ދިރާގާއި އުރީދޫ ގުޅިގެން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ލޭންޑިންގް ސްޓޭޝަނާއި ސްރީ ލަންކާގެ ކޮލޮމްބޯއާ ދެމެދު ސަބްމެރިން ކޭބަލުން މިއަދު ގުޅާލައިފިއެވެ.

އުރީދޫއާއި ދިރާގުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ވޭވް ލެންތު ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ ކޭބަލްއަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަކުރުމަށް އެޅި ކޭބަލެއް ކަމަށެވެ.

އުރީދޫ އާއި ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓާއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން އެމްއެސްސީގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. ވާވޭ މެރިން ނެޓްވޯކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެއާއި ސްރީލަންކާގައި ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ސަބްމެރިން ކޭބަލް ގުޅައިލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މިއީ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި މިއީ އުރީދޫ އަދި ދިރާގުން ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހި ވެގެންދާނެ،" މަލީހު ވިދާޅުވިއެވެ.

އުރީދޫ އާއި ދިރާގުން ބުނީ މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއެކު އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ހިދުމަތްތައް ވެސް ޑިޖިޓަލް ޒަރިއްޔާ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 22 މިލިއަން ޑޮލަރެވެ. މި އެމްއެސްސީ ޕްރޮޖެކްޓާއެކު ކަސްޓަމަރުންގެ ބޭނުންތަކާ އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ހިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.