އދ.ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެމް މުނީރު އޭ ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޑރ. މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް ގެނައުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް އިތުރުވި ބޮޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ޑރ. މުނީރު ސަފިލްޑިން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ކުރިއަށް އޮތް ދުވަސްތަކުގައި އެބޭފުޅާއަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. މުނީރު ސަފިލްޑިން ވަނީ، ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ސްކޫލުތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް ގެނައުމަކީ ކުޑަކުދިންގެ ހައްގުގައި ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރާއި ޔުނިސެފް ގުޅިގެން ހިންގުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކާއި މީޑިއާ މެދުވެރިކޮށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.