އިހުގެ ދިވެހީން ދަރަޖަތަކަކަށް ގިންތިކޮށް އުޅުނު ގޮތުގެ މައްޗަށް އަލިއަޅުވާލައި އަޅުގަނޑު ލިޔަން ގަސްދުކުރާ މި މަޒުމޫނަކީ އެކަމުގެ މައްޗަށް ދެވޭ ކުރު ތައާރަފެކެވެ. އަޅުގަނޑު މީގެ ކުރިން މި ނޫހަށް ލިޔުނު މަޒުމޫނެއްގައި ދިވެހީންގެ ބޯދާ ކާބަފައިންގެ ވާހަކަ ލިޔެފައިވާނެއެވެ. އެގޮތުން ބުދުދީނުގެ ކުރިން ދިވެހިރާއްޖޭގައި އޮތީ ހިންދޫދީން ކަން އެނގޭ ހެކިތައް ހުރިކަމަށް ބަޔާންކޮށްފައިވާނެއެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކަށް އެނގިފައިވާނެ ފަދައިން ހިންދޫ ދީނަކީ އެދީނަށް ތަބާވާ މީހުން އެކި ދަރަޖަދަރަޖައަށް ބަހައިއުޅޭ ދީނެކެވެ. އަދި މިދަރަޖަތަކަކީ އެމީހުންނަށް އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވެގެން ދެމިގެން އަންނަ ކަމެއް ކަމަށާއި ކޮންމެ މީހަކުވެސް އުފަންވަނީ ކޮންމެވެސް އެއް ދަރަޖައެއްގެ ތެރެއަށް ކަމަށާއި މަރުވަންދެންވެސް އެމީހަކު ހުންނަނީ އެދަރަޖައިގެ މީހެއްގެ ގޮތުގައި ކަން އެނގެއެވެ. މި ގޮތުން މި ދަރަޖަތައް ބައިކުރެވިފައި އޮންނަ ގޮތުން މޮޅާއި ދެރަ ހިމެނޭކަމާއި އަދި ދެރަވެގެން ގޮސް ކުނިގަނޑެކޭ އެއްފަދައިން އަތްލާން ފަކުރަކަށްވާ ދަރަޖަތައްވެސް ހުންނަކަން އަޅުގަނޑުމެން ދަންނަމުއެވެ.
އާދެ، މިދެންނެވި ހިންދޫ ދީނުގެ އަސަރުން ދެމިގެން އައި ދަރަޖަތައް ދިވެހީންގެ ތެރޭގައިވެސް އޮތެވެ. އެ ދަރަޖަތައް އަޅުގަނޑުމެންނަށް ފެންނަން އޮތް ޒަމާނުން ފެށިގެން އައިސްފައި އޮތީ ހިންދޫދީނާއި މުޅީން ތަފާތުކޮށް ވަރަށް ބޮޑެތި ބަދަލުތަކާ އެކުގައެވެ. ދިވެހީންގެ ތެރޭގައި މީހަކު ދަރަޖައަކަށް ބޮޑުވިޔަސް ލިބޭ މަގާމެއްގެ ސަބަބުން ނުވަތަ ކައިވެނީގެ ސަބަބުން ދަރަޖަ މައްޗަށްޖެހި އަދި އެމީހެއްގެ ދަރިފަސްކޮޅުގެ އެންމެންގެ ދަރަޖަ އުފުލިގެން ގޮސްފައިވާކަން އެނގެން އެބަހުއްޓެވެ. އަދި ހަމަ އެހެންމެ މަތީ ދަރަޖައިގެ މީހުން ދަށްކޮށްފައިވާކަންވެސް އެނގެން އެބަހުއްޓެވެ. މިއީ ތާރީޚުގެ ތެރެއިން ދިވެހީން ދަރަޖަކޮށް އުޅުނު ގޮތުގެ މައްޗަށް ލިޔާ ތައާރަފެއް ކަމަށްވާތީ މާބޮޑަށް ތަފްސީލަކަށް ނުދާނަމެވެ. މިއީ އަޅުގަނޑު ބެލި ތާރީޚީ އެކި ފަތްފުށްތަކާއި މަހާނަގާގަލުގައި ހުރި ލިޔެކިޔުންތަކާއި ތާރީޚު ދިރާސާކުރެއްވި ބައެއް ބޭބޭފުޅުން މިކަމުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުންތައް ބަލައިގެން ހެދި ކުޑަ ދިރާސާއެއްގެ އަލީގައި، ދާދި މިދާކަށް ދުވަހާ ޖެހޭންދެން ދިވެހީން ދަރަޖަކުރެވިފައި އޮތް ގޮތުގެ މައްޗަށް ލިޔާ ލިޔުމެކެވެ. މީގައި މައިގަނޑަކަށް ލިޔެފައިވާނީ އެންމެފަހަށް ދަރަޖަކުރެވެމުން އައި ގޮތުގެ މައްޗަށެވެ.
އިހުގައި ދިވެހީން ދަރަޖަކޮށް އުޅުނު އެންމެ މަތީ ދަރަޖައަކީ ދިވެހިރާއްޖޭގެ ވެރި ރަސްގެފާނު ނުވަތަ ރަނިކަމަނާގެ ދަރަޖައެވެ. އާދެ، ދިވެއްސަކަށް އޮންނަ އެންމެ މަތީ ދަރަޖަ އޮންނަނީ ދިވެހިރާއްޖޭގެ ތަޚުތުގައި އެވަގުތު ވޮޑިގެން އިންނެވި ބޭފުޅަކަށެވެ. މިބޭފުޅަކާ މުޚާތަބުކުރުމަށްވެސް ދިވެހިބަހުގެ ޚާއްޞަ ދަރަޖައެއް އޮވެއެވެ. ދިވެހިރާއްޖޭގެ ރަސްކަން ހިންގި ދުވަސްވަރުގެ ގިނަ ރަސްރަސްކަލުންނަކީ ވިރާސީގޮތުން ވާރުތަވެގެން އެކި ރަސްދަރިކޮޅުތަކުން ވަޑައިގެންނެވި ރަސްރަސްކަލުންނެވެ. އެހެންނަމަވެސް މީގެ ގިނަ ދަރިކޮޅުތައް ފެށިފައިވަނީ އެދަރަޖައަކުންނޫނެވެ. އޭރުގެ ގޮތުން ރަސްދަރިކޮޅަކަށް ނިސްބަތް ނުވާ ދަރަޖަތަކުގެ ތެރެއިން ވެސް މީހަކު ކޮންމެވެސް ގޮތަކުން ރަސްކަމަށް އިސްވެއްޖެ ނުވަތަ އިސްކޮށްފިނަމަ އެމީހެއްގެ ދަރަޖަ އުފުލިގެން ދިޔައީއެވެ. ހަމަ އެއާއެކު އެމީހެއްގެ އަނބިދަރީންގެ ދަރަޖަވެސް އުފުލިދެއެވެ.
ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން ނުވަތަ ކީރިތަ މަހާރެހެންދިއަށް ފަހު ދެން ދަރަޖައިގެ ގޮތުންނާއި އަދި އާރާއިބާރުގެ ގޮތުން އެންމެ މަތީގައި ތިބޭ ބަޔަކީ ކިލެގެ ބޭކަލުންނާއި ކަނބަލުންނެވެ. މި ކިލެގެކަމަކީ ބޮޑުންގެ ތެރެއިން ނުވަތަ އެނޫން ދަރަޖައެއްގެ މީހުންގެ ތެރެއިން ރަދުން ބޭނުންފުޅު މީހަކަށް ދެއްވާ ދަރަޖައެކެވެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިހުގައި ރާއްޖޭގައި ދޮށިމޭނާ ކިލެގެފާނު، ރަންނަބަނޑޭރި ކިލެގެފާނު، ފާމުދޭރި ކިލެގެފާނު، ފާށަނާ ކިލެގެފާނު ފަދަ ނަންނަން ކިޔާފައި ތިއްބެވި ބޭބޭފުޅުން ތިއްބެވިއެވެ. އެއީ މިދެންނެވި ގޮތަށް ކިލެގެކަން ލިބިވަޑައިގެންނެވި ބޭބޭފުޅުންނެވެ. ކިލެގެ ބޭކަލުންގެ ނަންކިޔުމުގައި އާއްމުކޮށް ގޭގެ ނަމާއި އެބޭފުޅެއްގެ އަރަބި ނަމާއި ދެން އެދެއްވި ކިލެގެ ކަމެއްގެ ނަން އެއްކޮށްގެން ކިޔައެވެ. މިސާލަކަށް އަތިރީގޭ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނު ފަދަ ނަންނަން ފާހަގަކޮށްލެވެއެވެ. މިބޭފުޅުންނާ މުޚާތަބުކުރެވޭނީ ދިވެހިބަހުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް ދަރަޖައިންނެވެ. ވާހަކަދެއްކުމުގެ މި ދަރަޖައަކީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވިފައި އޮންނަ ދަރަޖައާއި އެއަށްފަހު ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއަށް އޮންނަ ދަރަޖައާއި ކީރިތި މަހާރަދުންނަށާއި ރަސްކަންކުރައްވާ ޝާހީ އާއިލާގެ ބޭފުޅުންނަށް އޮންނަ ދަރަޖައަށްފަހު އަންނަ ދަރަޖައެކެވެ.
ދެން އޮންނަ ދަރަޖައަކީ އެންމެ ފަހަށް ރަސްކަން ކުރެއްވި ހުރާގޭ ރަސްދަރިކޮޅުން ރަސްކަންކުރެއްވި ރަސްރަސްކަލުންގެ ދަރިކޮޅުގެ ބޭފުޅުން ހިމެނޭ ދަރަޖައެވެ. މި ދަރަޖައިގެ ތެރޭގައި ހިމެނެނީ މި ދެންނެވި ރަސްރަސްކަލުންގެ ދަރިކޮޅުން ތިންވަނަ ޖީލާ ހަމައަށެވެ. މިދަރަޖައިގެ ފިރިހެން ބޭފުޅުންނަށް ކިޔަނީ މަނިއްޕުޅެވެ. އަދި އަންހެން ބޭފުޅުންނަށް ގޮމާ (ބައެއްފަހަރު ގޮމަފުޅު) އެވެ. މިބޭފުޅުންނަށް ނަން ކިޔުމުގައި އާއްމުކޮށް ގޭގެ ނަމާއެކު އެބޭފުޅެއްގެ އުމުރުގެ ގޮތުން ކުޑަބޮޑު މިނަށް ބަލައިގެން ކުރިޔަށް ދޮށީ/ދޮން/ތުއްތު/ތިއްތި/ ފަދަ ނަންތައް ލައިގެން ފަހަތަށް މަނިއްޕުޅު/ގޮމާ ކިޔައިއުޅުނެވެ. ބައެއް ފަހަރު ގޭގެ ނަމާއެކު މަނިއްޕުޅު/ގޮމާ ކިޔައިއުޅުނެވެ. މިސާލަކަށް މާންދޫގޭ ދޮށީ މަނިއްޕުޅު، މާވާކިލެގެފާނު ގަނޑުވަރު ގޮމާ، ކަކާގޭ ތުއްތު މަނިއްޕުޅު ފަދަ ނަންތައް ހިމެނެއެވެ. އިހުގައި ހަސަން ފަރީދު މަނިއްޕުޅުގެ ވެރިކަމުގައި ރަސްކަމުގެ ބޮޑުގަނޑުވަރު ފިޔަވައި ގަނޑުވަރު ކިޔާފައި ހުންނަ ގޭގެއަށް ގަނޑުވަރު ކިޔުން މަނާކުރެވެންދެން މަނިއްޕުޅުންނާއި ގޮމައިން ތިއްބަވާ ގިނަ ގޭގެއަށް ގަނޑުވަރު ލައިގެން ނަންކިޔައި އުޅުނެވެ. މަނިއްޕުޅުންނާއި ގޮމައިންނާ މުޚާތަބުކުރެވެނީ ރަސްގެފާނަށް ޚާއްސަ ބައެއް ބަސްތައް ނުލައި އެހެންނަމަވެސް ޝާހީ ޚާންދާނުގެ ބޭފުޅުންނާ މުޚާތަބުކުރެވޭ ޚާއްސަ ދަރަޖައަކުންނެވެ. މިދަރަޖައިގެ ވާހަކަދެއްކުމުގެ ތެރޭގައި ވަރަށް ގިނައިން "ފުޅު/ކޮޅު" ބޭނުންކުރެވުނެވެ.
ދިވެހީން ގިންތިކޮށް އުޅުނު ދަރަޖަތަކުގެ ތެރެއިން ދެން އޮތް ދަރަޖައަކީ ހުރާގޭ ރަސްދަރިކޮޅުގެ ކުރީން ރަސްކަންކުރި ދިޔަމިގިލީ ރަސްދަރިކޮޅުގެ ބޭބޭފުޅުން ހިމެނުނު ދަރަޖައެވެ. އަދި ހަމަ އެހެންމެ ހުރާގޭ ރަސްދަރިކޮޅުގެ ތެރެއިން މަނިއްޕުޅު/ގޮމާ ދަރަޖައިން ނެއްޓޭ ބޭބޭފުޅުންވެސް ހިމެނެނީ މިދަރަޖައިގައެވެ. އަދި ކިލެގެކަން ދެއްވާފައި ތިއްބެވި ބޭބޭފުޅުންގެ ދަރިކޮޅުގެ މީހުންވެސް ހިމެނީ މިދަރަޖައިގައެވެ. މި ދަރަޖައިގައި އަންހެން ފިރިހެން ތަފާތުކުރުމެއް ނެތި ދަރަޖަ ނަމެއްގެ ގޮތުގައި ބޭނުންކުރާ ނަމަކީ "ދީދީ" އެވެ. މިގޮތުން މި ދަރަޖައިގެ ބޭބޭފުޅުންނަށް ނަން ކިޔުމުގައި ގޭގެ ނަމަށްފަހު އަރަބި ނަމާއެކު ދަރަޖަ ނަން ބޭނުންކޮށް އުޅުނެވެ. މިސާލަކަށް މީރުބަހުރުގޭ އިސްމާއީލް ދީދީ، ހޮޅިގޭ ފާތުމާ ދީދީ، މި ނަންނަން ފާހަގަކޮށްލެވެއެވެ. މި ނޫން ގޮތްގޮތަށް ވަނަން ނުވަތަ އާއިލީ ޚާއްސަ ނަމެއް ނުވަތަ އުމުރުގެ ގޮތުން ކުޑަބޮޑު މިނަށް ބަލައިގެން ކުރިޔަށް ދޮށީ/ދޮން/ތުއްތު/ކުޑަ ފަދަ ނަންތަކާއެކުވެސް ދީދި ކިޔައިއުޅުނެވެ. މި ދަރަޖައިގެ ބޭބޭފުޅުންނާ މުޚާތަބުކޮށް އުޅުނީ ދިވެހިބަހުގެ އެންމެ މާތް ދަރަޖައިންނެވެ. އާދެ/ވަޑައިގަންނަވާ ދަރަޖައިންނެވެ. ދީދީ އަކަށް ފަނޑިޔާރުކަން ނުވަތަ ކިލެގެ ބޭކަލަކަށް ނުވާ، ކޮލިލައިގެން ދެވޭ މަގާމެއް ލިބިޖެނަމަ އެމީހަކަށް އެލިބުނު މަގާމެއްގެ ފަހަތަށް މަނިކުފާނު ލައިގެން ބޭނުންކޮށް އުޅުނެވެ. މިސާލަކަށް ދަރަވަންދޫގޭ ހުސައިން ދީދީއަށް ފަނޑިޔާރުކަން ލިބިވަޑައިގެންނެވީމާ އޭނާ ވީ ފަނޑިޔާރު މަނިކުފާނަށެވެ.
އެއަށްފަހު ދެން އަންނަ ދަރަޖައަކީ ދިޔަމިގިލީ ރަސްދަރިކޮޅުގެ ކުރިން ރަސްކަންކުރި އިސްދޫ ރަސްދަރިކޮޅުގެ ބޭބޭފުޅުން ހިމެނޭ ދަރަޖައެވެ. މިދަރަޖައިގެ ފިރިހެނުންނަށް ދަރަޖަ ނަމެއްގެ ގޮތުގައި މަނިކުފާނު އަދި އަންހެނުންނަށް މަނިކަފާނު އޭ ކިޔައި އުޅުނެވެ. ފަހުންފަހުން އައިސް އަންހެނުންނަށްވެސް މަނިކަފާނުގެ ބަދަލުގައި މަނިކުފާނޭ ކިޔައި އުޅުނެވެ. އޭގެ އިތުރުން އައްޑޫގައި މި ދަރިކޮޅުގެ ފިރިހެނުންނަށް ރަހާ އަދި އަންހެނުންނަށް ރަނާއޭވެސް ކިޔައިއުޅުނެވެ. މި ދަރަޖައިގެ ބޭބޭފުޅުންނަށްވެސް ނަން ކިޔުމުގައި ގޭގެ ނަމަށްފަހު އަރަބި ނަމާއެކު ދަރަޖަ ނަން ބޭނުންކޮށް އުޅުނެވެ. މި ނޫން ގޮތްގޮތަށް ވަނަން ނުވަތަ އާއިލީ ޚާއްސަ ނަމެއް ނުވަތަ އުމުރުގެ ގޮތުން ކުޑަބޮޑު މިނަށް ބަލައިގެން ކުރިޔަށް ދޮށީ/ދޮން/ތުއްތު ފަދަ ނަންތަކާއެކުވެސް މަނިކުފާނު ކިޔައިއުޅުނެވެ. މި ގޮތަށް ނަންކިޔުމުގެ މިސާލަކީ ސިއްކަގޭ ދޮންމަނިކުފާނު، އަތިރެގޭ އަލިމަނިކުފާނު، އަލަމާގޭ ހައްވާ މަނިކުފާނު، ގަނޑަވަރި ބޮނޑޮރަހާ، ވަލިގޭ އައިސާ ރަނާ އެވެ. މިއީ ރަސްދަރިކޮޅަކަށްވިޔަސް ކޮންމެވެސް ސަބަބަކާހުރެ، އެންމެފަހުން ރަސްކަންކުރި ހުރާގޭ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގައި އިސްދޫ ދަރިކޮޅުގެ ބޭބޭފުޅުން ހިމަނާފައި އޮތީ އެއަށްވުރެ ދަށް ގިންތިއެއްގައެވެ. އަދި އެމީހުންނާ މުޚާތަބުކޮށް އުޅުނީވެސް އެންމެ މާތް ދަރަޖައަކުންނޫނެވެ. ލައްބަ/ދުރުވާ ދަރަޖައޭ ކިޔޭ މާތް ދަރަޖައިންނެވެ. މިހެން ކަމަށްވުމާއެކު މަނިކުފާނަކަށް ފަނޑިޔާރުކަން ނުވަތަ ކިލެގެ ބޭކަލަކަށް ނުވާ، ކޮލިލައިގެން ދެވޭ މަގާމެއް ލިބުނަސް އެމީހަކަށް އެލިބުނު މަގާމެއްގެ ފަހަތަށް މަނިކުފާނު ލައިގެން ބޭނުންކޮށެއް ނޫޅެއެވެ. އެހިސާބުން މަގާމާއެކު އޭނާގެ ދަރަޖަ ނަން ކަލޭގެފާނަކަށް ބަދަލުވެއެވެ. މިސާލަކަށް މޫސާ މަނިކުފާނަށް ހިރިހަމައިދިކަން ލިބިލެއްވީމާ އޭނާ ވީ ހިރިހަމައިދި ކަލޭގެފާނަށެވެ.
ދެން އޮތް ދަރަޖައަކީ ރަސްދަރިކޮޅަކަށް ނިސްބަތް ނުވާ އާއްމު ރައްޔިތުންގެ ތެރެއިން އެންމެ މަތީ ދަރަޖައެވެ. އާއްމުކޮށް މާލެ ފިޔަވައި އަދި ދީދީން ތިއްބެވި ރަށްރަށް ފިޔަވައި ދިވެހިރާއްޖޭގެ ދެން ހުރި ރަށްރަށުގައި އުޅޭ އެންމެ މަތީ ދަރަޖައިގެން މީހުން ނިސްބަތްވާ ގިންތިއަކީ މިއީއެވެ. މި ދަރަޖައިގެން މީހުންނަކީ އާއްމުގޮތެއްގައި ސަރުކާރުގެ އެކިއެކި އިސް މަގާތުތައް ފުރާ މީހުންނެވެ. މިގޮތުން ވަޒީރުކަމާއި، ކަތީބުކަމާއި، މަލިންކަމާއި، މުދިންކަމާއި، ވާރުވެރިކަމާއި މިފަދަ މަގާމުތައް ފުރީ މި ދަރަޖައިގެ ބޭބޭކަލުންނެވެ. މިގިންތީގެ ދަރަޖަ ނަމަކަށް ހަތަރު ނަމެއް ބޭނުންކޮށް އުޅުނެވެ. އެއީ ތަކުރުފާނު، ކަލޭގެފާނު، މަނިކު އަދި ފުޅެވެ. މިތަނުން އިހުގައި ތަކުރުފާނަކީ ކޮލިލައިގެން ދެވޭ ލަގަބު ނަމެކެވެ. އެހެންނަމަވެސް ފަހުންފަހުން ދަރިކޮޅަށް ވާރުތަވެގެންވެސް މިނަން ކިޔާފައި އެބަހުއްޓެވެ. ކަލޭގެފާނަކީވެސް ކޮލިލައިގެން މި ދަރަޖައިގެ މީހުންނަށް ދެވޭ ލަގަބެކެވެ. ތަކުރުފާނުގެ އަންހެން ނަމަކީ ބީފާނެވެ. ބީފާނު ނަމަކާއި ގުޅުވައިގެން ކިޔާއިރު ފާނު އެކަނިވެސް ބޭނުންކޮށްއުޅުނެވެ. ކަލޭގެފާނުގެ އަންހެން ނަމަކީ ކަނބުލޭގެފާނެވެ. މަނިކުގެ އަންހެން ނަމަކީ އިހުގައި މަނިކަ އަދި ފަހުން މަނިކެއެވެ. ފުޅުގެ އަންހެން ނަމަކީ ހަމަ ފުޅެވެ. މަނިކަކީ އިހުގައި ތަކުރުފާނޭ ކިޔޭ މީހުންގެ ދަރިފަސްކޮޅު މީހުން ބޭނުންކޮށް އުޅުނު ނަމެކެވެ. އަދި ފުޅަކީ ކަލޭގެފާނޭ ކިޔޭ މީހުންގެ ދަރިފަސްކޮޅު މީހުން ބޭނުންކޮށް އުޅުނު ނަމެކެވެ. އެކަމަކު ފަހުން ފަހުން އައިސް ތަކުރުފާނާއި ކިލެގެފާނު ވަރަށް ބޮޑަށް މަސްހުނިވެ ކަލޭގެފާނުންގެ ދަރިކޮޅު މީހުންނަށްވެސް މަނިކު އަދި ތަކުރުފާނުންގެ ދަރިކޮޅު މީހުންނަށްވެސް ފުޅު ބޭނުންކޮށްފައި އެބަހުއްޓެވެ. މި ދަރަޖައިގެ މީހުންނަށް ނަން ކިޔުމުގައި ގޭގެ ނަމަށްފަހު އަރަބި ނަމާއެކު ދަރަޖަ ނަން ބޭނުންކޮށް އުޅުނެވެ. މި ނޫން ގޮތްގޮތަށް ވަނަން ނުވަތަ އާއިލީ ޚާއްސަ ނަމެއް ނުވަތަ އުމުރުގެ ގޮތުން ކުޑަބޮޑު މިނަށް ބަލައިގެން ކުރިޔަށް ދޮށީ/ދޮން/ތުއްތު ފަދަ ނަންތަކާއެކުވެސް ދަރަޖަ ނަން ކިޔައިއުޅުނެވެ. މިސާލަކަށް ގޮއިގޭ މުހައްމަދު ތަކުރުފާނު، ތުއްބީގެ ދޮންބީފާނު، ދަނބުގޭ ދަލޭކާފާނު، ދާންނާގޭ ހަސަން ކަލޭގެފާނު، މެދުގޭ އައިސާ ކަނބުލޭގެފާނު، މުދިންގޭ އަލިމަނިކު، ކަތީބުގޭ ފާތުމާފުޅު ފަދަ ނަންނަން ފާހަގަކޮށްލެވެއެވެ. މިދަރަޖައިގެ މީހުންނަ މުޚާތަބުކުރެވުނީ އިސްދޫ ރަސްދަރިކޮޅުގެ މަނިކުފާނުންނާވެސް މުޚާތަބުކޮށް އުޅުނު ލައްބަ/ދުރުވާ ދަރަޖައިންނެވެ. އާދެ، މާތް ދަރަޖައިންނެވެ.
އިހުގައި ދިވެހީން ގިންތިކޮށް އުޅުނު ދަރަޖަތަކުގެ ތެރެއިން ދެން އޮތް ދަރަޖައަކީ އިހުގައި މެދުކެނބީންނޭ ކިޔުނު ދަރަޖައިގެ މީހުންނެވެ. މި ދަރަޖައިގެ ތެރޭގައި ހިމެނުނު މީހުންނަކީ އާއްމުކޮށް ދިވެހީންކޮށް އުޅުނު އެކި އެކި މަސައްކަތްތަކުގެ އަހުލުވެރީންނެވެ. މަސްވެރީންނާއި، ދަނޑުވެރީންނާއި، ވަޑިންނާއި، ތިލޭރުންނާއި، ލިޔެލާޖަހާ މީހުންނާއި މިފަދަ އެކިއެކި މަސައްކަތްތެރީންނެވެ. އޭގެ އިތުރުން ކުދިބޭކަލުންނާއި، ކަލާސީންނާއި، ސިފައިންނާއި މިފަދަ އެކި ވަޒީފާތައް އަދާކުރި މީހުންނެވެ. މެދުކެނބީންގެ ދަރަޖަ ނަމަކީ ފިރިހެނަކު ނަމަ ތަކުރެވެ. އަންހެނަކު ނަމަ ބިބީ ނުވަތަ ބީ އެވެ. މި ދަރަޖައިގެ މީހުންނަށް ނަން ކިޔުމުގައި ގޭގެ ނަމަށްފަހު އަރަބި ނަމާއެކު ދަރަޖަ ނަން ބޭނުންކޮށް އުޅުނެވެ. މި ނޫން ގޮތްގޮތަށް ވަނަން ނުވަތަ އާއިލީ ޚާއްސަ ނަމެއް ނުވަތަ އުމުރުގެ ގޮތުން ކުޑަބޮޑު މިނަށް ބަލައިގެން ކުރިޔަށް ދޮށީ/ދޮން/ތުއްތު ފަދަ ނަންތަކާއެކުވެސް ދަރަޖަ ނަން ކިޔައިއުޅުނެވެ. މިސާލަކަށް ކެޔޮޅުގޭ ހަސަން ތަކުރު، ވަލުގޭ އާމިނާބީ، ރަތަފައިގޭ ދޮންތަކުރު ފަދަ ނަންނަން ފާހަގަކޮށްލެވެއެވެ. މިދަރަޖައިގެ މީހުންނާ މުޚާތަބުކޮށް އުޅުނީ އާދައިގެ ދަރަޖައިންނެވެ.
އިހުޒަމާނުގައި ދިވެހީންގެ ދަރަޖަތަކަށް ބަހައި ގިންތިކޮށް އުޅުނު އިރު އެންމެ ދެރަ ބަޔެއްކަމުގައިވީ ރާވެރީންނެވެ. ރާވެރީންނަކީ ރާވެރިކަން ކުރުމުގެ އިތުރުން އެ ޒަމާނުގައި ދެރަކަމަށް ބަލައި އުޅުނު ކޮންމެ މަސައްކަތެއް ކޮށްއުޅުނު މީހުންނެވެ. އެމީހުންނަކަށް ވަކި ޚާއްސަ ދަރަޖަނަމެއް ނޯވެއެވެ. މުޚާތަބުކުރެވެނީ ދިވެހިބަހުގެ އާދައިގެ ދަރަޖައިންނެވެ.
އިސްވެ މި ބަޔާންކުރެވުނީ އިހުގައި ދިވެހީން ގިންތިކޮށް އުޅުނު ދަރަޖަތަކުގެ މައްޗަށް ބަލައި ލިޔެފައިވާ ކުރު ތައާރަފެކެވެ. އެހެން ކަމުގައި ވީ ހިނދު މީގައި މި ދަރަޖަތަކާ ގުޅޭ ބައެއް ކަންކަން އުނިވެފައި ހުންނާނެއެވެ. ދަރަޖަތަކުގެ މައްޗަށް ނޫހެއްގައި ލިޔާ މަޒުމޫނެއް ތަފްސީލުކޮށް ލިޔާނަމަ މަޒުމޫނު މާދިގުވެ ކިޔާ މީހަކު ފޫހިވެދާނެއެވެ. މައުލޫއަކީ ދިވެހި ތާރީޚަށްޓަކައި ބޭނުންތެރި އަދި ފޮތެއް ލިޔަން ރަނގަޅު މައުލޫއެއްކަމުން އެފަދަ ގަސްތެއްގައި ހުރި ވާހަކަ ދަންނަވަމުން ނިންމާލީއެވެ.
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު