ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މާލެ ސަރަހައްދަށް މިހާރު ލުއިދެމުން އަންނައިރު، 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ބޭނުންވާ ފިހާރަތަކަށް ހުއްދަ ދިނުން މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިތައްދޭން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުވެސް ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ އޭރިޔާގެ ކޮވިޑް ކޮންޓްރޯލް ކުރެވި، ބޮޑެތި ލުއިތައް ދެމުން އަންނައިރު ކުދި ވިޔަފާރިތަކަށް ފަހި ކުރުމަށް 24 ގަޑިއިރު ހުޅުވާފައި ހުންނަ ފިހާރަތަކަށް ހުއްދަދިނުން މުހިއްމު ކަމަށެވެ.
ބާޒާރު ކުރުމުގައި ގައިދުރުކަން ބޮޑުކޮށް ބެހެއްޓޭނީ ގިނަ ވަގުތު ގިނަ ފިހާރަތައް ހުޅުވާފައި ހުރެގެން ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެގޮތުން، ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ދިވެހިންނަށާއި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭނެ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުވަނީ އުސޫލު ބަދަލުކޮށްފައެވެ.
ހަމަ އެއާއެކު ޕީސީއާރު ނެގެޓިވް ނަތީޖާއެއް ނެތި ދިވެހިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދައި، ރާއްޖެ އައިސް މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ވެސް އެޗްޕީއޭއިން ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19