އުރީދޫ މޯލްޑިވްސްއިން މާލެއަށް 5ޖީ ހިދުމަތް ތައާރަފުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗުކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
އެ ރަސްމިއްޔާތުގައި އުރީދޫއިން ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާ ފައިބާ ދިހަ ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފުކޮށްފައެވެ. އެ ހިދުމަތް ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މި ހިދުމަތާއެކު އިންޓަނެޓް އަދި ސެލިއުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަކަމާއި އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ 5ޖީ ހިދުމަތަކީ ކޮމާޝަލީ ބޭނުންކުރެވޭ ގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ. އެ ހިދުމަތް މާލޭގެ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓާތަކާއި އާއްމު ތަންތަން ހިމެނޭހެން މާލޭގެ ބޮޑު ސަރަހައްދަކަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކޮވިޑުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވި ކަމަށާއި އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމަށެވެ.
"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދެމިތިބެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވައިލަދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނަޖީބް ހާން ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ، ގައުމުގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް އިންޓަނެޓުގެ ހިދުމަތުގެ މުހިންމުކަން މިއަދު މިވަނީ އެތައް ގުނައަކަށް އިތުރުވެފައި ކަމަށާއި 5ޖީ ޓެކްނޮލޮޖީ އާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަވެ، މުޖުތަމައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
5ޖީގެ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައް ގުނައަކަށް ކުޑަވެގެން ދާނެއެވެ. އުރީދޫއާއި މުޅި ދުނިޔެއަށްވެސް އިންގިލާބެއް ގެނެސްދިން 5ޖީ ނެޓްވޯކް، މުޅިން އަލަށް ގަތަރުގައި ތައާރަފުކުރެވުނީ 2018 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު