ރޭ ބާސެލޯނާއިން ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ޖެހި ގޯލަކީ ކްލަބަށް އޭނާ ޖަހައިދިން 643 ވަނަ ގޯލެވެ. ރޭ ބާސާ ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، ރޭ މެސީ ޖެހި ގޯލާއެކު އޭނާ ވަނީ ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް، ޕެލޭގެ ރެކޯޑާ ހަމަކޮށްފައެވެ. އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑާ މެސީއާއި ޕެލޭ ހަމަކޮށްފައި އޮތް އިރު، އެ ރެކޯޑަކީ އަނެއްކާވެސް ފުޓުބޯޅައިގެ "ގޯޓް" ގެ ވާދަވެރިކަމަށް އިތުރު ބޮޅެކެވެ.

ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކާކުތޯ އަބަދުހެން ސުވާލު ކުރެވެމުންދާ އިރު، އެ ބަހުސަކީ ހިޔާލު ތަފާތުވެސް ބަހުސެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެސީގެ އިތުރުން ޕެލޭއާއި ޑިއޭގޯ މަރަޑޯނާވެސް އެ ބަހުސްގައި ހިމެނެއެވެ. ގޯލް ރޭޓަށް ބަލާއިރު، އެ ހުރިހާ ކުޅުންތެރިންނަކީވެސް ހަމަ އެއްވަނައެވެ. ބަހުސް ފޯރިގަދަވާން ޖެހޭ ސަބަބަކީވެސް އެއީއެވެ.

ޕެލޭ 643 ގޯލް 19 ސީޒަނުން ހަމަކޮށްފައިވާ އިރު، އޭނާ ރެކޯޑު ހެދި ކްލަބަކީ ބްރެޒިލްގެ ސަންޓޯސްއިންނެވެ. އެއީ 1956 އިން 1974 އަހަރާ ދެމެދުއެވެ. މެސީ އެ އަދަދަށް ގޯލް ޖަހައިފައިވަނީ 15 ސީޒަނުންނެވެ.

މެސީގެ ރެކޯޑާއެކު ޕެލޭ ވަނީ މެސީއަށް މަރުހަބާ ކިޔައިފައެވެ.

"ލޯތްބާއެކު ބަލައިގަންނަން. ކްލަބުގެ ޖާޒީ ބަދަލުނުކޮށް ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް. ކޮންމެ ދުވަހަކު އެއް ޖާޒީއެއް ލައިގެން ކުޅުމަކީ ކެތްކޮށްގެން އެތަކެއް ޗެލެންޖުތަކެއް ކުރިމަތިލައިގެން ކުރެވޭނެ ކަމެއް. އެކަމަކު އަހަންނަށްވެސް މެސީގެ އިހުސާސް ކުރެވޭ، އެއް ކްލަބެއްގައި ހޭދަކުރާ ވަގުތަތަކަކީ ހޯމްއެއްގެ އިހުސާސްކުރެވޭ ވަގުތުތަކެއް. ވަރަށް ބޮޑަށް މަރުހަބާ ކިޔަން މެސީއަށް. މެސީގެ ބާސާ ކެރިއަރަކީ ވަރަށް ހިތްގައިމު ރީތި ކެރިއަރެއް،" 80 އަހަރުގެ ޕެލޭ އިންސްޓާގްރާމްގައި ބުނެފައިވެއެވެ.

އެއް ކްލަބެއްގައި ގިނަ ދުވަސްތަކެއް ހޭދަކޮށް މެސީއާއި ޕެލޭ ގިނަ ގޯލުތަކެއް ޖަހާފައިވާ އިރު، އެންމެ ވާދަވެރި ރޮނާލްޑޯއަށްވެސް އަދިވެސް ހުއްޓުމެއް ނެތެވެ. ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ސެރެއާ އޭގެ ޒަމާނީ ރެކޯޑަކާ ހަމަކޮށްފައެވެ. ޔުވެންޓަސްއަށް ކުރިން ކުޅުނު އޮމަރު ސިވޮރީ 1961 ވަނަ އަހަރު ހަދާފައިވާ ރެކޯޑަކާ ރޭ ރޮނާލްޑޯ ހަމަކުރި އިރު، އޭނާ ވެފައިވަނީ އެއް އަހަރު ތެރޭގައި ސެރެއާ އޭގައި 33 ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ.

"ގޯޓް"ގެ ވާދަވެރިކަން ސަޕޯޓަރުންގެ ތެރޭގައި ގަދައެވެ. އެކި މީހުންގެ ހިޔާލު ތަފާތެވެ. އެ ހުރިހާ ކުޅުންތެރިންގެ ކުޅުން ދަނޑުމަތިން ފެނުމަކީ އެންމެ ބޮޑު ނަސީބެވެ. އެކަމަށް ތައުރީފުކޮށް ހިތްހަމަޖައްސައިލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.