ޅ. މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިން ސެންޓަރުގައި ސިފައިންނަށް ހާއްސަކޮށްގެން "ސެނެހިޔާ ނޮދަން"ގެ ނަމުގައި ކްލިނިކެއް ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ކްލިނިކް ހުޅުވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ ކްލިނިކަކީ ސިފައިންގެ ވެލްފެއާގެ ކަންކަން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކޮށް، ވީހާވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ތަސައްވުރަށް ލިބިގެންދިޔަ ދިރުމެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ސިފައިންގެ މީހަކީ ގާބިލު، ޕްރޮފެޝަނަލް، ހަށިހެޔޮ، "ފައިޓިން ފިޓް" ސޯލްޖާއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ދީ، ގައުމަށް ކުރިމަތިވެދާނެ ނުރައްކަލުގެ ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރުކުރަނީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ކަމަށެވެ. އަދި ގައުމީ ވާޖިބަކަށް ސިފައިން ތައްޔާރުކުރާ އިރު، ސިއްހީގޮތުން ސިފައިންނަށް ލިބޭ ޒަހަމުތަކާއި ހާނިއްކަތަކާއި މިނޫންވެސް ސިއްހީ ފަރުވާއަށް ބޭނުންޖެހިއްޖެ ހާލަތެއްގައި، އެ ހިދުމަތް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދިނުމަކީ، ގައުމީ ސަލާމަތާވެސް ގުޅިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.
"މި ކްލިނިކަކީ، ސިފައިންނަށް ސިއްހީ ގޮތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ރައްކާތެރިކަމާއެކު، ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް،"
މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ ކޮވިޑްގެ މި ދަތި އުނދަގޫ ހާލަތުގައިވެސް ކްލިނިކްގެ މަސައްކަތް ނިންމާފައިވާތީ، ސިފްކޯއަށާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑޮކްޓަރު އަލީ ޝާހިދަށާއި މެޑިކަލް ކޯގެ ސިފައިންނަށް ޝުކުރު އަދާކޮށްފައެވެ.
ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސީޑީއެސްއެސްގެ ޖެނެރަލް އޮފިސަރު ކޮމާންޑިން ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރު ކާނަލް އިސްމާއީލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު