ލިއޮނެލް މެސީ

"މެސީ ދާންވީ ނަޕޯލީއަށް، އެއީ ފިލްމީ ޓްރާންސްފާއަކަށް ވާނެ"

އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ލެގަސީ ދެމެހެއްޓުމަށް ލިއޮނަލް މެސީ ދާންވީ އިޓަލީގެ ނަޕޯލީއަށް ކަމަށް ކުރިން މެސީއާއެކު ބާސާގައި ކުޅުނު ކެވިން ޕްރިންސް ބޯޓެންގް ބުނެފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އާޖެންޓީނާގެ ވޯލްޑް ކަޕް ހީރޯ އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ އައިކަން މަރަޑޯނާ މަރުވެފައިވާ އިރު، އެ މަރާއެކު އެންމެ ބޮޑަށް ހިތާމަފާޅުކުރި ކްލަބަކީ އިޓަލީގެ ނަޕޯލީއެވެ. ނަޕޯލީއަށް މަރަޑޯނާ ކޮށްދިން އަގުހުރި ހިދުމަތްތަކުގެ ޝަރަފުގައި އެ ކްލަބުގެ ސްޓޭޑިއަމްގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފައިވާ އިރު، މެސީވެސް ވަނީ މަރަޑޯނާއަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ.

ބާސާގެ މެޗުގައި ގޯލް ޖެހުމަށްފަހު، މަރަޑޯނާ އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްއަށް ކުޅުނު ޖާޒީގައި މެސީ އުފާފާޅުކޮށްފައިވާ އިރު، އެ ކްލަބަކީ މެސީ ފުޓުބޯޅައިގެ ތެރެއަށް ވަދެގެން ދިޔަ ކްލަބެވެ. މެސީގެ ބާސާގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވާ އިރު، ޔޫރަޕްގެ ގިނަ ކްލަބުތަކަށް ކުޅެފައިވާ ބޯޓެންގް ބުނެފައިވަނީ މެސީ ދެން ދާންވީ ނަޕޯލީއަށް ކަމަށެވެ.

"މެސީގެ ބާސާ ކޮންޓްރެކްޓް މިހާރު ވަނީ ނިމުމަކާ ގާތްވެފައި. ނަޕޯލީއަށް ދިއުން ވެގެންދާނީ ވަރަށް ފިލްމީ ޓްރާންސްފާއަކަށް. މަރަޑޯނާގެ ހަނދާނުގައިވެސް ދާން ޖެހޭ. 10 ނަންބަރު ޖާޒީ ނަޕޯލީން ރިޓަޔާ ކޮށްފައިވާނަމަވެސް މަރަޑޯނާގެ ހަނދާނުގައި ނަޕޯލީގެ 10 ނަންބަރު ޖާޒީ މެސީއަށް ދޭންވެސް ޖެހޭ. އެ ޓްރާންސްފާއަށް މެސީ އާނއެކޭ ބުނަން ޖެހެނީ ސީދާ ހިތަށް. ފައިސާގެ އެއްވެސް ކަމަކަށް ނުބަލާ. އެއީ ފިލްމެއްގެ ސްކްރިޕްޓެއް،" ބޯޓެންގް ބުނެފައިވެއެވެ.

ބޯޓެންގް ބުނީ މަރަޑޯނާގެ ހަނދާނުގައި ކޮންމެކަމެއްވެސް ފުޓުބޯޅައިގެ ކުރާނެ ކަމަށާއި ކޮންމެ ކުޅުންތެރިއަކުވެސް މަރަޑޯނާގެ ހަނދާނުގައި އެ ގުރުބާނީ ވާން ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ.