ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނައިރު، އެފަރާތްތަކުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއްވަމުން އަންނަކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ މެސެޖުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ސިއްހީ، ދިފާއީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުން އަންނަ އެހީތެރިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝާހިދުގެ ވާހައިގައި ކޮވިޑް 19ގެ ސަބަބުން ރާއްޖެ އާއި ބަންގްލަދޭޝްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ވިއްސާރަ މޫސުމުގައި މި ދަނޑިވަޅުގައި ދިމާވާ ދަތިތައް އަދި އިތުރުވާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް 19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝްގެ "ވިކްޓްރީ ޑޭ" ގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލް މުއުމިން އަށްވެސް މިނިސްޓަރު ޝާހިދު ވަނީ އިއްޔެ މެސެޖެއް ފޮނުއްވައިފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު