ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ދުވާފަރަށް ވަޑައިގެންނެވީ އިއްޔެ ހެނދުނެވެ. އަދި އެނބުރި މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވިއެވެ.

އެގޮތުން ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމްގެ ހިދުމަތާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރިޓީއެލް) ބަހުގެ ހިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ގާއިމުކުރި ފުރަތަމަ ފިއުލް ސްކިޑްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސްގެ ދެކަނބަލުން ވަނީ އިއްޔެ ދުވާފަރުގައި ދިވެހި ދެ ރުއް އިންދަވައިދެއްވައި، ރައީސްގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދުވާފަރުގައި ކުރިއަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވައިފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އިއްޔެ މެންދުރު މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލު ހޯއްދެވިއެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އެ މަނިކުފާނު ދެއްވާފައިވެއެވެ.

މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ހަރަކާތްތަކަށްފަހު ރޭ އެ ރަށުގައި ކުރިއަށްދިޔަ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން އެ ޖަލްސާގައި ރައީސް ވަނީ މަސްވެރިންނަށް ފައިދާވާނެގޮތަށް ބައެއް ކަންކަން އިއުލާންކުރައްވައިފައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާއަށް ހަދައި، ދޮޅު ކިލޯއިން މަތީގެ މަހުގެ ބަދަލުގައި އެއް ކިލޯއިން މަތީގެ މަސް ގަންނަގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ. މާނައަކީ މިފްކޯއިން އެ އިރެއްގައި ކަނޑައަޅާ އެންމެ މަތީ އަގެއްގައި މަސް ގަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްވެރިންނަށް މިފްކޯއިން ތެޔޮ ވިއްކާ އަގަށް ގެނައި ބަދަލުތައް ވެސް ރައީސް އިއުލާންކުރެއްވިއެވެ. މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާއިރު އެވަރެޖުކޮށް ތެލުުގެ އަގުން 51 ލާރި ހެޔޮވާނެ ކަމަށާއި އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.