ރޮބާޓް ފިރްމީނޯ ފަހު މިނެޓްގައި ޖެހި ގޯލާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ޓޮޓެންހަމް ބަލިކޮށްފިއެވެ.

އެންފީލްޑްގައި ރޭ ކުރިއަށް ދިޔަ ފޯރިގަދަ ކުރިމަތިލުން ލިވަޕޫލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަމަލާތައް ގިނަކޮށް ފެނިފައިވާއިރު، ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ޓޮޓެންހަމްގެ ފަރާތުން ކޯޗު ހޯޒޭ މޮރީނިއޯގެ ރަސްމީ ކުޅުން ފެނިފައިވާއިރު، ލިވަޕޫލުން ދިޔައީ އެޓޭކަކަށްފަހު އެޓޭކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. އެޓީމަށް ނުރައްކަލަކަށްވީ ޓޮޓެންހަމްގެ ހަލުވި ކައުންޓާ އެޓޭކެވެ. ހިއުން މިއުން ސޮންއާއި ހެރީ ކޭންގެ ނުރައްކަލަށް އަބަދުހެން ލިވަޕޫލުން ސަމާލުކަން ދޭން ޖެހިފައި އޮތްއިރު، މެޗުގައި ގޯލްކީޕަރުންގެ ތަފާތުވެސް ފެނިފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ފިރްމީނޯއާއި މުހައްމަދު ސަލާހްގެ ހަމަލާއެއް ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކޮށް ބޭރުކޮށްލާފައިވާއިރު، ލިވަޕޫލް ވަނީ 26 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އޭރިއާ ތެރެއިން ސަލާހް ޖެހި ބޯޅަ ޑިފެންޑަރު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަނީ މަތީ ކަނަށެވެ.

އަމިއްލަ ހާފްގައި ޑިފެންސް ކޮށްގެން ގިނަ ވަގުތު ކުޅުން ޓޮޓެންހަމްއިން އޭގެ އިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަކުރިއެވެ. 33 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރީ ސޮންގެ ގޯލުންނެވެ. މެދުތެރެއިން ދުއްވާލި ތުރޫ ބޯޅައަކަށް ދުވެ ސޮން ނިންމާލީ ފަސޭހަ ކަމާއެކުގައެވެ. ބޯޅައަށް ދުއްވައިގަތްއިރު، ސޮން އޮފްސައިޑް މަގާމެއްގައި ހުރިތޯ ވީއޭއާރުން ބަލައި، ރެފްރީ ނިންމީ ސައިޑް ނުވާ ކަމަސެވެ.

ޓޮޓެންހަމްއިން ދެވަނަ ހާފްގައި ގިނަ ފުރުސަތުތަކެއް ފަހިކުރިއިރު، ހުރިހާ ފުރުސަތެއް ކަހަލަ ގޮތަކަށް އައީ ކައުންޓާ އެޓޭކްގައެވެ. ސްޓީވަން ބާގްވިންއާއި ކޭންގެ ފުރުސަތުތައް ނާކާމިޔާބު ވެ، މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ފިރްމީނޯ ގޯލް ޖަހައި ލިވަޕޫލް އެއްވަނައިގައި ހަމަޖައްސާލިއެވެ.

މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތްއިރު، ރޭގެ މެޗުން ބަލިވެ ޓޮޓެންހަމް އޮތީ ދެވަނައިގައެވެ. އެޓީމަށް 13 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.