އައްޑޫގައި ދިރިއުޅޭ ކަމުގެ ލިޔުން ފޭދޫ އަވަށު އޮފީހުން ދޫކޮށްފައިވަނީ އުސޫލާއި އެއްގޮތަށް ކަމަށާއި ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ކައުންސިލުން މިހެން ބުނީ، އޮޅުވާލައިގެން ސައްހަނޫން މައުލޫމާތުތަކެއް ހިމެނޭ ލިޔުންތަކެއް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފޭދޫ އަވަށު އޮފީހުން، އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އަށް ދިން ކަމަށް ބުނެ އެ ނޫހުން އިއްޔެ ޝާއިއުކޮށްފައިވާ ހަބަރާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި އައްޑޫ ސިޓީ ކައުންސިލުން ބުނީ، ސައްހަ ނޫން ލިޔެކިޔުންތަކެއް ދިންކަމަށް "ވަގުތު" އޮންލައިނުން ފާހަގަކޮށްފައިވާ ކަމަކީ ދިވެހި ރައްޔިތަކު އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭތާ ހަ މަސް ދުވަސް ވެފައިވާ ކަމުގެ ލިޔުމަކާ ގުޅޭ މައްސަލައެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމާއި ދަތުރުފަތުރުކުރުމުގެ ހައްގު ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެހެން ރަށްތަކުގެ މީހުންވެސް އައްޑޫގައި ދިރިއުޅެމުން އަންނަ ކަމަށާއި އައްޑޫގައި ދިރިއުޅޭކަމުގެ ލިޔުމެއް ހޯދަން އެދެފިނަމަ ސިޓީ ކައުންސިލުން އަމަލު ކުރާ ގޮތަކީ އެމީހަކު އައްޑޫގައި ވަކި މުއްދަތެއްވަންދެން ދިރިއުޅެމުންގެންދާކަން އެނގޭނެ ދެފަރާތެއްގެ ބަސް ލިޔުމުން ހޯދުމަށްފަހު އެފަރާތްތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އަވަށު އޮފީހުން އެފަދަ ލިޔުން ދޫކުރަނީ ކަމަށްވެސް ބުންޏެވެ.
"ވަގުތު އިން ފާހަގަކޮށްފައިވާ މައްސަލައިގައިވެސް ފޭދޫ އަވަށު އޮފީހުން އަމަލުކޮށްފައިވަނީ މިގޮތުގެ މަތީންނެވެ." ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، ފޭދޫ އަވަށު އޮފީހުން އޮޅުވާލައިގެން ސައްހަނޫން މައުލޫމާތުތަކެއް ހިމެނޭ ލިޔުންތަކެއް ދިންކަމަށް ބުނެ ވަގުތު ނޫހުން އިއްޔެ ހަބަރު ޝާއިއުކުރި އިރު އެ އިދާރާގެ ބަހެއް ހޯދައިފައި ނުވާ ކަމަށެވެ. އަދި ފޭދޫ އަވަށު އޮފީހުން ބަޔަކަށް ނާޖާއިޒް މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމަށް ލިޔުންތަކެއް ތައްޔާރުކޮށް، ސައްހަނޫން މައުލޫމާތު ދީފައިވާކަމަށް "ވަގުތު" އިން ބުނެފައިވާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އައްޑޫ ފޭދޫ އަވަށު އޮފީހުން އޮޅުވާލައިގެން ސައްހަ ނޫން މައުލޫމާތުތަކެއް ހިމެނޭ ލިޔުންތަކެއް ދިން މައްސަލަ ފެންމަތި ވީ، "ވަގުތު" އިން މިހާރު އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި ވާދަކުރާ، ފޭދޫގެ ޓީމެއްކަމުގައިވާ ލޮނަ އެފްސީ އަށް ކުޅޭ ސުޖާން އަހުމަދަކީ ފޭދޫގައި ދިރިއުޅޭތާ ހަމަސް ދުވަސްވީ މީހެއް ކަމަށް ބުނެ ފޭދޫ އަވަށު އޮފީހުން ލިޔުން ދީފައިވަނިކޮށް، މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުން އެ ލިޔުމުގެ ސައްހަކަމާއެކު ސުވާލު އުފެއްދުމުން މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލައި، ސުޖާން ގަވާއިދާ ހިލާފަށް ޓީމު ލިސްޓުގައި ހިމެނި މައްސަލަ ސާބިތުވާކަމަށް ބުނެ ލޮނަ އެފްސީ މުބާރާތުން ވަކިކުރުމުންނެވެ.
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ