ޚަބަރު

އެމްއެސްއެސްގެ ކާގޯ ފެރީން އިންޑިއާއިން ރާއްޖޭގެ ދެކުނަށް ކޮންމެ 20 ދުވަހަކުން ދަތުރެއް

އަލީ ޔާމިން

1

އިންޑިއާގެ ސޫތުކުޅިން ކަނޑުމަގުން މުދާ ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށާފައިވާ މަސައްކަތުގެ ދަށުން ކޮންމެ 20 ދުވަހަކުން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީއަށް ސީދާ އިންޑިއާއިން މުދާ ގެންނަން ފެށި މަސައްކަތުގެ ތެރެއިން މިއަދު ހަވީރު ވަނީ އެމްއެސްއެސްގެ ބޯޓު "އެމްވީ ބޮންތި 2" ހިތަދޫ ސަރަހައްދީ ބަނދަރަށް ބަނދަރުކޮށްފައެވެ. އެ ބޯޓު ސަރަހައްދީ ބަނދަރަށް ވަނުމުން ސިފައިން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. އެ ބޯޓު ރާއްޖެ އަންނަން އިންޑިއާގެ ސޫތުކުޅިން ފުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އައްޑޫއަށް އެމްއެސްއެސްއިން ކުރި ފުރަތަމަ ދަތުރަށް މަރުހަބާ ކިޔަން މިއަދު ހަވީރު ހިތަދޫ ޕޯޓު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވެސް ބައިވެރިވެވަޑައިގެންނެވިވެ.

އެ ރަސްމިއްޔާތުގާއި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، އައްޑޫއަށް އެ ކުންފުނީގެ ބޯޓު ކުރި ފުރަތަމަ ދަތުރުގައި 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި އިމާރާތްކުރަން ބޭނުންކުރާ ސާމާނު ހިމެނެއެވެ.

ސައީދު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ އެންމެ ދެކުނަށް މުދާ ގެނެވޭ ގޮތް ވުމަކީ އައްޑު ސިޓީ އާއި ހުވަދު އަތޮޅުގެ ވިޔަފާރިތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން މުދާ ގެންނަން ފަސޭހަވުމާއި މުދާ ގެނައުމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވުމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު މިކުރަނީ މިއަދު މި ފެށި މަސައްކަތުގެ ސަބަބުން ދެކުނުގެ އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އައުން. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިއްޖެ ނަމަ ދަތުރުކުރުމުގެ ސިނާއަތަށް އޮންނަ ލޯބި އިތުރުވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެމްއެސްއެސް އުފެއްދި ފަހުން މިއަދާ ހަމައަށްވެސް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެކި ނަންނަމުގައި ޝިޕިން އެޖެންސީތަކުން ނަގަމުން އަންނަ ފީތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އޮންނަ ތާވަލަށް އެމްއެސްއެސްގެ ބޯޓު ނައްޓާލާނެ، އެހުރި މުދަލަކާއެކުގައި. އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އެމީހުންގެ މުދާ ގަޑިއަށް ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ. އެއީވެސް ލިބުނު ކުރިއެރުމެއް،" އަމްރު ވިދާޅުވިއެވެ.

އިންޑިއާގެ ސޫތުކުޅިއާއި ރާއްޖޭގެ އެންމެ ދެކުނު ކާގޯ ފެރީން ގުޅާލި އިރު އެމްއެސްއެސް އިން ކުރިން ވަނީ ކޮޗިން އާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ވެސް ކާގޯ ފެރީގެ ހިދުމަތް ފަށައިފައެވެ.