(14 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މަގުމަތީގައިހުރި ކުއްޖާ ޚުވާޖާސަރާގެ ޝާހީ ފަގުޑި ނަގައިފިއެވެ. އެކުއްޖާ އޭގައިހުރި ދުނި ލުއްސައިފައި ހިރަފުސް ފޮޅައިލުމަށްފަހު ޚުވާޖާސަރާގެ ބޮލުގައި އަޅުވައިފިއެވެ. އަނެއްކާވެސް ދުންޏެއް އައިސް ޚުވާޖާގެ ފަގުޑި ހައެއްކަ ފިޔަވަޅު ދުރަށް ވިއްސައިލިއެވެ. ޚުވާޖާސަރާ ފަހަތަށް އެނބުރިފައި އޭނާގެ ގައިގައިހުރި ބާރަކަށް ދުއްވައިގެންފިއެވެ. އެވަގުތު އޭނާގެ ދެފައި އޮޅިގެން އަނގަވަތަށް ވެއްޓިއްޖެއެވެ.

އެރޭގެ ރޭގަނޑު އޭނާ ޝާހީ ކިއްލާގައި ޝެހެޒާދާ رشـيـد އަށް ވިސްނައިދެމުން ގެންދިޔައެވެ. "ސާހިބާ އެކުއްޖާއާ ލޯބީގެ ގުޅުން ބާއްވަވާނަމަ މުޅި އުމުރުފުޅުގައި އުޅުއްވާން ޖެހިވަޑައިގަންނަވާނީ ދަގަނޑު ދަހަނާ ތުރުކުރައްވައިގެން މާތް اللّـه އަށް ޝުކުރު ކުރަން. އެކުއްޖާގެ އަމާޒު އަދި އެހައި ރަނގަޅެއް ނޫން. އެހެން ނޫންނަމަ އަޅުގަނޑު ހަލަންޏަކަށް ހަދައިލީސް."

* * * * * * * * * * *

ميـمــونـة އޭނާގެ ގޭގެ މަތީބުރީގެ ކޮޓަރިއެއްގެ ކުޑަދޮރުކައިރީގައި ހުންނެވިއެވެ. އެއީ ކޯރާ ދިމާއަށް ހުޅުވޭ ކުޑަދޮރެކެވެ. އޭނާ ހުންނެވީ ހަވީރުގެ ހިތްފަސޭހަ ވައިރޯޅިތަކުގެ އަރާމު ހޯއްދަވާށެވެ. ދުވަސްވަރަކީ ބަހާރުމޫސުމެވެ. އިޝްބީލިއްޔާގެ މަތީފަންތީގެ ފިކުރެއް ޚިޔާލެއް ނެތް ޒުވާނުންތައް ކޯރުގެ އައްސޭރި ފުރައިލައިފައި އޮތްއިރު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އިޝްބީލިއްޔާގެ އަމީރުންގެ ސުމާރެއް ނެތްހައިގިނަ ކުދި ބައްތެލިފަހަރު ކޯރުގައި ކޮޅުކޮޅަށް ދުއްވަމުން ގެންދެއެވެ. ބައެއް ބައްތެލިފަހަރުން ރީތި ލަވައާއި ހިތްގައިމު މިޔުޒިކުގެ އަޑު އިވެމުންދެއެވެ. ކޯރުގެ އައްސޭރީގެ ބަގީޗާތަކުގައި ހައްދައިފައިވާ މާގަސްތަކުގެ ތެރޭގައި ޅެމާއި ޅެންވެރިކަމުގެ ޢާޝިޤުންގެ މަހެފިލުތައް ހިނގަހިނގައި އޮތެވެ. ޅެންވެރީންނާއި ލަވަކިޔާ މީހުންގެ އިތުރަށް ހެއްވާ ވައްތަރުދައްކާ މީހުންނާއި، ޖާދޫހަދާ މީހުންވެސް އެބައިމީހުންގެ ކުޅަދާނަކަން ދައްކަމުން ގެންދެއެވެ.

އިރުއޮއްސުމާއެކު ميـمــونـة ޖެހިގެންހުރި ކޮޓަރިކޮޅަށް ވެދެވަޑައިގެން މަޣުރިބުނަމާދު ކުރައްވައިފިއެވެ. ނަމާދުކުރައްވައި ނިމިވަޑައިގެން ދުޢާކުރައްވަން އަތްޕުޅު އުފުއްލަވައިލެއްވިތަނާ އޭނާއަށް އަންހެން ކުދީންތަކެއް ވާހަކަ ދައްކާ އަޑު އިވިވަޑައިގެންފިއެވެ. އެކުދީން ތިބީ ގޯތިތެރޭގައެވެ. ميـمــونـة ދުޢާކުރައްވައި ނިމިވަޑައިގެން ބެލްކަންޏަށް ނުކުމެވަޑައިގެން ގޯތިތެރެ ބައްލަވައިލެއްވިއިރު އޭނާގެ ރަޙުމަތްތެރި ހަތަރު ކުއްޖަކު ޚާދިމާއާ ވާހަކަ ދައްކާން ތިއްބެވެ. އޭގެތެރެއިން އެއްކުއްޖަކަށް ميـمــونـة ފެންނައިރަށް ހަޅޭއްލަވައިގެންފިއެވެ. "ميـمــونـة އަވަހަށް ވަޑައިގަންނަވާ! މިހާރުވެސް މާލަސްވެއްޖެ. ކަލާ އަދިވެސް ހެދުންކޮޅުވެސް ބަދަލުނުކުރައްވަނީތޯ؟"

އަނެއްކުއްޖަކު ބުންޏެވެ. "ميـمــونـة ހެދުންކޮޅު ބަދަލުކުރެއްވުމުގެ ބޭނުމެއްނެތް. އެ ސާދާ ހެދުންކޮޅުގައިވެސް ميـمــونـة ހީވަނީ ހަމަ ޕަރީޒާދެއްހެން. މަލަކާއެއްހެން." އެ ހަތަރު ކުދީންގެ ލޯތައް ميـمــونـة ގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. ميـمــونـة އަށް އޭނާގެ ކޯތާފަތްޕުޅުމަތީން ހިތްގައިމު ހޫނުކަމެއް އިޙުސާސްވެވަޑައިނުގެނެއް ނުދިޔައެވެ. ސިކުންތުކޮޅެއް ހައިއިރު މަޑުކޮށްލެއްވުމަށްފަހު ميـمــونـة ތިރިއަށް ފައިބައިވަޑައިގަތުމަށްޓަކައި ސިޑިޔާ ދިމާއަށް ވަޑައިގެންފިއެވެ.

އެކުއްޖަކު ميـمــونـة އަރިހު ދެންނެވިއެވެ. "އަޅުގަނޑު ހީކުރީ ކަލާ މިހާރު ވަޑައިގެންފާނެކަމަށް. ދެންވެސް އަވަހަށް ތައްޔާރުވެވަޑައިގަންނަވާ!"

"ކޮންތަނަކަށް ދާންތޯ؟" ميـمــونـة ފަރުވާކުޑަގޮތަކަށް ސުވާލު ކޮށްލެއްވިއެވެ.

ދެވަނަ ކުއްޖާ ވާހަކަ ދެއްކިއެވެ. "ތިޔަހަރަ އެނގިވަޑައިނުގަތުމެއްތާ ދޮގެއްތޯ؟ އަޅުގަނޑު ޤުރުބާން ވެދާނަން. ކަލާއަށް ހީފުޅުވަނީ ޚުދު ސުލްޠާނާ ރަމީކިއްޔާ ކަލާ ބައްލަވައި ވަޑައިގަންނަވާނެކަމަށްތޯ؟"

މަލަކާ ރަމީކިއްޔާ އަޅުގަނޑު ބަލައި އެބަވަޑައިގަންނަވައޭ އަޅުގަނޑު ދެންނެވީ ކޮންއިރަކުތޯ؟

"އެންމެ ރަނގަޅު އަވަހަށް ތައްޔާރުވެވަޑައިގަންނަވާ. މިހާރުވެސް މާލަސްވެއްޖެ. ހިންގަވާ އަޅުގަނޑު ކަލާގެ އިސްތަށިފުޅު އޮމާންކޮށްދޭނަން." މިހެން ބުނެފައި އެ ހަތަރު ކުދީންގެ ތެރެއިން އެންމެ އިސްކޮޅުން ދިގު ކުއްޖާ ميـمــونـة ގެ މުލައްދަނޑިފުޅުގައި ހިފައިފިއެވެ. އޭނާ ތިރީބުރީގެ ކޮޓަރިއަކާ ދިމާއަށް ميـمــونـة ގެންދާންވެގެން އަތްޕުޅުގައި ހިފައި ދަމާންފަށައިފިއެވެ.

"ميـمــونـة އޭނާގެ މުލައްދަނޑިފުޅު ސަލާމަތްކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ދާހިތެއް ނެތް."

"ކަލާ ވަޑައެއް ނުގަންނަވާނަމޭތޯ؟" ހުރިހައި ކުދީން އެއްއަޑަކުން ސުވާލު ކުރިއެވެ.

"އާދެ! އަޅުގަނޑެއް ނުދާނަން."

"އެއީ ކީއްވެތޯ؟"

"އަޅުގަނޑު ހަމަ ދާހިތް ނެތީ."

"ކަލާ ސުލްޠާނާ ރަމީކިއްޔާގެ ދަޢުވަތު ރައްދުކުރައްވަނީތޯ؟"

ميـمــونـة ހަމަޖެހިވަޑައިގެން ވިދާޅުވިއެވެ. "ސުލްޠާނާ ރަމީކިއްޔާގެ ދަޢުވަތު ގަބޫލުކުރުމަކީވެސް މިހާރު ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭކަމެއްތޯ؟"

އިސްކޮޅުން ދިގު ކުއްޖާ ބުންޏެވެ. "ميـمــونـة! ކަލާ ވަޑައިގަންނަވާ ހިތްޕުޅު ނުވަންޏަކާ އަޅުގަނޑުމެންނަކަށް މަޖުބޫރެއް ނުކުރެވޭނެ. ނަމަވެސް ކަމަކާނުލައި ސުލްޠާނާ ރަމީކިއްޔާއާ މައްސަލަ ޖެހޭނެގޮތަށް އުޅުއްވުމަކީ ކަލާއަށްވެސް މާރަނގަޅު ގޮތަކަށެއް ނުވާނެ. ކަލާ ގަސްދުގައި އޭނާގެ ދަޢުވަތު ގަބޫލު ނުކުރައްވާން އުޅުއްވާކަން އޭނާއަށް އިޙުސާސް ވެވަޑައިގެންފިނަމަ އޭނާ ބައްލަވާނީ އެއީ އޭނާގެ އަގު ވައްޓަވައިލެއްވުމެއް ކަމަށް. ފަހަރެއްގައި އެކަމަކީ ކަލާގެ ބޭބެއަށްވެސް މާރަނގަޅު ގޮތަކަށް ނުވުމަކީވެސް ވަރަށް ކައިރި ކަމެއް. ކަލާއަށްވެސް އެނގިވަޑައިގަންނަވާނެ. މިދިޔަ ހަފުތާގައި މިރަށުގެ މިސްކިތެއްގެ އިމާމަކު އަރުވައިލެވުނީ އާއްމު އެއްވުމެއްގައި ދެއްކެވި ވާހަކަފުޅެއްގައި މަލަކާ ރަމީކިއްޔާ އިޝްބީލިއްޔާގެ އަންހެނުންގެ މެދުގައި ލަދުކުޑަކަން ފަތުރުއްވާން އުޅުއްވާ ކަމުގައި ވިދާޅުވުމުގެ ސަބަބުން."

ميـمــونـة ހިސާބަކަށް ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. "ކަލާ އަޅުގަނޑުގެ ބޭބެއާމެދު ކަންބޮޑުވެވަޑައި ނުގަންނަވާ! އަރުވައިލެވުމަކީ އޭނާއަކަށް އައުކަމެއް ނޫން. އޭނާ ބޭނުންފުޅުވަނީ މަލަކާ ރަމީކިއްޔާގެ ބަދަލުގައި މާތް اللّـه ގެ ރުހިވޮޑިގަތުން ހޯއްދަވާން!"

ميـمــونـة ގެ ރަޙުމަތްތެރި އެހެން ކުއްޖެއް ވާހަކަ ދެއްކިއެވެ. "އެންމެ ރަނގަޅު! އަޅުގަނޑުމެންނަކަށް ކަލާއަކަށް މަޖުބޫރެއް ނުކުރެވޭނެ. ނަމަވެސް މަލަކާ ރަމީކިއްޔާ ކަލާ ބަލައި ފޮނުއްވައިފައި ވަޑައިނުގެންނެވި ސަބަބަކާމެދު ސުވާލު ކުރައްވައިފިނަމަ އޭނާއާ ބަހުސު ކުރެއްވުމުގެ ބަދަލުގައި ކޮންމެވެސް އުޒުރެއް ދެއްކެވުން ރަނގަޅެއް ނުވާނެތޯ؟"

"ކަލާ ހިތްޕުޅު ހަމަޖައްސަވާ! އަޅުގަނޑު އޭނާއަށް ޖަވާބު ދީފާނަން."

އަންހެންކުދީންތައް އެއްކުއްޖަކު އަނެއް ކުއްޖަކާ ސިއްރު ވާހަކަތައް ދައްކަމުން ބޭރަށް ނުކުމެއްޖެއެވެ. އެކުދީންގެ ބައްގީ ބޭރުގައި މަޑުކޮށްފައި އޮތެވެ. އެކުދީން ބައްގީއަށް އަރައިފައި އޭގެތެރެއިން އެއްކުއްޖެއް ސިއްރުސިއްރުން ބުނެލިއެވެ.

"އަހަންނަށް ކުރީންވެސް އެނގޭ ميـمــونـة މި ކުޅިވަރުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަން."

ދެވަނަ ކުއްޖާ ވާހަކަ ދެއްކިއެވެ. "އަޅެ އޭގެ ސަބަބަކީ ކޮބައިބާ؟"

"ކަލޭ ނުދެނަހުރިންތަ؟ ޝެހެޒާދާ رشـيـد ميـمــونـة އާ ކާވެނިބައްލަވަން ގަދަހައްދަވަނީ!"

"ميـمــونـة ޝެހެޒާދާ رشـيـد އަށް ފުރަގަސް ދެއްވައިފިނަމަ އޭނާ އެހުންނެވީ ބުއްދިފުޅު ގޯސްވެފައި."

"ނޫން! ބުއްދިފުޅު ގޯސްވީކީ ނޫން! ميـمــونـة އަށް އޭނާގެ ރީތިފުޅުކަމާއި އޭނާއަށް ލިބިވަޑައިގެންފައިވާ ހިތްތައް ފަތަޙަކުރެއްވުމުގެ ބާރު ފުރިހަމައަށް އިޙުސާސްވެވަޑައިގަންނަވަނީ! އޭނާ ފަހަތަށް ޖެހިވަޑައިގެންނެވި ވަރަކަށް رشـيـد ގެ ކެތްތެރިކަން ކުޑަވާނެކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާ رشـيـد ހުންނަވަނީ ميـمــونـة އާ ވަރަށްބޮޑަށް ހެސްގެންވަޑައިގެންފައި."

އަނެއްކާ އެހެން ކުއްޖެއް ވާހަކަ ދެއްކިއެވެ. "ކަލޭމެން ތިޔަ އުޅެނީ ޚިޔާލީ ފަރުބަދަތަކެއް ހަދަން. އަހަރެން ميـمــونـة ދަންނަން. ރަމީކިއްޔާގެ ދަރިކަލުން މުޅި ދުނިޔޭގެ ދެބައިކުޅައެއްބައިގެ މައްޗަށް ވެރިކަން ކުރެއްވިކަމުގައިވިޔަސް ميـمــونـة އޭނާއަށް ސަމާލުކަން ދެއްވަން އެކަށީގެންވާ ކަމަކަށް ނުބައްލަވާނެ. ތިޔަބައިމީހުންނަށްވެސް އެނގޭނެ. ميـمــونـة ގެ މަންމަ އަވަހާރަވީ ފަހަކުން އޭނާ އެއްވެސް ޕާޓީއަކު ބައިވެރިވެވަޑައެއް ނުގަންނަވާ. އޭނާ ރަމީކިއްޔާގެ ދަޢުވަތެއްގައި ބައިވެރިވެވަޑައިގަތީ އެންމެ ފަހަރަކު. އެފަހަރު އެތަނުން ފެނިވަޑައިގެންނެވި ކަންތައްތަކާހުރެ، ޚާއްޞަކޮށް ޝެހެޒާދާ رشـيـد ގެ ޙަރަކާތް ހުރިގޮތުން ميـمــونـة ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައި!"

އިސްކޮޅުން ދިގު ކުއްޖާ ހުރީ ميـمــونـة رشـيـد އާ ގުޅިވަޑައިގަންނަވަން އިންކާރު ކުރައްވާތީ ތަންކޮޅެއް ބޮޑަށް ނުރުހިފައިހެން ހީވެއެވެ. އޭނާ ބުންޏެވެ. "ކަލޭމެންގެ ތެރެއިން އެކަކަށްވެސް ميـمــونـة އާއި رشـيـد ގެ މައްސަލަ ގޮސްފައިއޮތް ހިސާބެއް އެނގޭހެނެއް ހިއެއްނުވޭ. ކަލޭމެންނަށް ކޮންމެވެސް ދުވަހަކުން ކުއްލިއަކަށް އިވޭނީ ميـمــونـة ގަނޑުވަރަށް ވަޑައިގެންފި ވާހަކަ. އަހަރެންގެ ބޭބެއަކީ.....!"

އެހައިތަނަށް ވާހަކަ ދައްކައިފައި އޭނާ ހިމޭންވެއްޖެއެވެ. އެހެންކުދީންތައް އޭނާ ލައްވައި ވާހަކަ ދައްކުވާން ބާރުއަޅަން ފަށައިފިއެވެ. "އާނ! އާނ! ބުނޭ! ކީއްވެ ހުއްޓައިލީ؟"

"ކަމެއް ވީކީނޫން! އަހަރެން ބުނަން އުޅުނީ ޝެހެޒާދާ رشـيـد އަކީ އަހަރެންގެ ބޭބެގެ ރަޙުމަތްތެރިއެކޭ. رشـيـد އޭނާގެ އެއްވެސް ސިއްރެއް ބޭބެއަކަށް ވަންހަނާއެއް ނުކުރައްވާނެ."

"އެހެންވީއިރު ކަލޭގެ ބޭބެ އޮންނާނީ ميـمــونـة އާ ދޭތެރޭ رشـيـد ގަސްދުކުރައްވާ ގޮތެއް ކަލޭ ގާތު ވިދާޅުވެފައި."

އިސްކޮޅު ދިގު ކުއްޖާ ހިސާބަކަށް ކަންބޮޑުވާގޮތް ވެއްޖެއެވެ. އޭނާ ބުންޏެވެ. "ބޭބެ އަހަރެން ގާތަކު އެއްވެސް އެއްޗެކޭ ވިދާޅެއްނުވޭ. އެހެންނަމަވެސް ބޭބެގެ ބައެއް ވާހަކަފުޅުތަކުން އަހަންނަށްވަނީ رشـيـد އޭނާގެ ހިތްޕުޅުން ميـمــونـة އަށް ޖާގަ ދެއްވައިފިކަން އަންދާޒާ ކުރެވިފައި."

"ކަލޭ ތިޔަ ބުނީ އައު ވާހަކައެއްތަ؟ ބަލަ رشـيـد އާ ބެހޭގޮތުން އޭނާ އަންހެންކުދީންގެ މައްސަލައިގައި އޭނާގެ ކާފާފުޅުގެ ހަނދާން ދިރުއްވަން މަސައްކަތް ކުރައްވާކަން ނުދަންނަނީ ކާކުތަ؟"

އިސްކޮޅުން ދިގު ކުއްޖާ ނުރުހުންވެލައިފައި ބުންޏެވެ. "އަހަރެމެން ޝާހީ އާއިލާއަކީ އަހަރެމެންގެ ބަހުސުގެ މައުޟޫޢަކަށް ނެހެދިއްޔާ މާރަނގަޅެއް ނުވާނެތަ؟"

ދެވަނަޔަށް އިންކުއްޖާ އެވާހަކައަށްވެސް ކޮންމެވެސް ޖަވާބެއް ދޭންއުޅުނެވެ. ނަމަވެސް ޖެހިގެންއިން ކުއްޖާ އޭނާގެ މުލައްދަނޑީގައި ވިކައިލުމުން އޭނާ ވާހަކަ ހުއްޓައިލައިފިއެވެ.

* * * * * * * * * * *

އެ އަންހެންކުދީންތައް ފޮނުވައިލެއްވުމަށްފަހު ميـمــونـة ކޮޓަރިއަށް ވެދެވަޑައިގެން އަލަމާރިޔަކުން ފޮތެއް ނަންގަވައިގެން ސަމޭދާން ކައިރީގައި ގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. އެވަގުތު ބަރެންޑާގައިހުރި ޚާދިމާއެއް ދަންނަވައިލިއެވެ. "ފަރީއްކުޅުއްވާން ވީނޫންތޯ؟"

"ނޫން! އަހަރެންވެސް ކާނީ ބޭބެ ވަޑައިގަތުމުން." ميـمــونـة އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. އޭނާ ވުޟޫ ކުރައްވައިގެން ޢިޝާނަމާދު ކުރައްވައިފިއެވެ. ނަމާދުން ނިމިވަޑައިގެން އަނެއްކާވެސް ފޮތް ވިދާޅުވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން إدريـس ވެސް ގެއަށް ވަޑައިގެންފިއެވެ. އޭނާ ދޮރޯށީން ވެދެވަޑައިގަތުމާއެކު ޚާދިމާއާ ސުވާލު ކުރެއްވިއެވެ. "ކޮބައިތަ ميـمــونـة؟"

"އަޅުގަނޑު މިއިނީ މިކޮޓަރީގައި!" ميـمــونـة އަވަސްއަވަހަށް ފެންޑާގެ ދޮރުމައްޗަށް ނުކުމެވަޑައިގެން ޖަވާބު ދެއްވިއެވެ.

إدريـس މަޑުމަޑުން ހިންގަވައިފައި ވަޑައިގެން ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. އޭނާ އަދަރާދަގޮނޑިއެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާގެ މޫނުފުޅުމަތީގައިހުރި ވަރުބަލިފުޅުކަމުގެ އަސަރާއި ކަންބޮޑުވެވަޑައިގަތުމުގެ އަސަރު ފެނިވަޑައިގަތުމުން ميـمــونـة ސުވާލު ކުރެއްވިއެވެ.

"ބޭބެގެ ހާލުކޮޅު ރަނގަޅުތޯ؟" ميـمــونـة ހިސާބަކަށް ކަންބޮޑުވެވަޑައިގެން ސުވާލު ކުރެއްވިއެވެ. إدريـس އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިކުރައްވަމުން ميـمــونـة އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.

(ނުނިމޭ)