(17 ޑިސެމްބަރުގެ އަދަދާ ގުޅޭ)
"ބޭބެގެ ހާލުކޮޅު ރަނގަޅުތޯ؟" ميـمــونـة ހިސާބަކަށް ކަންބޮޑުވެވަޑައިގެން ސުވާލު ކުރެއްވިއެވެ. إدريـس އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިކުރައްވަމުން ميـمــونـة އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.
"ބޭބެ!....... ބޭބެގެ ހާލު މުޅީން ރަނގަޅު. ކޮއްކޮ ފަރީއްކުޅުއްވައިފީމުތޯ؟"
"އަޅުގަނޑު މި އިންތިޒާރު ކުރަނީ ބޭބެ ވަޑައިގަންނަވަންދެން."
"ބޭބެ ދެންނެވީމެއްނު. ފަރީއްކުޅުއްވާ ގަޑީގައި ބޭބެއަށް އިންތިޒާރު ނުކުރައްވާށޭ."
"އެކަމަކު ބޭބެ ވަޑައިގަތުން މިއަދަކު މާލަހެއް ނުވޭ. އަޅުގަނޑު ނަމާދުކޮށް ނިމުނީވެސް ދެންމެއަކު."
إدريـس އަށް އިޙުސާސްވެވަޑައިގަތީ ފިކުރުފުޅު ބޮޑުވުމުގެ ސަބަބުން އޭނާއަށް ވަގުތުދާ ގޮތްވެސް އެނގިވަޑައިނުގެންނެވި ކަމެވެ. އިރުކޮޅެއްގެ ފަހުން ދެބޭފުޅުން ތިއްބެވީ ފަރީއްކުޅުއްވާށެވެ. إدريـس ވިދާޅުވެދެއްވަމުން ގެންދެވި ޝާހީ ކިއްލާގައި އުފާފާޅުކުރުމުގެ ތައްޔާރީތައް ކުރިޔަށްދާގޮތުގެ ވާހަކައެވެ. އޭނާ ކުއްލިއަކަށް ميـمــونـة އާ ސުވާލު ކުރެއްވިއެވެ. "ميـمــونـة! އެއްވެސްބަޔަކު ކޮއްކޮ ބަލައެއް ނާދޭތޯ؟"
ميـمــونـة ވިދާޅުވިއެވެ. "ކުޑައިރުކޮޅެއްގެ ކުރީން زيـاد ގެ ކޮއްކޮ ކުދީންކޮޅަކާއެކު ވަޑައިގެންނެވި. އެކަމަކު އަޅުގަނޑު އެބޭފުޅުންގެ އަރިހުގައި ދާން އެއްބަސްނުވީ."
إدريـس އިރުކޮޅެއްވަންދެން ހިމޭނުން އިންނެވިއެވެ. އޭނާ ބައްލަވާން އިންނެވީ ميـمــونـة ގެ މޫނުފުޅަށް އަންނަ ބަދަލުތަކެވެ. ކުއްލިއަކަށް އޭނާ ވިދާޅުވިއެވެ. "ކޮއްކޮ މިރެއަކު ނުކަމުތަ؟"
"ބޭބޭ! އަޅުގަނޑު ބަނޑުހައެއް ނުވޭ."
إدريـس ވިދާޅުވިއެވެ. "ميـمــونـة! މިއަދު މެންދުރު ޝެހެޒާދާ رشـيـد ބޭބެއާ ބައްދަލުކުރެއްވި. އޭގެފަހުން މިއަދުގެ ހުރިހައި ވަގުތެއް ބޭބެ މިހޭދަކުރަނީ ވަރަށްބޮޑަށް ފިކުރު ބޮޑުވެފައިހުރެ. ބޭބެއަކު މިއަށްވުރެ ކަންބޮޑުވާނެ ކަމަކީ!" އެހިސާބަށް ވިދާޅުވާއިރަށް إدريـس ގެ އަޑުފުޅު ބެދިއްޖެއެވެ. މިހާރަކު ދެބޭފުޅުންކުރެ އެއްބޭފުޅަކުވެސް ސުފުރާކޮޅުގެ މައްޗަކުން ހަނދުމަފުޅެއް ނެތެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާއަށް ބައްލަވާން ތިއްބެވީއެވެ.
ميـمــونـة ވިދާޅުވިއެވެ. "ލޯބިވާ ބޭބޭ! އަޅުގަނޑުމެން ދެބެއިން ކިރުބުއީ އެއްމަންމައެއްގެ އަރިހުން. ބައްޕަގެ ޣީރަތުވެސް ދެބޭންނަށް ލިބިފައިވަނީ އެއްވަރަކަށް. ބޭބެގެ ކޮއްކޮ ބޭބެ އަރިހުން މިދަންނަވަނީ އޭނާ ވިދާޅުވީ ކީކޭތޯއާއި ބޭބެ ދެއްވީ ކޮންޖަވާބެއްތޯ؟"
"ޖަވާބު ދެވޭނީ ހަމައެކަނި ކޮއްކޮއަށް. ميـمــونـة! އޭނާ އެދިވަޑައިގަތީ ކޮއްކޮއާ ކާވެނިބައްލަވައިގަންނަވާން. އޭނާ ވިދާޅުވީ އޭނާ ސުލްޠާނާ ރަމީކިއްޔާގެ އަމުރުފުޅުވެސް ހޯއްދަވައިފި ކަމަށާއި، ފަތަޙައިގެ މުނާސަބާ ފާހަގަކުރުމުގެ ތެރޭގައި ރަސްގެފާނުގެ އަރިހުންވެސް ރަމީކިއްޔާ ހުއްދަ ހޯއްދަވައިދެއްވާނެކަމަށް. ކޮއްކޮ ބުނެބަލަ ކޮން ޖަވާބެއްތަ ބޭބެ ދޭނީ؟"
ކޯފާގެ ސަބަބުން ميـمــونـة ގެ މޫނުފުޅު ރަތްވެގެން ހިނގައްޖެއެވެ. ސިކުންތުކޮޅެއްހައި އިރުކޮޅަކު އޭނާގެ ބޭބެއާ ދިމާއަށް ބައްލަވާން އިންނަވައިފައި އޭނާ ކުއްލިއަކަށް ތެދުވެވަޑައިގެންފިއެވެ.
އޭނާ ވަރަށް ބާރަށް ހިންގަވައިފައި ވަޑައިގަތީ ޖެހިގެންހުރި ކޮޓަރިޔާ ދިމާއަށެވެ. إدريـس އަވަސްއަވަހަށް ދެތިން ކޯވަރެއްގެ ފެންފޮދެއް ހިއްޕަވައިލައްވައިފައި ތެދުވެވަޑައިގެންފިއެވެ. އޭނާ "ميـمــونـة! ميـمــونـة!" އޭ ވިދާޅުވަމުން ميـمــونـة ވެދެވަޑައިގެންނެވި ކޮޓަރިކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. ميـمــونـة ދެއަތްޕުޅުން މޫނުފުޅު ފޮރުއްވައިގެން ކޮޓަރީގެ އެއްކަނެއްގައި ހުންނެވިއެވެ. إدريـس ވަޑައިގެން ميـمــونـة ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުންމަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "ميـمــونـة! ބޭބެ އޮޅުންފިލުވަން ބޭނުންވަނީ رشـيـد ކޮއްކޮއަށް ސަމާލުކަން ދެއްވަން ފެއްޓެވީ ކޮންއިރަކު ކޮން ސަބަބަކާ ހުރެކަން. މިއަދު އޭނާއަށް
މި މައްސަލައާ ބެހޭގޮތުން ބޭބެއާ ވާހަކަ ދައްކަވަން ކެރިވަޑައިގަތީ ކީއްވެގެންކަން."
ميـمــونـة ފަހަތަށް އެނބުރިވަޑައިގެން إدريـس އާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭރު އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހޮރެއެވެ. ميـمــونـة ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކުށަކީ އަޅުގަނޑުގެ ރަޙުމަތްތެރީން ބާރުއަޅައިގެން އެންމެފަހަރަކު ރަމީކިއްޔާގެ މަހެފިލެއްގައި ބައިވެރިވެވުނުކަން. އަޅުގަނޑުގެ ކުށަކީ އޭނާ ލަދުކުޑަ ވާހަކަފުޅުތަކެއް ދައްކަވާން ފެއްޓެވުމުން އެކަމާ ދެކޮޅު ހަދައިފައި އެތަނުން ފިލައިގެން އަންނާން އުޅެވުނުކަން. އަޅުގަނޑު އެ ގަނޑުވަރުގެ ސިޑީން ފައިބާން އުޅެނިކޮށް އޭނާ އަޅުގަނޑުގެ ފަހަތުން ވަޑައިގެންނެވުމުން އޭނާގެ މޫނުފުޅުމަތީގައި ތަފާލެއް ޖެހިކަން. އޭގެފަހުން އަޅުގަނޑުގެ ކުށަކީ އޭނާ އަޅުގަނޑަށް ވިޔާނުދާ ޒާތުގެ ސިޓީތައް ފޮނުވާން ފެށްޓެވުމުން އެސިޓީތައް ނުކިޔައި އަންދައިލުމުގެ މައްޗަށް ފުއްދައިލިކަން. ބޭބެއަށް އެވާހަކަ ދަންނަވަން ނުކެރުނުކަން. އަޅުގަނޑު އެވާހަކަ ނުދެންނެވީ އަޅުގަނޑުގެ ބަދަލުހިފުމުގެ ޖަޒުބާތަށް ފިނިކަމެއް ހޯދުމަށްވުރެ ބޭބެގެ ޙަޔާތްޕުޅު އަޅުގަނޑުގެ ގާތުގައި ލޮބުވެތިކަމުން. އަޅުގަނޑު ހީކޮށްގެންހުރީ އަޅުގަނޑު އަޅައިނުލުމުން އޭނާގެ ހިތްވަރުދެރަވެ އަޅުގަނޑުގެ ފަހަތުން އަޅުއްވައިގެން އުޅުއްވުން ހުއްޓައިލައްވައިފާނެކަމަށް. زيـاد ގެ ކޮއްކޮ އަޅުގަނޑު ބިރުގަންނަވައި އުޅުއްވާ އޭނާ ވިދާޅުވަނީ އަޅުގަނޑު މި ސިއްރު ބޭޒާރުކޮށްލައިފިނަމަ ބޭބެއަށް ނުރައްކާވާނެކަމަށް."
"ބޭބެގެ ކުށަކީ މިއަދު އޭނާގެ މޫނުފުޅުމަތީގައި ތަފާލެއް ނުޖެހުނުކަން. ކޮއްކޮގެ ބޭބެ ކޮއްކޮ އަރިހުން އެކަމާ މަޢާފު އެދެން! ميـمــونـة! ބޭބެ ކޮއްކޮޔާމެދު ފަޚުރުވެރިވަން!" إدريـس ميـمــونـة ގެ މޫނުފުޅު އޭނާގެ މޭފުޅުގައި ޖައްސަވައިލެއްވިއެވެ. ރުމާކޮޅަކުން އޭނާގެ ކަރުނަފޮދު ފޮއްސަވައިދެއްވުމަށްފަހު އޭނާ ގޮނޑިއެއްގައި ބެއިންދެވިއެވެ. إدريـس އެހެން ގޮނޑިއެއްގައި އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "ميـمــونـة! رشـيـد ގެ ސިޓީތައް ކޮއްކޮއަށް ގެނެސްދެއްވަނީ زيـاد ގެ ކޮއްކޮތޯ؟"
"އާދެ!"
އެހެންވީއިރު އެދެބޭންގެ މަސައްކަތަކީ އެއްމަސައްކަތެއް! މިއަދު ބޭބެ ގެއަށް އަންނަނިކޮށް
زيـاد އާ ދިމާވެގެން އޭނާ ބޭބެ މަޑުކުރުވި. އޭނާއަކީ ވަރަށް ގޮތްކުޑަ މީހެއް. މިގޭގެ ދޮރޯއްޓާ ހަމައަށް އޭނާ ބޭބެގެ ފަހަތުން ވަޑައިގެންނެވި. އޭނާ ހުރިހައިވެސް މަސައްކަތްޕުޅަކީ رشـيـد ގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވުން!"
ميـمــونـة ވިދާޅުވިއެވެ. "ބޭބޭ! އަޅުގަނޑު އެދެނީ އިންސާނުންގެ ވެރިކަން އޮތްތަނަކަށް ބޭބެ އަޅުގަނޑު ފޮނުއްވައިދެއްވުން!"
إدريـس މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "އަންދަލުސުގައި މިހާރަކު އިންސާނުންގެ ވެރިކަމެއް ނެތް. ނަމަވެސް ބޭބެ މިގެންދަނީ ތިޔަކަމާ ވިސްނަމުން..... ޣަރުނާޠާގެ ޙާލަތު މިއަށްވުރެ ރަނގަޅުވުން އެކަށީގެންވޭ! ބޭބެ سعد ގެ ޚަބަރު އޮޅުންފިލުވައިލާނަން. އޭނާ އަދިވެސް ޣަރުނާޠާގައި ހުންނެވުމަކީ އެކަށީގެންވާ ކަމެއް. އޭނާގެ މަސައްކަތްޕުޅުން. ބޭބެއަށް ޣަރުނާޠާއިން ވަޒީފާއެއްވެސް ލިބިދާނެ."
"سعد ގެ ނަންފުޅާއި ޣަރުނާޠާގެ ނަން އަޑުއިވިވަޑައިގަތުމުން ميـمــونـة ގެ ހިތްޕުޅުގައި އުފާވެރިކަމުގެ ރާޅުބާނީތަކެއް އުފެދިގެން ހިނގައްޖެއެވެ. ފަނޑުފަނޑު ތަސްވީރެއް މާޒީގެ ފުސްކަމުގެ ތެރެއިން ނުކުމެގެން އޭނާގެ ޚިޔާލީ ލޯފުޅުގެ ކުރިމައްޗަށް އަތުވެއްޖެއެވެ. އެއީ سعد ގެ ފޮޓޯފުޅެވެ. ދުވަސްކޮޅެއްގެ ކުރީއްސުރެ سعد ގެ ހަނދާންވަނީ އޭނާގެ ހިތްޕުޅުގައި އާވެއާލާވެ ފެތުރިފައެވެ. ميـمــونـة ގެ ޚިޔާލުފުޅުގެ ދުނިޔޭގައި سعد އޭނާގެ އަރިހުގައި ވިދާޅުވިއެވެ. "ميـمــونـة! ކަލާ ފިކުރު ބޮޑުވެވަޑައިނުގަންނަވާ! އަޅުގަނޑު މިގެންދަނީ ކަލާގެ ލަދުވެތިކަމާއި ކަލާގެ ޣީރަތު ރައްކައުތެރި ކުރުމަށްޓަކައި އެހެން މީހުންނަށް ފަތަޙަ ނުކުރެވޭވަރުގެ ކިއްލާއެއް ބިނާކުރަމުން!"
إدريـس ވިދާޅުވިއެވެ. "ރަމީކިއްޔާއާއި އޭނާގެ ދަރިކަލުން ކުއްލިއަކަށް ކޮއްކޮއަށް އެސަމާލުކަން ދެއްވީ ކީއްވެގެންކަން ކޮއްކޮއަށް އެނގިވަޑައިގަންނަވާތޯ؟ ސަބަބަކީ އެދެމައިންވެސް ވަނީ އޮރިޔާންކަމާއި ލަދުކުޑަކަން ފެތުރުއްވުމަކީ އެދެމައިންގެ ޙަޔާތުގެ މަޤުޞަދަކަށް ހައްދަވައިފައި. އެހެންމީހުންގެ ލަދުވެތިކަމާއި އަބުރުވެރިކަމަކީ އެބޭފުޅުންގެ އަރިހުގައި އެބޭފުޅުންނަށް ކުރެވޭ މަލާމާތެއް. އިހާނެތިކަމެއް. ރަމީކިއްޔާއަށް ހީފުޅުވަނީ އިޝްބީލިއްޔާގެ ކޮންމެ މާތް އަދި ޢިއްފަތްތެރި ތަޤުވާވެރި އަންހެނަކު އޭނާއަށް މަލާމާތްކުރާހެން. އެހެންވެ އެފަދަ މީސްމީހުންގެ މޫނުމަތީން ލަދުޙަޔާތުގެ ބުރުގާ ނޮޅައިލެއްވުމަކީ އޭނާގެ ވާޖިބެއްކަމުގައި އޭނާ ދެކެވަޑައިގަންނަވާ. އޭނާގެ ބޭފުޅުންގެ ހާލުކޮޅަކީވެސް ހަމަ އެއީ. މިހާރު معـتـمـد ގެ ދަރުބާރުގައިވެސް ޢިއްޒަތްތެރިކަމާއި، ވެރިކަމުގެ ގޮނޑިތައް މަޑުމަޑުންގޮސް ވަޤުފުވަމުންދަނީ ޣީރަތެއް ނެތުމާއި ލަދުޙަޔާތްކުޑަކަމުގައި ނަން މަޝްހޫރުވެފައިވާ މީހުންނަށް އަހަރެމެންނަށްވެސް ދެން ޖެހޭނީ ބޯހިޔާކޮށްލާނެ އެހެން ތަންކޮޅެއް ފެނޭތޯ ބަލަން."
ميـمــونـة ވިދާޅުވިއެވެ. "އިޝްބީލިއްޔާއަށްވުރެ ޣަރުނާޠާ މާރަނގަޅުވާނެކަން އަޅުގަނޑަށް ޔަގީން. އެހެންނޫނީ ހިންގަވާ ޤުރުޠުބާއަށް. އެރަށަކަށް އަޅުގަނޑުމެންވެސް ބީރައްޓެއްސެއް ނުވާނެ ނޫންތޯ؟"
إدريـس ވިދާޅުވިއެވެ. "ހީވަނީ ދުވަސްކޮޅެއްގެ ފަހުން ޤުރުޠުބާގެ ހާލު އިޝްބީލިއްޔާއަށްވުރެވެސް މާނުބައިވާނެހެން. رشـيـد އުޅުއްވަނީ އެރަށުގެ ގަވަރުނަރަކަށް ވަޑައިގަންނަވަން."
* * * * * * * * * * *
ޚާދިމާއެއް ކޮޓަރިތެރެއަށް ވަދެފައި ދަންނަވައިފިއެވެ. "ގޯތިތެރޭގައި ޚާދިމެއް އެބަހުރި. ހީވަނީ ކަލާއާ ބައްދަލުވާން ބޭރުމީހަކު އައިސްހުރީހެން."
إدريـس ޚާދިމަށް ވިދާޅުވެގެން އަރިހަށް ގެންނަވައިފިއެވެ. އޭނާ ދޮރުމައްޗަށް ހުއްޓިފައި ދެންނެވިއެވެ. "ޣަރުނާޠާއިން ކަލާގެ ރަޙުމަތްތެރިއެއް ވަޑައިގެން އެބަހުންނެވި. އަޅުގަނޑު މިއައީ އޭނާ މަރިޔާދުގޭގައި ބައިންދައިފައި."
إدريـس ހަމައެވަގުތު ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ސުވާލު ކުރެއްވިއެވެ. "ކަލޭ އޭނާގެ ނަމެއް ނާހަމުތަ؟"
"އާދެ! ސާހިބާ! އެކަމަކު އޭނާ ބުނީ ތިމަންނަޔާ ބެހޭގޮތުން ހަމައެކަނި ޣަރުނާޠާއިން އައިމީހެކޭ ދެންނެވުމުން ފުދޭނެއޭ!"
ميـمــونـة އިރުކޮޅަކު އެއްވެސް ހިއްސެއް ޙަރަކާތެއްނެތި އިންނެވިއެވެ. އޭނާ އަވަސްއަވަހަށް ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ޣަރުނާޠާއިން އައީ ކާކުބާ؟ އޭނާގެ ހިތްޕުޅުގެ ތެޅުން އޭނާގެ ސުވާލަށް ޖަވާބު އެރުވިއެވެ. ميـمــونـة އަށް އޭނާގެ ހަމަހިމޭން ޙަޔާތްޕުޅަށް ޠޫފާނެއް އަންނާން އުޅޭހެން ހީފުޅުވިއެވެ. އިންތިހާދަރަޖައިގެ އުފާވެރިކަމެއްގެ އިޙުސާސުން އޭނާގެ މުޅި ހަށިކޮޅު ތުރުތުރުއަޅާން ފަށައިފިއެވެ. ގޯތިތެރޭގައި ހުންނަވައިގެން އޭނާ އިރުކޮޅެއްވަންދެން އުޑުގެ ތަރިތަކާ ދިމާއަށް ބައްލަވާން ހުންނެވިއެވެ. އެތަރިތަކުގެ ހަމަހިމޭން ހިނިތުންވުންވަނީ ގަދަ ހުނުންގަނޑަކަށް ބަދަލުވެފައެވެ. "سعد! سعد!" ميـمــونـة އޭނާގެ ހިތްޕުޅުން ވިދާޅުވިއެވެ. "ކަލާ ތިޔަވަޑައިގަތީ....." ميـمــونـة ގެ ޙަޔާތްޕުޅުގެ މަޢުޞޫމް އަދި ރީތި ހިތްގައިމު އެތަކެއް ހަނދުމަފުޅުތަކެއް މާޒީގެ ފަނޑުކަމުގެ ތެރެއިން ފާޅުވެ އޭނާގެ ވަށައިގެން ނަށާން ފަށައިފިއެވެ. سعد ގެ ނަންފުޅަކީ މިއުޒިކް ކުޅޭ އާލަތެކެވެ. އެހަނދުމަފުޅު ޙަޔާތުގެ ހިމޭން ނަރުތަކާ ކުޅެލައި ރީތި ރާގާއި ޅެމުގެ ދުނިޔެއެއް އުފައްދައިލިއެވެ.
ميـمــونـة މެދުގޯތި ހުރަސްކުރައްވައިފައި މަރިޔާދުގޭގެ ކައިރިއަށް ވަޑައިގެންފިއެވެ. އޭނާ ދެބައިކުޅަ އެއްބައި ހުޅުވިފައިހުރި ދޮރެއްގެ ނިވަލުގައި ހުންނަވައިގެން އެތެރެ ބައްލަވާން ފައްޓަވައިފިއެވެ. އޭނާގެ ބޭބެ ކޮންމެވެސް މީހަކާ ކަރާކަރުޖައްސަވައި ސަލާންކުރައްވަނީއެވެ. އެދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކު މޭފުޅުގައި ޖައްސަވައި ފިއްތަވަނީއެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސުވާލުތަކުގެ ފުނިވަރުތައް އޮއްސަވައިލައްވަނީއެވެ. ބޭރުމީހާގެ މޫނު ހުރީ އަނެއްފަރާތަށެވެ. އެހެންކަމުން ميـمــونـة އަކަށް އޭނާގެ އެންމެފުރަތަމަ ނަޒަރަކުން އެމީހަކު ރަނގަޅަކަށް ފެނިވަޑައެއްނުގަންނަވައެވެ. إدريـس އެއްފިޔަވަޅު ފަހަތަށް ޖެހިވަޑައިގެން سعد ގެ ކޮނޑުފުޅުމަތީގައި ދެއަތްޕުޅު ބޭއްވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ ސޫރަ ދެކެލިޔަ ދެއްވަބައްލަވާ!"
މިހާރު ميـمــونـة އަށްވެސް سعد ރީތިކޮށް އެބަފެނިވަޑައިގަންނަވައެވެ. سعد! އޭނާގެ ތުއްޕުޅުއިރުގެ سعد މިހާރުވަނީ ފިރިހެންވަންތަ ރީތިކަމުގެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވެފައެވެ. ميـمــونـة ގެ ހިތްޕުޅުގެ ވިންދުތައް ސިއްރު ސިއްރުން ވިދާޅުވާން ފެށިއެވެ. ކަލާއަކީ ހަމަކުރީގެވެސް ކަލާއެވެ. ކަލާއަކީ އަޅުގަނޑުގެއެވެ. ކަލާ ތިޔަވަޑައިގަތީ އަޅުގަނޑަށްޓަކައެވެ. ميـمــونـة އަށް އަމިއްލަފުޅު ނަފްސު ހަނދުމަފުޅު ނައްތަވައިލެއްވިއްޖެއެވެ. އޭނާއަށް މަރިޔާދުގޭގެ ދޮރުގެ އޮޅިމަތީގައި ފައިންޕުޅު އެޅުއްވިއްޖެއެވެ. ޖަޒުބާތުގެ ވަރުގަދަ ޠޫފާނީ ރާޅެއް އޭނާ ކޮއްޕައި އެތެރެއަށް ގެންދާން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ހަށިކޮޅު ތުރުތުރު އަޅައިގަތެވެ. އޭނާ ދޮރުމަތީން އެއްފަރާތަކަށް ޖެހިވަޑައިގެން ދޮރުކަނީގައި އިސްތަށިފުޅު ޖައްސަވައިލައްވައިގެން ހުންނެވިއެވެ.
"سعد އެވެ! سعد އެވެ! ކަލާ ވަޑައިގަންނަވާނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑަށް އޮވެއެވެ." އޭނާގެ ލޯފުޅުން ކަރުނަ އޮހެނީއެވެ. އޭނާގެ ރީތި މޫނުފުޅަށް ވަގުތުގެ ޠޫފާނީ ގަދަ ވައިގެ ސަބަބުން ބުރައިފައިވާ ހިރަފުސްތައް ދޮންނަމުން ގެންދަނީއެވެ.
ކުއްލިއަކަށް އައި ބާރު ވައިރޯޅިއެއް ދޮރުފަތުގެ ދެފަޅި އެކުގައި ހުޅުވައިލައިފިއެވެ..... އެވަގުތު ميـمــونـة ކަންބޮޑުވެވަޑައިގެން ފަހަތަށް ޖެހިވަޑައިގެންފިއެވެ. ނަމަވެސް إدريـس އަށް ميـمــونـة ފެނިވަޑައިގެންފިއެވެ. އޭނާއަށް ހަޅޭފުޅު ލައްވައިގެންނެވުނެވެ. "ميـمــونـة! سعد ވަޑައިގެންފި!"
ނަމަވެސް އޭރު ވަނީ ޠޫފާނީ ވައިގެ މިސްރާބު ބަދަލުވެފައެވެ. ميـمــونـة ވަރަށް ބާރަށް ދުވެފައި ވަޑައިގެން އޭނާގެ ކޮޓަރިކޮޅުގެ ގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ކުއްލިއަކަށް ތެދުވެވަޑައިގެންފިއެވެ. ފާރުގައި ހަރުކޮށްފައިހުރި މޫނުބަލާ ލޯކޮޅެއްގެ ކައިރިއަށް ހުއްޓިވަޑައިގެންފިއެވެ. "ކޮންތަނަކު މޮޔައެއް؟" އޭނާގެ ހިތްޕުޅުން އަމިއްލަފުޅު ނަފުސާ މުޚާޠަބު ކުރައްވައި ވިދާޅުވެވުނެވެ. އޭނާ ހުންނެވީ ދެއަތްޕުޅުން މޫނުފުޅު ފޮރުއްވައިގެންނެވެ. އޭނާ ބޭޤަރާރުވެވަޑައިގެން ކޮޓަރިކޮޅުގައި ދެތިން ބުރެއް ޖައްސަވައިލެއްވިއެވެ. އެއަށްފަހު އަނެއްކާވެސް ބޭރަށް ނުކުމެވަޑައިގެންފިއެވެ. ބަރެންޑާގެ އެއްކަނެއްގައިހުރި ސިޑިޔަކުން ދުވެވަޑައިގެންފައި ވަޑައިގެން މަތީބުރީގެ ހާމަ ފެންޑާއަށް އަރައިވަޑައިގެންފިއެވެ. އޭނާ އުޑާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާއަށް ފެނިވަޑައިގެންނެވީ އުޑުގައިވާ ތަރިތައްވެސް އެއްތަރި އަނެއް ތަރިޔާ ސިއްރު ވާހަކަތަކެއް ދައްކާތީއެވެ. ކޯރާވީ ދިމާއިން ކޮންމެވެސް މަސްވެރިޔަކު ލަވައެއްކިޔާ އަޑު އިވިވަޑައިގެންފިއެވެ. ميـمــونـة ވަނީ މީގެކުރީންވެސް އެތަކެއްފަހަރު އެލަވަ އަޑުއައްސަވައިފައެވެ. ނަމަވެސް މިއަދު އެންމެފުރަތަމަ ފަހަރަށް އޭނާއަށް އިޙުސާސްވެވަޑައިގަތީ އެކަހަލަ އެތައްހާސް ލަވަތަކެއް އޭނާގެ ހިތްޕުޅުގައިވެސް މޯޅިޔަށް ދެމެމުންދާކަމެވެ.
ޚާދިމާއެއް ސިޑިމަތީ ހުރެގެން ميـمــونـة އަށް ދަންނަވައިލިއެވެ. "މެހުމާނަށް ފަރީއްކޮޅު ތައްޔާރު ކުރާނެތޯ؟"
"އާނ! އާނ!" އޭނާ އަވަސްއަވަހަށް އެދިމާއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. ތިޔައީވެސް އަހަންޖެހޭ ވާހަކައެއްތަ؟ އަވަސްކުރޭ! ނޫން މަޑުކޮށްލާ! ކާން ތައްޔާރުކުރާނީ ޚުދު އަހަރެން!"
إدريـس އާއި سعد އާ ދެބޭފުޅުން މިހާރު ހިސާބަކަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ތިއްބެވީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެން ވާހަކަފުޅު ދައްކަވާށެވެ. إدريـس سعد އާ ބެހޭގޮތުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު سعد ވިދާޅުވިއެވެ. "ކަލާގެ މަންމަގެ ހާލުކޮޅު ކިހިނެއްތޯ؟ އިހަށް އޭނާއަށް އަޅުގަނޑުގެ ވެދުން ވިދާޅުވެދެއްވާ! ވާހަކަ ދައްކާން ތިބޭނީ އޭގެފަހުން."
"މިދިޔަ އަހަރު މަންމަ އަވަހާރަވެއްޖެ!" إدريـس ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ.
سعد ހިތާމަ ފާޅުކުރެއްވުމަށްޓަކައި އެކަށީގެންވާ ލަފުޒުތަކަކާމެދު ވިސްނައިވަޑައިގަންނަވަނިކޮށް إدريـس ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ ފަރީއްކޮޅުގެ ކަންތައް ހަމަޖައްސައިފައި އެބައަންނަން!"
"ނޫން! އަޅުގަނޑު މިއައީ މެހުމާނުސަރާއިން ކައިގެން."
"މިރަށަށް ވަޑައިގަތީ ކޮންއިރަކުތޯ؟"
"އަޅުގަނޑުމެން އައީ ހަވީރުވުމުގެ ތަންކޮޅެއް ކުރީން. ކަލާ މިރަށުގައި ހުންނެވިކަމެއް އަޅުގަނޑަކަށް ޔަގީނެއް ނޫން. އަޅުގަނޑު ހީކޮށްގެންހުރީ ކަލާ ޤުރުޠުބާއަށް ވަޑައިގެންފާނެކަމަށް. ނަމަވެސް ނަސީބު ރަނގަޅުކަމުން މެހުމާންސަރާގެ ކައިރީގައިހުރި މިސްކިތެއްގެ އިމާމެއް ކަލާ ދެނެވަޑައިގަންނަވާ. އޭނާ މިގެއާ ހަމައަށް އަޅުގަނޑާއެކު މީހަކު ފޮނުއްވި. أحمد އާއި حسن އާ ދެބެންވެސް އަޅުގަނޑާއެކު ވަޑައިގެންނެވިއެވެ. އެދެބެއިން ތިއްބެވީ ވަރަށް ވަރުބަލިފުޅުވެފައި. އެހެންވެ އަޅުގަނޑު މިއައީ އެދެބެން މެހުމާންސަރާގައި ބައިތިއްބައިފައި."
إدريـس ބޭރަށް ނުކުމެވަޑައިގެން ޚާދިމަކަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ. "އަވަހަށް އަހަރެންގެ ބައްގީ ތައްޔާރުކުރޭ!" އޭނާ މަރިޔާދުގެއަށް ވެދެވަޑައިގެން سعد އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑުގޮސް أحمد އާއި سعد ގޮވައިގެން އަންނާނަން. ކަލާ އަވަހާރަފުޅު އަންނަކަމުގައިވާނަމަ ހިތްޕުޅު ހަމަޖެހިވަޑައިގެން އަވަހާރަފުޅުލައްޕާ. އަޅުގަނޑު ކަލާގެ އެނދުދާންކޮޅު ތައްޔާރުކުރުވާނަން. سعد ވިދާޅުވިއެވެ." އަޅުގަނޑު ކަލާއާ ބައެއް ވާހަކަ ދައްކައިލައިފައި މެހުމާންސަރާއަށް ދާނީ. އަޅުގަނޑާއެކު ޣަރުނާޠާގެ އެހެން ބައެއް ޒުވާނުންވެސް އެބަތިބި. އެހެންކަމުން އެމީހުންގެ ގާތުގައި އަޅުގަނޑު ނުހުރެއެއް ކަމަކު ނުދާނެ."
إدريـس ވިދާޅުވިއެވެ. "ކަލާ ތިޔަ ވިދާޅުވަނީ ކީކޭތޯ؟ އަޅުގަނޑު މިރަށުގައި ހުއްޓައި ކަލާ މެހުމާނުސަރާއެއްގައި ހުންނަވައިގެން ކަމުދާނީ ކިހިނަކުންތޯ؟ ކަލާގެ އަރިހުގައި ފަންސާސް މީހުން ތިއްބަސް ކަލާ އެމީހުން ގޮވައިގެން މެހުމާންސަރާއެއްގައި ހުންނަވައިގެން ނުވާނެ. މިގެ މިހިރީ މުޅީން ހުހަށް."
سعد ވިދާޅުވިއެވެ. "ކޮންމެއަކަސް މިވަގުތު އަޅުގަނޑުމެން މިގޭގައި ތިބުމެއް ރަނގަޅެއް ނޫން. އަޅުގަނޑުމެން އިޝްބީލިއްޔާއަށް މިއައީ ވަރަށްބޮޑު މަޤުޞަދެއްގައި ކަލާ އިހަށް އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާ!"
إدريـس ހިސާބަކަށް މާޔޫސްވެވަޑައިގެން ގޮނޑީގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ރަނގަޅަށް ދަންނަން. ކަލާއަކީ ވަރަށް ގޮތުގައި ހިފަހައްޓަވާ ބޭފުޅެއް. އެންމެ ރަނގަޅު. ތިޔަ ދައްކަވާން އުޅުއްވާ ވާހަކަފުޅެއް ދައްކަވަބައްލަވާ!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު