ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެން ފެށުމާއެކު، އެ ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ ލޮކްޑައުން ކުރުމެވެ. ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައި، ގޭބަންދުގައި ތިބުން ނޫން ގޮތެއް އޭރު ނެތެވެ. ވަޒީފާއަށް ދިއުމާއި، އެކުވެރިންނާ ބައްދަލުކުރުމާއި، ކުޅިވަރު ކުޅެން ދިއުން މަޑުޖައްސައިލަން ޖެހުނެވެ.
އެތައް ދުވަހަކަށްފަހު ކޮވިޑުގެ ހާލަތު ހަމަޔަކަށް އެޅެން ފެށުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ލުއިތައް ދޭން ފަށައިފައެވެ. ދާދިފަހުން ދިން ލުއިތަކުގެ ތެރޭގައި ޓީމް ކުޅިވަރުތައް ކުޅުމާއި، މުބާރާތްތައް ބޭއްވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. އެކަން ވެގެންދިޔައީ ކުދިބޮޑު އެންމެންނަށް ބޮޑު އުފަލަކަށެވެ. އީދެއް އައި ފަދައެވެ. ޒުވާނުން ދުއްވައިގަތީ ދަނޑުތަކަށެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނަ ޒުވާނުން ކުޅޭ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ކުޑަ ފުޓްސަލް މުބާރާތެއް ބޭއްވިޔަސް، އެ މުބާރާތެއްގައި އެތައް ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގެ ކުރިން ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގަވާއިދުން ފަރިތަކުރުންތައް ވެސް ބާއްވައެވެ.
ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުޅެލާނެ ތަނެއް ނެތުމެވެ. އެންމެ ގިނަ ޒުވާނުން ޝައުގުވެރިވާ ފުޓްސަލް ކުޅެލާނެ ތަންކޮޅެއް ނުލިބުމެވެ. ހާއްސަކޮށް މާލޭގައި ފުޓްސަލް ކުޅެލާނެ ދަނޑެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. އުނދަގުލާއެކު ވެސް ބައެއް ފަހަރު ދަނޑެއް ލިބެއެވެ. ނަމަވެސް ގަޑިއިރަކަށް ދަނޑެއް ލިބެނީ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެންނެވެ.
މީގެ ކުރިން މާފަންނު ސްޓޭޑިއަމް ބަލައިލައިފި ނަމަ، އެތަނުން އެތައް ޒުވާނުންނެއް ފެނިގެންދާނެއެވެ. އެތަން ކުރިން ފެންނަނީ ވަރަށް ޖާގަ ބޮޑު ތަނެއްގެ ގޮތުގައެވެ. އެތަނުގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު، އެތަނުގައި ޓާފް ތިން ދަނޑެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޅިއެވެ. އާންމުންނަށް އެ ދަނޑުތައް ބޭނުންކުރެވުނު ނަމަވެސް، އެ ދަނޑުތައް އެޅުމުން އެތަނުގެ ޖާގަ ކުޑަވެގެންދިޔައެވެ. އަދި އެ ތިން ދަނޑު އަބަދުވެސް ފެންނަނީ ވަރަށް ފުލްކޮށެވެ.
އެ ދަނޑުތަކަށްފަހު މާފަންނު ސްޓޭޑިއަމްގެ ތެރެއިން އެފްއޭއެމްގެ އިމާރާތެއް އެޅުމަށް ވެސް ޖާގަ ހުސްކުރަން ޖެހުނެވެ. އެހެންވުމުން އަނެއްކާވެސް ކުޅުމަށް ލިބޭ ޖާގަކޮޅު އިތުރަށް ކުޑަވެގެންދިޔައެވެ. އިތުރަށް ދެން އޮތް ކުޑަ ޖާގައިގައި ގިނައިން ފެންނަނީ ބިދޭސީން ކްރިކެޓް ކުޅޭ ތަނެވެ.
މާފަންނު ސްޓޭޑިއަމްގައި ދެން ހިމެނެނީ އެފްއޭއެމްގެ ދެ ޓާފް ދަނޑާއި ޓްރެފިކް ޕޮލިސް ކުރިމަތިން އޮންނަ ވެލިދަނޑެވެ. އާންމުންނަށް ކުޅުމުގެ ފުރުސަތު އޮންނަ ވެލިދަނޑު ވެސް ވަރަށް ފުލްކޮށް އޮންނަ އިރު، އެތަނުގައި އޮންނަނީ މުޅިން ގަލެވެ. އެތަން ރަނގަޅަށް ބެލެހެއްޓޭ ތަނެއް ނުފެނެއެވެ.
ދާދި ފަހުން ފުޓްސަލް ކުޅޭ ޒުވާނުންނަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ވަރަށް އުންމީދީ ހަބަރެއް ދެއްވައިފައެވެ. އެއީ ކްލަބުތަކުގެ ޕްރެކްޓިސް ނޯންނަ ގަޑިތަކުގައި އާންމުންނަށް އެފްއޭއެމްގެ ޓާފް ދަނޑުތައް ބޭނުންކުރެވޭނެ ކަމުގެ އުފާވެރި ހަބަރެވެ. ކުރިން ފައިސާ ދައްކައިގެން އެ ދަނޑުތައް އާންމުންނަށް ބޭނުންކުރެވުނު ނަމަވެސް، ދެން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޮވިޑުގެ ފިޔަވަޅުތަކަށްފަހު ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލި އިރު، އެ ޓާފް ދަނޑުތައް އާންމުންނަށް އެއްވެސް އުނދަގުލެއް ނެތި ބޭނުންކުރެވުނެވެ. ނަމަވެސް އިއްޔެ ފެނިގެންދިޔައީ އެއާ ހިލާފު މަންޒަރެކެވެ. ކްލަބުތައް ފިޔަވައި، އެހެން ބަޔަކަށް އެފްއޭއެމްގެ ޓާފް ދަނޑަށް އެރުން މަނާކަމަށް އެންގީއެވެ.
އެއް ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތައް ކުރިއަށްގެންދާތީ، އިއްޔެ ހެނދުނު އާންމުން ބޭނުންކުރަމުންދިޔައީ ހުސްކޮށް އޮތް ޓާފް ދަނޑެވެ. ނަމަވެސް އެމީހުންނަށް ހުރަސްއެޅުމަށް އެތަނަށް ދިޔައީ އެފްއޭއެމްގެ މެއިންޓެނަންސް އޮފިސަރު ސޮފްވަތު ހަމީދު ނަމަކަށް ކިޔާ މީހެކެވެ.
އެކުވެރިންނާއެކު އެ ދަނޑު ބޭނުންކުރުމުންދިޔަ ޒުވާނެއް ކަމަށްވާ އާދަމް ފުރުގާން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި، ލިޔުމެއް ނެތީސް މީހުން ދަނޑުން ނުފާބާނެ ކަމަށް ބުނުމުން، އެފްއޭއެމްގެ ފަރާތުން އައި މީހާ ފަހުން ދިޔައީ ފުލުހުން ގޮވައިގެންނެވެ.
"ފުލުހުން އައިސް އެންގީ އެމީހާގެ އަތުގައި އެފްއޭއެމްގެ ފާސް އޮތް ކަމަށް. އެހެންކަމުން އެފްއޭއެމްގެ ދަނޑެއް ކަމުން، އެމީހުން އެންގުމުން ދަނޑުން ފައިބަން ޖެހޭނެ ކަމަށް ފުލުހުން ބުނި. އަޅުގަނޑުމެންނަކީ ވަރަށް ގިނަ މާފަންނު ސްޓޭޑިއަމަށް ކުޅެން ދާ ބައެއް. އެކަމަކު އެމީހާ ދުވަހަކު ވެސް ނުފެނޭ. އޭނާ އަތުގައި ފާހެއް އޮތަސް، އޭގައި ވަނީ އޭނާގެ މަގާމެއްގެ ގޮތުގައި އޭގައި އޮތީ މެއިންޓެނަންސް އޮފިސަރު ކަމަށް. އެހެންވީމާ ޝައްކުތަކެއް ވެސް އުފެދުނު. ނަމަވެސް ފުލުހުން އޭނާ ދައްކާ ވާހަކަތަކުގެ ސައްހަކަން ބަލައިފައެއް ނުވޭ،" ފުރުގާން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ދަނޑުން ފައިބަން އެންގި ސޮފްވަތު ބުނިގޮތުގައި ދަނޑުތައް ބޭނުންކުރެވޭނެ ކަމަށް މަހުލޫފު ވިދާޅުވި ނަމަވެސް، އެއީ އެފްއޭއެމްގެ ދަނޑުތަކެކެވެ. ޔޫތު މިނިސްޓްރީގެ ދަނޑުތަކެއް ނޫނެވެ. އެހެންކަމުން އެފްއޭއެމުން އެންގުމުން އެތަން ދޫކޮށް ދާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެފްއޭއެމްގެ އިސްވެރިޔަކު އޭނާއަށް އެގޮތަށް އިރުޝާދު ދިންކަން އޭނާއަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. އާންމުން ބޭނުންކުރާތީ ދަނޑުތައް ހަލާކުވަނީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ އެންމެންވެސް އަރައިގެން ތިބީ އުން ބޫޓަކަށް ނޫނެވެ. ޓާފް ދަނޑުތަކުގައި ކުޅޭ ފުޓްސަލް ބޫޓުތަކަށެވެ.
އެންމެ ފަހުން އެ ދަނޑު ބޭނުންކުރަމުންދިޔަ ކުދިބޮޑު އެންމެން ޖެހުނީ މާޔޫސްކަމާއެކު އެތަން ދޫކޮށް ދާށެވެ. ދެ ފަހަރެއްގެ މަތިން ފުލުހުން ގޮސް، ދަނޑު ހުސްކުރަން އެންގުމުން އެނޫން ގޮތެއް ނެތެވެ.
މާފަންނު ސްޓޭޑިއަމްގެ އިތުރުން ދެން ހިމެނޭ ގިނަ ދަނޑުތަކަކީ ވެސް ފައިސާދީގެން އުނދަގުލުން ލިބޭ ދަނޑުތަކެވެ. މާފަންނު ދަނޑުގެ އިތުރުން ފުޓްސަލް ކުޅުމަށް ހާއްސަ ދަނޑުތަކުގެ ގޮތުގައި މާލޭގައި ދެން އޮތީ ކުޑަހެންވޭރު ދަނޑާއި ފުލެޓު ދަނޑާއި ބުރު ދަނޑު އަދި އީގަލްސް ދަނޑެވެ. އޭގެ ތެރެއިން އީގަލްސް ދަނޑު ލެބެނީ ކުރީ ބައިގައި ކިޔޫގައި ޖެހިގެން ބުކްކޮށްގެންނެވެ. ދެން ހިމެނޭ ދަނޑުތައް ލިބެނީ ފައިސާ ދައްކައިގެންނެވެ.
އާންމުން ބޭނުންވަނީ ކްލަބުތަކުން އެފްއޭއެމްގެ ޓާފް ދަނޑުތައް ބޭނުން ނުކުރާ ވަގުތުތަކުގައި އެ ދަނޑުތަކުގައި ކުޅެވޭނެ ފުރުސަތު ލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމެވެ. ދަނޑު ހުސްކޮށް އޮންނަ ވަގުތުތަކުގައި "ފައްސާލުމުގެ" ބަދަލުގައި އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްވެގެން ދިއުމެވެ.
ފުޓްސަލްގެ އިތުރުން އެހެން ކުޅިވަރުތައް ކުޅުމަށް ވެސް މާލޭގައި ތަނެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އެގޮތުން ދިވެހިންގެ މެދުގައި މަގުބޫލު ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅުމަށް ހާއްސަ ތަންތަން ވެސް މާލޭގައި މަދެވެ. އެންމެންވެސް ބޭނުންވަނީ މިކަންކަމަށް އަވަސް ހައްލެކެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް