(ފަންސާސް ފަސްވަނަ ބައި)
ބާރު ސްޕީޑެއްގައި ކާރު ދުއްވާފައި ގޮސް ޒުބީން އޭނާގެ ކާރު ވައްދައިލީ ޖެޓީ ސަރަޙައްދާއި ކައިރި ހިސާބެއްގައި ހުރި ގަރާޖަކަށެވެ. އެ ގަރާޖު އޭނާގެ ކާރަށްޓަކައި އެވަގުތު ހުޅުވިފައިވީ މިއަދު އޭނާ މޫނު ނިވާކޮށްގެން ދިޔަ ތަންތަނުގެ ތެރޭގައި އެތަން ވެސް ހިމެނޭތީވެއެވެ. އެ ގަރާޖުގެ ވެރިމީހާ އޭނާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނާނެހާ ވަރަށް އެމީހަކަށް ވަނީ ފައިސާ ދީފައެވެ.
ޒުބީން ކާރުން ފޭބުމުގެ ކުރިން ކާރުގެ ކުރީ ބައިގައި ހުރި ވަތްގަނޑު ހުޅުވިއެވެ. އެއަށްފަހު އޭގެ ތެރޭގައި އޮތް ފިސްތޯލު ނަގައި ބާރު އަޑަކާއެކީ ވަތްގަނޑު ލައްޕައިލަމުން، ލައިގެން ހުރި ޖެކެޓުގެ އެތެރޭގެ ޖީބު ތެރެއަށް ފިސްތޯލު ލިއެވެ.
ކާރުން ފޭބުމަށްފަހު ވެސް އައިސްފައިވި ރުޅީގައި ޒުބީން ޖެޓީ ހުންނަ މަގަށް ދިޔުމަށްޓަކައި ފައިމަގުގައި ދިޔައީ ދިގު ފިޔަވަޅުތަކެއްގައި އޭނާގެ ވަށައިގެންވި މާހައުލަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އެހެންޏާ އަބަދުވެސް އޭނާގެ ކޮންމެ ފިޔަވަޅަކާއެކީ ވެސް އޭނާއަށް ޖާސޫސްކުރާ މީހަކު ހުރިތޯ ބެލުމަކީ އޭނާ ސަމާލުކަން ދޭ ކަމަކަށް ވިޔަސް، މި ހުރިހާއިރު އޭނާގެ ކާރުގެ ފަހަތުން އެހެން ކާރެއް އަންނަމުން ދިޔަކަން ވެސް ފާހަގަނުވީ އެ ރުޅީގެ ސަބަބުން ކަންނޭނގެއެވެ. އަދި އަމުދުން އެ ވަގުތުވެސް އެހެން މީހަކު އޭނާގެ ފަހަތުން އަންނަމުން ދިޔަކަން ވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. ޒިހާންގެ ސަބަބުން މިރޭ އޭނާގެ 'މޮޅު' ރޭވުމެއް މިވަނީ ފުރަތަމަ ފަހަރަށް ފެއިލްވެފައެވެ.
ޖެޓީ ހުންނަ މަގާ ހަމައަށް ދެވުމާއެކު ޒުބީން ވަކި މަޑުކުރުމެއްނެތި މަގު ހުރަސްކުރަން އުޅުނެވެ. އެހެނަސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ މަގުގެ އަނެއް ފަރާތުން ފެނުނު މަންޒަރަކުންނެވެ. ފުރަން ތައްޔާރަށް އޮތް ލޯންޗަކަށް އަރަމުން ދިޔަ މީހުންގެ ދައުވަތު ކާޑުތައް ބަލަން މީހަކު ހުއްޓެވެ. އެމީހެއްގެ ހައިބަތު ހުރި ހަށިގަނޑާއި އިސްތަށިގަނޑު ތުނިކޮށް ކޮށާފައިވި ގޮތުން އެއީ ސިފައިންގެ މީހެއްކަން ޒުބީނަށް ޔަގީނާ ގާތް ކުރެވުނެވެ. މިއަދު އޭނާއަށް ޒިހާން ގާތު ޕާޓީގެ ނަންގަނެވުނު ކަމުގެ މޮޔަ ހީވި ވަގުތު އަނެއްކާވެސް ދަތްކުނޑި ވިކުނެވެ. ކޮންމެ ގޮތެއްވިޔަސް ޒުބީން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހިނގާފައި ގޮސް އެތާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަނީ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރުމަށެވެ. އެ ވަގުތުވެސް އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން މީހަކުވެސް އެ ރެސްޓޯރެންޓަށް ވަންކަން އޭނާއަށް ރޭކާނުލީ ހައިޖާނެއް އުފެދިފައިވި ސިކުނޑީގެ ސަބަބުންނެވެ.
ރެސްޓޯރެންޓުގައި އިން ޒުބީން ދޭތެރެދޭތެރެއިން ބޭރު ބަލަމުން ދިޔައީ އޭނާއަށް ފުރުސަތެއް ލިބޭތޯއެވެ. ޒިހާނާއި ޔުނާ ލޯންޗަށް އަރަން ދިޔަ މަންޒަރު އޭނާއަށް ފެނުނީ އެފަދައިން ބެލި ފަހަރެއްގައެވެ. ލޯންޗަށް އަރަން ގޮސް ހުރެވެސް ޒިހާން ވަށައި ނަޒަރު ދެމުން ދިޔަ ވަގުތު ޒިހާންގެ ނަޒަރު އޭނާއަށް އަމާޒުވުމުން ވީ ޖެހިލުންވުމުގައި ޒުބީނަށް ފަސްއެނބުރިލެވުނެވެ. އޭނާ އެ ފިރިހެނާއަށް ބިރުގަތީތޯ އަމިއްލަ ޒަމީރާ ސުވާލުކުރެވުނު ވަގުތު ޒިހާނާ އެކީ އަމިއްލަ ނަފްސަށް ވެސް ޒުބީން ރުޅި އައެވެ. އެހިނދު ކޮންމެހެން ވެސް އެރެއިން އެ ރެއަށް އޭނާގެ މަގުސަދު ހާސިލުކުރަން ޒުބީންގެ ހިތުގައި އޮތް އެދުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. އެހާ ހިސާބުން ޔުނާއަށް ނިމުމެއް ގެންނަން ބޭނުންވީ ހަމައެކަނި މާޒީގައި އޭނާއަށް ދިމާވި ހިތާމަވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންނެއް ނޫނެވެ. ހަމަ މިއާއެކު އޭނާގެ ރޭވުންތެރިކަމަށް ގޮންޖަހާލި ޒިހާނަށް ވެސް ފިލާވަޅެއް ދިނުމުގެ ވެސް ގޮތުންނެވެ.
މި އަޒުމުގައި ޒުބީން ރެސްޓޯރެންޓުން ނިކުމެގެން އަންނަން ފެށީ އޭނާ އެތަނަށް ވަންތާ ދޮޅު ގަޑިއިރަށްވުރެ ވެސް ގިނައިރު ވީ ފަހުންނެވެ. މަގު ހުރަސްކޮށް ޖެޓީއަށް ގޮސް އޭނާ ހުހަށް އޮތް އެއް ލޯންޗު ހިފިއެވެ. އެ ލޯންޗު ނެއްޓިތާ މާ ގިނައިރެއް ނުވެ އޭގެ ފަހަތުން އެހެން ލޯންޗެއް ވެސް ނެއްޓިކަން ޒުބީނަށް ފާހަގައެއް ނުވިއެވެ.
އޭގެ މިނެޓުތަކެއް ފަހުން ޒުބީން ހުރީ ވިލިނގިލީގައެވެ. ކައިވެނި ޕާޓީ އޮތް ތަނެއް ވަކި މީހެއް ކައިރިން އަހަން ނުޖެހުނީ މަގުމަތިން ދަނިކޮށް ބައެއްގެ ތުންތުން މަތިން އެ ވާހަކަ އިވިގެން ދިއުމުންނެވެ. އޭގެ މާ ގިނައިރެއް ނުވެ ޒުބީން އެ ރެސްޓޯރެންޓާ ހަމަވިއެވެ. އެ ހިސާބާ ގާތްވަމުން ދިޔަދިޔަހެން އޭނާގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ އަނެއްކާވެސް ސިފައިންހެން ހީވާ ދެތިން ޒުވާނުން ރެސްޓޯރެންޓުގެ ފުރަގަހުގައި ވެސް ވަށައި ހޯދަމުން ހިނގަމުން ދިޔަ މަންޒަރު ފެނުމުންނެވެ.
ޒުބީން ހުޝިޔާރުކަމާއެކީ ރެސްޓޯރެންޓުގެ އެހެން ދިމާލަކަށް ގޮސް އެތާ ހުރި ގަސްތަކުގެ ތެރޭގައި ހުރެފައި ދުވެލިއެވެ. އެއާއެކު އޭނާއަށް އޭރު ފެނުނު ތިން ޒުވާނުން އެ އަޑު އިވިފައި އެ ދިމާލަށް ދިޔައެވެ. ޒުބީން އެ ފުރުސަތުގެ ބޭނުން ހިފައިގެން އޭނާ އެންމެ ފުރަތަމަ ވެސް ދާން ދިމާކުރި ދިމާލަށް ދިޔައެވެ. އެ ދިމާލުން ތަންކޮޅެއް ދުރަށް ނަޒަރެއް ދިނުމުން ޔުނާއާއި ޒިހާން ފެނުނުހެން ހީވުމުންނެވެ. އެހާ ހިސާބަށް ދެވުނުތާ މާ ގިނައިރެއް ނުވެ އެމީހުން އިށީނދެގެން ތިބި މޭޒު ޒުބީންގެ ލޮލުގައި އެޅިއެވެ. އެއާއެކު އޭނާ އެތާ ހެދިފައި ހުރި ތިރި ގަސްތަކުގެ ތެރޭގައި ނިވާވެލަމުން އޭނާގެ ޖެކެޓުގެ ތެރެއިން ފިސްތޯލު ނެގިއެވެ. އެއަށްފަހު އެ ފިސްތޯލު ޒިހާންމެނާ ދިމާލަށް އަމާޒު ކުރަމުން އޭގެ ޓްރިގަރަށް ދަމައިލަން ތައްޔާރުވިއެވެ. އޭނާ ޓްރިގަރަށް ދަމައިލަން އުޅުނު ވަގުތު އޭނާގެ ކައިރިއަށް ދިގު ފިޔަވަޅުތަކެއްގައި އައި މީހަކު ކުއްލި ގޮތަކަށް އަތުގައި ޖަހައިލި ވަގުތު، ޓްރިގަރަށް ދަމައިލެވުނީ ބޭއިޚްތިޔާރުގައެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔަ ބާރު އަޑާއެކީ މީހުންގެ ހަޅޭކުގެ އަޑުވެސް އިވިގެން ދިޔަ ވަގުތު ޒުބީންގެ އަތުގައި ޖެހި ޒުވާނާ އޭނާގެ ކޮނޑުގައި ވެސް ޖަހައި ބިމަށް ވައްޓައިލިއެވެ. ޒުބީން އައި ރުޅީގައި އެމީހަކަށް ބަލައިލަމުން ނުބައި ބަހެއް ކިޔައިލަން އުޅުނެވެ. އެހެނަސް އެމީހެއްގެ ސޫރަ ފެނުނު ވަގުތު ލިބުނު ޝޮކުގައި ޒުބީންގެ ދެލޯ ބޮޑުވެ މީހާ ހުއްޓުން އެރިއެވެ.
"ޖިނާހު!" ޒުބީނަށް އެ ނަމުން ގޮވައިލެވުނީ ވެސް އިންތިހާ ދަރަޖައިގެ ހައިރާންކަމެއްގައި އޮވެއެވެ.
"އިތުރު އެއްޗެކޭ ނުކިޔާ މަށާއެކީ އާދޭ!" ޖިނާހު ދެ ދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނެލިއެވެ. އައިސްފައިވި ރުޅީގައި ޖިނާހަށް ޒުބީން ތެދުކުރުވަން ހިފައިލެވުނީ ވެސް އޭނާގެ ގިރުވާނުގައެވެ. ދެމީހުންނަށް ހިންދެމިލެވުނު ވަގުތު އެކަމާމެދު ނުރުހުންވި ޒުބީން ރުޅިވެރިކަމާއެކީ ޖިނާހުގެ އަތް ފޮޅުވާލިއެވެ. އެހެނަސް ޖިނާހު އަންނާށޭ ބުނެ ސިފައިން ނުފެންނަ ދިމާލަކަށް ދާން ފެށުމުން ޖިނާހުގެ ފަހަތުން ދެވުނީ ޖިނާހު އަމިއްލަ ސަލާމަތާ މެދު ވިސްނާވަރަށް އޭނާގެ ސަލާމަތާ މެދު ވިސްނާނެ ކަމަށް ނިންމަމުންނެވެ. ޒުބީން ސިފައިންގެ އަތްދަށަށް ގޮސްފިނަމަ ޖިނާހާއި ޖިނާހުގެ ބައްޕަގެ ވާހަކަ ވެސް ސިފައިންނާ ހަމައަށް ފޯރާނެކަން ޖިނާހަށް އެނގޭނެތީވެއެވެ.
ޒުބީން ހީކުރި ފަދައިން ޖިނާހު އޭނާ ގެންދިޔައީ ސިފައިންނަށް ނުފެންނާނެ ހިސާބަކަށެވެ. ޖިނާހު އޭނާ ގެންދިޔައީ ރެސްޓޯރެންޓާ ދުރު ހިސާބެއްގައި ޕާކް ކުރެވިފައި އޮތް އާދައިގެ ހުދުކުލައިގެ ކާރަކާ ހަމައަށެވެ. އެއީ ޖިނާހު އެ ރަށަށް ގޮސް ޒުބީންގެ ފަހަތުން ދިޔަ މަގުމަތީގައި އޭނާ ދަންނަ މީހެއްގެ އަތުން ވަކި ވަގުތު ކޮޅަކަށް ހޯދި ކާރެކެވެ. އޭނާ ކާރު ހޯދީވެސް ޒުބީންގެ ގޮތް ދަނެގެން މިފަދަ ހާލަތަކަށްޓަކައެވެ.
ކާރާ ހަމައަށް ދަމުން ޖިނާހު އަރާށޭ ބުނުމުން ޖިނާހާ އެކުގައި ޒުބީން ކާރަށް އެރިއެވެ. އެ ވަގުތު ވެސް ރެސްޓޯރެންޓާ ދިމާލުން މީހުން ތެޅެމުން ދިޔަ އަޑާއި ކުޑަކުދިންގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ޖިނާހު އެއަކަށް ފަރުވާލެއް ދިނުމެއްނެތި ކާރަށް އަރައި ޒުބީނަށް ދޮރު ލައްޕައިލެވުމާއެކުހެން ކާރު ސްޓާޓްކޮށްލަމުން ދުއްވައިލިއެވެ.
"ކަލޭ މޮޔަވެގެންތަ ތިއުޅެނީ؟ މަގޭ ރޭވުމަށް ހުރަސް އަޅަން ކަލޭ ތިއީ ކާކު؟" ޒުބީން ހަރު އަޑުން އެހިއެވެ.
"ތި ރޭވުމަށްޓަކައި ތި ބޭނުންކުރާ ހަތިޔާރު ރާއްޖެއަށް އެތެރެ ކުރަން އެހީވި މީހާގެ ދަރި...." ޖިނާހު ބާރުވަމުން ދިޔަ ސްޕީޑަކާއެކީ ދުއްވަމުން ބުންޏެވެ.
"މި ހަތިޔާރުތައް އެތެރެ ކުރެވުނީ ހަމައެކަނި ލަބީބްގެ ލާރިންނެއް ނޫން. މަގޭ ވެސް ލާރިން..." ޒުބީން ބުންޏެވެ.
"ކޮންމެ މީހެއްގެ ލާރިން ވިޔަސް މައުސޫމް ބަޔަކަށް ހަމަލާދިނުމަކީ ރަނގަޅުކަމެއް ނޫންކަން ނޭނގޭދޯ؟" ޖިނާހު ބުންޏެވެ.
"މައުސޫމް ބައެކޭ؟! އެއީ....." ޒުބީން ހަރުއަޑުން ޔުނާއަށާއި ޒިހާނަށް ވެސް އަމާޒުވާނެހެން ހުތުރު ބަސްތަކެއް ކިޔައިލިއެވެ. އެއާއެކު ޖިނާހު ކުއްލި ގޮތަކަށް ކާރުގެ ބުރަކި ޖައްސައި ކާރު ހުއްޓުމަކަށް ގެނައެވެ.
"ބައެއްގެ އަސްލު ނޭނގި އެމީހުންނަށް ބަދު ބަސް ބުނުމަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް. ޒުބީން އަމިއްލައަކަށް ނޫންތަ ބުނީ ޔަޒްދާން އަމިއްލައަށް އެދިގެން ބުންޏޭ އޭނާގެ މުދަލުން ޒުބީނަށް ހައްގުވާ ބައި ދޭން ބޭނުމޭ؟ އެ ބައި ނުހޯދައި ބަދަލު ހިފަން އުޅުމަކީ ކޮށި ވިސްނުމެއްގެ ނަތީޖާއެއް ނޫންތަ؟" ޖިނާހު ނުރުހުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
"ކޮށި ވިސްނުމޭ؟! ކަލެއަށް ނޭނގޭ ވާހަކަ ކަލޭ ނުދެއްކިއްޔާ ރަނގަޅުވާނީ! މަ ބައްޕަ ކިޔަން ޖެހޭ އިންސާނާ މަށަށް އެންމެ ފަސް އަހަރުގައި މަށާއި މަންމައާއި ކޮއްކޮ ގޮވައިގެން ރާއްޖެތެރޭގެ ރަށަކަށް ގެންދިޔައީ. ބައްޕައާ ހެދި މަންމަގެ ގައުމުގައި މަންމަ ދަރަނިވެރިވެގެން ދިޔައީ. މަންމަގެ ނަމުގަ ހުރި އިމާރާތް ވިޔަފާރިއަށް ބޭނުންކޮށްގެން ބަނގުރޫޓުވީ. އަދި އެހާ ވަރުން ނުފުދިގެން އަހަރުމެން އެ ބީރައްޓެހި ރަށަށް ގެންގޮސް ވަކި ހިސާބަކުން ދޫކޮށްލީ! ދޫކޮށްލާފައި އެހެން މީހަކާ އިނދެގެން ބޭރު ގައުމެއްގަ އުޅެމުން ދަނިކޮށް އޭނާ މަރުވީ..... މަށާއި މަގޭ އާއިލާ އުޅެމުން ދިޔައީ ހެޔޮ އެދޭ މީހުންގެ އެކިއެކި ގޭގޭގައި މަސައްކަތްކޮށްދީގެން. ވަންނާނެ ތަނެއް ނެތި ވާރޭ ތެރޭގައި ހޭދަ ކުރި ދުވަސްތައް ވެސް ހަނދާން އެބަހުރި! ބީރައްޓެހި ގައުމެއްގެ ބަސް ނޭނގޭތީ މީހުން ކުރި މަލާމާތްތައްވެސް ހަނދާނެއް ނުނެތޭ! މިހެން އުޅެމުން ދަނިކޮށް އަހަރެން ކޮއްކޮވެސް ބަލިވެގެން ނިޔާވި ފަހުން މި އިވެނީ ޔަޒްދާން ހަލީލަކު އޭނާގެ ބައްޕަ ފަރާތުން ލިބުނު އިމާރާތްތައް ބޭނުންކޮށްގެން ވިޔަފާރިއެއް ފަށައިގެން މުއްސަނދިވެގެން އުޅޭ ވާހަކަ! ބައްޕަގެ ހުރިހާ މުދަލެއް ލިބުނީ ކުރީގެ އަންހެނުންނަށާއި އޭނާގެ ދަރިންނަށް.... އެ ޔަޒްދާންމެން އަހަރެމެން ތިބިތޯ ބަލައިވެސް ނުލި.... އަހަރެންގެ މަންމަވެސް އަހަންނަށް ގެއްލި ދިޔައީ ވަންނާނެ ހިޔަލެއް ނެތިގެން އުޅެނިކޮންނޭ! ދެންވެސް ބުނާނީ އަހަރެން މި ގެންގުޅެނީ ކޮށި ވިސްނުމެކޭތަ؟!" ޖަޒުބާތުގައި ޖެހިގެން ދިޔަ ޒުބީނަށް ހަރުއަޑުން އެ ހުރިހާ ވާހަކައެއް ކިޔައިދެވުނެވެ. ވާހަކަ ނިމެންދެން ވެސް އެ އަޑުގައި ރުޅިވެރިކަން ވިއެއްކަމަކު އެ ވާހަކަ ނިމުނުއިރު ފުރަތަމަ ފަހަރަށް ޒުބީންގެ ލޮލުން ކަރުނަތައް ނިރާލި މަންޒަރު ޖިނާހަށް ފެނުނެވެ. ޖިނާހު ބުނާނެ ވަކި އެއްޗެއް ނޭނގިފައި ވަނިކޮށް ޒުބީން އިތުރަށް ވާހަކަ ދެއްކިއެވެ.
"ކަލޭ ދެންވެސް މަ މި ދެއްކި ވާހަކަތައް ހަޖޫ ޖަހަން ހިޔާލުކޮށްފައި އޮތިއްޔާ ކާރުން ފައިބާ! މަ އަމިއްލައަށް މަގޭ ސަލާމަތްތެރިކަން ހޯދާނަން. އެހެން ނޫނީ މަ މި ފައިބަނީ..."
"ނޫނޭ.... އަހަރެން ނެތިން ތި ދެއްކި ވާހަކަތަކާ ދެކޮޅު ހަދާކަށް. ޒުބީން ނޫނީ އަހަރެން މި ކާރުން ފައިބައިފިއްޔާ ސިފައިންނަށް އިތުރު ޝައްކުތަކެއްވުން ނޫންކަމެއް ނުވާނެ. އައިމް ރިއަލީ ސޮރީ އެބައުޓް ވަޓް ހެޕެންޑް ޓު ޔޫ......" ޖިނާހު ތެދުތެދަށް ބުންޏެވެ. އެއާއެކު ޒުބީން އޭނާއަށް ބަލައިލަމުން އަނެއްކާވެސް މޫނުމައްޗަށް ހަރުކަށިކަން ވެރިކުރުވިއެވެ. އެއަށްފަހު ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން ހިނގާށޭ ބުންޏެވެ.
ޖިނާހު އަނެއްކާވެސް ކާރު ސްޓާޓްކޮށްލަމުން ދުއްވައިލީ އަމިއްލަ ވިސްނުމެއްގެ ތެރެއަށް ގެއްލެމުންނެވެ. ޒުބީންގެ ވާހަކައިގެ ތެރެއިން ޔަޒްދާން އެމީހުންނާ މެދު އަޅާނުލިއޭ ބުނުމުން ޖިނާހަށް ގަބޫލުކުރަން ދަތިވިއެވެ. އެހެނީ މި ހުރިހާ ދުވަހު އޭނާ ވެސް ހީކޮށްގެން ހުރީ އެހެނެއްކަމަކު ހަގީގަތުގައި ޔަޒްދާން ވެގެން ދިޔައީ ހިތްހެޔޮ މީހަކަށްވީތީވެއެވެ. ޔަޒްދާން ފަދަ މީހަކު އެހެން މީހެއްގެ ހައްގެއް އަމިއްލަ މުދަލުގެ ތެރެއަށް ލައިގެން އުޅޭނެކަމަށް ޖިނާހުގެ ޒަމީރު އެއްބަހެއް ނުވިއެވެ.
އެއާއެކު ޖިނާހު ވަގުތުން ދެންމެ އިވުނު ވާހަކަތައް ޒިހާނާ ހިއްސާކޮށްލަން ބޭނުންވިއެވެ. ޒިހާނަށް މިކަމުގެ ހަގީގަތް އެނގޭނެ ކަމަށް ގަބޫލު ކުރެވުމުންނެވެ. ހަމަ އެއާއެކު ޒިހާނާއި ޔުނާއާ މެދު ކަންބޮޑުވެސް ވިއެވެ. އޭނާ މިރޭ މި އެޅި ފިޔަވަޅުން އެ ދެމީހުންނަށް އަމާޒުވި ހަމަލާއިން ސަލާމަތް ވެފައިވާނެ ކަމަށް އުންމީދު ކުރެވުނެވެ.
**
ޖިނާހުގެ އެ އުއްމީދު ފުރިހަމަވިއެވެ. ޓްރިގަރަށް ދަމާލެވުމުގެ ކުރިން ޒުބީންގެ އަތުގައި ޖަހައިލެވުނު ގޮތުން އެ އަތް މައްޗަށް ހިއްލިގެން ދިޔައީތީ ޕާޓީގައި ތިބި އެއްވެސް ބައެއްގެ ގަޔަށް ވަޒަނެއް ނާރައެވެ. ބަޑީގެ އަޑު އިވިގެން ދިޔުމާއެކު އެންމެން ހާސްކަމެއްގެ ތެރެއަށް ދިޔައެއްކަމަކު މޭޒުތަކުގެ ކައިރީގައި ހުއްޓި ތިބި ސިފައިން ވަގުތުން މީހުން ގާތު މަޑުމަޑުން ތެދުވެގެން ދިޔުމަށް މަގު ދައްކަމުން ދިޔައެވެ. ހަމަ އެއާއެކު ގަސްތަކުގެ ތެރެ ބަލަމުން ދިޔަ ސިފައިން ވަގުތުން ފިސްތޯލުގެ އަޑު އައި ދިމާލަށް ގޮސް ބެލިއިރު ދެމީހުން ފިޔަވަޅުތަކުގެ ނިޝާންތައް އެއްވެފައި ހުރިތަން ދޮންވެލިގަނޑުމަތިން ފެނުނެވެ. އެ ފިޔަވަޅުތައް ދިޔަ ދިމާލެއް ހޯދަން އެ ސިފައިން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބު ނުވީ ވަކި ހިސާބަކުން އެ ފިޔަވަޅުތައް އެހެނިހެން ދުއްވާ އެއްޗެހީގެ ނިޝާންތަކާއެކީ އެއްވެ ގެއްލިފައިވުމުންނެވެ.
ޒިހާނަށް ސިފައިންގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވުނީ ބަޑީގެ އަޑު އިވިގެން ދިޔުމާއެކު ޔުނާއަށް ވީ ގޮތުންނެވެ. އެ އަޑު އިވިގެން ދިޔަ ވަގުތު ޒިހާނަށް އޭނާގެ ކައިރީގައި އިން ޔުނާ އަތު ތެރެއަށް ގެނެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެ ހިނދުކޮޅުގައި ޔުނާއަށް ހަޅޭއްލެވުނެއްކަމަކު އެންމެން ތެޅިގަތް ވަގުތު ޔުނާ ހިމޭންވުމުން ޒިހާން ވަގުތުން ހާސްވިއެވެ. ޒިހާން ޔުނާގެ ނަމުން ގޮވަމުން ޔުނާ އޭނާއާ ދުރުކޮށްލި ވަގުތު ޔުނާގެ ދެލޯ މެރިފައިވިތަން ފެނިފައި ޒިހާނަށް ބިރުވެރިކަމާއެކީ ބެލުނީ ޔުނާގެ ގަޔަށް ވަޒަނެއް އަރާފައިވޭތޯއެވެ. އެހެނަސް އެފަދަ ކަމެއް ނުފެނުމުން ޒިހާނަށް ހަމަޖެހުމެއް ލިބުނެއްކަމަކު ޒިހާން ވަގުތުން އަވަސްވެގަތީ ޔުނާ މާލެއަށް ގެންދިޔުމަށެވެ.
ޝިއުސްމެންނަށް ހަބަރު ދިނުމަށްފަހު ޒިހާން ޔުނާ އަތްމައްޗަށް އުފުލައިގެން ބަނދަރާ ހަމައަށް ގޮސް އެމީހުން އެކޮޅަށް އަންނަން އެރި ލޯންޗަށް އެރިއެވެ. އެއީ ޔުނާމެންގެ އަމިއްލަ ލޯންޗުކަމަށް ވުމުން ޒިހާން ޔުނާއާއެކީ އެރުމާއެކު ލޯންޗު ދުއްވައިލެވުނީ ޕާޓީއަށް އައި މީހުން އެހެން ލޯންޗުތަކަށް އަރަމުން ދިޔަ ވަގުތެވެ. ލޯންޗުގެ ތެރެއިން ވެސް ޔުނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުނު އަދަދެއް ޚުދު ޒިހާނަކަށް ވެސް ނޭނގެއެވެ. މިއަދު ޔުނާގެ ހާލަތު ގޯސްވެއްޖެނަމަ އަސަރުކުރާނީ ހަމައެކަނި ޔުނާއަށް ނޫންކަން ސިކުނޑި ބުނަމުން ދިޔަދިޔަހެން ކަންބޮޑުވެސް ވަމުން ދިޔައެވެ.
ޒިހާނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ގޮތްވީ ޔުނާ ހޮސްޕިޓަލަކަށް ގެންދެވި ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރު އެއްޗެކޭ ބުނުމުންނެވެ. ޑޮކްޓަރު ބުނި ގޮތުގައި އެ ހާލަތުގައި ޔުނާއަށް ލިބިގެން ދިޔަ ޝޮކާއެކީ ކުއްލި ގޮތަކަށް ލޭ މަތިވެގެން ދިޔުމުން ހޭނެތުނީ ކަމަށެވެ. އެއިން އަދި ދަރިފުޅަށް އަސަރެއް ކުރިހެން ހީނުވާ ކަމަށާއި ބޭސް ދިނުމަށްފަހު ހާލަތު ބަދަލުވެގެންދާ ގޮތް ބެލުމަށްޓަކައި 24 ގަޑިއިރު ވަންދެން ހޮސްޕިޓަލުގައި ބާއްވަންޖެހޭ ވާހަކަ ޑޮކްޓަރު ބުންޏެވެ. އެ ވާހަކަތައް އަޑު އެހުމަށްފަހު ޒިހާން ޑޮކްޓަރަށް ޝުކުރު އަދާ ކުރިއެވެ. އަދި ޑޮކްޓަރު ދިޔުމުން ޕްރައިވެޓް ވޯޑުގެ އެނދުގައި ބޭއްވިފައި އޮތް ޔުނާއަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
ޔުނާ އޭރުވެސް ދެލޯ މެރިފައިވީއިރު އެނދުގެ ކައިރީގައި ހުރި މޭޒުގައި ބެހެއްޓިފައިވި މޮނީޓަރުން ޔުނާގެ ލޭގެ ޕްރެޝަރު ދައްކަމުން ދިޔައެވެ. އެވަގުތު ވެސް ޕްރެޝަރު ފުދޭވަރަކަށް މަތިކޮށް ފެންނަމުން ދިޔަ ގޮތުން ޒިހާނަށް ޔުނާއާ ދިމާލަށް ބަލައިލެވުނެވެ. އަދި ލަސް ހިނގުމެއްގައި ޔުނާގެ ގާތަށް ގޮސް ޔުނާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލެވުނެވެ.
ހަމަ އެވަގުތު ޒިހާންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ޒިހާން އަވަސްއަވަހަށް ފޯނު ނަގައި ރިންގު ކަނޑައިލިއެވެ. ފޯނުގެ ސްކްރީނުން ނޭނގޭ ނަންބަރެއް ފެނިފައި މިފަހަރު ޒިހާންގެ ހިތް ތެޅިލިއެވެ. އެ ވާނީ ކާކަށްކަން ހިތާހިތުން ނިންމަމުން ޒިހާނަށް އަވަސް ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެލެވުނެވެ. އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އެއަށްފަހުއެވެ.
"ސަލާމް...." ޒިހާން ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.
"ހެލޯ ޒިހާން. މިއީ ޖިނާހޭ.... ކޮންތާކު ތިހިރީ؟" އެކޮޅުން ވާހަކަ ދެއްކީ ލަބީބްގެ ސިޓިންގް ރޫމުގައި އިން ޖިނާހެވެ. ޖިނާހުގެ އަޑު އިވިގެން ދިޔުމާއެކު ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
"އާނ ޖިނާހު.... މިހިރީ ޔުނޫ ގޮވައިގެން އައިސް ހޮސްޕިޓަލުގައި. ހަބަރުން އިވިފައި ކަންނޭނގެ ދޯ ހުންނާނީ. ބަޑީގެ އަޑު އިވުނު ޕާޓީގައި އަހަރުމެން ތިބިން. އެ އަޑު އިވިފައި ޔުނޫއަށް ލިބުނު ޝޮކުގައި ހޭނެތުނީ....." ޒިހާން ކިޔައިދިނެވެ.
"އޮހް..... ނަސީބެއްނު ތި ދެމީހުން ގަޔަށް ވަޒަން ނޭރިކަން.... އެމީހަކު ފިސްތޯލު އަމާޒުކުރީ ތި ދެމީހުންނާ ދިމާލަށޭ...." ޖިނާހު ބުންޏެވެ. އެއާއެކު ޒިހާންގެ ދެބުމަ ކައިރިވިއެވެ.
"ޖިނާހަށް އެނގެނީތަ އެއީ ކާކުކަން؟" ޒިހާނަށް އަހައިލެވުނެވެ.
"އާނ ޒިހާން..... މި ވާހަކަތައް ކިޔައިދޭން ބައްދަލުކުރެވޭތޯ ބަލަން މި ގުޅައިލީ. އެކަމަކު ހާލަތުގެ ގޮތުން ޒިހާނަށް ނާދެވޭނެތާދޯ؟ އެހެންވީމަ މި ވަގުތުން ވަގުތަށް ވެސް ޒިހާނަށް އެ ވާހަކަތައް ކިޔައިދޭނަން. ވީހާވެސް އަވަހަކަށް ޒިހާނަށް މި ކަންތައް އެނގުން މުހިއްމުހެން ހީވަނީ...." ޖިނާހު ބުންޏެވެ.
ޒިހާން ކިޔައިދޭށޭ ބުނުމުން ޖިނާހު ކިޔައިދޭން ފެށީ ޒުބީންގެ ވާހަކައެވެ. ޒުބީނަކީ ކާކުކަން ބުނެދިނުމަށްފަހު އެރޭ ކާރުގެ ތެރެއިން ޒުބީންގެ ފަރާތުން އިވުނު ވާހަކަތައް ޖިނާހު ތަފްސީލުކޮށް ކިޔައިދިނެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޒިހާންގެ ހަނދާނަށް އަންނަމުން ދިޔައީ ޔަޒްދާންބެއެވެ. ޖިނާހު ނޭނގިގެން އުޅުނު ކަންތައް ޒިހާންގެ އެ ހަނދާންތަކުން ނިއުޅެމުން ދިޔަދިޔަހެން ޒިހާން އަމިއްލަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
"އަސްލު އަހަރެން ވަރަށް ބޮޑަށް ބޭނުން ހަގީގަތް އެނގެން. ޔަޒްދާން އެނގިހުރެ އެއްވެސް މީހަކަށް އަނިޔާއެއް ދީފާނެހެން ހިއެއްނުވޭ. އަޅެ ޒިހާނަށް ޔަޒްދާންގެ ވާރުތަ މުދަލާ ގުޅޭ ގޮތުން އެއްވެސް ކަމެއް އެނގެންޏާ އަހަންނަށް ކިޔާލަދީބަލަ. ޒިހާނަށް ނޭނގެންޏާ ޔުނާ ކައިރިން އަހައިގެން ވެސް ސާފުކޮށްލަ ދިނުން އެދެން. އޭރުން އެ ވާހަކަތައް ޒުބީނަށް ކިޔައިދީފިއްޔާ ޒުބީން ބަދަލު ހިފަން އެ ކުރާ މަސައްކަތް ހުއްޓައިލާނެހެން ހީވަނީ. އަހަރެން ދާދި ދެންމެއަކު އޭނާއާ ވާހަކަ ދެއްކިން. ބުނިން ޔަޒްދާންއާ މެދު ތި ދެކޭ ގޮތް އަހަރެން ބަދަލުކޮށްފިއްޔާ ޔުނާއަށް އަނިޔާ ކުރާނަންހޭ. ބުނީމަ ބުނީ ތިމަންނަ ދެކޭ ގޮތް ބަދަލެއް ނުކުރެވޭނެއޭ...." ޖިނާހު ކިޔައިދިނެވެ. އެ ވަގުތު އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ފަހަތުގައި އެ ވާހަކަތައް އަޑުއަހަން މީހަކު ހުރި ކަމެވެ.
"ޖިނާހު..... އަހަންނަށް ހީވަނީ ޔަޒްދާންބެގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި ވެސް އެންމެ ބޮޑަށް ވިސްނީ ތި ޒުބީންއަކާ މެދުގަހެން. އަހަރެން ޔަޒްދާންބެއާ ދިމާވީއްސުރެ ޔަޒްދާންބެ ބުނަމުން ދިޔަ ތިމަންނައަށް ހީވެއޭ ތިމަންނައަށާއި ބައްޕަ ފަރާތު ބޮޑުބޭބެމެންނަށް ލިބުނު މުދަލުގައި އެހެން މީހެއްގެ ހައްގެއް ވާހެން. ވާރުތަ މުދާ ހަވާލުކުރި ފަނޑިޔާރު ކައިރީގައި ތިމަންނަ ބުނަން ވެސް ބުނީމޭ އަދި ބޭރު ގައުމެއްގައި ބައްޕަގެ އެހެން އާއިލާއެއް އޮންނަ ވާހަކަ. އެކަމަކު ބޮޑުބޭބެމެން އެ ވާހަކައަށް ފަސްއަޅާލީއޭ. އެ އާއިލާއަށް ދިނީމަ ބޮޑުބޭބެމެންނަށް ވެސް ލިބޭނެ ބައި މަދުވާނެތީ މައްސަލަ އެގޮތަށް ނިންމާލީއޭ. އެކަން އެގޮތަށްވީ ބޮޑުބޭބެމެން ފަނޑިޔާރަށް ލާރި ދީގެންހެން ހީވާ ވާހަކަވެސް ޔަޒްދާންބެ ބުނެ އުޅުނު. ދެން ޔަޒްދާންބެ ދޭތެރެދޭތެރެއިން މެލޭޝިޔާއަށް ވެސް ގޮސް އުޅުނު. އެ އާއިލާ މީހުން ފެނޭތޯ ބަލަން. ފަހުންފަހުން އައިސް ބުނަން ފެށީ ތިމަންނައަށް ހިއެއްނުވެއޭ ތިމަންނަ އެ މުދާ ދިނަސް އެމީހުން ގަބޫލު ކުރާނެހެންނެއް. ކިޔާފައި ޔުނާއަށް ދޭން ވަކިން އެޕާޓްމަންޓެއް ގަނެ ކަންތައް ކުރަން ފެށީ އޭނާގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެން ފެށީމަހެން އަހަންނަށް ހީވަނީ. މިހާރު އަހަންނަށް މި ހުރިހާ ކަމެއް ސާފު މިވަނީ. ރަނގަޅަށް ވިއްޔާ އޭނާ ޔަޒްދާންބެގެ އެކްސިޑެންޓް ކުރުވި ރޭ ވެސް ޔަޒްދާންބެ އެ ވެހިކަލް ދުއްވަމުން ދިޔައީ ހަމަ އޭނާއަށް ހިޔާވައްސެއް ހޯދައިދެވޭތޯ ބަލަން. އެރޭ ވެހިކަލަށް އަރަމުން އަހަރެން ކައިރިން ބުނި ހުޅުމާލޭގައި ކުރަން އޮތް ކަން ނިންމާލާފައި އާދެވޭނީ ފަހަރެއްގައި ލަހުންނޭ. ފްލެޓެއް ގަންނަން ވިސްނައިގެން ކޮންމެވެސް އިމާރާތެއްގެ ވެރިފަރާތާ ބައްދަލުކުރަން އެބަޖެހެއޭ. އަހަރެން އެހިން އަނެއްކާވެސް ޔުނާއަށް ދޭން ފްލެޓެއް ގަންނަނީތޯ. އެހީމަ ބުނީ ޔުނާއެއް ނޫނޭ. ތިމަންނަގެ ހަދިޔާތައް ގަބޫލު ނުކުރާނެ އަޚަކަށްޓަކައޭ...." ޒިހާން އެތާ ހުރި ބެންޗެއްގައި އިށީނދެގެން އިނދެ ކިޔައިދިނެވެ.
"އޯ މައި ގޯޑް! އެހެންވީމަ އަހަންނަށް މި ހީކުރެވުނީ ރަނގަޅަށްތާ..... ޔަޒްދާން ޒުބީން ފެނޭތޯ މަސައްކަތް ކުރި. އެކަމަކު ކަން ދިމާކުރި ގޮތުން ދިމާވީއިރު މާ ލަސްވީ. އަދި ހާދަ ހެޔޮކޮންނޭ ޔަޒްދާން، ޒުބީނަށް ކަންތައް ކޮށްދޭން އެ އުޅުނީ. ޒުބީން ބިރުދެއްކި ފަހުންވެސް...." ޖިނާހު އެ ބުނި ވާހަކަ އަޑު އަހަން ފަހަތުގައި ހުރި މީހެއްގެ ދެބުމަ ކައިރިވިއެވެ.
"އާނއެކޭ ޖިނާހު.... ޔަޒްދާންބެއަކީ މީހަކަށް އަނިޔާއެއް ދޭވަރަށްވުރެ ހިތްހެޔޮ އިންސާނެއް. ބައެއް މީހުންނަށް އެކަން ދޭހަ ނުކުރެވުނަސް. ރުޅި އެބަ އާދޭ އެއްވެސް ހައްގަކާ ނުލައި ޔަޒްދާންބެއަށް އަނިޔާ ދިން މީހަކަށް. އޭނައަށް އަދަބު ހައްގު!" ޒިހާން އެހެން ބުނިއިރު އަޑުގައި ރުޅިވެރިކަން އެކުލެވިގެން ދިޔައެވެ.
"ހަމަ އަސްލުވެސް ޒިހާން..... އަހަރެން ތިކަން ކުރެވޭތޯ ބަލާނަން. އަދި މި ވާހަކަތައް ކިޔައިދޭނަން ޒުބީންއަށް. މި ވާހަކަތައް އިވިފައި އޭނާގެ ހިތް ބަދަލުވެއްޖެއްޔާ ރަނގަޅު... އަދި އެހެން ވާހަކައެއް ވެސް ޒިހާން ގާތު އަހަރެން ބުނަން ބޭނުންވެފައި އެބައޮތް. އެކަމަކު ޓެކްސްޓެއް ކޮށްލާނަން އިނގޭ...." ޖިނާހު އެ ފަހު ބަސްތައް ބުނެލީ ހިސާބެއްގެ ޖެހިލުންވުމަކާއެކީ ދެ ފަރާތަށް ނަޒަރެއް ދެމުންނެވެ. އޭނާ މެސެޖުކޮށްފައި ޒިހާން ގާތު ބުނަން އުޅޭ ވާހަކައެއްގެ ޒާތުންނެވެ.
"އެންމެ ރަނގަޅު ޖިނާހު.... ތެންކިއު އަހަންނާ މި ވާހަކަތައް ހިއްސާކޮށްލަދިން ކަމަށްޓަކައި. ޔަޒްދާންބެ ގޯސްކަމެއް ކުރިއޭ އެ މީހަކު ބުނި ދުވަހުއްސުރެ ހިތްހަމަނުޖެހިފައި އަހަރެން ހުރީ. ހުރިހާ ކަމެއް ސާފުވީމަ މިހާރު އަސްލު ވަރަށް އުފާވެއްޖެ...." ޒިހާން ބުންޏެވެ.
"ޔޫ އާރ މޯސްޓް ވެލްކަމް ޒިހާން.... ކޮންމެވެސް ސަބަބަކާ ހުރެ އަހަރެންވެސް ބޭނުންވީ ޔަޒްދާންއާ މެދު ހެޔޮކޮށް ވިސްނަން.... އަހަންނަށް ވެސް އެހާ ބޮޑު އެހީއެއްވެފައި ހުރީމަ ކަންނޭނގެ." ޖިނާހު އެހެން ބުނެލީ ލުއި ހިނިތުންވުމަކާ އެކީގައެވެ.
"ހެހެ... ތިހެން ބުނީމައޭ މި ހަނދާންވީ. ލޫލޫއަށް ގުޅައިފިންތަ؟" ޒިހާން އެހިއެވެ.
"ނޫން އަދި ނުގުޅަން. އެކަން ކުރަން ހިތްވަރެއް ނުލިބިގެން މިއުޅެނީ...." ޖިނާހު މާޔޫސީ ގޮތަކަށް ބުންޏެވެ.
"ޓްރަސްޓް މީ ޖިނާހު.... ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ.... ޖިނާހު އަމިއްލައަށް ލޫލޫއަށް ކިޔައިދީ ކަންތައް ވީގޮތް." ޒިހާން ބުނެލިއެވެ.
"ހުމް.... ގޮތެއް ރާވައިގެން މިހިރީ.... ޔޫ ޓޫ ޓޭކް ކެއާރ އިނގޭ. ބޯތު އޮފް ޔޫ... ޔުނާ...ގެ ހާލުވެސް ރަނގަޅުދޯ؟" ޖިނާހަށް އެ ފަހު ސުވާލުކޮށްލެވުނީ ޖެހިލުންވުމަކާ އެކީގައެވެ. ޒިހާނަށް ނުބައި މާނައެއް ނެގިދާނެތީވެއެވެ.
"އާނ ރަނގަޅު..... އެއީ އަސްލު ކުއްލި ގޮތަކަށް ބްލަޑް ޕްރެޝާރ ހައިވީމަ ފެއިންޓްވީ. ބޮޑަށް ހާލު ދެރަވީ ޕްރެގްވެގެން ހުރެ އެހެންވީމަ ކަންނޭނގެ...." ޒިހާނަށް އެހެން ބުނެލެވުނީ ވަކި ވިސްނުމެއްނެތިއެވެ. އޭނާއަށް މި ވާހަކަ ދެކެވެނީ ކާކާއިކަން އެނގުންވީ އެހެން ބުނެވުނު ފަހުންނެވެ.
"ޔުނާ ޕްރެގްތަ؟" ޖިނާހު އެ ސުވާލުކޮށްލި ހިނދު ހައިރާންކަން އެކުލެވިގެންވި ލުއި ހިނިތުންވުމެއް އެ މޫނުމަތީގައިވިއެވެ.
"ހުމް..... އަލްހަމްދުލި ﷲ..." ޒިހާން އިހުސާސްކުރަންވީ ގޮތެއް ނޭނގިފައި އިނދެ ބުންޏެވެ. އެއާއެކު އެކޮޅުން ލުއި ހީލުމެއްގެ އަޑު އިވުނެވެ.
"ކޮންގްރެޖުލޭޝަންސް! ވަރަށް ހެޕީ ތި ދެމީހުންނަށްޓަކައި.... ތަންކޮޅެއް ލަސް ކަންނޭނގެ މިހެން ބުނަން އެކަމަކު އައި ވިޝް ޔޫ ބޯތު އަ ހެޕީ މެރީޑް ލައިފް." ޖިނާހު އެހެން ބުނި ހިނދު ހިތަށް ހިސާބެއްގެ އުނދަގުލެއް ވިއެއްކަމަކު އެ އިހުސާސުގެ މައްޗަށް ބާރު ހޯދަމުން ޖިނާހު ހިނިތުންވެލިއެވެ.
"ތޭންކްސް.... ދެން ބޭއްވީ އިނގޭ." ޒިހާން ބުންޏެވެ. ޒިހާންގެ އެ ވާހަކައަށް ޖިނާހު އޯކޭ ދިނުމުން ޒިހާން ފޯނު ކަނޑައިލިއެވެ.
ފޯނު ކެނޑުމަށްފަހު ވެސް އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން ޖިނާހަށް އިނދެވުނެވެ. ޔުނާއާއި ޒިހާންގެ ގުޅުމާ މެދު ވިސްނިވިސްނިހެން ހިތުގެ ކަނެއްގައި ހަސަދަވެރިކަން އުފެދުނެއްކަމަކު ޖިނާހު ހިނިތުންވެލިއެވެ. އޭނާއަށް ހަސަދަވެރިވުމުގެ ހައްގެއް ނެތްކަން އެނގުންވުމުންނެވެ. ޔުނާ އޭނާގެ ގާތުގައި ހުރި ދުވަހު ޔުނާއާ މެދު ދެރަކޮށް ކަންތައް ކުރީ އޭނާއެވެ. ވީއިރު މިއަދު ޔުނާ އެހެން މީހަކާއެކީ އުފަލުގައި އުޅޭތަން ފެނި ޔުނާ ވާންޖެހޭނީ އޭނާއާ އެކީ ކަމަށް ބުނެ ހިޔާލުތަކުގެ ތެރެއިން ވެސް ދައުވާކުރުމުގެ ބޭނުމެއް ނެތެވެ. އަދި އަމުދުން މި ހުރިހާ ދުވަހު އޭނަ ޔުނާއާއި ޒިހާން ވަކިކުރަން އުޅުނު ހަގީގީ ސަބަބަކީ އޭނާގެ އާއިލާއަށްޓަކައި ބަދަލު ހިފުމެވެ. މިއަދު އެ ސަބަބުވެސް ނެތި ގޮސްފައިވުމުން އެ ދެމީހުންނަށްޓަކައި ހިތުގައި ނޭދެވޭ އިހުސާސްތައް ބޭއްވުމުން ލިބޭނެ ފައިދާއެއް ނެތެވެ.
އަމިއްލަ ވިސްނުމުގައި އިނދެފައި ޖިނާހު ކޮޅަށް ތެދުވެ ފަސްއެނބުރިލީ ހިނދު ފެނުނު ސޫރައިން ޖިނާހު ހުއްޓުން އަރާ ގޮތްވިއެވެ. އެތާ ހުރި ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓި ހުރީ ޒުބީން ނޫން ދެވަނަ މީހެއް ނޫނެވެ. ޒުބީން ފެނި ފުރަތަމަ ސިކުންތުގައި ޖިނާހު ޖެހިލުންވިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި ވާހަކަ ދެކެވުނެވެ.
"އަޑު އިވުނުތަ ދެންމެ ދެކެވުނު ވާހަކަތައް؟ ޔަޒްދާން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޒުބީނަށް ހެޔޮ އެދުނު. އެކަހަލަ މީހަކަށް އެއްވެސް ހައްގަކާ ނުލައި އެފަދަ ބޮޑު އަނިޔާއެއް ދެވުނީމަ ދެރައެއް ނުވޭތަ؟" ޖިނާހު ނުރުހުންތެރިކަމާއެކީ ސުވާލުކުރިއެވެ.
ޖިނާހު އެ ސުވާލުކުރުމުން ވެސް ޒުބީން ބުމަގޮށްޖެހިފައި ހުރި ގޮތަށް ހުރީއެވެ. ޒުބީން ތަންކޮޅެއް ދުރުގައި ހުރުމުން ޖިނާހަށް ފާހަގަ ނުވިއެއްކަމަކު އެވަގުތު ޒުބީންގެ ގޮށްމުއްކެވިގެން ވެސް ދިޔައެވެ.
"އެއްފަހަރުވެސް ވިސްނާލަބަލަ ޔަޒްދާންގެ ހިތްހެޔޮކަމާ މެދު ޒުބީން.... ޒުބީން ވަންނާނެ ތަނެއް ނެތިގެން އުޅޭ ވާހަކަ ބުނީމަ ހަމަ ޒުބީންއަށް ދޭން ތަނެއް ހޯދަން ދިޔަ މަގުމަތީގައި ޔަޒްދާން އެކްސިޑެންޓް ތި ކުރުވީ.... ހިތެއް އޮތިއްޔާ މިކަމާ މެދު ވިސްނާލީމަ ވެސް ތި ރުޅި ފިނިވާނެ...." ޖިނާހު ބުނެލިއެވެ. އެހެން ބުނުމަށްފަހު ޖިނާހު އިރުކޮޅަކަށް މަޑުކުރީ ޒުބީންގެ ރައްދެއް އަޑު އެހުމަށެވެ. އެހެނަސް އިރުކޮޅެއް ވީއިރު ވެސް ޒުބީން ހުރިގޮތަށް ހުރުމުން އޭނާއަށް މިރޭ ވީ ފަދައިން ޒުބީންގެ ހިތަށް ވެސް ލޮޅުމެއް އައީ ކަމަށް ހީކުރެވުނެވެ.
އެހެނަސް ޒުބީނަށް ފަސްދީފައި އޭނާގެ ކޮޓަރިއަށް ގޮސް ވަން ޖިނާހަށް ނޭނގުނު ކަމަކީ އޭނާ ދެއްކި ވާހަކަތަކުން ޒުބީންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިކަމެވެ. ޝުކުރުވެރިކަމުން މަހުރޫމުވެފައިވާ އޭނާގެ ހިތް ދެންވެސް އޭނާއަށްޓަކައި އަލި އަޅުވަމުން ދިޔައީ ޔަޒްދާންގެ ނުބައިކަމެވެ. ޔަޒްދާން އެކި މީހުންނަށް އެފަދަ ވާހަކަތައް އިއްވާފައިވާނީ އޭނާ ބިރުދެއްކި ފަހުން ކަމަށް ނިންމުނެވެ. އެކަން ޔަޒްދާން ކޮށްފައިވާނީ އެންމެންގެ ހަމްދަރުދީ ޔަޒްދާނަށް އަމާޒު ކުރުވުމުގެ ނިޔަތުގައި ކަމަށް ޒުބީންގެ ހިތް ޔަގީންކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔަޒްދާނާ ބަދަލު ހިފުމުގެ ގޮތުން ޔުނާއަށް އެންމެ ބޮޑު އަނިޔާއެއް ދެވޭނެ ގޮތަކާ މެދު ޒުބީން ވިސްނަން ފެށީ އިހުނަށްވުރެ ވަރުގަދަ އަޒުމަކާ އެކީގައެވެ. އިރުކޮޅަކަށް ހުރުމަށްފަހު އެ ވަގުތުން ވަގުތަށް ވެސް ގެއިން ނިކުންނަން ދާން ހިނގައިގަތީ އޭނާގެ މޮޅު ސިކުނޑި ރޭވި އަވަސް ރޭވުމުގައި ކުލަ ޖެއްސުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ