ދަރިފުޅުގެ މަރަށް ހަ އަހަރު ވެގެން ދިޔައިރު ވެސް އިންސާފު ލިބިފައިނުވާތީ ކަމަށް ބުނެ، ރައީސް އޮފީސް ކުރިމަތީ ހުންނަ ހުރަވީ ބިލްޑިން ހެދުމަށްޓަކައި ޖަހާފައި ހުރި ދަގަނޑު ހޮޅިތަކުގެ މައްޗަށް އަރައި ހުރެ މީހަކު އިހުތިޖާޖު ކޮށްފި އެވެ.

ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދޭން އެދި ގޮވާލައި ހަދާފައިވާ ޕޯސްޓަރަކާއެކު އިހުތިޖާޖު ކޮށްފައިވާ މީހަކީ ޑިސެމްބަރު 13، 2014 ދުވަހު މއ. ބެރުމަތީގޭގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓި މަރުވި ހ. ދޫހިމެރިގެ، ނަދާލް ރަޝީދުގެ ބައްޕަ އިބްރާހީމް ރަޝީދު (ބުރޯ) އެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވެގެން އޭނާ ވަނީ އެތަނުން ބާލުވައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، ނަދާލްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލް ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރި މި މައްސަލައިގައި ފަސް މީހަކު ހައްޔަރުވެސް ކުރި އެވެ. އެއީ ނަދާލް އާއެކު އެޕާޓްމަންޓުގައި ތިބި މީހުންނެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ކުޑަކަމުދާ އެއްޗެހި ނަގައި، ތަހުލީލު ކުރި އިރު ކެނަބިސްއަށް ޕޮޒިޓިވް ވެފައިވެ އެވެ. ނަމަވެސް ކޯޓުން ވަނީ އެމީހުން ފަހުން ދޫކޮށްލައިފަ އެވެ.

މި މައްސަލައިގައި ބުރޯ ބުނާ ގޮތުން ނަދާލްގެ މަރުގައި ގޮތް ނޭނގޭ ސިއްރުތަކެއް އެބަހުއްޓެވެ. އަދި އޭނާގެ ދަރިފުޅު މަރާލާފައި އެތައް ގަޑިއިރެއް ފަހުން، އެ ގޭގެ ޓެރަސް މަތިން މަގުމައްޗަށް އެއްލައިލީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އެހެންކަމުން އެ މަރުގެ ހަގީގަތް ހޯދަން ބުރޯ ވަނީ އެތައް އިދާރާއަކާ ބައްދަލުކޮށްފަ އެވެ. އެގޮތުން ފުލުހުންނާއި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިނަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަށް ވެސް ޝަކުވާ ދެންނެވި އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ބުރޯ ޝަކުވާ ހުށަހެޅި އެވެ.