ކްރިސްޓަލް ޕެލެސް ކޮޅަށް ހަތް ގޯލު ޖަހައި، ލިވަޕޫލުން ކްލަބު ރެކޯޑެއް ހަދައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޕެލެސްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 7-0ގެ ނަތީޖާއަކުންނެވެ. މެޗު ހަތް ގޯލުގެ ތަފާތަކުން ލިވަޕޫލް ކާމިޔާބުކޮށްފައިވާ އިރު، އެއީ ކްލަބު ތާރީހުގައި ހޯދި އެންމެ ބޮޑު އަވޭ މޮޅެވެ. އަދި އެއީ ހަތް ޕްރިމިއާ ލީގުގެ އެރާގައި އެ ޓީމުން އަވޭ މެޗެއްގައި ހަތް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ބައެއް މުހިއްމު ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ހުއްޓުމެއް ނެތެވެ. މެޗަކަށްފަހު މެޗެއް އެޓީމުން ކާމިޔާބުކުރަމުން އަންނަ އިރު، މިރޭގެ ނަތީޖާއާއެކު އެޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 14 މެޗުން 31 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ޓޮޓެންހަމަށް 13 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި މުހައްމަދު ސަލާހް ނުކުމެފައި ނުވި ނަމަވެސް، އޭނާ ވަނީ ބެންޗުން އަރައި ދެ ގޯލު ޖަހައިފައެވެ. ރޮބާޓޯ ފިރްމީނޯވެސް ދެ ގޯލު ޖަހާފައިވާ އިރު، ލިވަޕޫލަށް އިތުރު ގޯލުތައް ޖަހައިދިނީ ޓަކުމީ މިނަމީނޯއާއި ސަޑިއޯ މާނޭގެ އިތުރުން ޖޯޑަން ހެންޑަސަންއެވެ. ހަތް ގޯލަށްވެސް އެސިސްޓް ކޮށްދިނީ ތަފާތު ހަތް ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.
ލިވަޕޫލްގެ ފަރާތުން ޓީމު ގޭމެއް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗަކީ ކޯޗު ޔާގަން ކްލޮޕަށް ވެސް ހާއްސަ މެޗެކެވެ. ލިވަޕޫލާއެކު ކްލޮޕް 127 މޮޅު ހަމަކޮށްފައިވާ އިރު، އެއީ ރެކޯޑެކެވެ. މިހާރު ކްލޮޕަކީ ލިވަޕޫލާއެކު އެންމެ ގިނަ މޮޅު ހޯދި ކޯޗެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ރަފެއިލް ބެނިޓޭޒް އަތުގައެވެ. ބެނިޓޭޒް 126 މެޗުން މޮޅުވީ 228 މެޗުގައި އިރުޝާދު ދީގެންނެވެ. ކްލަޮޕް 127 މޮޅު ހަމަކުރީ އެންމެ 196 މެޗުގައި އިރުޝާދު ދީގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު