އާސެނަލް އަށް ސީޒަން ދަނީ ގޯހުން ގޯހަށެވެ. މިހާތަނަށް ލީގުގައި ކުޅުނު 14 މެޗުން އެޓީމަށް 14 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތެރެއިން އަށް މެޗުން ވަނީ ބަލިވެފަ އެވެ. މި ސީޒަނަކީ 1974-75 ވަނަ އަހަރު ސީޒަނަށްފަހު އާސެނަލް އަށް އެންމެ ދަށް ސީޒަނެވެ. އެ ޓީމުން 15 ވަނައިގައި އޮތްއިރު، ރޭ އެވަޓަން އަތުން ބަލިވީ 2-1ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގައި ވެސް އާސެނަލް އިން ޖެހި ގޯލަކީ ޕެނެލްޓީއެކެވެ. އެންމެފަހުން އާސެނަލް އިން އަވޭގައި ކުޅުނު ފަސް މެޗުގައި ވެސް އެޓީމަށް ކުޅުމުގެ ތެރެއިން ގޯލެއް ޖެހިފައެއް ނުވެއެވެ. ރޭގެ މެޗުގައި ނިކޮލަސް ޕެޕޭ އާސެނަލް އަށް ޕެނެލްޓީ ޖަހައިދިން އިރު، އޭނާއަކީ އާސެނަލް އަށް 72 މިލިއަން ޕައުންޑްގެ އަގަކަށް ގެންދިޔަ ކުޅުންތެރިއެކެވެ. އޭނާ ވެފައިވަނީ ބޮޑު ފްލޮޕަކަށެވެ.
ޕްރިމިއާ ލީގުގެ ލެޖެންޑަރީ ފޯވަޑް، އެލެން ޝިއެރާ އާސެނަލް އަށް ފާޑުކިޔަމުން ބުނެފައިވަނީ އާސެނަލް ޕްރިމިއާ ލީގުގައި ސަލާމަތްވާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
"އަހަންނަށް ޔަގީން ކަމެއް ނެތް އާސެނަލްގައި މިހާރު އޮތް ސްކޮޑާއި ސްކޮޑުގައި ތިބި ކުޅުންތެރިންގެ އެޓިޓިއުޑާއެކު ފުރަތަމަ ޑިވިޝަންގައި ސަލާމަތްވާނެ ކަމެއް ވެސް،" ޝިއެރާ ބުނެފައިވެ އެވެ.
ރެލިގޭޝަން ޒޯނާ ކައިރީގައި އޮތް އާސެނަލްގެ ހާލަތާއި ގުޅިގެން ޝިއެރާ ބުނެފައިވަނީ އާސެނަލްގެ ކުޅުމުގައި އެއްވެސް އުފެއްދުންތެރި ކަމެއް ނެތް ކަމަށާއި މަސައްކަތުގެ ރޭޓް ވެސް ވަރަށް ދަށް ކަމަށެވެ. އަދި ކޯޗު މިކެލް އާޓެޓާގެ ވަޒީފާ ސަލާމަތް ކުރުމަށް އާސެނަލްގައި މިހާރު ތިބި ކުޅުންތެރިންނަށް ބަރޯސާ ނުވެވޭނެ ކަމަށް ބުންޏެވެ.
ޝިއެރާ ވަނީ ވަރަށް ބޮޑަށް ޕެޕޭއަށް ވެސް ފާޑު ކިޔައިފަ އެވެ. އެގޮތުން މެޗުގައި ޕެޕޭ އެއްވެސް ވަރަކަށް ހަލުވި ކުޅުމަކަށް ވިސްނާފައިނުވާ ކަމަށާއި ޕެޕޭގެ ފަރާތުން ފެނުނީ ވަރަށް ކަންނެއް ކުޅުމެއް ކަމަށް އޭނާ ބުންޏެވެ.
މެޗަށްފަހު އާޓެޓާ ބުނެފައިވަނީ އާސެނަލް އިން ހިތްވަރު ކުރި ނަމަވެސް ނަތީޖާ ނުލިބުކީ މާޔޫސް ކަމެއް ކަމަށެވެ. އަދި ހިތްވަރާއެކު ސީޒަން އަނބުރާލަން މަސައްކަތް ކުރާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އާސެނަލްގެ ސަޕޯޓަރުންނަށް މާޔޫސްކަން ކުރިމަތިވެފައިވާއިރު، އެ ކުލަބުން ހޯމްގައި އެންމެފަހުން ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ "ބޫ" ކޮށްފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު