ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބަދުﷲ (އަސައްކޮ) ވަނީ ދެ ގޯލު ޖަހައިފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މާޒިޔާ އޮތީ މާޔޫސް ކަމެއްގައެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މާޒިޔާއިން ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ހިތްދަތިކޮށް ބަލިވެފައި އޮތުމުން، ލީގު ރަނގަޅަށް ފެށުމަށް މިއަދުގެ މެޗު މުހިއްމުވިއެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މެޗުގެ ކުރިން ބުނެފައި ވަނީ ޕްރެޝަރު ހޭންޑަލް ކުރާނެ ކަމަށާއި ނިމިދިޔަ ތަން ހަނދާން ނައްތައިލެވޭނެ ކަމަށެވެ.

ޓީމުގެ ކުޅުމުންވެސް އެކަން ފެނިގެން ދިޔައެވެ. މާޒިޔާ ފެނުނީ ފިޒިކަލީ ރަނގަޅު، ފިޓްނަސް ރަނގަޅު ޓީމެއްގެ ގޮތުގައެވެ. އެޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ ވަރުގަދަ ޕްރީ ސީޒަން ތަމްރީނުތަކުގެ ފައިދާ ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އޭގެ ފަހުން މާޒިޔާއިން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ހަމަލާތައް އުފައްދަން ފެށިއެވެ. 25 ވަނަ މިނެޓުގައި އަރިމަތިން އެތެރަށް ވަދެ، މުހައްމަދު އުމައިރު، ނާއިޒް ހަސަން (ދާދު)އަށް ހުސްކޮށްލާފައި ދިން ބޯޅަ، ދާދު ގޯލަށް ފޮނުވައިލަން ތިރިތިރިން ޖެހި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

އޭގެފަހުން ފުލުފުލުގައި އުފެއްދި ދެ ހަމަލާއަކަށްފަހު މާޒިޔާއިން ލީޑު ނެގިއެވެ. މަތިމަތިން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވައްޓާލި ބޯޅަ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ އުމައިރެވެ. އުމައިރަކީ މި ސީޒަނަށް މާޒިޔާއަށް ބަދަލުވި ތަޖުރިބާކާރު ކުޅުންތެރިއެކެވެ. މިއަދުގެ މެޗުގައި އުމައިރުގެ ބޭނުން މާޒިޔާއަށް އެކަށީގެންވާ ގޮތެއްގައި ހިފިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މި ގޯލު ޖެހީ އަމްދާން އަލީ (އެންޑީ) އެވެ. އިބްރާހިމް އައިސަމް ކޯނަރަކުން ނަގައިދިން ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް ބޮލުގައި ޖެހިފައި އެންޑީއަށް ލިބުމުން އޭނާ ބޮލުން ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފުވެސް މާޒިޔާއިން ވަރުގަދަކޮށް ފަށާފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އަސައްކޮގެ ނުރައްކާތެރި ހަމަލާއެއް ނާކާމިޔާބު ވެގެން ދިޔަ އިރު، 66 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން މާޒިޔާއިން ތިންވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސައްކޮއެވެ. މެޗުގައި މާޒިޔާއިން ޖެހި ހަތަރުވަނަ ގޯލުވެސް އަސައްކޮ ޖަހާފައިވާ އިރު، ފަހު ހާފުގައި ޔުނައިޓެޑް ވިކްޓަރީ ފެނުނީ ވަރުބަލި ކޮށެވެ. ހާއްސަކޮށް މާޒިޔާގެ ކުޅުންތެރިންނާ އަޅާ ބަލާއިރު، ޔުނައިޓެޑް ވިކްޓަރީ ފެނުނީ މާބޮޑަށްވެސް ވަރުބަލިކޮށެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ވާދަކުރާނީ އީގަލްސްއާއި ސުޕަ ޔުނައިޓެޑެވެ.