އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ދަށްވެއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާންމުދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 33 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ މަހު ލިބުނީ 224 މިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރު ނޮވެމްބަރުގައި ރާއްޖެއަށް އެތެރެކުރި 4.3 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 51 ޕަސެންޓްގެ ދަށްވުމެކެވެ.
އިމްޕޯޓްގެ އިތުރުން މިދިޔަ މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދާ ވެސް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 46 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭން 417 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިއަހަރުގެ ނޮވެމްބަރުގައި އެކްސްޕޯޓްކުރީ 224 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޗައިނާ، ސިންގަޕޫރު އަދި އިންޑިއާ އިންނެވެ. ޗައިނާއިން 267 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު، ސިންގަޕޫރުން 243 މިލިއަން އަދި އިންޑިއާއިން 235 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރީ ފްރާންސަށާއި ތައިލެންޑް އަދި އިޓަލީއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު