނުބުންޏެވެ.
ޖިނާހު ވަކި އެއްޗެކޭ ނުބުނެ ދިޔުމަށްޓަކައި ފަސްއެނބުރިލީ ވަގުތު ލަބީބް އޭނަގެ ކުރިމައްޗަށް އަރައި ކޮނޑުގައި ހިފައިލީ ޖިނާހާއިމެދު ފަޚުރުވެރިވާ ފަދައަކުންނެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާގެ ޚިތާބަށްފަހު މަގޭ ދަރީގެ ކޮންފަރެންސެއް ހުރިހާ ޗެނަލަކުން ލައިވް ކުރެވޭނެ ވާހަކަ އަޑުއެހިން.... ކީއްކުރަން ބާއްވާ ކަމެއްކަން ނޭނގުނަސް ހަމަ ރަނގަޅުކަމެއް ތި ކުރަނީ. އަމިއްލައަށް ވެސް ރައީސްގެ މަޤާމް ފުރުވިދާނެކަން އެންމެންނަށް ދައްކާލައްޗޭ. ބައްޕައަށްފަހު އެ މަޤާމް ފުރުވާނީ ޖިނާހު ވިއްޔާ. މިހާރު މި ހުރި ރައީސްއަށް ވުރެ ވެސް ބޮޑަށް މަޖިލިސް މެންބަރު ޖިނާހު ރައްޔިތުންނާއި އަޅާލާކަން ދައްކާލައްޗޭ.... އޭރުން މި ދުވަސްވެގެން ދާނީ ޖިނާހުގެ ކެރިއާރއަށް ވަރަށް ބޮޑެތި ބަދަލުތައް ގެނުވާނެ ދުވަހަކަށް." ލަބީބް އުއްމީދީ ގޮތަކަށް ބުނެލިއެވެ. އެއާއެކު ޖިނާހު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
"ހަމަ އަސްލުވެސް ބައްޕާ.... މި ދުވަސްވެގެން ދާނީ އަހަރެންގެ ކެރިއާރއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ދުވަހަކަށް." ޖިނާހު ސާބިތުކަމާއެކީ ބުނެލިއެވެ. އެއަށްފަހު ލަބީބަށް ފަސްދީފައި ދާން ހިނގައިގަތުމުން ލަބީބްގެ މޫނުމަތީގައިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ. ޖިނާހު ކޮޓަރީގެ ދޮރާއި ހަމައަށް ދިޔަ ވަގުތު އަނެއްކާވެސް ލަބީބްގެ އަޑު އިވުމުން ޖިނާހުގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
"މިހެންވެ އާ ކައިވެންޏަށްފަހު ވެސް އަހަރެން ޖިނާހު ކޮންމެހެން ވެސް ކައިރީގަ ބެހެއްޓީ. އެނގޭ ޖިނާހުގެ ފަރާތުން އަހަންނަށް ވެސް ކުރިއެރުންތައް ލިބޭނެކަން. ތިއީ މަ ފަޚުރުވެރިވާ ދަރިއަށްވީމަ...." ލަބީބް ބުންޏެވެ. އެ ބަސްތައް އިވިގެން ދިޔަ ޖިނާހުގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވެގެން ދިޔައެވެ. އެ ވާހަކަ ދައްކަމުން ދިޔަ މީހަކު އޭނަގެ މަންމައާއި ލޫލޫއަށް ހެދިގޮތް ހަނދާންވެގެން ދިޔަދިޔަހެން ޖިނާހަށް ޚިޔާލުތަކުގެ ތެރެއިން ފަސްއެނބުރި ލަބީބާއި ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް ޖިނާހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ގޮށްމުއްކަވާލިއެވެ. އަދި ލަބީބަށް ބަލައިލުމެއްނެތި ދާންފެށިއެވެ.
**
އެދުވަހުގެ އެ ވަގުތު ޔުނާގެ ވޯޑް ހުރި ސަރައްކާލިން ހިނގާފައި ދިޔައީ ފަތިހު ޒިހާން ވާހަކަ ދެއްކި ނަރުސްކުއްޖާ ނޫން އެހެން ނަރުސް ކުއްޖެކެވެ. އެ ކުއްޖާ ހިނގާފައި ދިޔައިރު އަތުގައި ދަގަނޑު ތަށިގަނޑެއްވިއެވެ. އެ ތަށިގަނޑުގައި އޮތީ އައިވީ ފުޅިއަކާއި އިންޖެކްޝަނެކެވެ.
ނަރުސްކުއްޖާ ގޮސް ވޯޑަށް ވަންއިރު ވެސް ޔުނާ އޮތީ ނިދިފައެވެ. ނަރުސްކުއްޖާ ހިސާބެއްގެ ނުތަނަވަސްކަމާއެކީ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ގޮސް އޭނަ ގެނައި ތަށިގަނޑު އަރިމަތީ މޭޒުމަތީގައި ބެހެއްޓިއެވެ. އެތަނުން ޔުނާގެ ބޭސްކޮތަޅު ފެނިފައި ދެވިފައި ހުރި ބޭސްތަކަށް ވެސް ބަލައިލިއެވެ. ބޭސްތަކުގެ ތެރޭގައި ބަލިމީހާގެ ޙާލަތަށް ބެލުމަށްފަހު ނިދޭ ޒާތެއްގެ ބޭހެއްވެސް ދެވިފައިވާކަން ނަރުސްކުއްޖާއަށް ފާހަގަވިއެވެ. އެއާއިއެކު އޭނަ ކުރަން އައި ކަންތައް އޭނައަށް ފަސޭހަވާނެކަން ނަރުސްކުއްޖާއަށް އެނގުނެވެ. އެހެންކަމުން އަވަސް އަވަހަށް އައިވީ ފުޅި ނަގައި އޭތި ޔުނާގެ އަތާއި ގުޅުމުގެ މަސައްކަތް ފެށިއެވެ. އައިވީގެ ކަށި ކޮއްޕައިލެވުނު ވަގުތު ޔުނާގެ މެރިފައިވާ ލޮލަށް ބާރުވިއެއްކަމަކު ޔުނާ ލޯ ހުޅުވައެއްނުލިއެވެ. އެހެންކަމުން ނަރުސްކުއްޖާ ކުރަން އައި ކަންތައް މެދުކެނޑުމެއްނެތި ކުރެވުނެވެ. އައިވީ ގުޅައިލުމަށްފަހު ގެނައި އިންޖެކްޝަން އެ އައިވީއަށް އަޅައިލުމަށްފަހު އޭނަ ގެނައި ހުރިހާ އެއްޗަކާއެކީ ވޯޑުން ބޭރަށް ނިކުތެވެ. އަދި އޭނަ ގާތު އެކަން ކުރަން އެންގި މީހަކަށް ގުޅައި އެކަން ނިމިއްޖެކަމަށް ބުންޏެވެ.
**
9 ޖަހައި ބޮޑުވަމުން ދިޔަ ވަގުތު ޒިހާން އިނީ ކޯސްޓް ގާޑްގެ ބޮޑު އުޅަނދެއްގައެވެ. އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލޭ ކަނޑުންނެވެ. އުތުރުން އަމާޒުވި ޙަމަލާތަކަށް ނިމުމެއް އައިސްފައިވިޔަސް ޒިހާންގެ ބެލުމުގެ ދަށުން އެހެން ޓީމެއް މާލެ ޞަރަޙައްދުގައި އުޅެނީ ޖިނާހު އޭނަ ގާތުގައި ބުނެފައިވާ އެއްޗެއްގެ ސަބަބުންނެވެ.
"އުތުރުން އެ އެޓޭކް ކުރީ ޑިސްޓްރެކްޓް ކުރަން ވެގެން. މިއަދު ހެނދުނު އަދި މާލޭ ކަނޑުން ޢާއްމުން ދަތުރުކުރާ ބޯޓެއްގެ ތެރެއިން މާރާމާރީއެއް ހިނގާނެ. އޭގައި ހުންނާނެ މި ރޭވުމުގައި އިސްކޮށް އުޅޭ އެކަކާއި އޭނަގެ ބައިގަނޑެއް. އެމީހުން އަތުގަ ހަތިޔާރުތައް ވެސް ހުންނާނެ. އެ ބޯޓުގަ ހުންނަ މީހާ ހައްޔަރު ކުރެވިއްޖެއްޔާ ވަރަށް ބޮޑުބައި ކާމިޔާބު އެ ކުރެވުނީ. ދެން ތިބި މީހުންގެ ކަންތައް ހަމައަކަށް އެޅޭނެ އަހަރެންގެ ރޭވުމުން...."
ޒިހާން ކޯސްޓް ގާޑް ދުއްވަން އިން ކޯޕްރަލްގެ ކައިރީގައި އިނދެގެން އެ މެސެޖާއި މެދު ވިސްނިއެވެ. ބޯޓުގެ ތެރެއިން ހިންގޭ މާރާމާރީއާއި އެކީ އެ ބައިގަނޑުގެ އަތުގައި ހަތިޔާރުތައް ހުންނާނެ ވާހަކަ އިވުމުން ޒިހާންގެ ހަނދާނަށް އައީ އެހެން ދުވަހެކެވެ. މީގެ 3 އަހަރު ކުރިން އޭނަ ޔަޒްދާންބެއާއި އެކީ ހިންގި އޮޕަރޭޝަނެވެ. އެ އޮޕަރޭޝަންގައި ނުބައި މީހުންގެ ބޮޑު މީހަކަށް ހުރީ ކާކުކަން ހަނދާންވުމުން ޒިހާންގެ މެއަށް ގޮތެއްވިއެވެ. އެ ފަހަރު ޒިހާން އެމީހަކާއި ކުރިމަތިލާންޖެހުނު ވަގުތު ޔަޒްދާންބެ އޭނަގެ ޙާލަތް އެނގިގެން ކުރިމައްޗަށް އަރައި އެ މުޖުރިމް ހައްޔަރު ކުރީއެވެ. މިއަދު އޭނަ ޖެހޭނީ އަމިއްލައަށް އޭނައާއި ކުރިމަތިލާންކަން އެނގުންވީ ހިނދު ނުތަނަވަސްވިއެއްކަމަކު ޒިހާން ހިތްވަރުކުރިއެވެ. އޭނައަށް ވާގިދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. އަދި ކުރިމައްޗަށް ނަޒަރެއް ދެވުނީ އެމީހުން ހޯދަމުން ދާ އުޅަނދު ފެނޭތޯއެވެ. އެހެނަސް ދުރުދުރުން ވެސް އެ އުޅަނދު ފެންނަން ނެތުމުން ޒިހާނަށް ޑޭޝްބޯޑް މަތީގައި އޮތް އޭނަގެ ފޯނު ނަގައި ބަލައިލެވުނެވެ. އެއްވެސް މެސެޖެއް އައިސްފައި ނެތުމުން ޔުނާއަށް އަދި ހޭނުލެވެނީބާއޭ ހިތަށްއެރިއެވެ. ހަމަ އާއިއެކު ޔުނާގެ ރައްކާތެރިކަމަށްޓަކައި ވެސް ދުޢާ ކުރެވުނެވެ.
**
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ނިމިވަޑައިގަތުމަށްފަހު ހުރިހާ ނޫސްވެރިންގެ މިޞްރަބުހުރީ ޖިނާހުގެ ކެމްޕެއިން އޮފީހާއި ދިމާލަށެވެ. މުޅި ރާއްޖޭގެ ވަށައިގެން ޓީވީ ބަލަން ތިބި އެންމެން ވެސް ޓީވީ ނިވާލުމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ޖިނާހު މުޅި ޤައުމާއި މުޚާތަބުކޮށް ދައްކަން އުޅޭ ވާހަކައެއް ބެލުމަށެވެ. ގިނަ މީހުން ޖިނާހުގެ ދެއްކުންތެރިކަމާއިމެދު ފާޑު ކިޔަމުން ދިޔައިރު އަނެއްބައި މީހުން ހަމަ ޙަޤީޤަތުގައިވެސް އޭނަ ދައްކަން އުޅޭ ވާހަކައަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
"މީނަ ދައްކަން މިއުޅެނީ ކޮން ވާހަކައެއްބާ މިއޮތް ދުވަހެއްގަ. އިންތިޚާބުވެސް ނިމި އޭނަ މޮޅުވެސް ވެއްޖެ ގައިމު...." އެ ވާހަކަ ބުނެލީ ސިޓިންގް ރޫމުގެ ސޯފާގައި އިން ޒައިނާއެވެ. އޭރު ދެން ވަގުތުން ދެއްކެން އުޅެނީ ކޮން ޕްރޮގްރާމެއްކަން ސްކްރީނަށް އަރުވާލެވިފައިވިއެވެ.
"މަށަށް ހެޔޮ އޭނަ ކޮންމެ ވާހަކައެއް ދެއްކިޔަސް..... ޒިހާން އެ ޙަމަލާތަކުގެ ތެރެއަށް ވަންނަން ނުޖެހި އެ ކަންތައް ނިމުނީމަ ހިތްހަމަޖެހިއްޖެ. އަލްޙަމްދުލި ﷲ..." ޝަކީލާވެސް ނުރުހުންތެރި ޒާތަކަށް ޖިނާހުގެ ވާހަކަ ދެއްކީ، ޒައިނާ ފަދައިން ޝަކީލާއަށް ވެސް ޖިނާހު އެނގިފައިވަނީ ލޫލޫގެ ދުލުން ކަމަށް ވުމުންނެވެ.
އެ ދެމީހުން އެ ވާހަކަ ދެއްކިއިރު ލޫލޫވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ސީރިއަސް ނަޒަރެއްގައި ވަކިން ހުރި ސޯފާގައި އިނެވެ. ޒައިނާ އެ ފެށުނީއޭ ބުނި އަޑަށް ލޫލޫއަށް އިސްއުފުލައި ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު މޭޒެއްގެ ކައިރީގައި އިށީނދެގެން އިން އޭނަގެ ބޭބެ ފެނިފައި ލޫލޫ ފަޅި ސިކުންތަކަށް އުފާވިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި ދުރަށް ނަޒަރު ހިންގައި ކޮޅަށް ތެދުވެލެވުނެވެ. ލޫލޫ ހިނގައިގަތްތާ މާ ގިނައިރެއްނުވެ ޖިނާހުގެ އަޑު އިވުނެވެ.
"އައްސަލާމްޢަލައިކުމް. ހުރިހާ ބޭފުޅުން އަޅުގަނޑުގެ ދަޢުވަތު ޤަބޫލު ކުރައްވައި ވަޑައިގެންނެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި ކޮންފަރެންސް ލައިވް ކުރުމަށްޓަކައި އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވި ހުރިހާ ޗެނަލްތަކަށް ވެސް ޝުކުރު ދަންނަވަން. އާދެ މިއަދު އަޅުގަނޑު މި ކޮންފަރެންސް މި ބާއްވަނީ މުޅި ޤައުމަށް އެނގެންޖެހޭ ވަރަށް މުހިއްމު ސިއްރުތަކެއް ޢާއްމުކުރަންވެގެން. މިގޮތަށް މި ޙަޤީޤަތްތައް ފާޅުނުކޮށްފިނަމަ ޕާޓީގެ ދަޅައިގައި ޖެހިގެން ބައެއް ރައްޔިތުން ގޯސް މީހަކު ރަނގަޅު މީހެއްގެ ގޮތުގައި ދެކެމުން ގޮސްފާނެތީ މިގޮތް މި ޚިޔާރުކުރީ. ހުރިހާ ރައްޔިތުންވެސް މި ޙަޤީޤަތް އަޑުއަހަން ތައްޔާރުކަމަށް އުއްމީދުކުރަން. އަޅުގަނޑު ހެކިތަކާއެކީ ފާޅުކުރަން މިއުޅެނީ މިއަދު ދިމާވި ޙާދިސާގެ ފަހަތުގައިވަނީ ކާކުކަން....." ޖިނާހު ބުނެލި ވާހަކައިން ޒައިނާއާއި ޝަކީލާގެ ވެސް ދެލޯ ބޮޑުވީ ހިނދު ލޫލޫ ވެސް ހުރިތާ ހުއްޓުން އަރާ ގޮތްވިއެވެ.
ޖިނާހުގެ އެ ބަސްތައް ލަބީބަށް އިވިގެން ދިޔައީ ކާ މޭޒުދޮށުގައި ޖޫސްތަށްޓެއް ބޯން އިންދައެވެ. ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން އޭނަ ކޮށި އަރާ ގޮތްވިއެވެ.
**
ހޮސްޕިޓަލުގައި އޮތް ޔުނާއަށް ހޭލެވޭ ގޮތްވީ އުނދަގުލާއި އެކީގައެވެ. ލޯ ބޮޑުކޮށް ހުޅުވަން އުޅެނެއްކަމަކު ހުޅުވައިލެވުނީ ހަނި ގޮތަކަށެވެ. އެހިނދު ހަށިގަނޑުގައި އިންތިހާ ދަރަޖައިގެ ވަރުބަލިކަމެއް ވިއެވެ.
ޔުނާ ގަދަކަމުން ކަހަލަ ގޮތަކަށް އެސްފިޔަ ޖަހައި އޭނަގެ ލޯ ރަނގަޅަށް ހުޅުވައިލަމުން ވޯޑުގެ ވަށައި ނަޒަރެއް ދިނީ ޒިހާން ފެނޭތޯއެވެ. އެތާނގައި އެއްވެސް މީހަކު ފެންނަން ނެތުމުން ޔުނާ ހިތްވަރުކޮށްލަމުން ތެދުވަން މަސައްކަތް ކުރިއެވެ. ރަނގަޅަށް ތެދުވެ ހެޑްބޯޑަށް ލެނގިލީ ވަގުތު ބަނޑުގައި ރިހުމެއް އުފެދިގެން ދިޔަ ގޮތުން ޔުނާއަށް ބަނޑުގައި އެއްއަތް އަޅާލެވުނެވެ. އޭނަގެ އެ އަތުގައި އައިވީއެއް ގުޅާލެވިފައިވިކަން ޔުނާއަށް އެނގުނީ އެ ވަގުތެވެ. ނިދިފައި އޮތްވާ އައިވީ ވެސް ގުޅާލެވުނީތާއޭ ހިތައި ޔުނާ ދެންވެސް ވާތްފަރާތަށް ނަޒަރެއް ދިން ހިނދު ބާލީސް ކައިރީގައި އޮތް ގަނޑުކޮޅު ފެނުނެވެ. ލިޔުން ފެނުމާއެކު އެއީ ކާކުގެ ލިޔުމެއްކަން އެނގުމުން ޔުނާ އެ ގަނޑު ނަގައި ކިޔައިލިއެވެ.
"ގުޑް މޯނިންގް ލޯބި.... އަންފޯޗުނޭޓްލީ ޔުނޫއަށް ހޭލެވޭއިރު އަހަންނަށް ނުހުރެވޭނެ. އާރޖެންޓްކޮށް ޑިއުޓީއަށް ދާންޖެހުނީމަ އިނގޭ. އައި ޕްރޯމިސް މާ ބޮޑު ކަމެއް ނުވޭ. އަހަންނާއިމެދު ކެއާރ ކުރަން ބޭނުމިއްޔާ މާ ބޮޑަށް ފިކުރު ނުކުރައްޗޭ. ނޭނގޭ ނަންބަރަކުން ގުޅިޔަސް ފޯނު ނުނަގާތި ރޭގަވެސް ބުނިހެން. ޓޭކް ކެއަރ އޮފް ޔުއާރސެލްފް އެންޑް ގެޓް ބެޓާ ސޫން. މިރޭ އަންނާނަން ޔުނޫ ކައިރިއަށް އިން ޝާ ﷲ. ލަވް ޔޫ އިނގޭ!"
ގަނޑުކޮޅުގައި ލިޔެވިފައިވީ އެހެންނެވެ. އެހެނަސް އެއިން ޔުނާއަށް ތަސައްލީއެއް ލިބުނު ހެންނެއް އެ މޫނުމަތިން ހިއެއްނުވެއެވެ.
ޔުނާ ބަލަން އެދުވަހު ހަމަޖެހިފައި ހުރި ނަރުސް ކުއްޖާ ވޯޑަށް ވަދެގެން އައީ އެވަގުތެވެ.
"މިހާރު މޭމްގެ ޙާލަތު ރަނގަޅުތޯ؟ މޭމްގެ ހަޒްބެންޑް ދިޔައީ ޑިއުޓީއަށް. އަޅުގަނޑު ގާތު ދެންނެވީ މޭމް ވަރަށް ރަނގަޅަށް ބަލައިދިނުމަށް...." ނަރުސްކުއްޖާ ހިނިތުންވުމަކާއެކީ އެހެން ބުނެލީ ކުޑަދޮރުތަކުގެ ފަރުދާތައް ކަހަމުންނެވެ.
"ލައްބަ ރަނގަޅު.... އަޅުގަނޑަށްޓަކައި ޓީވީ ހުޅުވާލަދެވިދާނެތޯ؟" ޔުނާއަށް އެހެން ބުނެލެވުނީ ޓީވީ ރިމޯޓް އޭނައަށް ފެންނަ ހިސާބުގައި ނެތުމުންނެވެ.
"މޭމްގެ ހަޒްބެންޑް އެދުނީ މޭމްއަށް ޓީވީ ހުޅުވާލަ ނުދިނުމަށް.... އެހެންނޫނަސް އަޅުގަނޑު މޭމްއަށް ކިޔައިދީފާނަން މިހާރު ވާގޮތް. މިއަދު ފަތިހު އުތުރު ފަރާތުން ލަންކާގެ ބައެއްގެ ޙަމަލާތައް އައީ. އެކަމަކު ދިވެހި ސިފައިން ނުހަނު ފަސޭހައިން އެމީހުންގެ މައްޗަށް ކާމިޔާބު ހޯދައިފި. އެކަމާއި ގުޅިގެން ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި މުޚާތަބުވެސް ކުރައްވައިފި...." ނަރުސްކުއްޖާ އެ ވާހަކަ ދައްކަމުން ޔުނާގެ ކައިރިއަށް ދިޔަދިޔަހެން ޔުނާގެ އަތާއި ގުޅިފައިވި އައިވީ ފާހަގަވުމުން އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ
"އަސްލުވެސްތަ؟ އެހެންވީމަ މި ހިސާބުގަނޑުން ޙަމަލާތަކެއް ދެން ނުއެއް އަންނާނެދޯ؟" ޔުނާ އުއްމީދީ ގޮތަކަށް އެހިއެވެ. އެހިނދު ނަރުސްކުއްޖާ ޔުނާގެ ކައިރިއަށް އައިސް އައިވީގެ ލޭބަލް ބަލަނީއެވެ. އެއީ ހަމަ އާދައިގެ އައީވީއެއްގެ ލޭބަލެކެވެ.
"ލައްބަ މޭމް..... މޭމް ކާކުތޯ މޭމް އަތުގައި މި އައިވީ ގުޅާލަދިނީ؟" ނަރުސްކުއްޖާ އެހިއެވެ.
"ނޭނގެ.... ހޭލެވުނުއިރު ހުރީ ގުޅާލެވިފަ..." ޔުނާ ބުންޏެވެ.
"އެހެންތޯ؟ އަޅުގަނޑު އަދި ބޭރަށް ގޮއްސަ ޑޮކްޓާރ ކައިރިން އަހައިލާނަން އިނގޭތޯ؟" ނަރުސްކުއްޖާ އެހެން ބުނެލަމުން ބޭރަށް ދާން ހިނގައިގަތެވެ.
"މިކޮޅަށް ދެން ޙަމަލާތަކެއް ނާންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިތޯ؟" ޔުނާ އަވަސްވެފައިވާ ހިތަކާއެކީ ސުވާލުކުރިއެވެ
"ލައްބަ.... އަޅުގަނޑު މި އަންނަނީ އިނގޭތޯ..." ނަރުސްކުއްޖާ އެހެން ބުނެލީ މާ ބޮޑު ވިސްނުމެއްނެތިއެވެ. އެކުއްޖާ އެހެން ކަމަކާއި މެދު ކަންބޮޑުވެފައިވުމުންނެވެ. އެކަން ޔުނާއަށް އެނގުނެއްކަމަކު އޭނަ ނަރުސްކުއްޖާގެ ބަސް ޤަބޫލުކުރަން ބޭނުންވިއެވެ. ޒިހާން އެއްވެސް ނުރައްކަލެއްގެ ތެރޭގައި ނުވާ ކަމަށް ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ހިތް ބުނަމުން ދިޔައީ އޭގެ އިދިކޮޅަށެވެ. ކޮންމެވެސް ނުބައެއް ވާން އުޅޭ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ކަންބޮޑުވުމެއްގެ ތެރެއަށް ޔުނާ ގެނބެން އުޅެނިކޮށް އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނަށް މެސެޖެއް އައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ