ޕްރޮފައިލް ރިޕޯޓް

އާރާ: އުމުރުން ހަގު އެކަމަކު ދޮށީ ޗެމްޕިއަން! (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

އާރާގެ ވީޑިއޯ ރިޕޯޓް

އުމުރުން އެންމެ 12 އަހަރުގެ އާރާ އާސާލް އާޒިމަކީ ތަފާތު ކުއްޖެކެވެ. އާރާއަކީ ޓެނިހުގެ ގައުމީ ޓީމް އެކުލަވައިލުމަށް މިއަހަރު އަލަށް ބޭއްވި ސެލެކްޝަންގެ އެއްވަނަ އެވެ. އާރާގެ އުމުރަށްވުރެ ޓެނިހުގެ ތަޖުރިބާ ބޮޑެތި ކުޅުންތެރިން ބަލިކޮށް ގައުމީ ޓީމަށް އެއްވަނައިގައި ހޮވުމަކީ ވަރަށް ވެސް ހިތްވަރެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާ ދެކޮޅަށް ކުޅުނު 11 މެޗުން މޮޅުވެ އޭނާ އެ މަގާމު ހޯދީ ބުރަ މަސައްކަތުންނެވެ. އާރާ ވަނީ އުމުރުން 16 އަހަރާއި 32 އަހަރާ ދެމެދުގެ ކުޅުންތެރިންނާއެކު ކުޅެ ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

"އެ ކުދިންގެ ޝޮޓްތައް ބާރު ކަމުން އަސްލު ޗެލެންޖކަށްވި. އާރާ ޖަހާ ޝޮޓުތަކަށްވުރެ ބާރަށް އެ ކުދިން ޖަހާ. ހަމަ ކުޅެގެން މޮޅުވީ. ދުވާލަކު ދެ މެޗް ކުޅެގެން މޮޅުވީ. އެއް ވަނައަށް އެރިދާނެ ކަމަކަށް ހިޔެއް ނުކުރަން އަސްލު. އެކަމަކު ވިން ވަމުން ދިޔަ ވަރަކުން ގައުމީ ޓީމަށް އަރާނެކަން ޔަގީންވި،" ގައުމީ ޓީމަށް އެއްވަނައިގައި ހޮވުނު ގޮތް ކިޔައިދެމުން އާރާ ބުންޏެވެ.

ގައުމީ ޓީމަށް އެއްވަނައިގައި އެރުމުގެ ސަބަބުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު އެންމެ 12 އަހަރުގެ އާރާއަށް ލިބިގެން ދާނެ އެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ކުޅުންތެރިންނާއެކު ކުޅެ ރާއްޖެއަށް ރީތިނަން ހޯދައިދޭން އާރާ ހުރީ ކެތްމަދުވެފަ އެވެ.

ކުރިން ބާސްކެޓް ކުޅެމުން އައި އާރާ ބުނިގޮތުގައި އޭނާ ޓެނިސް ކުޅެން ޝައުގުވެރިވީ މޭރީ ބްރައުންއަށް ކާން ގޮސް އުޅުމުގެ ތެރެއިން އެ ތަނުގެ ތިރީގައި ޓެނިސް ކުޅޭތަން ފެނިގެންނެވެ. އާރާ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓެނިސް ކުޅެންފެށިއިރު އޭނާގެ އުމުރަކީ އެންމެ އަށް އަހަރެވެ. ދެހާސް ސަތާރަވަނަ އަހަރު ޓްރެއިނިން ހެދުމަށް ފަހު އާރާ މުބާރާތްތަކުގައި ބައިވެރިވާން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އޭނާ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

"ނެޝަނަލް ޓީމަށް އެއްވަނައިގައި މިހާރު. އަދި ޗެމްޕިއަންޝިޕް ހުންނާނެ އަންޑާ 14 އާއި 12 އާ 10ގެ ވެސް ހޯދާފަ. މިދިޔަ އަހަރު ބަނގްލަދޭޝްގައި ބޭއްވި 12 އަހަރުން ދަށުގެ އައިޓީއެފް މުބާރާތުގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅުވެ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމުވެސް ލިބުނު،" ލިބިފައިވާ ކާމިޔާބީތައް އާރާ ކިޔައިދިނެވެ.

ރަސްމީކޮށް ޓެނިސް ކުޅެންފެށިތާ ތިން އަހަރުތެރޭގައި އުމުރުން ހަގު އާރާ ރާއްޖޭގެ އެއްވަނައަށް ހޮވުމުގެ ފަހަތުގައި ވަނީ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ އާއި ކޯޗްގެ އިތުރުން ޓެނިސް އެސޯސިއޭޝަންގެ މަސައްކަތާއި ހިތްވަރު ކަމަށް އާރާ ބުންޏެވެ. އާއިލާގެ ހަރަދުގައި އާރާ ވަނީ ޓެނިހުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ޓްރެއިނިންތަކެއް ވެސް ހަދައިފަ އެވެ.

"މާތް ﷲ އަށް ހަމްދު ކުރަން. ޕްރެކްޓިސްކޮށްފައި ބައްޕަމެން ބޭރު ގައުމުތަކަށް ގެންގޮސް ޕްރެކްޓިސް ކުރަން ފުރުސަތު ދިނީމައި އަސްލު އެހާ ކުރިއަށް ދެވުނީ. އަޅުގަނޑު ޓްރެއިނިން އަށް މެލޭޝިއާއަށާއި ބެންކޮކަށާއި ލަންކާއަށާއި ދުބާއީއަށް ވެސް ދިޔައިން،" އާރާ ބުންޏެވެ.

ސްކޫލް ބަންދުތަކުގައި އާރާ މުޅިންހެން މިހާރު އުޅެނީ ޓްރެއިނިން ހެދުމަށް ބޭރުގެ ގައުމުތަކުގަ އެވެ. އާރާގެ ބައްޕަ، އަދި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް މޫސާ އާޒިމް ވިދާޅުވިގޮތުގައި ޓްރެއިނިންތަކަށާއި އާރާގެ ޓެނިހުގެ ހުނަރު އިތުރު ކުރުމަށް މަހަކު 20،000ރ. އަންނަނީ ހަރަދު ކުރަމުންނެވެ.

"ޕްރައިވެޓް ކޯޗިން، ދެން އެކަޑެމީގެ ފީތައް. އަދި އިންޓަނޭޝަނަލް ޓްރެއިނިންތަކަށް ބޮޑު ހަރަދެއް ދޭ. އަޅުގަނޑުމެން ބޭނުން ވަނީ އާރާ ކުރިއަށް ދާން ބޭނުންވާ ހިސާބަށް ގެންގޮސްދޭން. އެކަން ކުރަން ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.

އާރާއަކީ އާޒިމް އާއި ބަދޫރާ އަބްދުލްސައްތާރުގެ އެންމެ ހަގު ދަރިފުޅެވެ. ދެން ވެސް އެއާއިލާގައި ހުންނަނީ އަންހެން ކުއްޖެކެވެ. އެ މުޅި އާއިލާގެ ވެސް އެންމެ ބޮޑު އެއް ހުވަފެނަކީ އާރާ ޓެނިހުގެ ތަރިއަކަށް ހެދުމެވެ.

ބިލަބޮންގް ސްކޫލްގެ ގްރޭޑް ހައެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އާރާއަކީ ކިޔެވުމަށް ވެސް އެހާމެ މޮޅު ކުއްޖެކެވެ. ކިޔެވުމަށް އިސްކަން ދެމުން ޓެނިހުގައި އޭނާ އެހާ ބޮޑު ކާމިޔާބީއެއް ހޯދީ ދުވާލަކު ދެ ގަޑިއަކު ގަވައިދުން ޓެނިސް ޕްރެކްޓިސް ކޮށްގެންނެވެ. އަދި ފިޓްނަސްއަށް ވެސް ހާއްސަ އިސްކަމެއް ދީ ހާއްސަ ޓްރެއިނަރެއްގެ ގާތުން އާރާ އަންނަނީ ތަމްރީންތައް ހަދަމުންނެވެ.

"ފަތިހު ހޭލާފައި އޮންނާނެ ޓެނިސް ސެޝަންއެއް. 8 ޖަހާއިރަށް ސްކޫލަށް ދަނީ. ދެން 2 ޖަހާއިރު ނިމޭނީ. ދެން ހަވީރު 5 ޖަހަންދެން ބޭނުން ކަމެއް ކުރަނީ. ބައެއް ފަހަރު ހޯމް ވޯކް ހަދަނީ. ދެން ހަވީރު ޓެނިސް ކުޅެލާފައި ރޭގަނޑު ޑިނާ ނަގައިގެން ނިދާނީ. އަދި ދެ ދުވަހުން އެއް ދުވަހު ޖެހޭނެ ހުޅުމާލެއަށްވެސް ފިޓްނެސް ޓްރެއިނިންއަށް ދާން،" އާއްމު ޝެޑިއުލް ކިޔައިދެމުން އާރާ ބުންޏެވެ.

ކޮވިޑް-19އާއެކު ގޭގައި ބަންދުވެގެން ތިބެން ޖެހުމާއެކުވެސް އާރާ ޕްރެކްޓިސް ދޫކޮށެއްނުލަ އެވެ. އެކިއެކި ވީޑިއޯ ބަލައިގެން ގޭގައި ވެސް އައީ ޕްރެކްޓިސް ކުރަމުންނެވެ.

އާރާ ގެ މިހާރުގެ ހުވަފެނަކީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބާއްވާ އައިޓީއެފް ޓޯނަމެންޓްގައި ވާދަ ކުރުމެވެ. އަދި މުސްތަގުބަލުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކުޅުންތެރިންނާއެކު މުބާރާތްތައް ކުޅެ ރާއްޖެއަށް ފަހުރުވެރި ވަނަތަތަކެއް ހޯދައިދިނުމަކީ އާރާގެ އެންމެ ބޮޑު ހުވަފެނެވެ.

އުމުރުން ކިތަންމެ ހަގު ނަމަވެސް މަސައްކަތް ކޮށްފިނަމަ ހުވަފެންތައް ހާސިލް ކުރެވިދާނެކަން އާރާ މިއަންނަނީ ސާބިތުކޮށްދެމުންނެވެ. އުމުރުން އެންމެ 12 އަހަރުގެ އާރާ އެއްވަނައިގައި ގައުމީ ޓީމަށް ހޮވިފައި އެވަނީ އޭނާއަށް ވުރެ މާ ތަޖުރިބާކާރު ކުޅުންތެރިން ބަލިކޮށްގެންނެވެ. އާރާގެ މިހާރުގެ އަމާޒަކީ ޓެނިހުގައި ރާއްޖެ ތަމްސީލް ކުރުމެވެ. "ވަން" އިން އެދެނީ އާރާގެ މި ހުވަފެން ތަކުގައި ހަގީގީ ކުލަޖެހުމެވެ. އިތުރު ކުރިއެރުމަށެވެ.