އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން ބާންލީއާ ދެކޮޅަށް ކުޅެ ބަލިވެއްޖެއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެފައިވާއިރު، ރޭގެ މެޗަށް ނުކުތްއިރު ވެސް ބާންލީއަކީ 19 ވަނައިގައި އޮތް ޓީމެވެ. އެޓީމު އަތުން އަމިއްލަ ދަނޑުގައި އާސެނަލް ބަލިވެފައިވާއިރު، ރޭގެ މޮޅަކީ ބާންލީއަށް އާސެނަލް ދަނޑުގައި ހޯދުނު ފުރަތަމަ މޮޅެވެ.
ރޭގެ މެޗުގެ ފަހު ހާފް އެއްކޮށް ކަހަލަ ގޮތަކަށް އާސެނަލްއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 56 ވަނަ މިނެޓުގައި އާސެނަލްގެ ގްރަނިޓް ޒަކާއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ބާންލީގެ މިޑްފީލްޑަރު އެޝްލީ ވެސްޓްވޫޑްގެ ކަރުގައި ހިފުމުން ރެފްރީ ވަނީ ވީއޭއާރްގެ އެހީގައި އެކަން ހިނގާ ދިޔަގޮތް ބަލައި، ރަތް ކާޑު ދައްކައިފަ އެވެ.
މިދިޔަ ދިގު ތާރީހުގައި ވެސް އާސެނަލްއިން ޖެހިޖެހިގެން ހަތަރު ހޯމް މެޗުން ބަލިވެފައިވަނީ 61 އަހަރު ކުރިންނެވެ. ކޯޗު މިކެލް އާޓެޓާގެ ރެކޯޑު ގޯހުން ގޯހަށް ގޮސްފައިވާއިރު، ރޭ ދަނޑަށް ވަދެ ތިބި މަދު އަދަދެއްގެ ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށްފައެވެ. މެޗުގައި އާސެނަލްގެ ހަމަލާތައް ފެނުނީ ދަށްކޮށެވެ. އެލެކްސެންޑްރާ ލަކަޒެޓާއި ޕިއޭ އެމްރެކް އަބަމަޔާންގެ ދެ ހަމަލާއެއް ބާންލީ ގޯލްކީޕަރު ފަސޭހަކަމާއެކު ދިފާއުކޮށްފައިވާއިރު، ބާންލީގެ ގޯލަކީ 73 ވަނަ މިނެޓުގައި އަބަމަޔާންގެ ބޮލުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު 12 މެޗުން 13 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ.
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ފުލްހަމްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ޓޮޓެންހަމް އިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މިވަގުތު 25 ޕޮއިންޓާއެކު ޓޮޓެންހަމް އެއްވަނައިގައި އޮތްއިރު، ދެވަނަގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 25 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު