ޗިލީގެ ރައީސް މާސްކު ނާޅުއްވައި ސެލްފީ ނެންގެވުމުން ޖޫރިމަނާ ކޮށްފިއެވެ.
ޗިލީގެ ރައީސް ސަބެސްޓިއަން ޕިނާރާ އެގައުމުގެ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެވަޑައިގަތުމުން ޖޫރިމަނާކޮށްފައިވަނީ 3500 އެމެރިކާ ޑޮލަރުންނެވެ.
މިމަހުގެ ކުރީކޮޅު ރައީސް ޕިނާރާ ވަނީ އަންހެނަކާ އެކު ނެންގެވި ސެލްފީ ނެގި ވަގުތު މާސްކު ނާޅާ ތިބުމުން އެގައުމުގެ ގަވާއިދާ ހިލާފު ވުމުން ވަނީ ފިޔަވަޅު އަޅާފައެވެ.
ރައީސް ޕިނާރާ މާސްކު ނާޅުއްވައި އަންހެނަކާ އެކު ސެލްފީއެއް ނަންގަވާގައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. މި ފޮޓޯ ވެސް އާންމުވެފައިވާ އިރު، ރައީސް ޕިނާރާ ޖޫރިމަނާ ކުރީ އެއީ ޗިލީގައި ކޮވިޑު ހުއްޓުވުމަށް ހަދާފައިވާ ގަވައިދުތަކާ ހިލާފު ކަމަކަށް ވާތީ އެވެ.
ޗިލީގައި ކޮވިޑު ހުއްޓުވުމުގެ ގޮތުން މާސްކު އެޅުމާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ އެހެން ވެސް ފިޔަވަޅުތަކާ ހިލާފު ވެއްޖެ ނަމަ ޖޫރިމަނާ ކުރުމުގެ ގޮތުން ޖިނާއީ ދައުވާވެސް ކުރެވޭނެ ގޮތަށް އެ ގައުމުގައި ގަވައިދުތައް ވަނީ ހަދާފަ އެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ޗިލީ އިން މިހާތަނަށް ފަސްލައްކަ އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު އެގައުމުން މިހާތަނަށް 16 ހާހަށް ވުރެން ގިނަ މީހުން ބަލީގައި މަރުވެފައިވެއެވެ.