އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމިއްޔާ، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ.

މަރޭ އެވޯޑާ ހަވާލުވެފައިވަނީ އޮމާނުގައި މިހާރު ކުރިއަށްދާ އޯސީއޭގެ އަހަރީ އާއްމު ޖަލްސާގައެވެ. އެވޯޑަށްފަހު މަރޭ ވިދާޅުވީ މެރިޓް އެވޯޑު ލިބުމަކީ ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް ކަމަށެވެ. ހާއްސަކޮށް އެތުލީޓުންނަށް އެވޯޑު ހާއްސަ ކުރާ ކަމަށްވެސް މަރޭ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ މި ދަތުރުގައި އެހީތެރިވެ އަދި އެއްބާރުލުން ދެއްވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" މަރޭ ވިދާޅުވިއެވެ.

މަރޭގެ އެވޯޑަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ. މަހްލޫފް ވިދާޅުވީ މަރޭގެ އެވޯޑަކީ ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ތިންވަނަ ދައުރެއް ފުރަމުންދާ މަރޭއަކީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. ހާއްސަކޮށް ރާއްޖޭގެ އެތުލީޓުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ގިނަ ފުރުސަތުތަކެއް ހޯދައިދީ، މަރޭ ވަނީ އެތުލީޓުންގެ އިތުބާރު ހޯދައިފައެވެ.

ބޭރުގެ އެކިއެކި ގޭމްސްތަކަށް ރާއްޖޭގެ ޓީމުތައް ތައްޔާރުކޮށް، މެޑަލްތައް ހޯދުމުގެ ފިލޯސަފީއަށް ޓީމުތައް ބަންޓަންކުރުމަށް މަރޭގެ ދައުރު ފުޅާކޮށް ފާހަގަކޮށްލެވޭ އިރު، ދާދި ފަހުން ރާއްޖެއިން ނިންމާލި ކާމިޔާބު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެންމެ ބޮޑު މޭސްތެރިޔަކީ ވެސް މަރޭއެވެ.