ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމުގެ ކުރިން ހެދި ހުރިހާ ކޮވިޑް ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިމަހު އަށްވަނަ ދުވަހު ފަށާފައިވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށެވެ. އެގޮތުން ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ސްޓޭޑިއަމްގައި ހަރަކާތްތެރިވާ އެފްއޭއެމްގެ ޓެކްނިކަލް ހުރިހާ ފަރާތްތަކެއްވެސް ވަނީ ކޮވިޑް 19 އަށް ޓެސްޓުކޮށްފައެވެ.

އެފްއޭއެމްއިން ބުނީ ޓީމުތަކުގެ 223 ކުޅުންތެރިންނާއި 66 އޮފިޝަލުންގެ އިތުރުން 16 ރެފްރީންނާއި އެފްއޭއެމްގެ އޮފިޝަލުން ހިމެނޭހެން ޖުމުލަ 320 މީހަކު ޕީސީއާރް ޓެސްޓް ހަދާފައިވާ ކަމަށާއި އެ ހުރިހާ ފަރާތެއްވެސް ކޮވިޑް 19 އަށް ނެގެޓިވް ކަމަށެވެ. އެފްއޭއެމްއިން ބުނެފައިވަނީ ޓީމުތަކުގެ ފަރިތަކުރުންތަކުގައި އަދިވެސް އެޗްޕީއޭގެ އުސޫލަށް އަމަލުކުރަމުން އަންނަ ކަމަށާއި ކޮންމެ މެޗެއް ނިމުމުން ގައުމީ ދަނޑު އެއްކޮށް ޑިސްއިންފެކްޓްވެސް ކުރަމުން އަންނަ ކަމަށެވެ.

ލީގުގެ ފުރަތަމަ މެޗުތައް މިދިޔަ ހަފުތާގައި ކުޅެފައިވާ އިރު، އެފްއޭއެމްއިން ވަނީ އެޗްޕީއޭއާއެކު އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަން ގިނަ މަސައްކަތަކެއް ކޮށްފައެވެ. އެގޮތުން ކޮންމެ ކްލަބަކަށްވެސް ހައިޖީން އޮފިސަރެއް އިތުރުކުރުން އަދި ކުޅުންތެރިންގެ ކޮންޓެކްޓް މަދުކުރުމަށް އިރުޝާދުތައްވެސް ދީފައިވެއެވެ.