މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާމްދަނީ ބޮޑުތަނުން ދަށްވެ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގެއްލުން 166 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއޭސީއެލަށް ލިބުނު އާމުދަނީ ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައެވެ. އެއީ 91 ޕަސެންޓްގެ ދަށްވުމެކެވެ.

އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1242 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 111 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލަށް އާމްދަނީގެ ގޮތުގައި 1342 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި އެމްއޭސީއެލަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 346 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ އިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 423 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ 166 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

ކުންފުނީގެ ޝޯޓް ޓާމް ލިކުއިޑިޓީ ހުރީ ހިތްހަމަ ޖެހޭ މިންވަރަކަށް ކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް ކުރު މުއްދަތެއްގައި ދައްކަންޖެހޭ ދަރަނި ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަންކަން މެނޭޖް ކުރެވެންޖެހޭ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ކުންފުނީގެ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްސްތައް މެނޭޖް ކުރުމަށާއި ދީފައިވާ މުއްތަދަށް ޕްރޮޖެކްޓްސްތައް ނިންމުމަށް މުހިންމު ސަމާލުކަމެއް ދިނުމަށް ލަފާދީފައިވެއެވެ. އެހެން ނޫން ނަމަ ކުންފުނީގެ ކޭޝްފްލޯއަށް އަސަރުކޮށް، އާމްދަނީއަށް އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.