މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު (ސަން ސިޔާމު)ގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ހެކިންގެ ގޮތުގައި، އެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒަޔަތުގެ ނަން ދައުލަތުން ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގައި އަޑުއެހުމުގައި އޮތީ، މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ހެކި ހުށަހެޅުމެވެ. އެ މައްސަލައަށް ސަން އިންވެސްޓްމަންޓުން އިންކާރު ކޮށްފައިވާތީ، އެ މައްސަލަ އެ ކުންފުނީގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން މިއަދު ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ އިތުރުން އެހެން ބައެއް ފަރާތްތަކާއި ކިތާބީ ހެކި ވަނީ ހުށަހަޅައިފަ އެވެ. ދައުލަތުން މިއަދު ބުނީ ދައުވާގެ ފޯމާއެކު އެ ހެކިން ހުށަޅާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބާއި ޒިޔަތު ވެސް ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އުފުލި ހަތް ދައުވާއަށް، އަދީބު އިއުތިރާފުވެ ވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާއިރު ޒިޔަތަށް ވަނީ 11 އަހަރަށް ޖަލު ހުކުމެއް އިއްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ދިފާއުގައި ހެކި ހުށަހެޅުމަށް ސަން އިންވެސްޓްމަންޓަށް ގާޒީ ފުރުސަތު ދެއްވި އެވެ. އެ ފުރުސަތުގައި އެ ކުންފުނީގެ ވަކީލު އަލީ ޝާހު ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ހެކި ހުށަހެޅުމަށް ތައްޔާރުނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހެކި ހުށަހެޅުމަށް ކޯޓުންދީފައިވާ 15 ދުވަހުގެ މުއްދަތު އަދި ހަމަނުވާ ކަމަށް ވިދާޅުވެ، ވަކީލު ވަނީ ޝަރީއަތް ކުރިއަށް ގެންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ޝަރީއަތް ކުރިއަށްދަނީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ ފުރުސަތެއް ސަން އިންވެސްޓްމަންޓަށް ދީފަ އެވެ.
ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބޭންކް އޮފް ސިލޯނުގައިވާ ކްރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީނަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު