(12 ޑިސެމްބަރުގެ އަދަދާ ގުޅޭ)
ޣަރުނާޠާގެ މުޖާހިދުންގެ ތެރެއިން إلـيــاس ވެސް ވިދާޅުވިއެވެ. އަޅުގަނޑުވެސް ކަލާގެ އަރިހުގައި ދާނަން. މިވީގޮތުން އަޅުގަނޑުމެން އެނބުރިގޮސް ދައްކާނީ ކޮންމޫނެއްތޯ؟ މިހާރު އަޅުގަނޑުމެންގެ އެންމެއިސް ވާޖިބަކީ معـتـمـد ގެ ކުރިފުޅުމަތީގައި އޭނާ ބަލިވެވަޑައިގެންނެވި ވާހަކަ ދެންނެވުން. އޭނާގެ ކިބައިގައި ޣީރަތުގެ ކޮންމެވެސް ކަނިފަށެއް ހުރުމަކީވެސް އެކަށީގެންވާ ކަމެއް!"
ޣަރުނާޠާގެ މުޖާހިދުންގެ ތެރެއިން އިތުރު ތިންމީހަކުވެސް سعد ގެ އަރިހުގައި ދާން ތައްޔާރުވެއްޖެއެވެ. سعد އޭނާގެ މަންމަޔަށް ސިޓީއެއް ލިޔުއްވައި މުޖާހިދުންނާއެކު އެނބުރި ރަށަށްދާ ޒުވާނަކާ ހަވާލު ކުރެއްވިއެވެ. سعد އެސިޓީ ހަވާލުކުރައްވަމުން ވިދާޅުވިއެވެ. "މިސިޓީ އަހަރެންގެ ގެއަށް ރައްދުކޮށްދޭތި! އިރާދަކުރެއްވިއްޔާ އަހަރެންވެސް ހަފާތެއްހައި ދުވަހުގެ ތެރޭގައި ރަށަށް އެބަދަން."
އެއްދުވަހެއްގެ ހަވީރެވެ. މަލަކާ ރަމީކިއްޔާ معـتـمـد ގެ އަރިހުގައި ކޯރުގައި ބައްތެލިކޮޅު ދުއްވައިލެއްވުމުގެ އުފާ ހޯއްދަވަން ވަޑައިގެންނެވި ދުވަހެކެވެ. ފަގީރު އަންހެނުންތަކެއް ކޯރުގެ އައްސޭރީގައި މަށި ހިމުންކުރާން ތިއްބެވެ. އީޓު އުފެއްދުމަށްޓަކައި އެބައިމީހުންގެ ފައިން މަށި ހިމުންކުރާ މަންޒަރު ފެނިވަޑައިގަތުމުން މަލަކާ ރަމީކިއްޔާ އެދިމާޔަށް ބައްތެލިކޮޅު ކައިރިކުރާން ފަޅުވެރީންނަށް އަމުރުކުރެއްވިއެވެ. މަލަކާ ރަމީކިއްޔާ އެބައިމީހުންނަށް ސަމާލުކަން ދެއްވާކަން އެނގުމުން އެއަންހެނުންތައް ވަރަށް ކަންބޮޑުވިއެވެ. ރަމީކިއްޔާ ލާނެތް ހިނިތުންވެވަޑައިގަތުމާއެކު އޭނާގެ ފިރިކަލުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަނާ މުށްޕުޅު ފުރެންދެންހުރި އަސްރަފީ ކިސަޑުތަކުގެ ތެރެއަށް އުއްކަވައިލެއްވިއެވެ. ރަމީކިއްޔާގެ އެ ޙަރަކާތާމެދު ފަގީރުން އެންމެ ފުރަތަމަ އަޖައިބުވިއެވެ. ނަމަވެސް معـتـمـد ވެސް ރިހި ފައިސާމުށްވަރެއް އެބައިމީހުންނާ ދިމާޔަށް އުއްކަވައިލެއްވުމުން އަންހެނުންތައް ހެމުން ހަޅޭއްލަވަމުން މަށިފުނީގެ ތެރެއަށް އެރިގަތެވެ. ރިހި އެފައިސާއާއި އަސްރަފީތައް ހޮވުމަށްޓަކައި އެކަކު އަނެކެއްގެ ގައިމައްޗަށް ވެއްޓި އެކަކު އަނެކެއްގެ ގައިގައި ގުއްޓު އަޅައި ހެދުމުގެ ސަބަބުން އެންމެންގެ ބޮލުން ފެށިގެން މުޅި ހަށިގަނޑު އެކަށް ކިލަލުން ތަތްތެޅިއްޖެއެވެ. މަލަކާ ރަމީކިއްޔާ ބިނދިބިނދިފައި ހިނިފުޅުވަޑުވައެވެ. معـتـمـد ހުންނެވީ އޭނާއަށް އަސްރަފީ ގެންނެވުނުލެއް މަދުކަމުން ދެރަފުޅުވެފައެވެ.
ރަމީކިއްޔާ އެނބުރި ގަނޑުވަރަށް ވަޑައިގަތުމަށްފަހު معـتـمـد އާ ޝަކުވާ ކުރެއްވިއެވެ. "މަނިކުފާނު ޖަލުމީހަކު ފަދައިން އަޅުގަނޑު ތިޔަ ބަހައްޓަވަނީ މިގަނޑުވަރުގެ ހަތަރު ފާރުގެ ތެރޭގައި ބަންދު ކުރައްވައިފައި. ޙަޔާތުގެ އެތަކެއްހާސް ނިޢުމަތްތަކެއް އަޅުގަނޑަށް ނުލިބި އެބަހުރި."
معـتـمـد ހުންނަވަނީ ރަމީކިއްޔާގެ އެންމެ ހިނިތުންވެވަޑައިގަތުމަކަށްޓަކައިވެސް ޚަޒާނާތައް އަނގަމަތިކޮށްލައްވާން އާދަވެފައެވެ. އެހެންކަމުން ރަމީކިއްޔާގެ ޝަކުވާއާމެދު އޭނާ އިންތިހާދަރަޖައަށް ދެރަފުޅުވިއެވެ. އޭނާ ވިދާޅުވިއެވެ.
"މަލަކާ! ކަމަނާގެ ކޮން އެދިވަޑައިގަތުމެއްތޯ މިހައިތަނަށް އަޅުގަނޑަށް ފުރިހަމަކޮށް ނުދެއްވިއޮތީ؟"
ރަމީކިއްޔާ ވިދާޅުވިއެވެ. "މަނިކުފާނަށް ފުރިހަމަކޮށް ނުދެއްވޭނެ އެދުމެއް މިހާރުވެސް އަޅުގަނޑުގެ ހިތުގައި އެބައޮތް."
معـتـمـد ވިދާޅުވިއެވެ. "އަޅުގަނޑު އިމްތިހާނުކުރައްވަ ބައްލަވާ!"
"އެ އަންހެންވެރީންގެ ދިރިއުޅުމާމެދު އަޅުގަނޑުގެ ހިތުގައި ހަހުރަ އުފެދޭ. އަޅުގަނޑު އެދެނީ އަޅުގަނޑަށްވެސް އެގޮތަށް މަށި ހިމުންކުރުމުގެ މިނިވަންކަން ލިބުން."
معـتـمـد ރަމީކިއްޔާގެ ހިތްޕުޅު ހަމަޖައްސައިދެއްވަމުން ވިދާޅުވިއެވެ. "އިންތިޒާރު ކޮށްލައްވާ. ކަމަނާގެ ތިޔަ ޝައުޤުވެސް އަޅުގަނޑު ފުރިހަމަކޮށްދޭނަން." معـتـمـد ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގަނޑުވަރުގައި ޚާއްޞަ ބޮޑު ޙައުޟެއް ހައްދަވައި ގޮމަކަސްތޫރި ބީމަހީމައާއި ކާފޫރުގެ ބޮޑު ފުނިވަރެއް އެއްކޮށްލެއްވިއެވެ. އެތަކެތި ހިމުންކުރެއްވުމަށްފަހު ފިނިފެންމަލުގެ ޢަރަޤު ޖައްސަވައި އެތަކެތި ތެންމަވައި "ކިސަޑު" ތައްޔާރު ކުރެއްވިއެވެ. ރައްޔިތުން ދައްކާ ޓެކްސްގެ ތެރެއިން އެތަކެއް ލައްކަ ރުފިޔާއެއް معـتـمـد އެކަމަށް ހޭދަކުރެއްވިއެވެ. ހުރިހައި ތައްޔާރީތަކެއް ފުރިހަމަވުމުން މަލަކާ ރަމީކިއްޔާ އެތަނަށް ވަޑައިގަތުމަށް ދެންނެވުނެވެ. ރަމީކިއްޔާ އެތަނަށް ވަޑައިގެންނެވީ ރަށުގެ ކުރިޔަށް ތިއްބެވި އަންހެން ސާހިބުންނާއި، އެކަމަނާގެ ރައްޓެހިފުޅު އަންހެން ބޭފުޅުންނާއި، ޚާދިމާއިންގެ ޖުލޫސެއްގައެވެ. އެކަމަނާ ހުސްފައިންޕުޅާ އެ މާވަހަރާއި، ގޮމަކަސްތޫރިއާއި، ކާފޫރުގެ "ކިސަޑު" ގަނޑުގެ ތެރެއަށް ފައިބައިވަޑައިގެންނެވިއެވެ. މަތީފަންތީގެ ތަންކޮޅެއް ހަރުދަނާ މިޒާޖުފުޅުގެ އަންހެން ބޭފުޅުންނަށްވެސް އެކުޅިވަރުގައި ރަމީކިއްޔާއާ ބައިވެރިވެވަޑައިގަންނަވާން މަޖުބޫރު ކުރެވުނެވެ.
معـتـمـد އާއި އޭނާގެ ބައެއް ޚާއްޞަ އެކުވެރީންނާއި، ޝާހީ ޚާންދާނުގެ ބައެއް ޒުވާނުން އެކުޅިވަރު ބައްލަވާން އެއްފަރާތެއްގައި ތިއްބެވިއެވެ. ބައެއް އަންހެން ބޭފުޅުން ލަދުފުޅުން އެކުޅިވަރުގައި ބައިވެރިވެވަޑައިގަންނަވާން ފަސްޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ރަމީކިއްޔާއާއި އެކަމަނާގެ ޖެހިލުންކުޑަ އެކުވެރި ބޭކަނބަލުން ގަދަކަމުން ދަންމަވައިފައި އެބޭފުޅުން ގެންދަވައި ކުޅިވަރުގައި ބައިވެރި ކުރެއްވިއެވެ.
މުތީ އަޅައި ފުރައިފައިހުރި ރަން ތަބައްކޮޅެއް ހިފައިގެންހުރި ޚާދިމާއެއް معـتـمـد އަރިހުގައި ހުއްޓެވެ. معـتـمـد މުތީ ތަބައްކޮޅުން ތިންހަތަރު މުށެއް ނަންގަވައިފައި "ކިސަޑު" ގެތެރެއަށް އުއްކަވައިލެއްވިއެވެ. މުތީ ހޯއްދެވުމަށްޓަކައި ބައެއް އަންހެން ބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކު ކޮއްޕަވައި ވައްޓަވަން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން ހުރިހައި ބޭފުޅުންވެސް އެއްބޭފުޅަކު އަނެއްބޭފުޅަކު "ކިސަޑު" ގެ ތެރެއަށް ވައްޓަވަން މަސައްކަތްޕުޅު ކުރައްވަން ފަށްޓަވައިފިއެވެ. ތަންކޮޅެއް ލާނެއް ބައެއް އަންހެންކުދީން އެއްކުއްޖަކު އަނެއްކުއްޖެއްގެ މޫނުގައިވެސް "ކިސަޑު" އުނގުޅާން ފަށައިފިއެވެ.
މިއަދަކީ ميـمــونـة ގެ އެކުވެރި އަންހެންބޭފުޅުން ގަދައަޅުއްވައިގެން އޭނާވެސް ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވި ދުވަހެކެވެ. އޭނާއަށް އެނގިވަޑައިގެންފައިއޮތީ ރަށުގެ މާތްމީހުންނާއި ޢިއްޒަތްތެރީންގެ އަނބިއަނބިކަނބަލުންނަށާއި، ދަރިދަރިކަނބަލުންނަށާއި ޅީދަރިދަރިކަނބަލުންނަށް މަލަކާ ދެއްވާ ފަރީއްކޮޅެއް އޮތްކަމެވެ. އެހެންކަމުން މިކުޅިވަރު ހިމެނުނީ އޭނާއަށް ލަފާވެސް ނުކުރެވޭވަރުގެ ކަމެއްކަމުގައެވެ. ހިތްޕުޅު ހެޔޮކަމާއި ސަމާސާ މިޒާޖުފުޅުގައި އޭނާއަކީވެސް އެއުމުރުގެ އެހެން އަންހެންކުދީންނަށްވުރެ ފަހަތުގައި ހުންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް ފިރިހެނުންތަކެއްގެ ތެރޭގައި އެތާނގައި ކުޅިބައްލަވާން ހުންނެވުންވެސް އޭނާއަށްވީ ކެތްކުރައްވަން އުނދަގޫފުޅުކަމެއް ކަމުގައެވެ. އެހެންކަމުން ميـمــونـة ގޯތިތެރޭގައި ހުންނަވައިފައި ކުޅިވަރު ފެށުމާއެކު އެއްފަރާތަކަށް ޖެހިވަޑައިގެން ފެންޑާގެ ތަނބެއްގެ ނިވަލުގައި ހުއްޓިވަޑައިގެންފިއެވެ. ކުއްލިއަކަށް ميـمــونـة އަށް އިޙުސާސްވެވަޑައިގަތީ ދާދިކައިރީގައިހުރި ޒުވާނަކު އޭނާއާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަމުން ގެންދާކަމެވެ. ميـمــونـة އަވަސްއަވަހަށް އޭނާގެ މޫނުފުޅު ނިވާކުރައްވައިފިއެވެ. އޭނާ ހަރުކޮށް ހިންގަވައިފައި ވަޑައިގަތީ އެހައިތަނަށް ކިސަޑުގެ ތެރެއަށް އެރިވަޑައިނުގެން ތިއްބެވި އަންހެން ބޭފުޅުންގެ ތެރެއަށެވެ. ރަމީކިއްޔާއާއި، އެކަމަނާގެ އެކުވެރީން އެތާނގައި ތިއްބެވި އަންހެން ބޭފުޅުންވެސް ގެންދަވާން ގަދަދައްކަވާން ފެއްޓެވުމުން ميـمــونـة އަނެއްފަރާތު ފެންޑާގެ ތަނބެއްގެ ޙިމާޔަތް ހޯއްދެވޭތޯ ބެއްލެވިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެއްކަލަ ޒުވާނާ ميـمــونـة ފަހަތްޕުޅުން އޭނާގެ އަރިހަށް އައިސް ދެންނެވިއެވެ. "ބައްލަވާ! ތިޔަބޭފުޅާ އެކުޅިވަރާ ގައިކޮޅާ ނުވާނަމަ އަޅުގަނޑު ތިޔަބޭފުޅާއަށް މިގަނޑުވަރުގެ ބަގީޗާ ދައްކައިލަދޭނަން. ކަލާއަކީ މިރަށުގެ އަހުލުވެރިއެއްތޯ؟"
ميـمــونـة ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވުމަށްފަހު ކޯފާގެ ސަބަބުން ތުންފަތްޕުޅު ހައްޕަވަމުން އަނެއްކާވެސް ވަޑައިގަތީ އަންހެން ބޭފުޅުންގެ ޖަމާޢަތުގެ ތެރެއަށެވެ. ޖެހިލުންކުޑަ ލާނެތް އަންހެންކުއްޖެއް އޭނާގެ މޫނުފުޅުގައި އޮތް ބުރުގާކޮޅު ދަމައިގެންފައި އެއްފަރާތަކަށް އެއްލައިލައިފިއެވެ. އެހެންކުއްޖެއް އޭނާގެ މުލައްދަނޑިފުޅުގައި ހިފައި ދަމަމުން އޭނާ ކިސަޑުގަނޑާ ދިމާޔަށް ގެންދާން ފަށައިފިއެވެ. ميـمــونـة ކުއްލިޔެއް ޖައްސަވައި އޭނާގެ މުލައްދަނޑިފުޅު ސަލާމަތްކުރައްވައިފިއެވެ. އެވަގުތު ميـمــونـة ގެ ރައްޓެހިފުޅު ކުއްޖެއް "ميـمــونـة! އެވެ. ގޮވަމުން އޭނާގެ އަރިހަށް އަތުވެއްޖެއެވެ. ميـمــونـة ކޯފާގެ ތެރޭގައި ދެއަތްޕުޅުން އެކުއްޖާ ކޮއްޕަވައިލެއްވުމުން "ކިސަޑުގަނޑު" ގެ ތެރެއަށް އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ތެދުވާން މަސައްކަތް ކުރަނިކޮށް އެހެންކުއްޖެއް އެކުއްޖާގެ ބޮލާއި މޫނުގައި "ކިސަޑު" އުނގުޅައިލައިފިއެވެ. ހުނުމާއި އުފާވެރިކަމުގެ ހަޅޭކުގެ ތެރޭގައި އެކަކަށްވެސް އަނެކަކު ކިޔާނުކިޔާ އެއްޗެއް އަޑުއިވޭ ވަރެއް ނޫނެވެ. معـتـمـد އެއްފަރާތެއްގައި ހުންނަވައި ކުރިއެކޭވެސް އެއްގޮތަށް ޖަވާހިރުތައް މުށްމުށުން ނަންގަވައިފައި ކިސަޑުތެރެއަށް އުއްކަވަމުން ގެންދެވިއެވެ. ميـمــونـة ދުވެވަޑައިގެންފައި ވަޑައިގެން އެތަނުން ނުކުމެވަޑައިގެންފިއެވެ. ނަމަވެސް ގަނޑުވަރުތެރޭގައި އެގޮތް މިގޮތަށް ހުރި މަގުތަކާއި ބަރެންޑާތަކުން އޭނާއަށް ބޭރަށް ނުކުމެވަޑައިގެންނެވޭނެ މަގެއް ފެނިވަޑައެއް ނުގެންނެވިއެވެ. ކުއްލިއަކަށް އެއްފަރާތަކުން އޭނާއަށް ފެނިވަޑައިގަތީ އިރުކޮޅެއްގެ ކުރީން އޭނާއަށް ބަގީޗާ ތެރޭގައި ބުރުޖައްސަވަން ދަޢުވަތު އެރުވި ޒުވާނާ އައިސް ހުއްޓައެވެ. ކުރީފަހަރުވެސް ހީނލިގޮތަށް ހީނލާފައި އެ ޒުވާނާ ދެންނެވިއެވެ.
"ހިންގަވާ! އަޅުގަނޑު ކަލާގެ ގެއަށް ކަލާ ގެންގޮސްދީފާނަން!"
ކޯފާގެ ސަބަބުން ميـمــونـة ގެ މޫނުފުޅު ރަތްވެގެން ހިނގައްޖެއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއްވައި އެއްފަރާތަކުން ކުރިޔަށް ހިންގަވައިގެންނެވިއެވެ. އޭނާ ކަންބޮޑުވެވަޑައިގެންފައި ހުންނެވިވަރުން ސަންގުމަރުމަރު ސިޑިމަތިން އޭނާގެ ފައިންޕުޅު ކައްސައިލައިފިއެވެ. ސަމާލުވެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަނިކޮށްވެސް އޭނާ ވެއްޓިވަޑައިގެންފިއެވެ. ޒުވާނާ ކުރިޔަށްޖެހި ميـمــونـة ގެ އަތްޕުޅުގައި ހިފައި އޭނާ ތެދުވެވަޑައިގަތުމަށް އެހީވެދެމުން ބުންޏެވެ. "އަޅުގަނޑު ވަރަށް ދެރަވެއްޖެ! އަނެއްކާ ކަލާއަށް ހާނީއްކަފުޅެއް ނުވޭތޯ؟"
ميـمــونـة އޭނާގެ އަތްޕުޅު ފޮޅުއްވައިލައްވަމުން ވިދާޅުވިއެވެ. "އިޝްބީލިއްޔާގެ ޝާހީ ގަނޑުވަރުތަކަށްވެސް ތިޔަކަހަލަ ލަދުޙަޔާތްކުޑަ މީހުންގެ ބާރު ފޯރައިފައިވާކަމެއް އަހަރެން ނުދެނެހުރިން!"
ޚުވާޖާސަރާއެއް ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "ކަލާ އަދަބު ކުޑަކޮށް ތިޔަ ވާހަކަ ދައްކަވަނީ ޝެހެޒާދާ رشـيـد އާ!"
ޒުވާނާ ޚުވާޖާސަރާއާ ދިމާއަށް އެއްޗެހި ގޮވައިގަތެވެ. "ކަލޭ ހިމޭނުން ހުރޭ!"
ميـمــونـة ތެދުވެވަޑައިގެން ވަރަށް ބާރަށް ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ތަންކޮޅަކަށް ވަޑައިގަންނަވާއިރަށް އޭނާއަށް ތިރިޔަށް ފައިބައިވަޑައިގަންނަވާނެ ސިޑިތައް ފެނިވަޑައިގެންފިއެވެ. ميـمــونـة ސިޑީގެ މެދަކާހަމައަށް ވަޑައިގެންނެވިތަނާ ޝެހެޒާދާ رشـيـد ވަރަށް ބާރަށް ވަޑައިގެން ميـمــونـة ގެ ކުރިބައްދައިލައްވައިގެން ސިޑިމަތީގައި ހުއްޓިވަޑައިގެންފިއެވެ. ސިޑިޔަކީ ވަރަށް ފުޅާ ސިޑިއެކެވެ. އެހެންކަމުން ميـمــونـة އެއްފަރާތަކަށް އަރައިވަޑައިގެން رشـيـد ގެ އަތްޕުޅުގައި ޖެހިވަޑައިނުގެން ފައިބައިވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް رشـيـد އަނެއްކާވެސް އޭނާ މަގު ބައްދައިލައްވައިފިއެވެ. ميـمــونـة ކޯފާވެގެން ތުރުތުރު އަޅައެވެ. އޭނާ ވިދާޅުވިއެވެ. "ކީއްތަވެގެން ތިޔައުޅެނީ؟"
"އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ކަލާއަކީ ކޮންބޭފުޅެއްކަން އޮޅުންފިލުވަން. އަޅުގަނޑުގެ މަޠުލަބަކީ ކަލާގެ ނަންފުޅަކީ ކޮބައިތޯ؟ ކަލާ ތިޔަ ވަޑައިގަތީ ކޮންތަނަކުންތޯ؟ އެންމެ ނަޒަރަކުން މީހުންގެ ހިތްތައް ކަތިލައްވައިލެއްވުމުގެ އަދާ ދަސްފުޅުކުރެއްވީ ކޮންތަނަކުންތޯ؟ ކަލާގެ މޫނުފުޅު އަނގުރު އަލިފާންކޮޅެއްހެން ތިޔަހަރަ ރަތްވަނީ އަޅުގަނޑަށް ކުރެވުނު ކޮންކުށެއްގެ ސަބަބުންތޯ ބަލައިލަން."
ميـمــونـة ޖަވާބު ދެއްވިއެވެ. "އަހަންނަކީ މުސްލިމް އަންހެންކުއްޖެއް. ކަލޭގެ ސުވާލުތަކަށް އަހަރެންގެ ކިބައިގައި އޮތީ އެންމެ ޖަވާބެއް."
"ވިދާޅުވެބައްލަވާ! ކޮބައިތޯއޭ ޖަވާބަކީ؟"
ميـمــونـة މުލައްދަނޑިފުޅުގައިހުރި ހުރިހައި ބާރެއް ލައްވައިފައި رشـيـد ގެ މޫނުފުޅުގައި ތަފާލެއް ޖައްސަވަމުން ވިދާޅުވިއެވެ. "ޖަވާބަކީ މިއީ!"
ޝެހެޒާދާ رشـيـد ކޯފާއާއި، ހިތާމަފުޅާއި، ކަންބޮޑުވެވަޑައިގަތުމާއެކު އޭނާގެ ކަންކަށިފުޅުގައި ފިރުންމަވަން ހުންނެވިއެވެ. ميـمــونـة ސިޑީން ފައިބައިވަޑައިގެން ދޮރޯއްޓާ ދިމާޔަށް މިސްރާބު ޖައްސަވައިފިއެވެ.
ميـمــونـة ދޮރޯށީން ނުކުމެވަޑައިގަތުމާއެކު އޭނާއަށް އިޙުސާސްވެވަޑައިގަތީ އޭނާގެ ފަހަތްޕުޅުން މީހަކު އެބައަންނަކަމެވެ. ميـمــونـة ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު އެއީ ގަނޑުވަރުގެ ޚުވާޖާސަރާއެވެ. މަގުމަތީންދާ މީހުންގެ ސަމާލުކަމުން ރެކިވަޑައިގަތުމަށްޓަކައި ميـمــونـة އޭނާގެ ހިންގެވުން މަޑުކޮށްލެއްވިއެވެ. ޚުވާޖާސަރާ ވަރަށް ބާރަށް އައިސް ميـمــونـة އާ އަރައިހަމަކޮށްފައި ދެންނެވިއެވެ. އިޝްބީލިއްޔާގައި ތިޔައަށްވުރެ ނުވިސްނޭ އަންހެންކުއްޖަކު ހުންނާނެއެކޭ ހީއެއްނުވޭ! ކަލެޔަށް އެނގޭތަ؟ އެއީ ޝެހެޒާދާ رشـيـد! އޭނާގެ މޫނުފުޅުމަތީގައި އަންހެންކުއްޖަކު ތަފާލެއް ޖެހުމުންވެސް އޭނާ ހިނިފުޅުވަޑުވާނެ އަންހެންކުއްޖަކު ކަލޭ ނޫނީ އިޝްބީލިއްޔާއަކު ނެތް. މަޑުކޮށްބަލަ! އަހަރެންގެ ވާހަކަ ނިކަން އަޑުއަހައިބަލަ! ތިޔަހައި ނުވިސްނޭ މޮޔަކުއްޖަކަށް ނުވޭ! ކަލޭ އެކަމާ ނުގަބޫލުވުމުގެ ބަދަލުގައި ކަލޭގެ ފަތަޙައާމެދު އުފާކުރޭ! ކަލެއާ އެފިކުރާ ވެވަޑައިގަތީ އިޝްބީލިއްޔާގެ އެތަކެއްހާސް އަންހެންކުދީން އެބޭފުޅަކަށްޓަކައި ޤުރުބާންވަމުންދާ ބޭފުޅެއް. އެބޭފުޅެއްގެ އޯގާވެރިކަމުގެ އެންމެ ނަޒަރެއް ކަލޭ އަންދަލުސުގެ ޢިއްޒަތްތެރި އަންހެން ސާހިބުންގެ ސަފަށް ގެނެސްފާނެ ބޭފުޅަކު ކަލޭގެ ދުޝްމިނަކަށް ނަހަދާ! ކަލޭ އޭނާގެ ދުޝްމިނުކަން ހޯދައިފިނަމަ ކަލޭގެ އާއިލާގެ ދުވަސްވެސް ހިނގައިދާނެ!"
ميـمــونـة އަށް ހީފުޅުވީ ކޮންމެވެސް މީހަކު އޭނާގެ އިސްތަށިފުޅަށް ކެކިކެކިހުރި ހޫނު ފެންއެއްޗެއް އޮއްސައިލިހެންނެވެ. ނަމަވެސް އޭނާ އަމިއްލަފުޅު ނަފުސު އޮބެހެއްޓެވިއެވެ. ޚުވާޖާސަރާ އަނގަތަޅަމުން ގެންދެއެވެ. ميـمــونـة ގެ ހިންގެވުން ބޭއިޚުތިޔާރުގައި ބާރުވަމުން ދިޔައެވެ. ޚުވާޖާސަރާގެ ސަމައްތަރު ހެޔޮކަމާއި ބުރަހެލިކަމާހުރެ ميـمــونـة ގެ ފަހަތްޕުޅުގައި ހިފަހައްޓައިލާން އޭނާއަށް ވަރަށް ދަތިވިއެވެ. އޭނާއަށް ވަރަށް ބާރަށް މާނޭވާލެވޭން ފަށައިފިއެވެ. އެންމެފަހުން އޭނާއަށް ވާހަކަވެސް ނުދެއްކޭވަރު ވެއްޖެއެވެ.
ميـمــونـة އަށް ގެއާ ހަމައަށް ވަޑައިގެންނެވުނުއިރު އޭނާ ހުންނެވީ ޚުވާޖާސަރާ އަށްވުރެ ފަންސާހަކަށް ފިޔަވަޅު ކުރީގައެވެ. އޭނާ ދޮރޯށީން އެތެރެއަށް ވެދެވަޑައިގަތުމާއެކު ދުވެވަޑައިގެންފައި ވަޑައިގެން ކޮޓަރިއެއްގެ ތެރެއިން ދުނިދަނޑިޔަކާއި ދުނިތަކެއް ނަންގަވައިގެން ދޮރޯށިތެރެއަށް ވަޑައިގެންފިއެވެ. އޭނާ ދެބައިކުޅަ އެއްބަޔަށް ހުޅުވިފައިހުރި ދޮރުފަތުގެ ބިއްދޮށުގައި ހުއްޓިވަޑައިގެންފިއެވެ. އޭރު ޚުވާޖާސަރާ މަގުމަތީގައި ކުއްޖަކާ ވާހަކަދައްކާން ހުއްޓެވެ. އޭނާ ކުއްޖާއާ ސުވާލު ކުރިއެވެ. "މިއީ ކާކުގެ ގެއެއްތަ؟"
"إدريـس ގެ."
"ކޮން إدريـس އެއް؟"
"ކަލޭ ނުދަންނަމުތަ؟ އޭނާއަކީ ސިއްކަޖަހާގޭގެ ޑިރެކްޓަރ."
ކުއްލިޔަކަށް ميـمــونـة ދޫކޮށްލެއްވި ތީރެއް ފަތުއަޑު ކިޔައިފައި ދިޔަގޮތަށްގޮސް ޚުވާޖާސަރާގެ ޝާހީ ފަގުޑި ބިންމައްޗަށް ވައްޓައިލައިފިއެވެ. ދެވަނަ ތީރު އޭނާ މުލައްދަނޑީގައި ޖެހޭހައި ކައިރީން ވައިކަފައިލައިފައި ހިނގައްޖެއެވެ. ޚުވާޖާސަރާ ބިރުންހުރެ ފަސްފަހަތަށް ދާންފަށައިފިއެވެ. ميـمــونـة ތީރުތައް އޭނާގެ ދެފަރާތުން ގައިގައިޖެހޭ ނުޖެހޭހައި ކައިރީން ދާންފަށައިފިއެވެ. އޭނާ އަޑުގެ ކޮޅަށް ހަޅޭއްލަވައެވެ. "ބައްލަވާ! ތިޔަކަހަލަ ސަމާސާއެއް ރަނގަޅެއް ނޫން!"
ޚުވާޖާސަރާއާ ވާހަކަދެއްކި ކުއްޖާ އޭނާ ބިރުގެންފައި ހުރިވަރުން ހޭންފަށައިފިއެވެ. ميـمــونـة ނޯކަރުންގެ ތެރެއިންވެސް ދެ ނޯކަރެއް މަގުމައްޗަށް ނުކުމެ ހޭންތިއްބެވެ. މުސްކުޅި ނޯކަރެއް ދޮރޯށިތެރޭގައިހުރެ ميـمــونـة ގެ އަރިހުގައި ދަންނަވަމުން ގެންދިޔައެވެ. "ދަރިފުޅާ! ބައްލަވައިގެން އުޅުއްވާތި! އެއީ ރަސްގެފާނުގެ ގަނޑުވަރުގެ ޚުވާޖާސަރާއެއް. ކޮންމެވެސް އޭނާ ޒަޚަމް ކޮށްނުލައްވާތި!"
މަގުމަތީގައިހުރި ކުއްޖާ ޚުވާޖާސަރާގެ ޝާހީ ފަގުޑި ނަގައިފިއެވެ. އެކުއްޖާ އޭގައިހުރި ދުނި ލުއްސައިފައި ހިރަފުސް ފޮޅައިލުމަށްފަހު ޚުވާޖާސަރާގެ ބޮލުގައި އަޅުވައިފިއެވެ. އަނެއްކާވެސް ދުންޏެއް އައިސް ޚުވާޖާގެ ފަގުޑި ހައެއްކަ ފިޔަވަޅު ދުރަށް ވިއްސައިލިއެވެ. ޚުވާޖާސަރާ ފަހަތަށް އެނބުރިފައި އޭނާގެ ގައިގައިހުރި ބާރަކަށް ދުއްވައިގެންފިއެވެ. އެވަގުތު އޭނާގެ ދެފައި އޮޅިގެން އަނގަވަތަށް ވެއްޓިއްޖެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު