މިއަހަރަކީ ދަތި އުނދަގޫ އަހަރެއް ނަމަވެސް، އެމްޓީސީސީން އަހަރު ނިންމާލާނީ ކުންފުނީގެ ތާރީހުގައި ވެސް ލިބޭ އެންމެ ބޮޑު ފައިދާއާއެކު ކަަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާޒިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަސް ދިމާވެފައިވަނީ މުޅި ދުނިޔެ ވެސް ބޮޑު ބަލިމަޑުކަމެއް ތަހަންމަލު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން މި ވަގުތަކީ އުފާ ފާޅުކުރަންވީ ވަގުތެއް ނޫން ކަމަށާއި މިއީ މާޒީން ފިލާވަޅު ނަގައި، ކުރިއަށް އޮތްތަނުގައި ހަރުދަނާ މަސައްކަތްތަކެއް ކުރަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 40 އަހަރު މި ކުންފުނީގެ ހުރިހާ ލަނޑުދަނޑިއެއް ހާސިލްވެފައި މިވަނީ ވަރަށް ބުރަ މަސައްކަތުން. ހުރިހާ ދާއިރާއަކުން ވެސް އެމްޓީސީސީ މާކެޓްގެ ލީޑަރުކަން ދައްކުވައިދީގެން. 2020 ވަނަ އަހަރު ނިންމާލާނީ ރެކޯޑް އަދަދެއްގެ ފައިދާއަކާއެކު،" އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ކުންފުނިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ކުންފުނީގެ ހިންގުން މިއަށްވުރެ ވެސް ރަނގަޅުކޮށް، އާމްދަނީ އިތުރު ކުރުން ކަމަށެވެ. އަދި ކުންފުނީގެ ޝެއާހޯލްޑަރުންނަށް ފައިދާ އިތުރުކުރެވިގެންދާ އަހަރުތަކަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.
އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު