ރާއްޖޭގައި 107 މިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ހިންގަން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން ފާސްކުރި މަޝްރޫއަކީ އެކްސަލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއެވެ.
އެވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތަ ގްރިޑަށް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާނެ ބެޓެރީ އެނާޖީ ސްޓޭރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން ރަށްތަކުގައި ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ.
މި މަޝްރޫއަށް ލިބިފައިވާ 107.4 މިލިއަން ޑޮލަރުގެ ތެރެއިން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން ދެނީ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ. އެހެން ކޯ-ފައިނޭންސިން އެޖެންސީސްތަކުގެ ތެރެއިން ކްލީން ޓެކްނޮލޮޖީ ފަންޑު (ސީޓީއެފް) އިން 30 މިލިއަން ޑޮލަރުގެ ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން ހަތް މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.
އޭގެ އިތުރުން އޭޝިއަން އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރުގެ ލޯނު ހަމަޖެހިފައިވާއިރު، މުޅި ޖުމްލައިގެ ތެރެއިން ޕްރައިވެޓް ސެކްޓަރު މެދުވެރިކޮށް 45 މިލިއަން ޑޮލަރު ލިބޭނީ ޕްރައިވެޓް އިންވެސްޓްމަންޓްތަކުގެ ގޮތުގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސަރުކާރު ހިއްސާވާ ކަރަންޓް އުފައްދާ ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫގެ މަސައްކަތްތައް ހަތަރު ކޮމްޕޯނަންޓަކަށް ބެހިފައިވެ އެވެ.
ފުރަތަމަ ކޮމްޕޯނެންޓުން މަސައްކަތް ކުރިއަށްދާނީ ސޯލާ ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޭނުންވާ މާލީ ރައްކާތެރިކަމާއި ޔަގީންކަން ފޯރުކޮށްދީ އެ ދާއިރާ އިން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތައް އިތުރުކުރުމަށެވެ.
އެގޮތުން މިހާރު ވެސް ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިވަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން އެކުލަވާލި އިންވެސްޓްމަންޓް ފްރޭމްވޯކަށް ފެތޭނެހެން، އިންޑިޕެންޑެންޓް ޕަވާ ޕްރޮޑިއުސާ (އައިޕީޕީ) މޮޑެލްގައި އެރައިޒް މަޝްރޫއިން މުޅި ޖުމްލަ 36 މެގަވޮޓް ސޯލާ ޕީވީގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ދެވަނަ ކޮމްޕޯނެންޓުގެ ތެރެއިން އެ މަޝްރޫއުގެ ދަށުން ސޯލާ ޕީވީ ހަރުކުރާ ރަށްތައް ހިމެނޭ ގޮތަށް، ކަރަންޓް ވިއުގައަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭ ނިސްބަތް އިތުރުކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ބޭނުންކުރެވޭ އެންމެ މަތީ މިންވަރު އިތުރުކުރެވިގެންދާނެ އެވެ. އެކަމުގެ ސަބަބުން މިހާރު ރާއްޖޭގެ ގްރިޑްތަކަށް ކަރަންޓް ބޭނުންކުރާ އެންމެ މަތީ މިންވަރު އިތުރުކުރެވި، ގްރިޑުގެ ސްޓެބިލިޓީ އާއި މުޅި ކަރަންޓް އުފައްދާ ނިޒާމުތަކުގެ ޖުމްލަ އެފިޝަންސީ ވެސް ރަނގަޅުވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ، ތިންވަނަ ކޮމްޕޯނެންޓް ހާއްސަކޮށްފައިވަނީ އިއާދަކުރަނިވި ހަކަތަ ކަރަންޓް ވިއުގައާއި ގުޅާލުމުގައި ހުރި ދަތިތައް ފިލުވުމަށްޓަކައި، ރަށްރަށުގެ ކަރަންޓް ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އެކަށީގެންވާ ގޮތަށް ބޭނުން ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ކަމަށެވެ.
އެގޮތުން ކަރަންޓް ވިއުގައިގެ ބައެއް ބައިތައް އަޕްގްރޭޑް ކުރުމާއި ސޯލާ ނިޒާމު އަދި ޖަނަރޭޓާރުތަކުގެ ފުރިހަމަ ޕްރޮޑަކްޝަން މައުލޫމާތުތައް ވަގުތުން މޮނިޓާކޮށް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ކަރަންޓް ނިޒާމުތައް ހަރުދަނާ ގޮތެއްގައި އޮޕަރޭޓް ކުރުމަށް ރަށްތަކުގައި ޒަމާނީ ސްޕަވައިޒަރީ ކޮންޓްރޯލް އަދި ޑޭޓާ އެކުއިޒިޝަން ނިޒާމުތައް އެރައިޒް މަޝްރޫއުގެ ދަށުން ގާއިމްކުރެވޭނެ އެވެ. އޭގެ އިތުރުން އިލެކްޓްރިކް ވެހިކަލް ޗާޖު ކުރެވޭނެ އިންފްރާސްޓްރަކްޗާ ފަދަ ގްރިޑް މެދުވެރިކޮށް ދެވިދާނެ އެހެން ހިދުމަތްތައް ޕައިލެޓްކުރުމަށް ވެސް ރޭވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
މަޝްރޫއުގެ ހަތަރުވަނަ ކޮމްޕޯނަންޓްގެ ދަށުން ހަކަތައިގެ ދާއިރައަށް އަންނަ ޒަމާނީ ބަދަލުތަކަށް ރާއްޖޭގެ ހަކަތަ އާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކޮށް، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ހިންގުމާއި ރެގިއުލޭޓަރީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ކަންތައްތައް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެ އެވެ.
އޭގެ ދަށުން ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭ ގޮތަށް ޕަވާ ސިސްޓަމްތައް އޮޕަރޭޓްކޮށް މައިންޓެއިންކުރުމުގެ ތަމްރީން ދިނުމުގެ އިތުރުން ކުރިއަރަމުން އަންނަ ހަކަތައިގެ އިތުރު ޓެކްނޮލޮޖީތަކާއި ގުޅޭ ފީޒިބިލިޓީ ސްޓަޑީޒް ހެދުމާއި ޕައިލެޓް ސްކޫލް މަޝްރޫއުތައް ހިންގުމަކީ ވެސް އެރައިޒް މަޝްރޫއުގެ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ އެރައިޒް މަޝްރޫއު ހިންގާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކޮންމެ ފިޔަވައްސަކަށް ސަބް ޕްރޮޖެކްޓެއް އެކުލަވާލައިގެން ކަމަސެވެ.
އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 21 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރާއްޖޭގެ ހަ ސަރަހައްދެއްގައި ކަމަށާއި އެރަށްތަކަކީ އައްޑޫ ސިޓީ (ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫ)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ފިޔަވަހީގައި ދެ ލޮޓެއް ހިމެނިފައިވާއިރު ޖުމްލަ 10 މެގަވޮޓް ހިމެނިފައިވަނީ ފްލޯޓިން ސޯލާގެ ނިޒާމެއް ގާއިމްކުރުމަށެވެ. އަދި ބާކީ 11 މެގަވޮޓަކީ އިމާރާތްތަކުގެ ފުރާޅުތަކުގައި ގާއިމްކުރާ ސޯލާ ޕީވީގެ ނިޒާމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ ހަ ސަރަހައްދުގައި ގާއިމްކުރާ ސޯލާ ޕީވީގެ ނިޒާމުތަކުން ރަށްތަކުގެ ޕީކް ޑިމާންޑުގެ 70 ޕަސެންޓް ކަރަންޓް އުފެއްދޭނެ ކަމަށެވެ. އަދި ފިޔަވަހި ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ނުވަ މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ވެގެންދާނެ ކަމަށް ބުންޏެވެ.
އެރައިޒް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ލ. އަތޮޅުގެ ރަށްތަކާއި ޅ. ނައިފަރާއި އަދި ކުޑަހުވަދޫގައި އިތުރު ނުވަ މެގަވޮޓް ސޯލާ ޕީވީގެ ނިޒާމެއް ގާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އަދި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގައި މަދުވެގެން ހަ މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމްކުރުމަކީ އަމާޒެއް ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު