(07 ޑިސެމްބަރުގެ އަދަދާ ގުޅޭ)

أبـو جـعـفـر ޣަރުނާޠާގެ މިސްކިތެއްގައި މިކަމާބެހޭގޮތުން ތަޤުރީރު ކުރެއްވި އެންމެ ފުރަތަމަ ދުވަހުވެސް އޭނާގެ ގޮވައިލެއްވުމަށް ޒުވާނުންގެ އެތައްބަޔަކު އިޖާބަދިނެވެ. އޭގެތެރޭގައި سعد بــن عبـدالمـنعــم އާއި އޭނާގެ ދެއަޚުން ހިމެނިވަޑައިގެންނެވިއެވެ. قـاضى أبـو جـعـفـر ހުއްޓައިނުލައްވައި ކުރެއްވި ބުރަމަސައްކަތްޕުޅުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުއިސައްތަ ފަންސާހެއްހައި މުޖާހިދުން ތައްޔާރު ކުރެއްވިއްޖެއެވެ. ޣަރުނާޠާގެ އެއްވެސް ރައްޔިތަކު معـتـمـد ގެ ދިފާޢުގައި ކަނޑި އުފުލައިލާކަށެއްވެސް ޣަރުނާޠާގެ ރަސްގެފާނު ގަބޫލުފުޅެއް ނޫނެވެ. އެހެންކަމުން އޭނާ ސަރުކާރުގެ އިސްވެރީން މެދުވެރިކުރައްވައި އާއްމުން ބިރުގަންނަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ޒުވާނުންނަކަށް އެކަމަކުން މާބޮޑު އަސަރެއް ނުކުރިއެވެ. سعد بــن عبـدالمـنعــم ޢަސްކަރީ ކޮލެޖުން ޗުއްޓީ ހޯއްދަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އޭނާގެ ހުށަހެޅުއްވުން ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ވަޒީފާ ދޫކޮށްލެއްވިއެވެ.

މުޖާހިދުންގެ ޖަމާޢަތް ރަށުން ފުރުމުގެ ކުރީން އެޖަމާޢަތުގެ ވެރިޔަކު ހޮވުމުގެ މައްސަލަ ކުރިމަތިވުމާއެކު އެންމެންގެވެސް ނަޒަރު ހުއްޓުނީ سعد بــن عبـدالمـنعــم އާ ދިމާޔަށެވެ. المـــاس ވެސް سعد އާއި އޭނާގެ ކޮއްކޮމެންނާ ބައިވެރިވާން އުޅުނެވެ. ނަމަވެސް سعد ގެ ޅިޔަންބޭބެ އޭނާއަށް ވިސްނައިދެއްވައިގެން އޭނާ ގޭގައި ބެހެއްޓެވިއެވެ.

އެއްދުވަހެއްގެ ހެނދުނެވެ. عبـدالمـنعــم ގެ ތިންބޭފުޅުން ސިފައިންގެ ހެދުމުގައި އޭނާގެ މަންމަގެ ކުރިފުޅުމަތީގައި ތިއްބެވިއެވެ. އެބޭފުޅުން ތިއްބެވީ ގޭގެ ގޯތިތެރޭގައެވެ. އެއީ، سـكيـنـة އޭނާގެ ފިރިކަލުން ތަފާތު ރޫފަތަކެއްގައި ދެކެވަޑައިގަންނަވާ ތިން މޫނުބަލާ ލޯކޮޅެވެ. سعد ގެ މޫނުފުޅު މަތީގައިވަނީ عبـدالمـنعــم ގެ ފިރިހެންވަންތަކަމެވެ. أحمد އަކީ عبـدالمـنعــم ގެ ހަރުދަނާކަމާއި، ރީތި ސާފު ދިރިއުޅުއްވުމުގެ ތަސްވީރެކެވެ. حسن ގެ ބުރުސޫރައާއި އޭނާގެ ތޫނު ލޯފުޅުގައިވަނީ عبـدالمـنعــم ގެ ޢަޒުމާއި، އިސްތިޤުލާލާއި ސާބިތުކަމެވެ.

ގޭގެ ކުރިމަތީގައި އޮތް ފުޅާ މަގަށް މުޖާހިދުން އެއްވަމުންދިޔައެވެ. އެބައިމީހުންގެ ޖޯޝީ އަޑު އިވެމުން ދިޔައެވެ. سعد ގެ މަންމައާއި އޭނާގެ ބޮޑުދައިތަ ގޭގެ ދޮރޯށީގެ ދޮރުފަތް ދެބައިކުޅަ އެއްބަޔަށް ހުޅުއްވައިލައްވައިގެން އެމަންޒަރު ބައްލަވާން ތިއްބެވިއެވެ.

سعد ހިނިފުޅުވެޑުވޭތޯ މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "މަންމާ! މުޖާހިދުން އެތިބީ އަޅުގަނޑުމެންގެ އިންތިޒާރުގައި!"

سـكيـنـة ފުން ޚިޔާލުފުޅެއްގެ ތެރޭގައި ހުންނަވަނިކޮށް سعد އެހެން ވިދާޅުވުމާއެކު ކުއްލިއަކަށް ސަމާލުވެވަޑައިގެން ވިދާޅުވިއެވެ. "އަވަހަށްދޭ ދަރިފުޅާ! މާތް اللّـه ކޮންމެ މައިދާނެއްގައިވެސް ދަރިފުޅަށް ފަތަޙަ ދެއްވާނެ!"

سـكيـنـة އާއި އޭނާގެ ދައިތާފުޅާ ދެބީނުން ދޮރޯއްޓާ ހަމައަށް އެބޭފުޅުންގެ އަރިހުގައި ވަޑައިގެންނެވިއެވެ. މަންމައާއި ބޮޑުދައިތައާ ސަލާންކުރައްވައިފައި އެ ތިންބޭފުޅުން ބޭރަށް ނުކުމެވަޑައިގަންނަވާން ފެއްޓެވުމުން سـكيـنـة ކުއްލިއަކަށް ކުރިޔަށް ޖެހިވަޑައިގެން حسن އަށް ވިދާޅުވިއެވެ.

حسن ފަހަތަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކީކޭތޯ މަންމާ!"

"މިކޮޅަށް އައިސްބަލަ!" سـكيـنـة ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.

حسن سـكيـنـة ގެ އަރިހަށް ވަޑައިގެން ދެވަނަފަހަރަށް ސުވާލު ކުރެއްވިއެވެ. "ކީއްތޯވީ މަންމާ؟"

"އެއްވެސްކަމެއް ނުވޭ ދަރިފުޅާ!" سـكيـنـة ކަންބޮޑުވެވަޑައިގެން حسن ގެ ކޮނޑުފުޅުމަތީގައި ދެއަތްޕުޅު ބޭއްވެވިއެވެ.

ބޭރުން أحمد ގެ އަޑުފުޅު އިވުނެވެ. حسن"! حسن!"

"ކުޑަބޭ މިހާރު މިދަނީ! މަންމާ! އަމުރު ދެއްވާނުތޯ؟"

سـكيـنـة حسن ގެ ނިތްކުރިފުޅުގައި ބޮސްދެއްވައިފައި ވިދާޅުވިއެވެ. "އަވަހަށްދޭ! އަވަހަށްދޭ! ދަރިފުޅާ!"

حسن ބޭރަށް ނުކުމެވަޑައިގެންފިއެވެ. سـكيـنـة އޭނާގެ ދައިތާފުޅުގެ އަރިހުގައި ހުއްޓިވަޑައިގެން ބޭރު ބައްލަވާން ހުންނެވިއެވެ. المـــاس އާއި އެހެން ޚާދިމެއް އެ ތިންބޭފުޅުންގެ ތިން އަހުގެ ލަގަނުގައި ހިފަހައްޓައިގެން ތިއްބެވެ. سعد ގެ ޅިޔަންބޭބެ أبــوصــالح އާއި قـاضى أبـو جـعـفـر އާ ދެބޭފުޅުން ރަށުގެ ޢިއްޒަތްތެރީންނާ ވާހަކަ ދައްކަވާން ތިއްބެވިއެވެ. އެބޭފުޅުން ވަޑައިގަތީ މުޖާހިދުންގެ ދަތުރު އެރެހެއްޓެވުމަށެވެ.

سعد އޭނާގެ އަހުގެ ލަގަން އަތުލައްވައިގެން المـــاس އާއި، ޅިޔަންބޭބެއާއި، قـاضى أبـو جـعـفـر އާ އަތްޕުޅު ޖޯޑުކުރައްވައި ސަލާންކުރެއްވިއެވެ. އެއަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.

أحمد އާއި حسن ވެސް އެދެބޭފުޅުންގެ އަހަށް ސަވާރުވެވަޑައިގެން މުޖާހިދުންގެ ސަފަށް ވެދެވަޑައިގެންފިއެވެ. سعد މުޖާހިދުންގެ ވަށައިގެން ބުރެއް ޖައްސަވައިލެއްވުމަށްފަހު ދަތުރުފަށަން އަމުރު ކުރައްވައިފިއެވެ.

އަސްތަކުގެ ދުވެލީގެ އަޑު ކަނޑައިގެން ދަންދެން سـكيـنـة ދޮރޯށިދޮށުގައި ހުންނެވިއެވެ. އަސްތަކުގެ ފިޔަވަޅުގެ އަޑު ފަޒާގެ ތެރެއަށް އޮބިގެން ދިޔުމުން سـكيـنـة ގެ ދައިތާފުޅު ވިދާޅުވިއެވެ. "سـكيـنـة! ކޮއްކޮ ދެރަނުވޭ! މިއަދަކީ ކޮއްކޮގެ ފަތަޙައާއި ކާމިޔާބީގެ ދުވަސް! މިއަދު عبـدالمـنعــم އަށް އެކުދީން ފެނިވަޑައިގެންނެވިނަމަ އޭނާ ހީފުޅުކުރައްވާނީ އޭނާއަށް ދުނިޔޭގެ ރަސްކަން ލިބިވަޑައިގެންފިކަމަށް. ހިނގާ އެތެރެއަށް ދަމާ!"

އިޝްބީލިއްޔާގެ ލަޝްކަރުގެ ވެރިކަމަށް އެކަށީގެންވާ ޤާބިލު ޖަނަރަލުން އިޝްބީލިއްޔާގައި މަދެއް ނޫނެވެ. ނަމަވެސް معـتـمـد އާއި މަލަކާ ރަމީކިއްޔާގެ އަރިހުގައި އެންމެ އިތުބާރުހުރި ފަރާތަކީ إبـن عمّــار އެވެ. އެހެންކަމުން ނުފޫޒުހުރި ހަރުދަނާ އެތައްބަޔަކު ދެކޮޅުހަދަމުން ގެންދަނިކޮށްވެސް އިޝްބީލިއްޔާގެ ރަސްގެފާނު އެތާނގެ ލަޝްކަރުގެ އެންމެ އިސްވެރިކަން ދެއްވީ إبـن عمّــار އަށެވެ.

إبـن عمّــار ހުންނެވީ އިޝްބީލިއްޔާގެ އުތުރު ސަރަޙައްދުގައި ފޭލިގެ ޖައްސަވައިގެން މަޖާކުރައްވާށެވެ. އަންދަލުސުގެ އެހެނިހެން ރަށްރަށުން މުޖާހިދުންގެ ޖަމާޢަތް ޖަމާޢަތް އޭނާގެ އަރިހަށް ޖަމާވަމުންދިޔައެވެ. މުޢަސްކަރުގެ މެދުގައިހުރި إبـن عمّــار ހުންނަވާ ފޭލިގެކޮޅުގެ ޒީނަތްތެރިކޮށްފައި ހުރިލެއް ބޮޑުކަމާއި ރީތިކަމުން ފެންނަ ކޮންމެ މީހަކުވެސް ހީކުރަނީ އެފޭލިގެކޮޅުގައި ހުންނަވާނީ ކޮންމެވެސް ބޮޑު ޝަހެންޝާހެއް ކަމުގައެވެ. އެތަނަވަސް ފޭލިގެކޮޅުގެ ތެރޭގައި އޭނާ އަވަހާރަފުޅު ލެއްޕެވުމަށާއި، މީހުނާ ބައްދަލުކުރެއްވުމަށާއި، ފަރީއްކުޅުއްވުމަށް ޚާއްޞަ "ކޮޓަރިކޮޅުތައް" ހަދައިފައި ހުއްޓެވެ. އެތަންތަން ފަޅުފިލުވައިފައިވަނީ އަގުބޮޑު ދޫލަތަކުންނެވެ. ފޭލިގެކޮޅު އަލިކުރާން ހުންނަނީ ކާފޫރުގެ އުށްބައްތިތަކެވެ. މީރުވަސް ދުއްވުމަށްޓަކައި ބޭނުންކޮށްފައިވަނީ މާވަހަރާއި ގޮމަކަސްތޫރިއެވެ. އަބަދުވެސް އެތައްބަޔަކު ފާރަޔަށް ތިބެއެވެ. ލަވަކިޔާ މީހުންނާއި، މިޔުޒިކު ކުޅޭ މީހުންނާއި، ވައިއަޅުވާ ޝާޢިރުންނާއި، ޅެމަށް ފާޑުކިޔާ މީހުން ފިޔަވައި އެއްވެސް ހިފެހެއްޓުމެއް މަނާކުރެވުމެއްނެތި إبـن عمّــار ގެ ފޭލިގެކޮޅަށް އައިސްގޮސް އުޅުމުގެ ހުއްދަ އޮންނަނީ ދާދިމަދު މީހަކަށެވެ.

އިޝްބީލިއްޔާއިން އައިސްތިބި ސިފައިން އެކަންކަމަކާ ހައިރާނެއް ނުވެއެވެ. އެބައިމީހުންގެ ކުރިމަތީގައި އެއީ އާދައިގެ ކަންކަމެވެ. ދިފާޢީ ޚަންދަޤުތައް ކޮނުމާއި، ރައްކާތެރިވެތިބެ ޙަމަލަދެވޭކަހަލަ ތަންތަން ހެދުމަށްވުރެ ބޮޑަށް އެބައިމީހުން ޝައުޤުވެރިވަނީ ދުވާލު ހަތަރުދަމު ރާޒުވާ ކުޅުމަށެވެ. އިޝްބީލިއްޔާގެ މީހުން ކްރިސްޓިއަން ޢަދުއްވުންނާ ދެކޮޅަށް ޖިހާދުގެ ދިދަ އުފުލައިލީކަމުގައި ހީކޮށް ބޭރުން އައިސްތިބި މުޖާހިދުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. ފިކުރު ބޮޑުވެފައެވެ. އެބައިމީހުން އިޝްބީލިއްޔާގެ އޮފިސަރުންނާ ސުވާލު ކުރެއެވެ. "އަހަރެމެން ކުރާންވީ ކޮންކަމެއް ހެއްޔެވެ؟ އަހަރެމެން މިތާނގައި ބޭކާރުގޮތުގައި ތިބޭންވީ ކިހައިދުވަހެއް ވަންދެން ހެއްޔެވެ؟ ކޮމާންޑަރުގެ ފޭލިގެކޮޅުގައި މިއޮންނަހައި ޖާފަތްތަކާއި ނެށުމާއި ލަވަކިޔުމުގެ މަހެފިލުތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟" އިޝްބީލިއްޔާގެ އޮފިސަރުން އެސުވާލުތަކަށްދޭ ޖަވާބަކީ ހިނިތުންވުމެކެވެ. އެންމެ ބޮޑުވަރަކަށްވެސް އެބައިމީހުން ބުނެލަނީ "ތިޔަބައިމީހުންނަށް ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ލިބޭނެ. ކަންތައްތަކެއް އެބަހިނގާ." މިހެންނެވެ. ނަމަވެސް ޚުދު އެބައިމީހުންނަކަށްވެސް ވަނީ ކީއްކަމެއް ނޭނގެއެވެ.

އެއްދުވަހެއްގެ ހެނދުނު سعد بــن عبـدالمـنعــم ބޭރުން ވަޑައިގެން ވަރަށް ފަތިހާ މުޢަސްކަރަށް ވެދެވަޑައިގެންފިއެވެ. އޭނާ އަޅުއްވައިގެން ހުންނެވީ ކްރިސްޓިޔަން ފާދިރީއެއްގެ ހެދުމެކެވެ. އޭނާ ފެނުމާއެކު އޭނާގެ އެކުވެރީން އޭނާގެ އަރިހަށް ޖަމާވެއްޖެއެވެ. ޣަރުނާޠާގެ ޒުވާނެއް ވާހަކަދައްކާން ފެށިއެވެ. "ކަލާ މާބޮޑަށް ލަސްކުރައްވައިފީމު. އަޅުގަނޑުމެން މިތިބީ ވަރަށް ފިކުރު ބޮޑުވެފައި. ގެންނެވި ޚަބަރަކީ ކޮބައިތޯ؟"

سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިއައީ ހުރިހައިކަމެއް ރަނގަޅަށް ބަލައިފައި ޙަޤީޤަތުގައިވެސް އަލްފާންސޫގެ ލަޝްކަރު ހަތަރު ކޯހުގެ ދުރުގައި ފޭލިގެ ޖަހައިގެން އެބައޮތް. އިއްޔެ ހަވީރު މި މުޢަސްކަރުން ނުކުތް އިޝްބީލިއްޔާގެ އޮފިސަރުން އަލްފާންސޫގެ މުޢަސްކަރަށް ގޮސްވަނީ އަޅުގަނޑު ބަލަހައްޓައިގެން ހުއްޓައި. އެމީހުން އެލަޝްކަރުގެ ތެރެއިން ނުކުތީ ވަރަށް ލަހުން. ކްރިސްޓިޔަން ފާދިރީއެއްގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި އެބައިމީހުން އަލްފާންސޫއާ ބައްދަލުކުރި."

أحمد ވިދާޅުވިއެވެ. "އިހަށްދުވަހު ކޮމާންޑަރ އިން ޗީފާ ބައްދަލުވާން މި މުޢަސްކަރަށް އައިމީހުނާ ބެހޭގޮތުން އަޅުގަނޑު އިޝްބީލިއްޔާގެ އޮފިސަރަކާ ސުވާލު ކުރިން. އޭނާ ބުނިގޮތުގައި އެއީ ހައްތާވެސް ޤަޞްޠިލާގެ ބޮޑެތި ބޮޑެތި ނައިޓުން. އޭގެތެރެއިން އެއް ދެބޭފުޅުންނަކީ އަލްފާންސޫގެ ވަރަށް ތިމާގެފުޅު ދެބޭފުޅުން. އަޅުގަނޑަށް ހީވަނީ ޞުލްޙައިގެ ވާހަކަތައް ފެށުނީހެން."

سعد ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ އެމީހުން ތައްޔާރުވެގެން ތިބިވަރު ދެކެފައި. އެމީހުން ޞުލްޙަ ވެދާނެކަމަށް ބެލުމަކީ އަމިއްލަ ނަފުސަށް ކެހިދިނުން."

أحمد ވިދާޅުވިއެވެ. "އެކަމަކު معـتـمـد އިޝްބީލިއްޔާ ހަލާކު ކުރުއްވާން ހަވާލުކުރައްވައިފައިވާ ޝާޢިރު އަމިއްލަ ނަފުސަށް ކެހިދެއްވަން ގަސްދު ކުރައްވާނަމަ އެކަން ހުއްޓުވޭނީ ކާކަށްތޯ؟ އަޅުގަނޑުގެ ގާތުގައި އިޝްބީލިއްޔާގެ އޮފިސަރަކު ބުނި. ކަލޭމެން ކަންބޮޑުނުވާށޭ. ކޮންމެވެސް ކަމެއް އެބަހިނގައޭ."

ޤުރުޠުބާގެ މުޖާހިދެއް ވާހަކަ ދެއްކިއެވެ. "ޤަޞްޠިލާގެ އަމީރުން إبـن عمّــار ގެ ފޭލިގެކޮޅަށް ވެދެވަޑައިގެންނެވިތަން އަޅުގަނޑު ދުށިން. އެބޭފުޅުން إبـن عمّــار އާ ބައްދަލުކުރައްވައިފައި ނުކުމެވަޑައިގެންނެވިއިރު އެއިން ކޮންމެ ބޭފުޅެއްގެ ކަރުފުޅުގައި ޖަވާހިރުގެ ހާރެއް އޮތް. އަޅުގަނޑު އެބޭފުޅުންގެ އަތްޕުޅުގައި ހުރި ކޮތަޅުތައްވެސް ދުށިން. އަޅުގަނޑަށް ހީވާގޮތުގައި إبـن عمّــار އެއުޅުއްވަނީ ހަނގުރާމަ ކުރެއްވުމުގެ ބަދަލުގައި ރިޝްވަތު ދެއްވައިގެން އެމީހުން ރުއްސައިލެއްވޭތޯ."

سعد ވިދާޅުވިއެވެ. "ރިޝްވަތު ހިފިޔަސް އެމީހުން ހަނގުރާމަކުރާނެ."

حسن އިންނެވީ އެވާހަކަތައް ކަނުލައި އަޑުއައްސަވާށެވެ. حسن އޭނާގެ ބޭބެއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭބޭ! އަޅުގަނޑު މިތަނަށް އައީއްސުރެ އަޅުގަނޑަށް ހީވަނީ އިޝްބީލިއްޔާގެ މީހުން މިއުޅެނީ ކޮންމެވެސް ސުފުރާއެއްގެ މަތީގައި ޤަޞްޠިލާގެ މީހުންނާއެކު ކެއުމުގެ މުބާރާތެއް ބާއްވަންހެން. އަންނާށޭ ކައިބޮއި ހެދުމާއި ލަވަކިޔުމާއި ރާޒުވާ ކުޅުމުގައި ނިކަން އަހަރެމެންނާ ވާދަކޮށްބަލާށޭ ވިދާޅުވުން ފިޔަވައި إبـن عمّــار އަށް އަލްފާންސޫއަށް ފޮނުއްވޭންއޮތް މެސެޖަކީ ކޮބައިތޯ؟ قـاضى أبـو جـعـفـر މިތާ ހުންނެވިނަމަ ހާދަ ރަނގަޅޭ އަޅުގަނޑުގެ ހިތަށްއަރާ!"

ޒުވާނަކު ދުވެފައި އެދިމާއަށް އަންނާތީ ފެނިއްޖެއެވެ. އޭނާ ތަންކޮޅެއް ދުރުން ހަޅޭއްލަވާން ފަށައިފިއެވެ. "إبـن عمّــار ކޮންމެވެސް ތަނަކަށް އެބަވަޑައިގަންނަވާ! އަޅުގަނޑު އޭނާ ފާލިކީއަށް އަރައިވަޑައިގެންނެވިތަން ދުށީން. އިޝްބީލިއްޔާއާއި ޤަޞްޠިލާގެ ސިފައިންގެ ބައެއް އޮފިސަރުން އޭނާގެ އަރިހުގައި އެބަވަޑައިގަންނަވާ. ބައްލަވާ! އޭނާ އެވަޑައިގަންނަވާނީ މިދިމާއިން."

ޒުވާނުން ހައިރާންވެގެން އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. އިޝްބީލިއްޔާގެ ސިފައިން ފިޔަވައި އަމިއްލަގޮތުން ޖިހާދުގައި ބައިވެރިވާން އައިސްތިބި މުޖާހިދުންގެ ތެރޭގައި إبـن عمّــار ގެ މޫނުފުޅު ފެނުމުގެ ނަސީބު ލިބިފައިވާ މުޖާހިދަކު ދާދި މަދެވެ. އޭނާގެ ޖާފަތްތަކާއި ޅެންކިޔުމުގެ ޙަފްލާތައް ބާއްވަވަނީ ދޫންޏަކަށްވެސް އެދިމާޔަށް ފިޔަ މަޅައިނުލެވޭވަރަށް ފާރަވެރިކަން ވަރުގަދަކޮށްގެންނެވެ. މިއަދު އޭނާ ކޭމްޕުން ނުކުމެވަޑައިގަތުން ވެފައިވަނީ ވަރަށް އައުކަމެއް ކަމުގައެވެ.

(ނުނިމޭ)