އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް އެ ކުންފުންޏަށް ފަސޭހަ ގޮތަކަށް ނިންމާލުމަކީ އަންނަން އޮތް ޖީލަށް ބޭފަވާތެރިވުން ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަނީ އެކުންފުނިން ހިންގާ މަޝްރޫއުތަކަކީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާއާއެކު ކުރިއަށްގެންދާ މަޝްރޫއުތަކަކަށް ހެދުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ ބިޔަ މަޝްރޫއުއަށް އަލިއަޅުވައިލައްވަމުން އާޒިމް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދަނީ ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާ އެކުގައި ކަމަށެވެ. އަދި އެމްޓީސީސީއަކީ ނަމަކަށް ކަމެއް ކުރާ ކުންފުންޏެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންނަށް ފަސޭހަ ގޮތަކަށް އެކަން ކޮށް ނިންމައިލުމަކީ މާދަމާގެ ކުދިންނަށް މާދަމާގެ ޖީލަށް ވެވޭ ވަރަށް ބޮޑު ބޭވަފާތެރިކަމެއް. އެކަން އަޅުގަނޑުމެން ކޮށްގެން ނުވާނެ. އަޅުގަނޑު އެމްޓީސީސީގައި ހުރެގެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެވަރު ކަމެއް އެގޮތަށް ވިޔަކަ ނުދޭނަން،" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އެކުންފުނިން އަބަދުވެސް ބަލަނީ ދުވަސް ނަގައިގެން ނަމަވެސް ފެންވަރު ރަނގަޅު މަސައްކަތެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައިވެސް މި ސަރުކާރަކީ އެކުންފުންޏަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުން ސަރުކާރު ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީއަށް އިތުބާރުކޮށް އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއު ސީދާ ސަރުކާރުން އެކުންފުންޏާ ހަވާލުކުރުމަކީ ސަރުކާރުން އެކުންފުންޏަށް އިތުބާރު ކުރާ ކަމުގެ ހެއްކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ހިދުމަތް ނުލިބޭ އެއްވެސް ރައްޔިތަކު މިއަދު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު