އަފްގާނިސްތާނުގެ ނޫސްވެރިޔާ މަލާލާ މަރާލައިފިއެވެ.

އަފްގާނިސްތާނުގެ އަންހެން ނޫސްވެރިޔާ މަލާލާ މައިވަންދު މަރާލާފައިވަނީ ކާރުގައި ދަތުރުކުރަނިކޮށް އެގައުމުގެ ޖަލާލް އާބާދުގައެވެ. ހަމަލާދިން މީހުން ވަނީ ބަޑިން ހަމަލާ ދިނުމަށްފަހު ފިލައިފައެވެ.

އެހަމަލާގައި އޭނާގެ ޑްރައިވަރުވެސް މަރުވެފައިވާކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. މިހާތަނަށް ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވިނަމަވެސް ހަމަލާ ދީފައިވަނީ ދާދި ފަހުން އަފްގާނިސްތާނުގައި ދީފައިވާ ހަމަލާތައް ނޭޓޯ އާއި އީޔޫ އިން ކުށްވެރިކޮށް ބަޔާނެއް ނެރެފައި ވަނިކޮށެވެ.

މަލާލާ މައިވަންދު އަކީ އަފްގާނިސްތާނުގެ އެނިކަސް ޓީވީ އަދި ރޭޑިއޯގެ ނޫސްވެރިއެކެވެ. މަލާލާ ފާހަގަކުރެވިފައިވަނީ އެގައުމުގެ މަސައްކަތްތެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއްގެ ގޮތުގައެވެ. އޭނާވަނީ އެގައުމުގައި އަންހެން ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަތައް ދައްކައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

މަލާލާ މައިވަންދުގެ މަަންމަ އަކީވެސް އެތައް ބައެއްގެ ހައްގުގައި މަސައްކަތް ކޮށްފައިވާ އެކްޓިވިސްޓެކެވެ. މީގެ ފަސްއަހަރު ކުރިން މަލާލާ މައިވަންދުގެ މަންމަ ވެސް ވަނީ ކާކުކަން ނޭނގޭ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ.