މަސްވެރީންގެ ދުވަސް

ވިލުފުށީގައި ރަށުފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކޮށްފި

އަލީ ޔާމިން

މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ތ. ވިލުފުށީގައި ފާހަގަކޮށްފިއެވެ.

ވިލުފުށީގައި މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ފައުންޑޭޝަން ފޯ އެކްޓިވް ކޮމިޔުނިޓީ އެމްޕަވާމަންޓް (ފޭސް)ގެ ފަރާތުންނެވެ.

އެ ޖަމިއްޔާއިން އިއްޔެ ވަނީ އެރަށުގައި އުޅޭ މަސްވެރިންނަށް ހާއްސަކޮށްގެން މަސް ރޭހެއް ބާއްވައިފައެވެ. އެގޮތުން އެކިއެކި ޓީމްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސްރޭހުގައި އެންމެ ގިނައިން މަސް ބޭނި ތިން ޓީމު ހޮވައި، އެންމެ ބަރުމަސް ބޭނި މަސްވެރިޔާ ހޮވާފައިވެއެވެ.

މަސްރޭހުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލު ކުރީ މަސްވެރި އާއިލާތަކަށް ހާއްސަކޮށްގެން ރޭ ވިލުފުށީގައި ބޭއްވި ހަފްލާގައެވެ. އެގޮތުން މަސްރޭހުގެ އެއްވަނަ ޓީމަކަށް ހޮވުނީ "ޓީމް ލޯޑަސް"އެވެ. ދެވަނަ "ޓީމް ޕޮލިސް"އަށް ލިބުނުއިރު ތިން ވަނަ ހޯދީ "ޓީމް ހުސްއަތާ" އިންނެވެ.

އެ ރަސްމިއްޔާތުގައި ވަނީ ވިލުފުށީގައި ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މަސްވެރިންނާއި ކެޔޮޅުންނާއި އޮޑިވެރިންނަށް ހިތްވަރުދީ، ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ދޯނިތަކަށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

ފޭސް ޖަމިއްޔާގެ ފަރާތުން ވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި މިމަހުގެ 15 ވަނަ ދުވަހު އެރަށުގައި "މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތް"ގެ ނަމުގައި އެރަށުގެ ހަތަރު ވިލާއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދަން ނިންމައިފައެވެ. ރޭގެ ރަސްމިއްޔާތުގައި ވަނީ އެ މުބާރާތުގެ ތީމް ލަވަ އިފްތިތާހުކޮށްފައެވެ.

ވިލުފުށީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އިއްޔެ ވަނީ މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ.