ނ. މާޅެންދޫގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 25 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން މައުލޫމާތުދޭގޮތުގައި މާޅެންދޫގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތަކީ އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މާޅެންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު މާޅެންދުއަށް ގެންދެވިފައިވާ ކަމަށާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ޓަނުގެ 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، އެއް ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލިޑިން އިމާރާތް ކުރުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.
މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އެ މަޝްރޫއުއަށް ޖުމްލަ 42,975,350.00 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން މާޅެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު