މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލައި އާންމުކޮށްފިއެވެ.

މި ދަފްތަރަކީ އެމްއެމްސީގެ ގަވައިދުގެ 59ގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ވަސީލަތްތަކުގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުމަށް އެމްއެމްސީއަށް ލާޒިމްކުރާތީ އެކުލަވާލި ދަފްތަރެކެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އެމްއެންސީއަކީ ރާއްޖޭގައި ހިންގާ ހުރިހާ މީޑިއާއެއްގެ ބަލަދުވެރި ފަރާތްކަމުގައި ވީ ހިނދު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާތައް ދެނެގަތުމާއި ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފްތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މީޑިއާތަކާ ގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެމްއެމްސީން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމެވެ.

ޖުމްލަ 219 މީޑިއާއެއްގެ މައުލޫމާތު މިވަގުތު އަދާހަމަކޮށްފައިވާ މި ދަފްތަރުގައި މީޑިއާގެ ނަމާއި، އެޑްރެސް، ރެޖިސްޓްރީ ނަންބަރާއި އަހަރު، އަދި މީޑިއާގެ މަސްއޫލުވެރިޔާއާއި އެޑިޓަރުގެ މައުލޫމާތު ހިމަނާފައިވެއެވެ.

މި ދަފްތަރު މީޑިއާ ކައުންސިލްގެ ވެބްސައިޓުން މިހާރު ފެންނާނެއެވެ. އަދި ކޮންމެ މަހަކު އެއް ފަހަރު އެ ދަފްތަރު އަދާހަމަކޮށް އެމްއެމްސީގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ.