ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގެ ފިޔަގަނޑުމައްޗަށް މީހަކު އަރައިފިއެވެ.

ލަސްވޭގަސް އެއާޕޯޓުން ޕޯޓްލޭންޑަށް ފުރަން ތައްޔާރުވެފައި އޮތް އަލަސްކާ އެއާލައިންގެ ފްލައިޓުގެ ފިޔަގަނޑަށް އެރިމީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެމީހާ ފްލައިޓު ސަރަހައްދުން ފެނުމާއެކު ކެޕްޓަން ވަނީ ކޮންޓްރޯލް ޓަވަރަށް އަންގާފައިކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ. ފްލައިޓު ހިމެނޭ ސަރަހައްދަށް އޭނާ ވަދެފައިވަނީ ފެންސުތަކުގެ މަތިން ވަގަށް ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ފްލައިޓުގައި އިން މީހަކު ވަނީ އެމީހާގެ ހަރަކާތްތައް ވީޑިއޯ ކޮށްފައެވެ. ވީޑިއޯ އިން ފެންނަގޮތުން އެމީހާ ފިޔަގަނޑަށް އަރަނީ ބޫޓު ބޭލުމަށްފަހު އިސްޓާކިން ބާލައި ފިޔަގަނޑުމަތީ ހިނގާފައެވެ. އަދި ފުލުހުންނަށް ފެނުމާއެކު އެމީހާ ފިޔަގަނޑު އަރިމަތިން ކަހާލައިގެން ވެއްޓޭތަން ފެނެއެވެ.

އަލަސްގާ އެއާލައިންސް އިން ވަނީ ދިމާވި ހާދިސާއަށްފަހު ފްލައިޓު އަނބުރާ ގޭޓަށް ގެންގޮސް ފުލް އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފައެވެ.